މަގޭ  ގައުމު – މަގޭ ތަސައްވަރު

މަގޭ ގައުމު – މަގޭ ތަސައްވަރު

މިވަގުތުގެ ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އަމަލުތަކާއި ހާލަތުއޮތީ ރައްޔަތުންނަށް ވަރަށް ވެސް ދެރަގޮތަކަށެވެ. އެއްވެސް ޕާޓީއަކުން ރައްޔަތުންގެ ފުދުންތެރިކަމާއި ސިއްހަތާއި ބޯހިޔާވެހިކަމާއި އިޖުތިމާއީ ޚިދުމަތް ދެމެހެއްޓެނިވި ގޮތަކަށް ފަރުމާކުރުމަށް މަގުޗާޓެއް ކުރަހާފައެއްނުވެއެވެ. ރާއްޖޭގެ ހުރިހާ ތަނަވަސްކަމަކާއި މަންފާތައް ނަގަނީ ބޭރު ގައުމުތަކާއި ދިވެހި ޚާއްސަ ވަކިބަޔެކެވެ. އެހެންކަމުން ގައުމު ސަލާމަތްކުރުމަށްޓަކައި އިޚުލާސްތެރިކަމާއެކު މަސައްކުރާނެ އިތުރު ބަޔަކު ވުޖޫދުވުވެ ރަނގަޅު ތަސައްވުރެއް އޮތުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ. 


ނަން: ދިވެހިރާއްޖޭގެ ތަރައްގީގެ ތަސައްވުރު (ނުވަތަ މިވެނި ޕާޓީއެއްގެ މެނިފެސްޓޯ)
އަސާސް: އިސްލާޙުގެމަގަށް ގައުމަށާއި ރައްޔަތުންނަށް މަގުފަހިކޮށްދިނުމެވެ. 
ލަނޑުދަނޑި: ގާނޫނު އަސާސީ ހިމާޔަތްކުރުމެވެ. 
މަންހަޖު: ދިވެހި މުޖުތަމައާ ފުށުއަރާ އެއްވެސް ކަމެއް ނުކުރުމާއި އަބަދުވެސް ދިވެހި ރައްޔަތުންގެ މަސްލަޙަތަށް އިސްކަންދިނުމާއި ޝަރުޢީ ވާޖިބުތަކުގެ ޒިއްމާ ނެގުމެވެ. 


ތަރައްގީގެ ތަސައްވުރު
އެކެއް: އިގުތިސާދީ ތަސައްވުރު
ރައްޔަތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ އެ މީހުންގެ އަމިއްލަ ވަޒަނުގައި ތިބެގެން އާމުދަނީ ނުލިބުމުގެ ވަސީލަތްތައް ނެތަތީވެ އާމުދަނީއަށް ޓަކައި އުފަން ރަށާއި އަނބި ދަރީން ދޫކޮށް އެހެން ތަންތަނަށްހިޖުރަކުރަންޖެހުމެވެ. އޭގެ ނަތިޖާއެއްގެ ގޮތުން އަނބި ދަރީންގެ މެދުގައި ތަފާތު އެތަކެއް އިޖުތިމާއީ މައްސަލަތަށް އުފެދި އާއިލާތައް ބިކަވެ ދެރަގޮތްތައް މެދުވެރިވެއެވެ. އަނެއްކޮޅުން ލިބޭ ކުޑަ އާމުދަނީކޮޅުން ހުރުމާއި ނިދުމާއި ކެއުމަށް ކަނޑާލާއިރު އަނބި ދަރީންނަށް ފޮނުވަން ލިބެނީ ދެކޮޅު ނުޖެހޭވަރުގެ މަދު މިންވަރަކެވެ. މި ދަތި ހާލުގައި ދިވެހި ޒުވާނުން އުޅެންޖެހުމުގެ ސަބަބުން އެ މީހުންގެ ދިގު އުމުރުވަނީ ކުރުވެފައެވެ. އެ މީހުންގެ ވަށައިގެން ވަނީ ހާސްކަމާއި ނުތަނަވަސްކަމެވެ. ނާމާންކަމައި ބިރުވެރިކަމެވެ. މިކަން ހައްލުކުރުމަށް ޓަކައި އަހުރެންގެ ވިސްނުމަކީ ރައްޔަތުންނަށް އެ މީހުންގެ ވަޒަނުގައި ތިބެގެން އާމުދަނީ ލިބެނެގޮތަކަށް ރާއްޖޭގެ އަތޮޅުތަކަށް ރާއްޖޭގެ އިގުތިސާދީ ރިސޯސްތަށް ބަހާލުމާއި އަތޮޅުތަކުގައި އިގުތިސާދީ މަޝްރޫޢުތައް ގާއިމުކުރުމެވެ.


އެގޮތުން ކުރާނެކަންތައްތައް:


އެކެއް: ފަތުރުވެރިކަމުގެ ސިނާއަތު އަތޮޅުތަކުގައި ތަރައްގީކުރުން
ހ– އަތޮޅުތަކަށް ޓޫރިޒަމް ގެނައުމަށްޓަކައި އަތޮޅުތަކަށް ކުރެވޭ ވައިގެ ދަތުރުތަކަށް ކޮލެޓީ ބަޖެޓު އެއަރަލައިންތަށް ތައާރަފުކޮށް އެފަދަ އެއަރލައިންތަކަށް ފުރުސަތު ހުޅުވުމެވެ. އަދި ކަނޑުގެ ދަތުރުތަކުގެ ކޮލެޓީއާއި ސަލަމަތާއި ރައްކަތެރިކަން ގާނޫނަކުން ކަށަވަރުކުރުމެވެ. އަދި އެއްގަމުގެ ދަތުރުގެ ނިޒާމު ހަރުދަނާކޮށް އަގުހެޔޮކުރުމަށް ބޭނުންވާ ސަބުސިޑީއެއްގެ ގޮތުން އެއްގަމުގެ އުޅަދުގެ ތަކުގެ ޑިއުޓީ ކުޑަކުރުން ނުވަތަ ސުންޕަސެންޓަށް ދަށްކުރުމެވެ.


ށ– އަތޮޅުތަކުން ޓޫރިޒަމަށް ދޫކުރެވޭ ބިންތައް ދޫކުރުމުގައި ކޮންމެ އަތޮޅެއްގެ ވެސް އެއަތޮޅުގެ ރައްޔަތުންނަށް އިސްކަން ދިނުމާއި އެ ބިންތައް އެ އަތޮޅެއްގެ ރައްޔަތުންނަށް ހެޔޮއަގުގައި ދޫކުރުމާއި އެފަދަ ބިންތައް ތަރައްގީކުރުމަށްޓަކައި ބޭނުންވާ ޕުލޭންތަކާއި ޑިޒައިންތައް ކޮށްދިނުންފަދަ ފަންނީ އެހީތެރިން ދިވެހި ޒުވާނުންނަށްދިނުމާއި އަދި އެކަމަށް ބެނުންވާ މާލީ އެހީތެރިކަން ސަރުކާރުން އެ އަތޮޅަކަށް ކަނޑައަޅާ އަދަދެއްގެ ރިސޯޓުތަކާއިހޮޓާތަކަށް ސަރުކާރުގެ ލުއިލޯނު އުސޫލުން އެ ޒުވާނުންނަށް ފޯރުކޮށްދިނުމެވެ.


ނ– ފަތުރުވެރިކަމަށް އަމާޒުކޮށްގެން އަތޮޅުތަކުގައި ބޭނުންކުރުމަށް ބަނދެވޭ އެއަތޮޅަކަށް ސަރުކާރުން ކަނޑައަޅާ އަދަދެއްގެ ސަފާރީތަކަށް ކުރެވޭ ހޭދަ ވަގުތުން ސަރުކާރުން ދެއްކުމަށްފަހު އެއެއްޗަކުން ލިބޭ އާމުދަނީއަކުން ދައްކައި ދަރަނި ޚަލާސްކުރާ ނިޒާމެއް ކޮންމެ އަތޮޅެއްގައި ތައާރަފުކޮށް ގާއިމުކޮށްދިނުމެވެ. 


ދޭއް: މަސްވެރިކަމުގެ ސިނާއަތު އަތޮޅުތަކުގައި ތަރައްގީކުރުން


ހ– މަސްވެރިކަމަށް އަމާޒުކޮށްގެން އަތޮޅުތަކުގައި ބޭނުންކުރުމަށް ބަނދެވޭ އެއަތޮޅަކަށް ސަރުކާރުން ކަނޑައަޅާ އަދަދެއްގެ ދޯނިތަކަށް ކުރެވޭ ހޭދަ ވަގުތުން ސަރުކާރުން ދެއްކުމަށްފަހު އެއެއްޗަކުން ލިބޭ އާމުދަނީއަކުން ދައްކައި ދަރަނި ޚަލާސްކުރާ ނިޒާމެއް އަތޮޅުތަކުގައި ތައާރަފުކޮށްދިނުމެވެ.
ށ- އަތޮޅުތަކުން ބާނާ މަސްތަކުގެތެރެއިން ރައްޔަތުންގެ ބޭނުމަށްވުރެ އިތުރުވާ މަސްތައް ގަނެ ދަޅުގައި ބަންދުކުރެވޭނެގޮތް އަތޮޅުތަކުގައި ގާއިމުކުރުމެވެ. 
ނ- މަސްވެރިކަމުގެ ތަރައްގީއަށް ގެނެވޭ ތަކެތީން ޑިއުޓީ މާފުކުރުމެވެ. 
ރ- އަތޮޅުތަކުގައި އުފެއްދޭ އިގުތިސާދީ ސިނާއަތަށް (ޓޫރިޒަމާއި، މަސްވެރިކަމާއި، އެހެނިހެން މަސައްކަތަށް)ބޭނޫންވާ ފަންނީ މީހުން ބިނާކުރާނެ ވަކި މުއައްސަސާއެއް ގާއިމުކުރުމެވެ. 


