ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ފަސްބައި ސާފު ޒުވާނެއް

ރާއްޖޭގެ ވެރިކަމަށް ބޭނުންވަނީ ފަސްބައި ސާފު ޒުވާނެއް

ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިގެ މަޅީގައި ބެދި އަގުވެއްޓިފައިވާ އެއްވެސް މީހަކު މިރާއްޖޭގެ ވެރިކަމުގެ ތަޚުތަށް އިސްކުރުމަކީ ރައްޔިތުންގެ ކަރަށް މަޅިއެއް މަހާލުމެވެ. އަވަށްޓެރި ޤައުމުތަކާއި ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް މިސްރާބު ޖަހާފައި ވަނީ ކޮރަޕްޝަން ތައްތާލުމަށް ކަމަށް ވާއިރު ރާއްޖެ މި ދަނީ ދުވަހަކަށް ވުރެ ދުވަހަކު އަޑިއަށެވެ.

ރައްޔިތުންގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއި އެކު ބަލަހައްޓައިދޭނީ ވައްކަމުގެ ލައްގަނޑުތަކުން މިންޖުވެފައިވާ ފަސްބައި ސާފު ޒުވާނުންނަށް ކަން އެގައުމު ތަކުގެ ރައްޔިތުން ދެނެގެންފިއެވެ.

އެހެން ކަމާއެކު މިރާއްޖޭގެ ބައިތުލް މާލުން ބޮޑެތި ވައްކަން ކޮށްފައި ތިބި ކުރީގެ ވެރިންނާއި އަދި ރައްޔިތުން ތުހުމަތުގެ އިނގިލި އަމާޒުކުރަމުންދާ ކޮރަޕްޓް ބޭފުޅުން ދޫކޮށް އައު ޒުވާނުން ކުރިއަށް ނެރެން ވިސްނާން ވެއްޖެއެވެ.

މިރާއްޖޭގެ އިގުތިޞާދީ ޙާލަތު ރަނގަޅު ކުރެވޭނީ ވެސް އިގުތިޞާދު ދަންނަ ތެދުވެރި ޒުވާން ބޭފުޅުން ކުރިއަށް ނެރެގެން ނެވެ. މިފެށޭ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މިހާރު ތައްޔާރު ކޮށްފައިވާގޮތަށް ފާސްކޮށްފި ނަމަ މިގައުމު ދަތުރުކުރަން ޖެހޭ ހަގީގީ މިޞްރާބު އޮޅި ބެހިގެން އޮޔާ ދާނޭ ކަމަށް އިގްތިޞާދީ މާހިރުން ލަފާދެއެވެ.

ދައުލަތުގެ ބަޖެޓް ތައްޔާރު ކުރެވޭނީ ގައުމަށް އަރާފާނެ އިގުތިޞާދީ ލޮޅުން ތަކުން ގައުމު ނަގަހައްޓަން އެނގިވަޑައި ގަންނަވާ ބޭފުޅަކަށެވެ. އެގޮތުން މިރާއްޖޭ ބަޖެޓް ތައްޔާރު ކުރެއްވީ އިގުތިޞާދީ މާހިރަކީ މިގައުމު ވެއްޓިފައި މިވާ ވަޅުނޑުން މިގައުމު ނަގައިދޭނޭ މީހާއެވެ. މިފަދަ ޒުވާނަކަށް މި ގައުމުގެ ހުންގާނު ދީގެން މެނުވީ މިހާރު މިގައުމު ދަތުރުކުަމުންމިދާ މިޞްރާބު ބަދަލު ކުރެވޭކަށް ނެތެވެ. ގައުމެއްގެ ވެރިކަމަށް ވައްކަމުގެ މާޟީ އެއް އޮތް ފަސްބައި ކިލާ ދޮގުވެރިން ގެނައުމުން ރައްޔިތުންގެ ކުރިމަގު ބަނަވެ ގައުމު އިނދަޖެހި ގައުމުގެ އިގްތިޞާދު ބަނގުރޫޓް ނުވެނުދާނެއެވެ.

މިއަދު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ ކުރީ ޒަމާނުގައި ރާއްޖެއަށް އެރިކަހަލަ އެބުނާ ޖިންނިފުރޭތަކަމަށް ވެސް ވެދާނެއެވެ. އޭރު ރަށުކޮޅުގައި ފައްޅިއެއް އަޅާފައި އެތަނަށް ލަމުން ދިޔައީ ގުރުވަތުންހޮވާ ޒުވާން ބިކުރިވެރި އަންހެން ކުއްޖެކެވެ.

