ދަރީންގެ ހިތްތަކުގައި ބަޔަކާއި މެދު ނަފުރަތު އުފެދިދާނެތީ ސެންސަރުކޮށްފައި!
އާދޭހެވެ! ކޮންމެވެސް ކަންތައްތަކެއް ފޮރުވުމަށްޓަކާ މަތި އަޅަން އުޅޭކަމުގެ އިޙުސާސެއް ހިތަށް ވެރިވަމުން ދަނީއެވެ. ހަދާނަށް އަންނަނީ މާލޭ ކަސްޓޯޑިއަލް ޖަލެއްކަމުގައިވާ މާލޭ އަތޮޅުވެހީގައި ހައްޔަރުކޮށްގެން ގެންގުޅުނު މަރުޙޫމް ޙުޞައިން ސަލާހުގެ އަނިޔާވެރި މަރާއި މާފުށީ ޖަލުގައި ތިބި ގައިދީންގެ ގަޔަށް ބަޑިޖަހައި އެތަކެއް ގައިދީން މަރާލި ހިތާމަވެރި މާޒީގެ ހިތި ހަނދާން ތަކެވެ. އެއީ މިގައުމުގެ މާޒީއެވެ. އެހެންކަމާއެކު މިގައުމަށް އެމާޒީ ދެން ޢިއާދަނުވާނޭކަމަށް ހީކޮށް ރައްޔިތުން ކުރި އުންމީދާއި ހީކުރި ހީކުރުންތަށް ވެގެން އެދިޔައީ ބިލާހަކަށް ތާއެވެ.
ދިވެހި ރައްޔިތުން މިގައުމުގެ މިނިވަންކަމާއި ސިޔާދަތައްޓަކާ ނުކުމެ ވެފައިވާ ގުރުބާނީ އަކީ މިގައުމުގެ ރައްޔިތުން ތަޙަންމަލް ކުރަމުންދިޔަ އެހިތްދަތި މާޒީ އަނބުރާ އިޢާދަ ވިޔަނުދިނުމަށްޓަކާ ވެފައިވާ ގުރުބާނީއެވެ. އެދުވަހު ރައްޔިތުން އެވީ ގުރުބާނީއަކީ މިއަދަށްޓަކާ ވެފައިވާ ގުރުބާނީއެވެ.
އެދުވަހު ރައްޔިތުންނަށް ލިބުނު ހިތާމަތަކާއި ވޭނީ ކެކުޅުންތައް ތަހަންމަލް ކުރި އެ އަނިޔާވެރި މާޒީ އެއްފަރާތްކޮށް އަނެއްކާވެސް ރައްޔިތުންނަށް މިޖެހުނީ އެއަށްވުރެ އަނިޔާވެރި ޚުދުމުޚުތާރު ހުދޫދެއްނެތް އަނިޔާތަކާއި ކުރިމަތިލާށެވެ. އަނެއްކާވެސް ރައްޔިތު މީހާގެ ކިބައިން ބީވެގެން މިދަނީ އައު ގާނޫނު އަސާސީއަކުން ރައްޔިތުންނަށް ލިބިގެންދިޔަ އަމިއްލަނަފުސު ރައްކާތެރި ކުރުމުގެ މިނިވަންކަމެވެ. ދިވެހިފުލުހުން ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކާއި ދައްކާ ބިރާއި ރައްޔުތުމީހާއަށް މުޚާތަބު ކުރާ އަނގަހުތުރު ބަސްތަކާއި ރައްޔިތުންނަށް މިޖެހުނީ ކުރިމަތިލާށެވެ. އެހެން ކަމުން ރައްޔިތުންގެ މިނިވަންކަމަށްޓަކާ އެދުވަހެކޭވެސް އެއްފަދައިން ހިތްވަރާއެކު ނުކުމެ ރައްޔިތުންނަށް މިޖެހުނީ މިއަދުވެސް ބިރުފަހަނައަޅައި ނުކުމެ އަޑުއުފުލާށެވެ.