ދޭއް: ސިއްޙީ ތަސައްވުރު


މިހާރު ދިވެހިރާއްޖޭގެ ސިއްހީ ޚިދުމަތް ދިނުން ބައްޓަންވެފައިވަނީ ރާއްޖެތެރޭގެ ނިކަމެތީން މާލެ ނައިސް ބޭސްފަރުވާނުކުރެވޭގޮތަށެވެ. ޒުވާނުން އެ މީހުންގެ އަނބި ދަރީން ގޮވައިގެން މާލެއައިސް ބޭސް ކޮށްނިމޭއިރު ހުންނަނީ އުމުރުން ފައިތުވި ދުވަސްތަކުގައި ލިބުނު އާމުދަނީއަކުން ފަހަށް ރައްކާކުރެވުނު ހުރިހާއެއްޗެއް ގޮސްފައެވެ. އަދި ކުރިޔަށް އޮންނަ ދެ ތިން އަހަރަށް ދަރަނި ދައްކަން ޖެހިފައެވެ. ރާއްޖެތެރެއިން ބޭސްފަރުވާކުރުމަށް މާލެ އަންނަ ގިނަ މީހުންނަށް ދިމާވާ ގޮތަކީ ބޮޑު ޚަރަދުކޮށްގެން މާލޭގައިހުރެ ބޭފަރުވާކުރަމުންގޮސް އަތްމަތި ހުސްވޭ ހިސާބުން ދެންމެ ކިރިޔާއެއެނގެނީ ބޭރުގައުމަކަށް ގޮސްގެންނޫނީ ރަނގަޅުނުވާނެކަމެވެ. ދެން އާދޭސްކޮށް މަޖިލިސް މެންބަރުންނަށް ދަންނަވައި ވަޒީރުންނަށް ދަންނަވައި އާދޭސްކުރަންފެށުމުން ބައެއް މީހުންނަށް އާސަންދަ ލިބިދެއެވެ. އަވަށްޓެރި ގައުމުތަކަށް އާސަންދަ ލިބޭ މީހުންގެ ނިމުމަކީ ނުކެވިގެން ނުބޮވިގެން ހޮޓަލުކުލި ނުދެއްކިގެން ސަލާން ޖަހަން ޖެހުމެވެ. އާސަންދައިގެ ފައިސާ ލައްކައިން ގޮސް ވަންނަނީ ބޭރު މީހުންގެ ޖީބަށެވެ. ހިތާމައިގެ ކޮޅެއްނެތެވެ. ދިވެހި ޒުވާނުންގެ މުސްތަގުބަލުގެ ބަނަކަމާއެވެ! ގައުމުގެ ޒުވާނުންނަށް ހުރި ނާމާންކަމެއްގެ ބޮޑުކަމާއެވެ!   
އިސްވެދެންނެވުނު އަނދަވަޅުން ދިވެހި ޒުވާނުން ސަލާމަތްކުރުމަށް ޓަކައި އަޅުގަނޑުގެ ތަސައްވުރަކީ ސިއްޙީ ރޮގުން ދުނިޔޭގެ ނަމޫނާ ގައުމަކަށް ރާއްޖެ ހަދައި ބޭރު ގައުމުތަކަށް ބޭސްފަރުވާ ހޯދަން ދާން ނުޖެހޭ މިންވަރަކަށް ހެލްތާއި ޕަބުލިކު ހެލްތު ތަރައްގީކުރުމެވެ. އެގޮތުން ކުރާނެކަންތައްތައް ތިރީގައި އެވަނީއެވެ.


އެކެއް: ޕަބުލިކު ހެލްތުގެ ތަސައްވުރު
ހ– ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ތެރެއިން ދުޅަހެޔޮ ސިއްހަތަށް ބޭނުންވާ ކާބޯތަކެތީގެ ޑިއުޓީއާއި ޖޭއެސްޓީ % ސުންޕަސެންޓަށް ތިރިކުރުމެވެ. މިސާލަކަށް އޮލިވު އޮއިލް، އާޓާފުށް، މާމުއި، ކިރު، އަދި ރާއްޖެއަށް ބޭނުންވާވަރަށް ރާއްޖޭގައި އުފެދިފައިނުވާ ތަރުކާރީއާއި މޭވާގެ ބަވަތްތަކެވެ. އެފަދަތަކެތީގެ އަގު ކުޑަ ކުރުމަށް ޓަކައި އެތަކެތި އެތެރެކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ތުރާތައް ފިލުވައިދިނުމާއި ސަރުކާރުން އެފަރާތްތަކަށް ދެވެންއޮތްހާލުޔެއް ދިނުމެވެ. އަދި އެއީ ވަގުތީ ހައްލެއްގެގޮތުން ސަބުސިޓީސް ދީގެންކަމުގައި ވިޔަސްމެއެެވެ. 
ދޭއް: ފަސޭހަކަމާއެކު އާއްމުންނަށް ކަސްތަރުކުރެވޭގޮތަށް މީހުން ދިރިއުޅޭ އަވަށްތަކުގައްޔާއި އިމާރާތްތަކުގައި މިނީ ޖިމުތައް ގާއިމުކުރުމެވެ.
ތިނެއް: ކަސްރަތު ސިވިލްސާވިސަށް ވެއްދުމެވެ. ދިވެހި ޒުވާނުންގެ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމަށް ޓަކައި ސިވިލްސާވިސްގެ އޮފީސްތަކުގައި ދެ ޖިންސަށް އަމާޒުކޮށްގެން ތަފާތު ކުޅިވަރުގެ މުބާރާތްތަށް ވަޒިފާގެތެރެއަށް ވެއްދުމެވެ. އަދި ސިއްހަތަށް އަމާޒުކޮށްގެން މުވައްޒަފުންނަށް ކުރިއެރުން ދިނުމެވެ. މިސާލަކަށް ބަރުދަން ގިނަ މީހަކު އަމިއްލަ މަސައްކަތުން ބަރުދަން ލުއިކޮށްފި ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުންފަދަ އިސްލާހުތަކެވެ. ނުވަތަ ސިގުރެޓިބޯ މީހަކު އެ ކަމުން ދުރުވެއްޖެ ނަމަ ވަޒީފާގެ ކުރިއެރުމަށް ޕޮއިންޓު ދިނުންފަދަ ކަންތައްކޮށްގެން ސިވިލްސާވެންޓުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމެވެ.   
ތިނެއް: ދިވެހިރާއްޖޭގެ ބައެއް ހިސާބުގައި މީހުން ދިރިއުޅެނީ ވަރަށް އުނދަގޫ އަދި ދަތި ތަންތަނުގައިއެވެ. އެކަމުގެ ސަބަބުން ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން ބަލިކަށިވުންގާތެވެ. ދިރިއުޅޭ ތަން ތޯހިރުވެ ލުއިފަސޭހަވުމަކީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެކަމެކެވެ. އެހެންކަމުން ބޯހިޔާވެހިކަމުގެގޮތުން ކުރެވޭ އިމުރާނީ މަސައްކަތައި އިމާރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކެއް ގާނޫނަކުން ލާޒިމުކުރުމެވެ. އޭގެތެރޭގައި މިސާލަކަށް އިމާރަތާއި ކޮޓަރިތަކުގެ ބޮޑުމިން އެކަށީގެންވާ މިންގަޑަށް ހުރުމާއި ކޮންމެ އިމާރަތެއްގައި ޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއީ އެ އިމާރަތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން ތަފާތު ހަރަކަތްތަކަށް އެއްވެވޭނެ ހޯލެއް ހުރުމާއި އެ އިމާރަތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ އިމާރަތެއްގެ ދަށުގައި ނުވަތަ އެއްފަރާތުގައި ކާރު ގަރާޖެއް ހުރުމާއި އިމާރަތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރަނައަރާފަދަ ތަނެއްގައި ޕަބުލިކު ކެފޭ، ކޮފީޝޮޕް ފަދަ ޚިދުމަތް ހިންގޭނެ ޖާގަ ހުރުންފަދަ ކަންކަމެވެ. 


ދޭއް: ސިއްހީ ޚިދުމަތުގެ ތަސައްވުރު
ސިއްހީ ޚިދުމަތްހޯދުމަށް ރާއްޖެތެރޭގެ ނިކަމެތީން މާލެ ނައިސް ބޭސްފަރުވާނުކުރެވޭގޮތަށް އޮތް ނިޒާމު އިސްލާހުކުރުމަށާއި އަދި ބައެއް އަވަށްޓެރި ގައުމުތަކަށް ބޭސްފަރުވާއަށް އަޅުވެތިވާންޖެހޭޖެހުން ނިމުމަކަށް ގެނައުމަށާއި އަދި ސިއްހީ ރޮގުން ދިވެހިރާއްޖެއަކީ ވެސް ދުނިޔޭގެ ރަނގަޅު ގައުމެއްކަމުގައި ހެދުމަށް އަންނަނިވިކަންތައްކުރުމެވެ. 
ހ– ސިއްހީ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރުމަށް ބޭނުންވާ ދަރަިވަރުންނަށް ޓަކައި އަންލިމިޓެޑު ބަޖެޓެއް ހުޅުވައިލުމެވެ. 