ޒަމާން ބަދަލުވެ ފުރޭތައިގެ ވައްޓަފާޅި ވެސް ބަދަލުވެެއްޖެއެވެ. އެހެން ކަމާއެކު މިހާރުގެ ޖިންނިފުރޭތަ ބޭނުން ވަނީ ގައުމުގެ ޚަޒާނާ ފައްޅިއަށް ވައްދާފައި ބެހެއްޓުމަށެވެ. މިފަހަރުގެ ޖިންނި ފުރޭތަ ފައްޅިއަށް ވަންނަނީ ކަނޑުން އަރައިގެނެއް ނޫނެވެ. އެއްގަމުން މޮޓޯކޭޑުގައެވެ. ތިޖޫރީ ގެންދަނީ ވެސް މޮޓޯކޭޑުގައެވެ. ރައްޔިތުންގެ ކުރިމަތީގައެވެ. މަރާލެވެނީ ގައުމުގެ އިގުތިޞާދެވެ. އެހެނަސް އާޓިފީޝަލް ބީޗުގައި ރާއްޖޭގެ އިގުތިޞާދު މިދިޔަ ހުކުރުވިލޭރޭ ވަޅުލިއިރު މަހާނަ ގަލަކަށްބޭނުން ކޮށްފައިވަނީ ކީލަ ގަލެކެވެ. އަވަހާރަވީ ރާއްޖޭގެ އިގުތިޞާދީ މަންމަ ކަން އެނގެނީ މަހާނަ ގަލަކަށް ކީލަ ގަލެއް ޖަހާފައި ހުރުމުންނެވެ.

https://tinyurl.com/4mfj6aay

ކަމުނުގޮސް އުކާލާ ތަކެތި ހޮވައިގެން ގެނެސް އެތަކެތީގެ ބޭނުން ކުރާ ކުރުމަށް މަޖާޒީ ގޮތުން ކިޔަނީ އުނބަށް ޖެހުމެވެ. އެއީ ކުރާ މަލާމާތް ކުރުމުގެ ރާގުގައި ދެރަކޮށް ލުމުގެ ގޮތުން ބުނާ ބަހެއްވެސް މެއެވެ. ރާއްޖޭގެ ވެރުކަން ކުރެއްވި އެއްވެސް ރައީސަކަށް، ރައީސް މައުމޫނު ފިޔަވައި ފަސްއަހަރުގެ ދެޓާމުގެ ވެރިކަން ކުރަން ރައްޔިތުން އިތުރު ރައީސަކަށް ފުރުޞަތު ދީފައެއް ނުވެއެވެ. ވެރިކަމުން ބާލަނީ ރައްޔިތުންނަށް އެ ރައީސަކު ކަމުދިއުމުންނެވެ. އެހެން ކަމާއެކު ކުރީގައި ވެރިކަން ކޮށްފައިވާ އެކަކަށް ވެސް އިތުރު ފުޞަތެއް ރައްޔިތުން ނުދިނުމަކީ އައު ޒުވާނުން ތެދުވެރިން އަމާނާތް ތެރިން ހޯދުމަށް ރައްޔިތުންނަށް މަގުފަހިވާނެ ކަމެކެވެ.

އެހެންކަމާއެކު އިސްކަރާބު ކުރެވިފައިވާ ބާ ސާމާނު ގައުމުގެ ކުރިމަގު ބިނާކުރުމަށް ހޯދައިފިނަމަ ގައުމަށް ޒަމާނީ ތަރައްގީއެއް ނުގެނެވޭނެ އެވެ. އަދި އެވެރިން ވާނީ ހަމަ އެވެރިންނަށެވެ. ގައުމަށް ކުރާނޭ މާބޮޑު ފައިދާއެއްވެސް އެއިން ވެރިޔަކު ހުރެގެން ނުލިބޭނެއެވެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ވިޔާފާރި ކުރަން ދަންނަ ސޭޓަކަށް ނޫނީ ކާމިޔާބު ކަމާއެކު އެވިޔާފާރި ކޮށް އެމާޙައުލު ބަދަލެއް ނުކުރެވޭނެއެވެ. ކަން މިހެން ހުރުމާއެކު އިގްތިޞާދީ ގޮތުން ގައުމު ހެއްވާލަދޭނޭ ޒުވާން އައު މޫނެއް ރައްޔިތުންނަށް ފެންނާން ވެއްޖެއެވެ. ޖީލު ދެބައި ޢުމުރުން މައްޗަށް އަރައިފިއެވެ.

ތާޒާ ގައުމީ ޖޯޝްހުރި އިޚުލާޞްތެރި ޒުވާނުންނަށް ގައުމު ހިންގަން ޙަވާލު ކުރުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ދާދީ ފަހުން މިރާއްޖޭގެ ބަޖެޓް ހައްދަވާ އިގްތިޞާދީ ޢިލްމުވެރިޔާ ސަރުވަޝް އާދަމް އެވަނީ އިސްތިއުފާ ދެއްވާ ދުރަށް ވަޑައިގެންފައެވެ. އެ މަނިކުފާނު އިސްތިއުފާ ދެއްވީ ގައުމަށް ގެއްލުން ވާގޮތަށް ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރާތީއެވެ. އަދި އެމަނިކުފާނުގެ ލަފަޔާއި އިރުޝާދަށް ރައީސް މުޢިއްޒު ގޮންޖެއްސެވުމާއި ވިދިގެން ވެސް މެއެވެ. މިއީ ގައުމު ދެކެ ލޯބިވާ ޒުވާނެކެވެ. ކުރިމަގު އޮތް އިގްތިޞާދީ ޢިލްމު ވެރިއެކެވެ. މިފަދަ ޒުވާނުން އަނދިރީގެ ތެރެއިން އަލިކަމުގެ ތެރެއަށް ނެރެ ގައުމު އާރާސްތުކުރުމުގެ ފުރުޞަތު ދީގެން މެނުވީ ގައުމު ހަމަގަށް އެޅުވޭކަށް ނެތެވެ.