ދިވެހި ކިޔަވާކުއްޖަކަށް ވެސް އަމާންކަމާއި ރައްކާތެރި ކަމާއި އެކު ރާއްޖޭގެ މަގެއްގައި ހިނގާލެވޭކަށް ނެތެވެ. ދިވެހި ފުލުހުންގެ އަނިޔާވެރި ކަމާއި ކުރިމަތިލަމުން އެދަނީ ދިވެހި ފަސްގަނޑަށް އުފަން ދިވެހި ބައްޕައަކާއި މަންމައެއްގެ ލޮބުވެތި ދަރީންނެވެ. އެތައް ސަރުކާރެއް ބަދަލުވެގެން ހިނގައްޖެއެވެ. އަދި ހަމަ އެހެންމެ ފިތުރަތުގެ އުޞޫލުން އައުސަރުކާރުތައް އަރައި އޮއްސެމުންދާނޭ ކަމީ ގަބޫލު ކުރަންޖެހޭ ޙަގީގަތެވެ.
އާދޭހެވެ! އަޅުގަނޑަކީ ވެސް ދިވެހިފަސްގަނޑަށް އުފަން ދެމަފިރިޔަކު ނުހަނު ލޯތްބާއި އަޅާލުމާއި އެކު މިފަސްގަނޑުގައި ތިބެގެން ބަލާބޮޑުކުރި ދިވެހި ލޭހިނގާ ރައްޔިތަކީމެވެ. އެހެން ކަމާއިއެކު އޭރު އަހަންނަށް ދިވެހިފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާތައް ހާމަކޮށްދިނުމަށްޓަކާ އަހަރެންގެ ޑައިރީގެ ސަފުޙާއެއް ހުޅުވާލާނަމެވެ. އައްސަވާށެވެ. ކިއުއްވާށެވެ. 2003 ވަނައަހަރުގެ އޮކްޓޯބަރު 16 އަށް ޖެހިލާނަމެވެ. މިހާރުގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޖަމްޝީދު ގެ ފުށުން އަޅުގަނޑު ތަޙަންކުރަން ޖެހުނު އަނިޔާތަކުގެ ތެރެއިން ކުޑަމިންވަރެއް ހާމަކޮށްލާނަމެވެ.

ވަގުތަކީ ސޯޅަ އޮކްޓޯބަރ 2003 ވީ ރޭގެ ދަންވަރު ދޭއް ޖެހި ވަގުތެވެ. ޢައިއިލާ އާއި އެއް ކޮށް ގޭގައި އަރާމުނިދީގައި ތިބި ދަންވަރުގެ ހިމޭން ވަގުތެވެ. ހޭލެވުނީ ބަޔަކު އައިސް ކޮޓަރީ ދޮރުގައި ބަންބަންބަލާފައި ތަޅާއަޑަށެވެ. އޭރު އަޅުގަނޑު ކުޑަކުޑަ ދެކުންނާއި އަބިމީހާ ވަނީ އަރާމުނިދީގައެވެ. ކޮންމެއަކަސް އަޅުގަނޑު ދެލޯއުނގުޅަމުން ގޮސް ކޮޓަރީގެ ދޮރުހުޅުވައި އެއީ ކޮންބައެއްތޯ ބެލީމެވެ. އަސްތާއެވެ. ކަމުދާކަށް ނެތެވެ. އައިސްތިބީ ފުލުހުންގެ ބައިގަނޑެކެވެ. އޭރު ފުލުހުންގެ އަނިޔާވެރިކަމާއި ގޮތްކުޑަކަން އަޅުގަނޑަށް އެނގިފައި ވާތީ އަޅުގަނޑަށް ކުއްލި ސިހުމެއް ލިބި ހާސްވެ މުޅި ހަށިގަނޑުން ވަރުދޫވިކަހަލައެވެ. އަޅުގަނޑު އަހައިފީމެވެ. ކިހިނެއްވީތޯއެވެ.
ޖަވާބުގައި ޖަމްޝީދު ބުނުއްވީ ވެގެން އުޅޭގޮތް ބުނެދޭނަމެވެ.