ށ– ސިއްހީ ދާއިރާއިން އިސްޕެޝަލައިޒުވުމުގެ ފުރުސަތު އެމެރިކާ، ކެނެޑާ، ޔޫ.ކޭ ފަދަ ކުރިއަރާފައިވާ ގައުމުތަކުންޖާގަ ހޯދާ ދަރިވަރުންނަށް ސަރުކާރުން ޒިންމާ އުފުލުމެވެ. 
ނ– ދިވެހިރާއްޖޭގައި ބޭސްކުރުމުގެ ނިޒާމު ތިން މަރުހަލާއަކަށް ބައިކުރުމެވެ. އެއީ ޕްރައިމެރީ ކުލިނިކު (އަވަށު ކުލިނިކު) އާއި ސެކަންޑަރީ ހޮސްޕިޓަލް (އަތޮޅު

ހޮސްޕިޓަލް) އާއި ޓާޝިއަރީ (ސަރަހައްދީ ހޮސްޕިޓަލް) އެވެ. އަދިއަވަށު ކުލިނިކުން ރެފަރަލް ލިބިގެން ރީޖަނަލް ހޮސްޕިޓަލަށް ދެން ސަރަހައްދީ ހޮސްޕިޓަލަށް އާސްންދަ ލިބޭގޮތަށް ތަރުތީބުކުރުމެވެ.
ރާއްޖޭގެ ތިން ސަރަހައްދަކަށް ބަހައި އުތުރާއި މެދުރާއްޖެއާއި ދެކުނުގައި ސަރުކާރުގެ ޓާޝިއަރީ (ސަރަހައްދީ ހޮސްޕިޓަލް) ތައް ހުރުމެވެ. މިއީ ސަރުކާރުން ރައްޔަތުންގެ ފައިސާ ޚަރަދުކޮށްގެން ކުރާކަމަކަށްވާތީވެ މިފަދަ ހޮސްޕިޓަލްތަކުގެ ލޮކޭޝަން އިންސާފުން ކަނޑަައެޅުން މުހިންމެވެ. މިސާލަކަށް ކޮންމެ ސަރަހައްދެއް ވެސް ހަމަޔަށް ބަހައި މެދައްވަނީ ކޮންރަށެއްތޯބަލައި އެ ތަނެއްގައި އެ ހޮސްޕިޓަލެއް އެޅުމެވެ. އެ ގޮތުން ދިމާވާ ރަށަކީ މިވަތު އާބާދީ މަދު ނިކަމެތި ރަށަކަށް ވިޔަސް މިފަދަ މަޝްރޫއެއްގެ ސަބަބުން އެ ސަރަހައްދެއް ތަރައްގީވުން ވެސް އެކަށިގެންވެދާނެކަމުގެ ތަސައްވުރާއެކުގައެވެ.


ރ- ދިވެހިރާއްޖޭގައި ޕްރައިމެރީ ހެލްތުކެއާ އާއި ފެމިލީ މެޑިސިންގެ ނިޒާމު އުފައްދައި ބަލިންރައްކާތެރިވެ، ބަލިތައް މޭނޭޖުކޮށް، ސިއްހީ ޚިދުމަތް އިސްރާފު ކުޑަގޮތުގައި ބޭނުން ކުރެވޭނެ ގޮތް ކަށަވަރު ކުރުމެވެ. އެގޮތުން އަވަށުކުލިނިކުތައް އުފެއްދުމެވެ. އާސަންދާގެ ދަށުން ބަލިމީހާ އެންމެ ފުރަތަމަ ބޭސްކުރުމަށް ދާންޖެހޭނެ ތަނަކީ އަވަށު ކުލިނިކުކަމުގައި ހަމަޖެެެސުމެވެ. އަވަށުގައި ތިބޭ ހަކުރުބަލީގެ މީހުންގެ ވަކި ނިޒާމަކުން ހަކުރު ޗެކުކޮށް ދޭންޖެހޭ ފަރުވާ ފޯރުކޮށްދީ ހެދުމަކީ އަވަށުކުލިނިކުގެ މަސްއޫލިއްޔަތެއްކަމުގައި ގަނޫނަކުން ކަނޑައެޅުމެވެ. އަދި ލޭގެ ބައްޔާއި ކޮލެސްޓުރޯލް މޮނިޓަކޮށް އަވަށުގެ މީހުން ދުޅަހެޔޮކުރުމަކީ ވެސް އަވަށުކުލިނިކުގެމަސްއޫލިއްޔަތެއްކަމުގައި ގަނޫނަކުން ކަނޑައެޅުމެވެ.


ތިނެއް: މިހާރު ރާއްޖޭގައި ބޭސްފަރުފާއަށް ޚަރަދުކުރާ މޮޑެލް ( ނެޝަނަލް ހެލްތު އިންޝުއަރެންސް ) އިން ބެވަރިޖު މޮޑަލަށް ބަދަލުކުރުމެވެ. ނެޝަނަލް ހެލްތު އިންޝުއަރެންސް މޮޑަލްއަކީ ސަރުކާރާއި ޕްރައިވެޓް ހޮސްޕިޓަލްތަކުން ޚިދުމަތް ލިބިދެވޭ މޮޑެލްއެކެވެ. މިހާރު ރާއްޖޭގައި މި އޮތް އާސަންދަ މޮޑެލަކީ ނެޝަނަލް ހެލްތުއިންޝުއަރެންސް މޮޑެލެކެވެ. އެއީ ވަރަށް ގިނަ ފަހަރަށް ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ޏުފޫޒު ވަދެދާ މޮޑެލެކެވެ. އެއާއިޚިލާފަށް ބެވަރިޖު މޮޑަލަކީ މައިގަނޑުގޮތެއްގައި ސަރުކާރުގެ ހޮސްޕިޓަލުތަކުން  ޚިދުމަތް ލިބިދެވޭ މޮޑަލެކެވެ. ޕުރައިވެޓު ހޮސްޕިޓަލަކުން އެ މޮޑަލުގެ ދަށުން ފަރުވާއެއްލިބޭނީ ދެވަނަގޮތެއް ނެތްހާލަތެއްގައެވެ. ރާއްޖޭގެ އާސަންދަ ވެސް ބެވަރިޖު މޮޑަލަކަށް ހަދައިގެން ކޮރަޕްޝަނާއި ޕްރައިވެޓް ކުންފުނިތަކުގެ ޏުފޫޒުން ސަލާމަތްކުރުމެވެ. 
ހަތަރެއް: އާސަންދާގެ ޚަރަދު ކުޑަކުރުމަށް ޓަކައި ދިވެހިރާއްޖެއަށް ބޭނުންވާ ސްޕެޝަލިސްޓު ޑޮކްޓަރުންނާއި ނަރުހުން ތަމުރީނުކޮށް ، އެހެން ގައުމުތަކަށް މުހުތާދުވެފައިވާ މިންވަރު ކުޑަކުރުމެވެ. ރާއްޖޭގެ އާބާދީއަށް ބޭނުންވާ ސްޕެޝްލިސްޓް ޑޮކްޓަރުންގެ ނިސްބަތް ވަރަށް މަދެވެ. އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް ޓަކައި ބޭނުންވާޑޮކްޓަރުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުން ތަމުރީނުކޮށް އެ މީހުން ލައްވާ ރާއްޖޭގައި އެ ޤައުމުތަކާ އެއްފެންވަރަށް މުހިންމު ދާއިރާތަކުގެ ސްޕެޝަލައިޒޭޝަން ތަމްރީނުކުރާން ފެށުމެވެ. 


ތިނެއް: ޢުމުރާނީ ތަރައްގީގެ ތަސައްވުރު
އުމުރާނީ ތަރައްގީއަކީ އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އިމާރާތްކުރުމުގައްޔާއި މަގުތައް ހެދުމުގައި އިންސާނުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހެއެވެ.ނަމަވެސް މިހާރު މީހުން ދިރިއުޅުމަށް ދޫކުރެވޭ އިމާރާތްތަކާއި އެތާނގެ ވަށައިގެންވާ މާހައުލުތަކަކީ އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ ތަންތަންކަމުގައިނުބެލެވެއެވެ. ތަންތަނުގައި ޖާގައިގެ ދަތިކަމާއި ކޮޓަރިތައް ކުޑަކަމާއިއަދި ބައެއް އިމާރާތްތަކަށް އަރަން ލިފުޓުގެ ދަތިކަމާއި އަދި އެނޫނަސް ކިތަންމެ ކަމެއް ފާހަނގަކުރެވެއެވެ. އަދި ރާއްޖޭގެ މަގުތައް ހެދިފައިވާގޮތުން ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކުރެވިފައިވަކަމަކަށް ނުބެލެވެއެވެ. ކަން މިހެން ހުރުމާއެކު ޢުމުރާނީ ތަރައްގީއަށް ރަނަގަޅު ތަސައްވުރެއް މި ގައުމަށް ބޭނުންވެއެވެ. 


