ބޭނުމީ ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމްކޮށްދޭނޭ އިޚުލާޞްތެރި ރައީސެއް

ބޭނުމީ ޢަދުލުއިންޞާފާއި ހަމަހަމަކަން ޤާއިމްކޮށްދޭނޭ އިޚުލާޞްތެރި ރައީސެއް

ރައްޔިތުންގެ ޙަގަށްޓަކައި އަމިއްލަ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮށްލައި ޖަލުތަކުގެ ތޭރިތަކުގެ ތެރޭގަ އާއި ބޭރު ޤައުމުތަކަށް އަރުވާލެވިގެން ޙަޔާތުގެ އެންމެ އުފާވެރި ދުވަސްތައް ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ގުރުބާން ކޮށްލި   އެމީހާ އަދިވެސް ހުރީ ހަމަ އެ ދިވެހިރައްޔިތުންގެ ޙައްގުތައް ހޯދައިދިނުމަށްޓަކައި އަތުކުރި އޮޅާލައިގެންނެވެ. އެ މަނިކުފާނުގެ ހިތްޕުޅުގައި ރައްޔިތުންނަށްޓަކައި ކުރަހާފައިވާ ތަޞައްވުރު ފުރިހަމަކޮށްދިނުމަކީ ޚުދު އެމަނިކުފާނުގެ އުފާފުޅެކެވެ. ކަން މިހެން ހުރިނަމަވެސް އަމިއްލަ އެދުމާއި ވެރިކަމުގެ ޖާހަތާއި ލައްޒަތަށްޓަކައި މިގައުމަށް އިޚުލާޞްތެރި ހެޔޮލަފާ ވެރިޔަކު އަޔަނުދިނުމަކީ މިގައުމުގެ ވެރިކަމަށް ދަހިލަވާފައިތިބި އެތައްބައެއްގެ އުންމީދެވެ. މޭވާ ނައަޅާ ގަހަކަށް ގަޅިއުކުމަކީ ހަމަހޭ ތިބި ބަޔަކު ނުކުރާނޭ ކަމެކެވެ. އެހެނަސް ގައުމުގެ ރައްޔިތުން ހިތްހަމަޖެހިގެން އުފަލުގައި އުޅޭތަން ދުށުމަކީ ރައްޔިތުންގެ ޙައްގަށްޓަކައި މުޅިޢުމުރު ހޭދަކުރަމުން އެދާ ރައްޔިތުމީހާގެ ހިތުގެ އުންމީދު ކަމަށް ވީހިނދު ބޮލުގައި ބަޑިޖައްސައިގެން ބޭރުކޮށްލުމުންވެސް އެނބުރި ރައްޔިތުންގެ ގާތަށް އަނެއްކާވެސް އެ ވަޑައިގަތީ ރައްޔިތުންދެކެލޯބިވާތީއެވެ. އަދި ބޮންގޮއްވާލައި މަރުގެ ތުންފަތްޗަށް އެ އިންސާނާ ގެނައި މީހުން މިއަދުވެސް އެތިބީ ހަމަ އެބީދައިން އެރައްޔިތުމީހާ ކަތިލާން ކަމަރުބަދެގެން ކަމަށް ވާއިރުގައި ވެސް މެއެވެ. 

2008 ވަނަ އަހަރު ރާއްޖެ މިނިވަންކޮށް ޒަމާންތަކެއްވަންދެން ދިވެހިން ތަޙައްމަލްކުރަމުންދިޔަ ނާމާން ކަމާއި ބިރުވެރިކަމާއި އަޅުވެތި ދުވަސްތައް ނިމުމަކަށް ގެނެސް ދެއްވާ ރައްޔިތުމީހާއަށް ދައުލަތުގެ މާލީފުދުންތެރި ކަމުގެ ތެރެެއިން ޙައްގުވާމިންވަރު އަތުންއަތަށް ދެއްވި އޯގާވެރި އިންސާނާގެ އޯގާވެރި އެހީތެރިކަން ފެނި ބަޔަކުމީހުންދިޔައީ އެރައްޔިތުމީހާ ޝަހީދުކޮށްލަން ރާވަމުންނެވެ. އަދި އެ ރައްޔިތުމީހާގެ އޯގާވެރި ޚިދުމަތުން ރައްޔިތުން މަޙުރޫމް ކޮށްލުމަކީ މިގައުމެ މާލީފުދުންތެރިކަމަށް ދަހިވެތިވެ ފެންބޮވައިގެންފައިތިބި ޚާއިނުން ކެތްމަދުވެފައިވާ ކަމެކެވެ. އެހެނަސް ފުރާނައަކީ ﷲ ގެ ބެލެހެއްޓެވުމުގެ ދަށުން އެއިލާހުގެ އަޒަލުގައި ކަނޑައަޅުއްވާފައިވާ ފަދައިން ގެންދަވާ އެއްޗަކަށް ވުމުން އަދި އެ އޯގާވެރި އިންސާނާ މި ބިންމަތީގައި ލަހައްޓަވާފައިވަނީއެވެ. ބަޔަކު ކިތަންމެ ތަދުބީރެއް ކުރިކަމުގައިވިޔަސް އެތަދުބީރަށް ﷲ ގެ އިރާދަފުޅުގައި ކަނޑައަޅުއްވާފައިވާގޮތް ބަދަލެއް ނުކުރެވޭނެތާއެވެ. 