ފުލުހުން ވަނީ ކޮޓަރި ތެރެއަށެވެ. ކޯޓުއަމުރެއް އަދި އެނޫން ހުއްދަވެސް ފުލުހުންގެ އަތަކު ނެތެވެ. ކޮޓަރިއަށް ފުލުހުން ވަދެ ތަންތަންބަލައި ފާސްކުރަމުންގޮސް އަޅުގަނޑުގެ ކުޑަކުޑަ ތުއްތު ދެކުދީން ނިދާފައި ތިބި ގޮދަޑި ހިއްލަން އުޅުމުން އެކުދިން ހޭލެވޭގޮތަށް ޢަމަލު ނުކުރުމަށް އެދުނީމެވެ. އެހެނަސް ކުޑަކުދީންގެ މައްޗަކަށް ފުލުހުންގެ ހިތުގައި ކުޑަވެސް ރަޙުމެއް ނެތެވެ. އެންމެފަހުން އެދެކުދީނަށް ނިދީން ހޭލެވި އެކުދީން ނަފުސާނީ ބިރުވެރިކަމާއި ކުރިމަތިލާންޖެހުނެވެ.
އަޅުގަނޑުގެ ގެންދިޔައީ ފުލުހުންގެ މައިމަރުކަޒަށެވެ. ގެންދެވެނީ ކީއްކުރަން ކަމެއް ކިހިނެއްވެގެން ކަމެއް ގާނޫނީ އިންޒާރެއް ނުދެއެވެ. އޭރުވެސް އަޅުގަނޑު ހުރީ ސަރުކާރާއި ދޮކޮޅަށް ލިޔެފައިހުރި ނޫސްފޮޅިތަކެއް މަގުމައްޗަށް އެޅި މައްސަލައެއްގައި ގޭބަނދު ކޮށްފައެވެ. އެހެން ކަމާއެކު އަޅުގަނޑު ފުލުހުންގެ މަރުކަޒަށް ގެނެވުނީ ކީއްވެގެންތޯ އޮޅުންފިލުވުމަށްޓަކާ ތަހުގީގު ޓީމާއި ބައްދަލު ކުރަން އެދުނީމެވެ. ވާނުވާ ނޭނގި ކުއްލިއަކަށް އަޅުގަނޑު ގެނެވުނު ސަބަބެއް އޮޅުން ފިލުވުމަށްޓަކާ ތަޙުގީގު ޓީމާއި ބައްދަލުކުރަން އެދުމުން އެރޭގެ ފަތިހު ފަހެއްޖެހި އިރު އަޅުގަނޑުގެ މައްސަލަ ތަޙުގީގުކުރަން ފެށިއެވެ.
ތަޙުގީގުޓީމުގައި ހިމެނެނީ ޞަމަދުއާއި މިހާރުގެ އެސިސްޓެންޓް ކޮމިޝަނަރ ޖަމްޝީދެވެ.
ޖަމްޝީދު ބިރުވެރި ފާޑަކަށް އިންސާނެެެއްގެ މައްޗަށް ކުޑަވެސް އިޙުތުރާމެއް ނެތި ސުވާލު ކުރެއްވިއެވެ. ކަލޭ ވޯޓުފޮށްޓެއް ބަންޑުންޖަހާލަން އުޅުނީ، ޖަމްޝީދުގެ މިސުވާލަށް ދޭނޭ ޖަވާބެއް ނުވިސްނި އަޅުގަނޑު އަންތަރީސް ވިއެވެ. ވޯޓުފޮށްޓަކީ ހެނދުނު 6 ޖަހާއި ބަހައްޓާ އެއްޗެކެވެ. އަޅުގަނޑު މިއުފުރާލީ ދަންވަރު ދޭއްޖެހި ވަގުތުގައެވެ. އެހެން ކަމުން ވިސްނާ ވިސްނާވެސް އެބުނާ ވޯޓުފޮށްޓެއް އެވަގުތު ބަންޑުން ޖަހާނޭ ގޮތެއް ނުވިސްނުނެވެ.
ކޮންމެއަކަސް އިތުރު ސުވާލެއް ވެސް ނުކޮށް އަޅުގަނޑު ގެންގޮސް ކުޑަގޮޅިއަކަށްލައި ތަޅުލާފަ ތަހުގީގު ޓީމު ހިނގައްޖެއެވެ.