އެކެއް:  ބޯހިޔާވެހިކަމުގެ ތަސައްވުރު
ހ– ދިވެހިރާއްޖެގެ އަތޮޅުތަކާއި ރައްތަކުގައި އާބަދީގެ ނިސްބަތުން ބޯހިޔާވެހިކަމުގެ ބިޔަ މަޝްރޫއެއް ހަދައިއެކަން ރާއްޖެތެރެއަށް ތަންފީޒުކުރުމެވެ.      
ށ– ބޯހިޔާވެހިކަމުގައި ހުންނަންޖެހޭ އަސާސީ ޝަރުޠުތަކާއި ބޯހިޔާވެހިކަމުގެގޮތުން ކުރެވޭ އިމާރާތްތަކުގައި ހުންނަންޖެހޭ އަސާސީ ސިފަތައް ގާނޫނަކުން ލާޒިމުކުރުމެވެ. އޭގެތެރޭގައި މިސާލަކަށް އިމާރަތާއި ކޮޓަރިތަކުގެ ބޮޑުމިން ކަނޑައެޅުމާއި ކޮންމެ އިމާރަތެއްގައި މިނީޖިމެއް ހުރުމާއި، މިނީ މާޓެއް ހުރުމާއި، ނަމާދުގެއެއް ހުރުމާއީ އެ އިމާރަތެއްގައި ތިބޭނެ މީހުންގެ ނިސްބަތަކުން އެއްވެވޭނެ ހޯލެއް ހުރުމާއި އެ އިމާރަތެއްގައި ހުރި ކޮންމެ އެޕާޓުމެންޓަކަށް އެ އިމާރަތެއްގެ ދަށުގައި ކާރު ގަރާޖެއް ހުރުމާއި އިމާރަތުގައި ދިރިއުޅޭ މީހުންގެ ސިކުރިޓީއަށް ބުރަނައަރާފަދަ ތަންތަނުގައި އިޖުތިމާއީ ޚިދުމަތަށް ޖާގަ ހުރުމާއި ފަޔަރ ސާވިސްގެ ވަސީލަތްތައް ހުރުމާއި އިމާރަތުގެ ހުރި އެޕާރޓުމެންޓުތަކުގެ ނިސްބަތަކުން ލިފިޓުތައް ހުރުމާއި އިމާރަތުގެ މެނޭޖުމެންޓު ހިންގޭނެ ތަނެއް ހުރުމާއި އިމާތަރުގެ ވަށައިގެން ގަސްއިންދާނެ ޕުލޭނެއްއޮތުމާއި އަދިވެސް އިތުރު ކަންކަމެވެ. 
ނ– އާއްމުންގެ ބޯހިޔާވެހިކަމަށް ފަންނީ އެހީތެރިކަމާއި މާލީ ހެއީތެރިކަން ދެވޭ ނިޒާމެއް އަތޮޅުތަކުގައި ގާއިމުކުރުމެވެ. މިހާރުވެސް ގެދޮރުއެޅުމަށް ލޯނުގެ ނިޒާމެއް ވަނީ ތައާރަފުވެފަައެވެ. ނަމަވެސް ފައްނީ އެހީތެރިކަމުގެ އަތެއް ނެތެވެ. އޭގެ ނަތީޖާއަކަށް ވަނީ ރާއްޖެތޭރޭގެ މީހުން ދަރަނިވެރިވެގެން ނަގާ ލޯނުތަކުން ބިނާކުރެވޭ ގެތަކުގައި ހުންނަންޖެހޭ އެތެރޭގެ ރީތިކަމާއި ބޭރުގެ ފުރިހަމަކަން ނެތުމެވެ. އެހެންކަމުން ލުއި އަގެއްގައި އާއްމުންނަށް ބޯހިޔާވެހިކަން ޕުލޭންކޮށްދީ މަޝްވަރާދޭވެނެ ނިޒާމެއް އަތޮޅުތަކުގައި އުފެއްދުމަށް ޒުވާނުންނަށް ހިތްވަރުދިނުމެވެ. އެގޮތުން އެންމެފުރަތަމައަށް އެކަމަށް ބޭނުންވާ ތައުލީމަށް މަގުފަހިކޮށްދިނުމެވެ. އެއަށްފަހު އެ މަސައްކަތް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ޒުވާނުންނަށް ދިނުމެވެ.  


ދޭއް: މަގުތައް ހެދުމުގެ ތަސައްވުރު:
ދިވެހިރާއްޖޭގައި މަގުތައް މިހާރު ހަދާ ގޮތަކީ އަވަސްއަރުވާލައިގެން ކުރީގައި ހެދިފައިހުރި މަގުތަކަށް އެހުރިގޮތަކަށް ބަހަށްޓައިގެން ތާރުއަޅައި އޮމާންކޮށްލުމެވެ. އަދި އާއްމުންގެ އަތަށް ދޫކޮށްލުމެވެ. ދެން އާއްމުން އޭގެ މާތީގައި ހިތުހުރިގޮތަކަށް ދުއްވާތަކެތި ދުއްވަންފެށުމުގެ ނަތީޖައަކަށް ވަނީ މަގުމަތީގެ ހާދިސާތައް ގިނަވުމާއި ހިނގައިބިގައިއުޅޭ މިހުންނަށް އަނިޔާލިބުމެވެ. އެކަމަށް ހައްލެއް ގެނައުމުގެގޮތުން މަގުތައް ހެދުމުގެ އިސްޓޭންޑަޑު އެކުލެވައި އެއަށް ގާނޫނީ ހައިސިއްޔަތު ދިނުމެވެ. އަދި ބޭނުންވާ ފަންނީ އެހީތެރިކަން ދުނިޔޭގެ އެރޮގުން ކުރިއަރާފައިވާ ގައުމުތަކުން ލިބިގަތުމެވެ. މަގެއް ހަދަނީ ނަމަ ކޮންމެހެންވެސް ކަށަވަރުކުރުރަން ޖެހޭ މުހިންމު ކަންތައްތައް ޔޫރަޕުގެ އިސްޓޭންޑަށް ބިނާކޮށް ކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ.  


ހަތަރެއް: ދީނީ ތަސައްވުރު
ދިވެހިންނަކީ ސައްތައިން ސައްތަ މުސްލިމުން އުޅެންޖެހޭގޮަތަށް އުޅެމުން ދިޔަ ބައެކެވެ. ނަމަވެސް އިޖްތިމާޢީ ގޮތުންނާއި އަޚްލާޤީގޮތުން ބަލާއިރު މިހާރު މިއޮތީ އަޚްލާޤީ ބަލިތަކުގެ ޝިކާރައަކަށް ވެފައެވެ.ދިރިއުޅުމަކީ ފަސޭހަކަމަކަށް ނުވާ ދަރަޖައަށް ޒުވާނުންގެ އަޚްލާޤު ވަނީ ފާސިދުވެފައެވެ. މިގޮތުން ވައްކަން ކުރުމާއިފޭރުމާއި ލޫޓޫވުމާއި، މީހުން މެރުމާއި، ރޭޕްކުރުމާއި، މަސްތުވާ ތަކެތި ބޭނުންކުރުމާއި، އަދި މީހުންގެ ޙައްޤުތަކަށްއަރައިގަތުން ވަނީ ޢާއްމުކަމަކަށް ވެފައެވެ. މުޖުތަމަޢުގައި އެއްވެސް ހަމަޖެހުމެއް ޞުލްޙަ މަސަލަސްކަމެއް ނެތެވެ.މިކަން މިގޮތަށް ދިމަވާ އެންމެ ބޮޑު އެއް ސަބަަބަކީ މިސްކިތުން ދަރީންނަށް ލިބެންޖެހޭ ތަރުބިއްޔަތު ލިބުމުގެ ދޮރު މުޖުތަމައަށް ހުޅުވާލެފައިނުވަތީއެވެ. ދަރީންނަށް ތަރުބިއްޔަތު ލިބޭނީ ތިންތަނަކުންނެވެ. އެއީ މަދުރަސާއީ ގެއާއި މިސްކިތެވެ. މީގެތެރެއިން މިސްކިތުން ދަރިންނަށް ލިބެންޖެހޭ ރަތުބިއްޔަތުގެ އެއްވެސް މިންވަރެއް ރާއްޖޭގައި ހުޅުވާލެވިފައިނުވެއެވެ. ކަންމިހެން އޮތުމާއެކު މިކަން ހައްލުކުރަންޖެހެއެވެ. ނަމަވެސް މިކަންތައް ހައްލުކުރެވޭނީ ދުރު ރާސްތާގެ ރަނގަޅު ދީނީ ތަސައްވުރެއް އޮވެގެންނެވެ. ފަސާދުވެފައި މި ދިވެހި އުއްމަތްއަނބުރާ އިސްލާހުކުރުމަށް ދިނީ ގޮތުން ކުރެވޭ ތަސައްވުރު ތިރީގައި އެވަނީއެވެ. 


