ގެއްލިގެން އެ ދިޔައީ ޖަވާހިރެކެވެ
ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި އަދި ތަޢުލީމީ ޖީލެއް ބިނާކުރުމުގައި ޙިއްސާ އޮތް ކެރަފާ ޢަބްދުލް ޣަނީ އަވަހާރަވެއްޖެ އެވެ.
ކްރައުން ކުންފުނީގެ ޑައިރެކްޓަރު ޣަނީ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބޭފުޅެވެ. އަދި މަޝްހޫރު ޝާޒް ވަލީދުގެ ވެސް ބޭބޭފުޅެވެ.
ބޮޑުބޭބޭފުޅު އަވަހާރަވުމުގެ ހިތާމައިގައި ރައީސް ނަޝީދު ކުރެއްވެވި އެކްސްގައި މަރްހޫމް ޢަބްދުލް ޣަނީ އަށް ސުވަރުގޭގެ ނިއުމަތް މިންވަރު ދެއްވުމަށް އެދި ދުއާކުރައްވާފައިވެއެވެ.
ކެރަފާ ޢަބްދުލް ޣަނީ އަކީ ރާއްޖޭގައި އިލެކްޓްރިފިކޭޝަން، ޓުއަރިޒަމް، ވޮކޭޝަނަލް ޓީޗިން ފަދަ ދާއިރާތަކުގައި ނުހަނު ބޮޑު ޚިދުމަތްތެރިއެކެވެ.
ވީޓީސީގެ ޕްރިންސިޕަލް އަދި ފިޒިކްސް ޢިލްމުގެ މާހިރެއް ކަމުގައިވާ ޢަބްދުލް ޣަނީ އަކީ ލެކްޗަރާ އެއްވެސް މެއެވެ.
ޣަނީގެ ޕްރިންސިޕަލް ކަމުގައި ވީޓީސީ ފެށި ރާއްޖޭގެ ޓެކްނިކަލް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިންގ އަށް މި އަހަރު އޮކްޓޯބަރުގައި 50 އަހަރު ފުރޭނެއެވެ.
ޢަބްދުލް ޣަނީ އަަވަހާރަވީ ތައިލެންޑްގެ ބެންގްކޮކްގައި ޞިއްޙީ ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
80 އިގެ އަހަރުތަކުން ފެށިގެން ދިވެހި ޓުއަރިޒަމަށް ޚިދުމަތްކުރެއްވުމުގައި ދެމިހުންނެވުމުގެ އިތުރުން ޞިއްޙީ ދާއިރާގައި މުހިންމު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޓްރީޓޮޕް ހޮސްޕިޓަލްގެ ޙިއްސާދާރު ޢަބްދުލް ޣަނީ އަވަހާރަވުމާއި ގުޅިގެން އެ ދާއިރާގައި ޙަރަކާތްތެރިވާ ބޭފުޅުން ދަނީ ހިތާމަ ފާޅުކުރައްވައި ތަޢުޒިއާ ދަންނަވަމުންނެވެ.