އޭގެ 20 ދުވަސް ފަހުން ޢަންބަރީ ޢަބުދުއްސައްތާރުގެ ދީލަތި ކަމުގެ ދަށުން ގޭބަންދަށް ބަދަލު ކުރެވެނީ ކަމަށް ބުނެ އަނެއްކާވެސް އަޅުގަނޑު ގޭބަންދު ކުރިއެވެ. މިއީ އެއްވެސް ނިޔާއަކާ ނުލާ ދިވެހި ފުލުހުން ދިން އަނިޔާތަކުގެ ކުޑަމިންވަރެކެވެ.
އިންޞާފު ކޮބައި ހެއްޔެވެ؟ އެދުވަހު އިންޞާފު އަގުމަގު ކުރަނީ ވެރިންގެ ދުލާއި ހިތުންނެވެ. މިފަދަ އަނިޔާވެރި ބަޔަކު ފުލުހުންގެ މުވައްސަސާގެ މަތިފަޑީގައި ތިބެގެން ރައްޔިތުންގެ މައްޗަށް އަނިޔާވެރިނުވެ އިންޞާފުވެރި ޒަމާނީ ޚިދުމަތް ފުލުހުންގެ ކިބައިން ލިބިދާނޭ ކަމަށް ގަބޫލު ކުރާނީ ކިހިނެއްތޯއެވެ.
އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމަތާއި އިންސާނީ ގަދަރާއި އިންސާނުންގެ މައްޗަށް ރަހުމެއް އިހުތިރާމެއް ނުވާ ބަޔަކު ފުލުހުންގެ މުވައްސަސާގެ އިސްވެރިންގެ ގޮތުގައި ތިބެގެން އެމުވައްސަސާ ޚަރާބުވެ ނަޖިހުގައި ނުދެމޭނޭ ކަމަށް ގަބޫލުކުރެވިދާނެ ހެެއްޔެވެ؟ މިއަދު ތާހިރު ކުރަންވީ ފުލުހުންގެ މުވައްސަސާއެވެ. މިފަދަ ލާއިންސާނީ އަނިޔާތައް ރައްޔިތުންނަށް ދީފައިވާ އަނިޔާވެރިންނަށް ޙައްގު އަދަބު ލިބެންޖެހެއެވެ. ގާނޫނު ނިވާފަށްގަނޑަކަށް ހަދައި އޭގެ ނިވަލުގައި ފިލާތިބެ އަނިޔާވެރިން ހިންގަމުން ގެންދާ ޖަރީމާތަކުގެ ނަތީޖާއަކީ ވެރިން ދެކެ ރައްޔިތުން ފޫހިވެ ހިތްބަރުވެ ގައުމު ހިންގާންތިތިބި ވެރިންގެ މައްޗަށް ރައްޔިތުންގެ ނަފުރަތާއި ރުޅިވެރިކަން އަމާޒުވެގެން ދިއުމެވެ. މިއީ އަހަންނަށް ލިބުނު އަނިޔާތަކުގެ ކުޑަމިންވަރެކެވެ.
އެހެން ކަމާއެކު ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުނަށް އަޅުގަނޑު ދަންނަވަން އޮތީ ޙައްގުބަސް ބުނެ މިހާރު ލިބެމުންދާ އަނިޔާތަކުގެ ޙަގީގަތް ސިއްރު ނުކޮށް އަނިޔާ ލިބުނު ގޮތުގެ ވާހަކަ ރައްޔިތުން ހާމަށް ހާމަކުރުމުގައި ޖެހިލުން ނުވުމަށެވެ. އެއީ މާދަމާގެ ޖީލަށްޓަކައެވެ. ފުލުހުންގެ އަނިޔާވެރިކަން މީގެ 16 އަހަރުގެ ކުރިއަށްވުރެ ހަގުނަ އިތުރުވެފައިވާ ވާހަކަ އެވެ.