ހ- މިސްކިތުގައި ތަރުބަވީ މާހައުލެއް ގާއިމުކުރުން
މިސްކިތުގެ ދައުރު އިހުޔާކޮށް މިސްކިތުން ލިބެންޖެހޭ ތަރުބިއްޔަތު މުޖުތަމައަށް ލިބިދިނުމަށް ޓަކައި ޤުރުއާން ހިތުދަސްކުރުމުގެ ކަރަކިއުލަމަކާއި އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާކުރެވިފައިވާ ހަދީސްގެ ތަރުބަވީ ކަރުކިއިލަމަށް (ގުރޭޑު 4ން ގުރޭޑު 8އަށް އަމާޒުކޮށްގެން) އުފައްދައި ސަރުކާރުގެ ޚަރަދުގައި އެ ކުލާސްތައް ރާއްޖޭގެ މިސްކިތްތަކުގައި ހިންގުމެވެ. އެގޮތުން މިސްކިތުގައި ސަރުކާރުން އުފައްދާ ޤުރުއާން ހިތުދަސްކުރުމުގެ ކުލާހާ ބައިވެރިވެގެން ތަރުތީބުން ކުލާހަށް ހާޒިރުވެ ކޮންމެ ހަފުތާއަކު އެއް ސަފުހާ ހިތުދަސްކުރާ ކުދީންނަށް ކޮންމެ މަހަކު ޕޮކެޓުމަނީއެއްގެ ގޮތުގައި އެވަގުތަށް ސަރުކާރުން ކަނޑައަޅާ ފައިސާގެ މިންވަރެއް ދިނުމެވެ. ސަރުކާރުގެ އަމާޒަކަށް ވާންވާނީ ގުރޭޑު 8އަށް ދަރިވަރު ދާއިރު ގުރުއާން ހިތުދަސްވެފައި ހުރުން ނުވަތަ ހިތުދަސްވާން ކައިރިވެފައިވުމެވެ. އަދި މިސްކިތުގައި ސަރުކާރުން އުފައްދާ އިސްލާމީ އަޚްލާޤުގެ މައްޗަށް ބިނާކުރެވިފައިވާ ހަދީސްގެތަރުބަވީ ކަރުކިއިލުގައިވާ ހަދީސް ހިތުދަސްކުރުމުގެ ކުލާހާ ބައިވެރިވެގެން ތަރުތީބުން ކުލާހަށް ހާޒިރުވެ ކޮންމެ ހަފުތާއަކު ކަނޑައެޅިފައިވާ މިންވަރަށް ހަދީސްގެ މަތަނާއި ތަރުޖަމާ ހިތުދަސްކުރާ ކުދީންނަށް ކޮންމެ މަހަކު ޕޮކެޓުމަނީއެއްގެ ގޮތުގައި އެވަގުތަށް ސަރުކާރުން ކަނޑައަޅާ ފައިސާގެ މިންވަރެއް ދިނުމެވެ. މި ޕޮރުގުރާމު ތަންފީޒުކުރެއްވިއްޖެ ނަމަ ދަރީން ފާސިދުވެދާނެތީ މައިން ބަފައިން މިހާރު ގަންނަ ބިރު ގަންނާކަށެއް ނުޖެހޭނެއެވެ. ކުއްޖާ ހަތް އަހަރުން ފެށިގެން ބޮޑުވަނުން ދާނީ އިސްލާމީ މަހައުލެއްގައެވެ. 


ށ– މުޖުތަމަޢުގައި އިސްލާމީ ސަގާފަތް ފެތުރުމަށްޓަކައި ބޭނުންވާ މައުލޫމަތު އެކުލެވޭ ކަރުކިއުލަމެއް ތައްޔާރުކޮށް ވައުޟު ނަސޭހަތާއި މީޑިޔާގެ ވަސީލަތް މެދުވެރިކޮށް އެތަކެތި މުޖުތަމައުގައި ވަށާދައުރުވާގޮތަކަށް އިންތިޒާމު ކުރުމެވެ. 


ނ- މިސްކިތްތަކުގައި އުފައްދާ އިސްވެ ދެންނެވުނު ގުރުއާން ހިތުދަސްކުރުމުގެ ޕޮރޮގުރާމަށާއި ހަދީސް ހިތު ދަސްކުރުމުގެ ޕޮރުގުރާމަށް ބޭނުންވާ ފައިސާ ދެމެހެއްޓެނިވި ގޮތަކަށް ލިބިލިބި ހުންނަ ގޮތް ހެދުމަށްޓަކައި މިސްކިތު އަވަށު ކޮމެޓީތައް ގާނޫނަކުން އުފައްދައި އެ ކޮމެޓީގެ ޒިއްމާގެ ދަށުން އަވަށްތަކުގައި އިސްލާމީ ވަގުފު އުފައްދައި އެއިން ލިބެ އާމުދަނީތައް އެކަމަށް ޚަރަދުކުރެވޭނެ ނިޒާމެއް ގާއިމުކުރުމެވެ. 


ފަހެއް: ޖުޑިޝަރީގެ ތަސައްވުރު
ހ- ޤާނޫނު އަސާސީގެ 158 ވަނަ މާއްދާ އިޞްލާޙު ކުރުމެވެ. އެގޮތުން ޖޭ.އެސް އަކީ ހަމައެކަނި ރިޓަޔަޑު ފަނޑިޔާރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށް ހެދުމެވެ. 
ށ- ޤާނޫނު އަސާސީގެ 147-148 ދެ މާއްދާ އަށް އިޞްލާޙު ގެނައުމެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޢައްޔަން ކުރާނީ ރައީސުލްޖުމުހޫރިއްޔާކަމުގައި އޮތް މާއްދާ އިސްލާހުކޮށް އެކަންކުރާނީ ފަނޑިޔާރުންގެ ޢާއްމު ވޯޓަކުން ކަމަށް އޮތުމެވެ. ނުވަތަ ޖޭ.އެސް.ސީ ގައި ފަނޑިޔާރުން ތިބެގެން އެމީހުންގެ މެދުގައި ނެގޭ ވޯޓަކުން ކަމަށް ހަމަޖެއްސުން އަދި އުއްތަމަ ފަނޑިޔާރު ކޮންމެ ފަސް އަހަރަކުން ބަދަލުވާ ގޮތަށް ހެދުމެވެ. 
ނ- ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ތަޢުލީމީ ޙާލަތު ރަނގަޅުކުރުމެވެ. އެގޮތުން ފަޑިޔާރެއްގެ އަސާސީ ޝަރުޠަކީ ދިވެހިރާއްޖޭގެ އެމް.ކިއު.އޭ. ގަބޫލުކުރާ ޔުނިވަރުސިޓީއަކުން ޝަރްޢީދާއިރާއިން ޕީ.އެޗް.ޑީ. އޮތުންކަމުގައި ހަމަޖެއްސުމެވެ. 
ރ- އެއް މަރުހަލާގެ ކޯޓުން އަނެއް މަރުހަލާއަކަށް ބަދަލުކުރުމުގައި އަސާސީ ޝަރުޠަކީ  އެއަށްވުރެ ދަށުގެ ހުރިހާ މަރުހަލާއެއްގައި ކޮންމެ މަރުހަލާއެއްގައި މަދުވެގެން ފަސްއަހަރުގެ ޚިދުމަތް ކޮށްފައިވުންކަމަށް ހަމަޖެއްސުމެވެ. 