އެހެންނަމަ މިއަދު އެއޯގާވެރި ރައީސްމީހާ ރައްޔިތުންނަށް ފެންނާން ނުހުރީހެވެ. އެހެނަސް އެ އަނިޔާވެރި އެތަދުބީރުތައް ﷲ އެވަނީ ބަދަލުކުރައްވާ އެ އަނިޔަވެރިންނަށް ދައްކަވާފައެވެ. 2008 ވަނަ އަހަރު އެމަނިކުފާނު ގައުމާއި ޙަވާލުވެ ވަޑައިގަތް ހިނދު ގައުމުއޮތް ޙާލަތާއި އެ މަނިކުފާނުގެ ޒަޢާމަތުގެ ދަށުން ﷲ  ރައްޔިތުންނަށް ފަހިކޮށްދެއްވި ތަނަވަސްކަން ރައްޔިތުން ހެކިވާނެއެވެ. ޙާޖަތްތައް ނުފުދި ރައްޔިތުން ސަލާމްޖެހި އެ ހަދާންތައް އަދި ރައްޔިތުންގެ ހިތަކުން ފޮހެވޭހާ ދުވަހެއް ނުވެއެވެ. ކަން މިހެން ހުރިނަމަވެސް އޭގެ ކުރީގައި އޮތް ސަރުކާރުގެ ތެރެއިން ބަޔަކުމީހުން ޙާޞިލްކުރަމުންގެންދިޔަ ނާޖާއިޒްމަންފާތަކަށް އެސަރުކާރު ބަދަލުވުމުން ހުރަސްއެޅިގެން ދިޔަހިނދު އެބައިމީހުންގެ ކެތްތެރިކަން ކޮޅުންލައި ރައްޔިތުންގެ ރައީސްގެ އިސްތަށިފުޅުގައި ބަޑިޖައްސައި އެމަނިކުފާނުގެ ފަރާތްޕުޅުން ރައްޔިތުންނަށް ލިބެމުންދިޔަ މާލީފައިދާތައް ކަނޑުވާލީއެވެ.

ރައީސް ނަޝީދަކީ މިގައުގެ ރައްޔިތުންނަށް ފެނިފައިވާ އެންމެ ޢިޚުލާޞްތެރި އަދި ރައްޔިތުންނަށް އެންމެ ފައިދާހުރި ވެރިކަމެއް ކޮށްދެއްވި ރައީސެވެ. އަމަނިކުފާނަށް މިގައުމުގެ ޚާއިނުން އެ ކުރިމަތި ކުރުވި އަނިޔާތައް ހަނދުމަފުޅު ނައްތާލައްވާ ބިރު ފަހަނައަޅާ ގޮސް އެނބުރި ރައްޔިތުންގެ ކުރިމައްޗަށް އެ ނުކުމެ ވަޑައިގަތީ ރައްޔިތުންގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދިފައިވާސާފުލޯބީގެ ތެދުވެރިކަން ހާމަވެގެންދިޔަ ފުރިހަމަ ދަލީލެކެވެ. އެމަނިކުފާނަކީ ރައްޔިތުން އުފަލުގައި ތިބޭތަން ދެކެވަޑައިގަތުމަށް ކެތްމަދުވެފައިވާ ބޭފުޅެކެވެ. އެހެން ކަމުން ރައްޔިތުން ތަކުލީފުތަކުން މިންޖުވެ ތަރައްގީ ވެފައިވާ ރައްޔިތުމީހާ މިގައުމުން ފެނިގެން ދިއުމަކީ ރައީސް ނަޝީދުގެ އުންމީދެވެ. އެހެން ކަމުން އެމަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ މަންޒިލަށް ރައްޔިތުމީހާ ގެންގޮސްދިނުމަށް ރައްޔިތުން އެމަނިކުފާނަށް ދެއްވި ފުރުޞަތު ބަޔަކުމީހުން ޖަހައިގަތުގެ ސަބަބުން އެމަސައްކަތްވަނީ ފުރިހަމަކޮށް ނުދެވިއެވެ.