މި ލިއުމުގައި އަޅުގަނޑަށް ލިބިފައިވާ އަނިޔާތަކުގެ ތެރެއިން ބައެއް އަނިޔާތަކުގެ ވާހަކަ އުނިކުރެވިފައިވާނެއެވެ. އެއީ ބޮޑެތިވަމުން އަންނަ އަޅުގަނޑުގެ ދަރީންގެ ހިތްތަކުގައި ބަޔަކާއި މެދު ނަފުރަތު އުފެދި އެކުދިންގެ ހިތްތަކުގައި ބަދަލު ހިފުމުގެ ރޫޙު އާލާވިޔަ ނުދިނުމަށްޓަކައެވެ. އަޅުގަނޑަށް ފުލުހުން ކުރި އަނިޔާތަކުގެ ވާހަކަ ރީތިކޮށް ލިޔެލެވޭތޯ ވަރަށްމަސައްކަތް ކޮށްފައިވާނެއެވެ. އަދި ދަންނަވަމެވެ. އެ ފުރަދަންވަރު އަޅުގަނޑު ހައްޔަރު ކުރިގޮތާއި ކަންކުރި ގޮތް ފުލުހުންގެ ރެކޯޑުތަކުގައި ލިޔެފައިވާނެއެވެ. އަދި އެ ދަންވަރު އަޅުގަނޑަށް ކުރި އަނިޔާތައް ޖަމްޝީދުގެ ހަނދާނުގައިވެސް ހުންނާނެއެވެ.
ކޮންމެ ސަރުކާރަކުން ވެސް ފުލުހުން ބޭނުން ކުރަނީ ރައްޔިތުންނަށް އަނިޔާކުރުމަށާއި ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ޓޫލެއްގެ ގޮތުގައެވެ. މިސަގާފަތުގެ ސަބަބުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ވަނީ ފުލުހުންގެ މައްޗަށް އޮންނަން ޖެހޭ އިތުބާރާއި އިޙުތިރާމު ގެއްލިފައެވެ. ޙަގީގަތަކީ ފުލުހުންގެ މައްޗަށް ވެރިން ކުރާ ޣައިރުގާނޫނީ އަމުރުތަކަށް ފުލުހުން ތަބަޢަވުމެވެ. ތެދުވެރި ކަމާއި އިޙުސާންތެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ޙައްގުތައް ރައްކާތެރިކުރުމަށް ﷲ ގަންދީ ކުރި ހުވަޔާއި ޚިލާފުވެ އަމިއްލަ ވަޒީފާ އާއި އަމިއްލަ އެދުން ކުރިއަށް ނެރެ ރައްޔިތުމީހާއަށް އަނިޔާކުރުމުގެ ސަގާފަތް ދެހެއްޓުމަކީ ފުލުހުންގެ ވާޖިބު ކަމަށް އެބައިމީހުން ގަބޫލު ކުރަނީއެވެ.
އެއްވެސް މީހަކީ މަރުވަންދެން އެ ވަޒީފާއެއްގައި ދެމިހުރެވޭނެ މީހަކަށް ނުވެހިނގައި ދާނެއެވެ. އެހެންކަމުން ބާރު ހުސްވެ އާދައިގެ ރައްޔިތަކަށް އެ ފުލުސްމީހާ ވާދުވަހު އޭނާއާއި މެދު ކަންކަން ހިނގާނީ ރަގަޅަށް ކަމުގެ ޔަގީންކަން އޮންނާނޭ ހެއްޔެވެ؟ އެދުވަހު އެފުލުސްމީހާގެ މައްޗަށް ރުޅިވެރިކަމާއި ނަފުރަތުގެ ލޯތަށް އުތުރި އަރާނެއެވެ. އެހެން ކަމާއެކު ފުލުސްމީހާ ގާނޫނަށް ފުރަގަސްދީ ވެރިން ކުރާ ޣައިރުގާނޫނީ އަމުރުތަކަށް ނޫނެކޭ ބުނުމުގެ ޢަޒުމް ކަނޑައަޅައި އެފަދަ އަމުރުތަކަށް ނޫނެކޭ ބުނަން ކެރެން ވީއެވެ.