ހަޔެއް: ދަނޑުވެރިކަމުގެ ތަސައްވުރު
     ދުޅަހެޔޮ ސިއްހަތަކަށް ޓަކައި ކުރަންޖެހޭ އެއް ކަމަކީ ރައްޔަތުންނަށް ދުޅަހެޔޮ ސިއްހަތެއް ލިބުންއެދިގެން ތަރުކަރީއާއި މޭވާ އަގުހެޔޮކޮށް ލިބޭނެގޮތެއް ހެދުމެވެ. އެހެންކަމުން ދިވެހިރާއްޖެ ވަނީ ދެމެހެއްޓެނިވި ދަނޑުވެރިކަމަށް މުހުތާދުވެފައެވެ. ދިވެހިރާއްޖޭގައި ހުރިހާ ބާވަތެއްގެ ތަރުކާރީއާއި މޭވާ އުފެއްދުން ދަތިކަމަކަށް ވިޔަސް ތަރުކާރީތަކާއި މެވާގެ ބައެއް ބާވަތް ހެއްދިދާނެކަމަށް ފެނެއެވެ. މިސާލަކަށް ޓޮމާޓޯ، ކިއުކަމްބަރ، އަދި ބައެއް ބާވަތުގެ ތަރުކާރީވިނަތައް މިހާރަށްވުރެ ރަނގަޅަށް ހެއްދިދާނެކަމަށް ފެނެއެވެ. ނަމަވެސް މިކަމަކީ ދަނޑުވެރިކަމުގެ މަތީތައުލީމު ބޭނުންވާކަމަކެވެ.  
ދިވެހިރާއްޖެއަކީ ބިމުގެ ދަތިކަން އޮތް ތަނަކަށްވިޔަސް ހޮލެންޑު ފަދަ ކުދި ގައުމުތައް ވެސް ތަރުކާރީއާއި މޭވާ އުފެެއްދުމުގެ ރޮގުން ކުރިހޯދާފައިވާތިވެ، ކަމުގެ ޕުރޮފިޝަނަލް މީހުންގެ އެހީގައި ދިވެހިރާއްޖެއަށް އަމާޒުކޮށްގެން ދިރާސާއެއް ހެދިދާނެކަމަށް ފެނެއެވެ. ބިމުގެ ދަތިކަން އޮންނަތަންތަނުގައި މިހާރު ދަނޑުވެރިކަމަށް ބޭނުންކުރަނީ ބިލްޑިންގުތަކެވެ. އެހެންކަމުން ދިވެހިޒުވާނުންނަށް ދަނޑުވެރިކަމުގެ މަތީތައުލީމު ދެވިއްޖެ ނަމަ މުސްތަގުބަލުގައި އެކުދީންނަށް ދަނޑުވެރިކަމުގެ ރޮގުން ރަނގަޅު ނަތީޖާއެއް ނެރެދެވިދާނެކަމަށް ފެނެއެވެ.
      ނިސްބަތުން ގިނަ ޒުވާނުންތަކެއް މިހާރު ތިބެނީ ކުރާނެކަމެއްނެތިގެން ނުވަތަ އަދާކުރާނެ ވަޒިފާއެއްނެތިގެން މަގުމަތިވެފައެވެ. މަސްތުވާތަކެތީގެ ވަބާއި ކުށުގެ ވެށިތައް ގިނަވާން މެދުވެރިވާ އެއް ސަބަބަކީ ވެސް ޒުވާނުން ބޭކާރުވެފައިތިބުމެވެ. އިސްވެދެންނެވިފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ގިނަވެއްޖެ ނަމަ ފަޒީފާގެ ފުރުސަތު އިތުރުވާނެކަންކަށަވަރެވެ. އަންދާސާކުރެވޭގޮތުން ކޮންމެ އަތޮޅެއްގައި އެ ފަދަ މަޝްރޫއު ހިންގަންފަށައިފި ނަމަ މަދުވެގެން ތިރީސްހާސް ވަޒިފާގެ ފުރުސަތު ހުޅުވައިލެވިދާނެއެވެ. އަދި ޒުވާނުން މަސްތުވާތަކެއްޗާއި ދުރުކުރުގެ ފުރުސަތު ބޮޑުކުރެވިދާނެއެވެ. ސަބަބަކީ މިފަދަ ދަނޑުވެރިކަމުގެ މަޝްރޫއުތަކަކީ އެ ފަންނުގެ ޓެކުނިކަލް މީހުން ގިނަ އަދަދަކަށް ބިނާކުރަން ޖެހޭ ކަމަކަށްވަތީއެވެ. ޒުވާނުން ބިނާކުރުން ގިނަވާވަރަކަށް މަސްތުވާތަކެއްޗާއި ކުށުގެ ވެށިތަކުން  ޒުވާނުން ސަލާމަތްކުރެވޭނެކަމަށް ފެނެއެވެ.  
      އަނެއް ކޮޅުން ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާއަތެއް އޮންނަތަނެކެވެ. ބޭނުންވާ ތަރުކާރީއާއި މޭވާގެ މާރުކޭޓު މުޅީންހެންވެސް އޮންނަނީ އަވަށްޓެރި ގައުމުގަތުގެ ނުވަތަ ބޭރުގައުމުތަކުގެ ނުފޫޒުގެ ދަށުގައެވެ. ދަނޑުވެރިކަމުގެ މަޝްރޫއުތައް އަތޮޅުތަކުގައި ރަނގަޅަށް ހިނގަންފަށައިފި ނަމަ އާއްމުންނަށް ބޭނުންވާވަރަށްވުރެ އިތުރަށް އުފެއްދޭ ތަކެތި އެ އަތޮޅެއްގެ ކާރި  ރިސޯޓުތަކަށް ވިއްކައިގެން ދިވެހިވިޔަފާރި ފުޅާކޮށްލެވިދާނެކަމުގެ އުއްމީދު ބޮޑެވެ.   
      އިސްވެދެންނެވުނު ކަންތައްތަކަށް ރިއާޔަތްކުރުމާއެކު ތީގައި މިދަންނަވަނީ އެގުރިކަލްޗަރުގެ ރޮގުން ދުނިޔޭގެ ރަނގަޅު ގައުމަކަށް ދިވެހިރާއްޖެ ހެދުމުގެ ތަސައްވުރެވެ.
އެކެއް: އެގުރިކަލްޗަރުގެ ރޮގުން މަތީތައުލީމު ހޯދަން ބޭނުންވާ ޒުވާނުންނަށް އެގުރިކަލްޗަރުގެ ރޮގުން ދުނިޔޭގެ ކުރިހޯދާފައިވާ ގަމުތަކުގައި ކިޔެވުމުގެ ފުރުސަތު  ހުޅުވައިލުމެވެ.   
ދޭއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ތަރުކާރީއާއި މޭވާ އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ.  
ތިނެއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ގެރި ފާމެއް އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ.  މިވަގުތު ދިވެހިރާއްޖޭގެ ގިނަ ރައްޔަތުން ބޭނުންކުރަން ޖެހެނީ ބޭރުން އެތެރެކުރާ ހިކިކިރެވެ. ދިވެހިރާއްޖޭގައި މުނިފޫހިފިލުވަން އަސް ގެންގުޅެވޭ ނަމަ ފާމެއް ހަދައިގެން އަތޮޅުތަކަށް ބޭނުންވާނިސްބަތަކުން ގެރި ބަކަރި ވެސް ގެންގުޅެވިދާނެކަމަށް ފެނެއެވެ. 
ހަތަރެއް: ޒަމާނީ ޓެކުނޮލެޖީގެ އެހީގައި ކުކުޅު ފާމެއް އުފެއްދުމުގެ މަޝްރޫއެއް ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމުކުރުމަށް ޒުވާނުންނަށް ފަންނީ އެހީތެރިކަމާއި މާލީ ހެހީތެރިކަން ފޯރުކޮށްދިނުމެވެ. ދިވެހިރާއްޖެއަކީ މަސްވެރިކަމުގެ ސިނާއަތެއް އޮންނަތަނަކަށް ވާތީވެ މަހުން އުކާލެވޭ ކަށްޓާއި އެހެނިހެންތަކެއްޗަކީ ކުކުޅުގެ ކާނާތައްޔާރުކުރުމަށް ބޭނުންކުރެވިދާނެ ތަކެއްޗެވެ. 
ތިނެއް: ދިވެހިރާއްޖޭގެ ރަށްތަކުގެ މަގުތަކުގައި ގަސް އިންދުމުގެ މަޝްރޫއެއް ގާއިމުކުރުމެވެ. އާއްމު މަގުތަކުގައި އާލާކުރެވިދާނެ މޭވާ ލިބޭނެ ވައްތަރުގެ ގަސްތަކަކީ ކޮބައިތޯ ބަލައި އެފަދަ ގަސްތައް އިންދުމަށް އިސްކަންދިނުން މުހިންމުކަމަށް ފެނެއެވެ.


ހަތެއް: ކަރަންޓުގެ ތަސައްވުރު
ކަރަންޓަކީ އަސާސީ ޚިދުމަތެކެވެ. އެ ހަކަތަ ވިއްކާ އަގު ހެޔޮކުރެވިގެންނޫނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ލުއިފަސޭހަތަކެއް ނުލިބޭނެއެވެ. އަދި އުފެއްދުންތެރިކަމަށް ބޭނުންވާ ކުރިއެރުމެއް ވެސް ނުލިބޭނެއެވެ. ނަމަވެސް ގިނަ ސަބަބުތަކަކާހުރެ ދިވެހިރާއްޖޭގެ ކަރަންޓުގެ އަގު ވަނީ އާއްމުންގެ އަތް ނުފޯރާފަށަށް އަރާފައެވެ. ކޮންމެއަކަސް ދިވެހިރާއްޖޭގެ ރައްޔަތުންނަށް މިވަނީ ކަރަންޓުގެ ދަތިކަން ފޯރާފައެވެ. އެހެންކަމުން އެކަން ހައްލުކުރެވޭތޯ މަސައްކަތެއް ކުރެވެން ޖެހެއެވެ. އެގޮތުން ކުރެވޭ ތަސައްވުރު ތިރީގައިއެވަނީއެވެ.
އެކެއް: ކޮންމެ ރަށެއްގައި ކަރަންޓަށް ވަގުފެއް އުފެއްދުމެވެ. އަދި އެއިންލިބޭ މަންފާ ކަރަންޓަށް ސަބުސިޓީސްގެގޮތުގައި ޚަރަދަކުރުމެވެ. ވަގުފާބެހޭ ބައެއް މައުލޫމާތު ތިރީގައި އެވާ ލިންކުން ވިދާޅުވެލައްވާށެވެ.


https://docdro.id/rX0Ozgn


ދޭއް: ކޮންމެ އަތޮޅަކުން އެއް ރިސޯޓު ކަރަންޓަށް ސަބުސިޓީސް ދިނުމަށް ކަނޑައެޅުމެވެ. އަދި އެއިން ލިބޭ ކުލިއާއި ޓެކުސް އެ އަތޮޅެއްގެ ކަރަންޓަށް ލިބޭގޮތަށް ގާނޫނަކުން ލާޒިމުކުރުމެވެ. 


ތިނެއް: ކަރަންޓުގެ ކުންފުންޏަށް ސިޔާސީ މަގާމުތައް ގާނޫނަކުން މަނާކުރުމެވެ.