އެހެން ކަމާއެކު ރައީސް ނަޝީދު ބޭނުންފުޅުވާ ފުރުސަތަކީ އެމަނިކުފާނުގެ ޒަޢާމަތުގެ ދަށުން ތަރައްގީ ވެފައިވާ ރައްޔިތުމީހާ ވުޖޫދުކުރުމެވެ. އެމަނިކުފާނަށް ރައްޔިތުން ދެއްވި ފުރުޞަތުގެ ދައުރު ނުނިމެނީސް ބަޔަކު މީހުން އޭރުގެ ފުލުހުންގެ ބައެެއް ވެރީންނަށް ފައިސާދީގެން އެމަނިކުފާނުގެ ވެރިކަން ވައްޓައިލީ ކަމަށް ގިނަ ބަޔަކު އިއްތިފާޤުވެ އެވެ. އެހެންކަމުން މިހާރު އެ ރައީސަށް ދޭންވީ ކުރީގެ ފުރުޞަތެވެ. އެ ފުރުޞަތުގައި ބާކީ ނުފުއްދި ހުރި ވަޢުދުތައް ފުއްދައިދީ ޤައުމަށް އުޖާލާކަން ގެނެސްދިނުމަށެވެ.

ކޮންމެވެރިކަމެއްގެ ތެރޭގައިވެސް ޚިޔާނާތްތެރިވާނޭ ބަޔަކު ތިބޭނެކަމީ ދެބަސްވެވެން ނޯންނާނޭ ޙަގީގަތެކެވެ. އެހެނަސް ރައީސްނަޝީދަށް ބައިއަޅައިގެން އެމަނިކުފާނުގެ ވެރިކަމެއްގައި ވައްކަން ނުކުރާނޭކަމީ އިރުފެންނަފަދައިން އެނގޭ ޙަގީގަތެކެވެ.

މިއަދުވެސް އެމަނިކުފާނު ރައްޔިތުންގެ ގާތުން އެދިވަޑައިގަންނަވަނީ ރައްޔިތުންނަށް އެމަނިކުފާނުގެ ފަރާތްޕުޅުން ޚިދުމަތް ކުރަން ގަބޫލުތޯއެވެ. އެހެން ކަމާއެކު ރައްޔިތުންގެ ގާތަށް އެމަނިކުފާނު ވަޑައިގަތުމުން ރައްޔިތުން އެ ކުރާ އިޙުތިރާމާއި އެކިޔާ ހޫނު މަރުޙަބާއަކީ ރައްޔިތުން އަދިވެސް އެމަނިކުފާނުގެ ހިފެހެއްޓުމެއްނެތް އޯގާވެރި ޚިދުމަތަށް ބޭނުންވެފައި ތިބިމިންވަރު ހާމަވެގެންދާ އަލިގަދަ ހެއްކެކެވެ. ރައްޔިތުނަށް އުފާލިބޭނީ ރައްޔިތުންދެކެ ލޯބިވާ ވެރިޔަކު ރައްޔިތުންނަށް ލިބުމުންނެވެ. ރައީސް ނަޝީދަކީ ރައްޔިތުންނަށް އިތުރުފުޅު ހައްދަވާ ވެރިއެއް ނޫނެވެ. އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ތައް ވަނީ ރަނުންރަނަށް ފުއްދަވާދެއްވާފައެވެއެވެ. އެހެންކަމުން އެމަނިކުފާނު ވެ ވަޑައިގަންނަވާ ވަޢުދުފުޅުތަކާމެދު ރައްޔިތުން ކަންބޮޑުވާކަށް ނުޖެހޭނެއެވެ. އެމަނިކުފާނަކީ ދައުލަތުގެ މާލީފުދުންތެރިކަމުގެ ތެރެއިން ރައްޔިތުމީހާށް ޙައްގުވާމިންވަރު ހޯއްދަވާދެެއްވި ރާއްޖޭގެ ފުރަތަމަ ރައީސުލް ޖުމްހޫރިއްޔާ ވެސްމެ އެވެ.