އަށެއް: ދިވެހި ސަގާފަތް ދިރުވުމުގެ ތަސައްވުރު 
ސަގާފަތަކީ އިންސާނީ އެއްޖަމާޢަތެއް އަނެއް ޖަމާޢަތަކާ ވަކިކޮށްދޭ އިންފާރެވެ. ދިވެހިންނަކީ ބަހުގެ ސަގާފަތެއް އޮތް ބަޔެކެވެ. އަންނައުނު ލައިއުޅޭ ގޮތަށް ބަލާއިރު ދިވެހީންނަކީ ސަގާފަތެއް އޮތްބަޔެކެވެ. އަދި ކިއެއްތަ! ދިވެހީންނަކީ އެއް ޒަމާނެއްގައި މަތިވެރި ޙަޟާރަތެއްގެ ވެރިބައެކެވެ. ނަމަވެސް އެކަން އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ގެއްލެމުންނެވެ. ނުވަތަ ގެއްލި ނިމިއްޖެއެވެ. މިކަން ދިރުވުމަށްޓަކައި ކުރެވޭ ތަސައްވުރު ތިރީގައި އެވަނީއެވެ.
ހ- އަތޮޅުތަކާއި ރަށްތަކުގައި ދިވެހި ސަގާފީގޮތަށް އެ ދުރުގެތައް އުފައްދައި އެކަމަށް ޓީޗަރުން އަހުލުވެރިކޮށް ގުރޭޑު 1 ން 3 އަށް ދަރިވަރުންގެ އިސްކޫލުގެ ޤުރުއާން މާއްދާއި އިސްލާން މާއްދާ އިސްކޫލުން ކިޔަވައިދިނުމުގެ ބަދަލުގައި އެދުރުގެތަކުން ކިޔަވައިދިނުމެވެ. އަދި އެތަނުގެ މުދައްރިސުންނާއި ދަރިވަރުންގެ ޔުނިފޯމަކީ ދިވެހި ސަގާފީ ހެދުންކަމުގައި ކަނޑައެޅުމެވެ. 
ށ- ދާޚިލީ، ޚާރިޖީ، ރަސްމީ، ނުރަސްމީ ޖަލްސާތަކުގައި ދިވެހި ބަހުން ވާހަކަ ދެއްކުން ލާޒިމުވާގޮތަށް ސަގާފީ ގާނޫނަށް އިސްލާހުގެނައުމެވެ. 
ނ- ދާޚިލީ، ޚާރިޖީ، ރަސްމީ، ނުރަސްމީ ޖަލްސާތަކުގައި ދިވެހި ސަގާފީ ހެދުން އެޅުން ލާޒިމުވާގޮތަށް ސަގާފީ ގާނޫނަށް އިސްލާހުގެނައުމެވެ. 
ރ- ދީނީ ނަސީހަތް ދިނުން، އިމާމުކަން، ކަށުކަމާކެމީގެ ކަން، ހުކުރު ޚުޠުބާ ކިއުން، ޖަލްސާތައް ޝަރަފުވެރިކޮށް ދިނުން، ތަންތަނުގެ ބިންގާ އެޅުން، ތަންތަން ހުޅުވުމުގެ ރަސްމިއްޔަތު ގައި ދިވެހި ސަގާފީ ހެދުން އެޅުން ލާޒިމުވާގޮތަށް ގާނޫނަށް އިސްލާހުގެނައުމެވެ. 


ނުވައެއް: ޕެންޝަން އިސްކީމުގެ ތަސައްވުރު
ރާއްޖޭގެ ގިނަ ބައެއްގެ އެއް ޝަކުވާއަކީ ދިގު މުއްދަތެއްގައި ޚިދުމަތްކުރުމަށްފަހު ވަޒީފާ ދޫކޮށްލާއިރު ދެކޮޅުޖެހޭވަރުގެ އެތިކޮޅެއް ނުލިބޭތީ އެކަމާމެދު ހިތްހަމަނުޖެހިގެން ދައްކާ ވާހަކައެވެ. 
ސަރުކާރަށް ދިގު މުއަދަތަކަށް ޚިދުމަތް ކޮށްފައި ގޭގައި މަޑުކޮށްލާ ހިނދު ލިބޭ އިނާޔަތް މަދުކަމުގެ ޝަކުވާއަކީ ބޮޑު ޝަކުވާއެކެވެ. އަދި އެއީ ތެދެއްވެސް މެއެވެ. އަދި ދިގު މުއްދަތެއްގެ ވަޒީފައަކަށްފަހު ގޭގައި މަޑުކޮށްލާ ބައެއް މީހުންނަށް މި ވަގުތު ޕެންޝަން އޮފީހުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގެ ދަށުން އެއްކޮށް، ކަނޑާ، ގެއްލާ، ގުނަކޮށްލީމާ ހަމައެކަނި “ފަސްހާސް” ރުފިޔާ ޖެހޭތަން ވެސް އެބައާދެއެވެ. އެ ހިނދު އޭނާގެ ބޮޑު ޝަކުވައަކީ ޢުމުރުން ފަސްދޮޅަސް ފަސް އަހަރު ފުރިފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ފަސްހާސް ރުފިޔާ ލިބެއެވެ. ވީމާ ތިމަންނަ މިހާ ދިގު މައްދަތަކަށް މިވެނި މުއައްސަސައެއްގައި އަދާކުރި ވަޒީގެ ބަދަލުގައި ލިބުނީ ކޮންއެއްޗެއް ހެއްޔެވެ؟ އާދެ! އޭނާގެ ސުވާލުގައި އޮށްޓަރެއް އެބަހުއްޓެވެ. އޭނައަށް ހައްގު ސުވާލެކެވެ. އޭނާގެ ސުވާލަށް ބޭނުންވަނީ ކަލްކިއުލޭޓަރުގެ ޖަވާބެއް ނޫނެވެ. ބެނުންވަނީ ހައްގު ޖަވާބެއެވެ.
ބައެއް މީހުންގެ ޝަކުވާއަކީ އެވޭލާ ސަރުކާރުގެ ޚިދުމަތުގައި ވިހި އަހަރު ވެގެން ނުވަތަ ސާޅީސް އަހަރު ވެގެން އެ މީހުންނަށް އެ ދުވަސްވަރު ލިބިލިބި ހުރި އެތިކޮޅު ނުލިބި އެ މިހުންނަށް ވެސް މިހާރު ލިބެނީ އެއް ވެސް ޚިދުމަތެއް ނުކޮށް ގޭގައި ހުރި މީހަކާ އެއްފަދައިން 65 އަހަރުގެ ފަސްހާސް ރުފިޔާ އެކަނި ކަމަށެވެ. އެމީހާގެ ވެސް ޝަކުވާއަކީ ވިހި އަހަރު ނުވަތަ ސާޅީސް އަހަރު ސަރުކާރަށް ޚިދުމަތްކުރުގެ ފައިދާއަކީ ކޮބާ ހެއްޔެވެ؟
ބައެއް މީހުންނަކީ ވަޒީފާގައި އުޅެނިކޮށް ކުށްވެރިވެގެން ނުވަތަ ސިޔަސީ ނުފޫޒެއްގެ ސަބަބުން ނުވަތަ އަމިއްލައިން ނުވަތަ އެހެން ވެސް ސަބަބަކާހުރެ ވަޒީފާ ގެއްލިފައިފާއިވާ މީހުންނެވެ. އެ މީހުންނަށް ވެސް ފަސްދޮޅަސް ފަސް އަހަރު ވުމުން ފަސްހާސް ރުފިޔާ ހަމަޖެހިގެންދާއިރު އޭނާގެ ހިތުގައި ވެސް އުފެދޭ ސުވާލަކީ އޭނާ ކުރި ޚިދުމަތުގެ އަގަކީ ކޮބާހެއްޔެވެ؟        


ޕެންޝަން އިސްކީމުގެ މިހާރުގެ ހަގީގަތް 
މިހާރުގެ ޕެންޝަން އިސްކީމު ބެހިފައި ވަނީ މައިގަނޑު ދެ ބަޔަކަށެވެ:   
ހ– އަސާސީ ޕެންޝަން ސްކީމް (އަސާސީ ޕެންޝަނަކީ ޢުމުރުން 65 އަހަރު ފުރިފައިވާ ދިވެހިރައްޔިތުންނަށް ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ފޯރުކޮށްދެވޭ ޕެންޝަނެކެވެ. އަސާސީޕެންޝަން ސްކީމުގެ އަމާޒަކީ އެއްވެސް ވަޒީފާއެއް އަދާނުކުރާ އަދި އަދާކުރިވަޒީފާ މެދުވެރިކޮށް ރިޓަޔަރމަންޓްޕެންޝަން ސްކީމަށް ޖަމާވި ފައިސާއިން އެކަށޭނަ ރިޓަޔަރމަންޓް ޕެންޝަނެއް ނުލިބޭ ދިވެހިންނަށް ޢުމުރުން65 އަހަރުވުމުން އަސާސީ ބޭނުންތަކަށް ޕެންޝަނެއް ދިނުމެވެ.)
ށ– މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް(އެމް.އާރް.ޕީ.އެސް) އަކީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ތައާރަފު ކުރެވިފައިވާ ޑިފައިންޑްކޮންޓްރިބިއުޝަން (ޑީސީ) ޕެންޝަން ސްކީމެކެވެ. ޑިފައިންޑް ކޮންޓްރިބިއުޝަން ޕެންޝަން ނިޒާމަކީ، ވަޒީފާދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ކަނޑައެޅިފައިވާ ވަކި އަދަދަކަށް ސްކީމަށް ފައިސާ ދައްކައި، އެ ފައިސާއިންވެސްޓް ކޮށްގެން ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރެވޭ ޕެންޝަން ނިޒާމެކެވެ.


ޕެންޝަން އިސްކީމުގެ މިހާރުގެ ހާލަތު ވަރުން އެޅުން
އެކެއް: އެކިއެކި ވިސްނުމުގެ މައްޗަށް ބިނާކުރެވިގެން ހެޔޮ ނިޔަތެއްގައި ވިޔަސް ޕެންޝަން ދޭއިރު “އަސާސީޕެންޝަންސްކީމް” އާއި “މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް” މަސްހުނިކުރެވިފައިވާތީއާއި ޕެންޝަނުގެ ގާނޫނު ހެދިއިރު ރައްޔަތުންގެ އިޖުތިމާއީ ހާލަތަށް ރިއާޔަތްކުރަންޖެހޭ މިންވަރަށް ރިއާޔަތް ކުރެވިފައިނުވާތީ އުފެދިފައިވާ ތަފާތުކުރުންކަމުގައި ބެލެވެއެވެ. އިސްވެދެންނެވުނު ޝަކުވާއަށް ފުރުސަތުލިބިފައިވަނީ ގާނޫނު ހެދިއިރު ރައްޔަތުންގެ އިޖުތިމާއީ ހާލަތަށް ރިއާޔަތްކުރަންޖެހޭ މިންވަރަށް ރިއާޔަތް ނުކުރެވޭތީކަމަށް ބުނާބުނުމަކީ ބޭރުފުށަށް ފެންނަން އޮންނަ ހަމައެކަނި ސަބަބެވެ. ނަމަވެސް ތިންވަނަ ދުނިޔޭގެ ގައުމުތަކުގައި ހެދިފައި ހުންނަ ގާނޫނުތަކުގައި ރައްޔަތުންގެ މާލީ ހައްގުތައް ނިގުޅައިގަނެވިފައި ހުންނަނީ އޭގެ އަޑީގައި ފޮރުވާލެވިފައިވާ ސިއްރު ސަބަބުތަކެއް ވެސް ހުރެގެންނެވެ. އެއީ: 


ހ- އެއް ސަބަބަކީ ދުނިޔޭގެ މާލީ ނިޒާމުގެ ތެރެއިން “ރައުސުލްމާލީގެ” (ކެޕިޓަލިސްޓުގެ) ނިޒާމުގެ ސިޔާސަތެވެ. އެ ނިޒާމުގެ ސިޔާސަތަކީ “ކޮންމެ ގޮތެއް ވެސް ވަރިހަމަ، ބޭނުމީ ފައިދާ“ އެވެ. އަދި އެކަން ހާސިލިކުރުމަށް ޓަކައި ތިންވަނަ ދުނިޔެއަށް އެ މާލީ ނިޒާމުގެ ނުފޫޒުގައި އުފަން ކުރާ ގާނޫނުތަކުގައި މުޅީވެސް ހުންނާނީ ރައްޔަތުންގެ މާލީ ހައްގުތަކަށް އަތް ގަދަކޮށްފައެވެ. ތިންވަނަ ދުނިޔޭގައި ގަނޫނު ހެދުމަށާއި ޕޮލެސީ ހެދުމަށް މެޖޯރަޓީގައި ތިބޭނީ އެ މާލީ ނިޒާމުގެ (ކެޕިޓަލިސްޓުގެ) އެހީގައި ތައްޔާރުކުރެވިފައިވާ އެ މީހުންގެ އެޖެންޓުންނެވެ. ގިނަ ގާނޫނުތައް ހެދިފައި ހުންނާނީ އެ މީހުން ދައްކާ ދެލިކޮޕީއެއްގެ މައްޗަށް ކުރެވޭ ތަރުޖަމާއެއްގެ މައްޗަށް ބިނާކުރެވިގެންނެވެ. އެހެންކަމުން ގިނަ ފަހަރަށް އެ ގަނޫނެއް އޮންނަނީ އެ ގައުމަށް ވަރަށް ބީރައްޓެހިކޮށެވެ. ދިވެހި ޕެންޝަނުގެ ގާނޫނޫ އަޅުގަނޑު ކިޔާލީމެވެ. ލިޔެވިފައި އޮތީ ދިވެހި ބަހުންނެވެ. ނަމަވެސް އޭތި ވެސް އޮތީ ދިވެއްސަށް މާނަ ދޭހަވާގޮތަށް ބަދަލުކުރަން ޖެހިފައިކަމުގައިދެކެމެވެ.
ށ- “ރައުސުލްމާލީގެ” (ކެޕިޓަލިސްޓުގެ) ނިޒާމުގެ ސިޔާސަތުގެ ބިންގަލަކީ ޔަހޫދީންނެވެ. އެ މީހުންގެ އަގީދާއަކީ އެ މީހުން ފިޔަވައި ދުނިޔޭގައި ދެންތިބޭނީ އަޅުންކަމަށެވެ. އެ މީހުން ފިޔަވައި އެހެން މީހުންގެ ލެޔަކީ އެއްވެސް އަގެއް ނެތް އެއްޗެއްކަމަށެވެ. ފަލަސްޠީނުގެ ބިމުން އެހަރަ ފެންނަނީ އޭގެ ސާބިތު ހެއްކެވެ. އެ އަގީދާގެ ދަށުން ކޮންމެ މުޖުތަމައެއްގައި ތަނަވަސްކަމުގައި ދިރިއުޅެވެންވާނީ ހޮވާލެވޭ މަދުބަޔެއްކަށެވެ. ދެން ތިބޭ މީހުން ވާންޖެހޭނީ ފަގީރު މުހުތާދުވެފައިވާ މީހުންކަމަށެވެ. 
“ރައުސުލްމާލީގެ” (ކެޕިޓަލިސްޓުގެ) ނިޒާމުގެ ސިޔާސަތުގެ ދަށުން ތިންވަނަ ދުނިޔޭގައި ހެދޭ ހުރިހާ ގާނޫނެއްގައި ނުވަތަ ޕޮލިސީތަކުގައި ހުންނާނީ އާއްމު ރައްޔަތުންނަށް އިގުތިސާދީ ފުރުސަތު ވަރަށް ވެސް ހަނިވާގޮތަކަށެވެ. މީގެ މިސާލެއް ރައްޖެއިން ބަލަމާ ހިނގާށެވެ. ރާއްޖޭގެ ފަތުރުވެރިކަމަކީ ރާއްޖޭގައި އޮތް އެންމެ މުހިންމު އެއް ސިނާއަތެވެ. އާއްމު ރައްޔަތުންނަށް އެ ފުރުސަތު ވަރަށް ވެސް ހަނިއެވެ. ޕޮލެސީ އެކުލެވިފައިވާގޮތުން ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއް ފަތުރުވެރިކަމަށް ދޫކުރަން ވެއްޖެ ނަމަ ހުށަހަޅަންޖެހޭނީ ބިޑަށެވެ. އެ ބިޑަށް ދައްކަންޖެހޭ ފައިސާއަކީ އާއްމު މީހަކަށް ކުޅަދާނަ ވެގެންވާ އަދަދަކަށް ނުވެއެވެ. އެހެންވެ ފަތުރުވެރިކަމުގެ ދައިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާނުންނާއި ދިގު މުއްދަތަކަށް އެދާއިރާއިން ތަޖުރިބާލިބިފައިވާ ޒުވަނުންނާއި އެކަމަށް ޝައުގުވެރިކަން ހުންނަ އާއްމުންނަކަށް އެ ފުރުސަތެއްނޯވެއެވެ. މިއީ އިސްވެދެންނެވުނު ވައްތަރުގެ ޕޮލެސީއެވެ. އާދެ! އަޅުގަނޑަކީ ސިޔާސީ މީހަކަށް ނުވާތީ ސިޔާސީ ކަންކަމުގެ ތެއަށް ވާހަކަ ދެއްކުމުގެ ޝައުގުވެރިކަމެއްނެތެވެ. ހަމައެކަނި ސަރުކާރަށް އިލްތިމާސުކޮށްލަން ބޭނުންވަނީ  ފަތުރުވެރިކަމުގެ ދައިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާނުންނާއި ދިގު މުއްދަތަކަށް އެދާއިރާއިން ތަޖުރިބާލިބިފައިވާ ޒުވަނުންނަށާއި އަދި އާއްމު ރައްޔަތުންގެ ތެރެއިން އެ ދާއިރައަށް ޝައުގުވެރިވާ ފަތާރްތަކަށް އެ ފަދަ ފުރުސަތު ފަސޭހައިން ލިބޭނެގޮތަކަށް ޕޮލެސީތައް ބަދަލުކޮށްދެއްވުމެވެ. އެއީ މާ އުނދަގޫ ކަމެއް ވެސް ނޫނެވެ. އެ ކަމަށް ދައްކަން ޖެހޭ ފައިސާ ވަގުތުން ދެއްކުމުގެ ބަދަލުގައި އެ ވިޔަފާރިއެއް ފަށައިގެން ލިބޭ އެއްޗަކުން ދައްކައި ޚަލާސްކުރާގޮތަކަށް ވެސް އެ ފަދަ ޕޮލެސީއެއް ބަދަލުކުރެވިދާނެކަމަށް ފެނެއެވެ. ކޮންމެއަކަސް ދަންނަވާލަން ބޭނުންވަނީ ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ދިވެހީންގެ އަތްމަތިން ދޫވެގެންގޮސް ބޭރުމީހުންނަށް މިލްކުވުމުގެ ކުރީން ދިވެހީން އެކަމުގެ ތެރެއަށް ވައްދައި އެ މީހުންގެ ފައިތިލަތައް ސާބިތުކޮށްދެވާށެވެ.


ށ- އިސްލާމީ ގާނޫނުގެ ރޫހަކީ ރަނގަޅު ކަންތައްތަކާއި ނުރަންގަޅު ކަންތައްތަކުގެ ތެރެއިން މީހަކު ކުރާ ކޮންމެ އަމަލަކަށް އޭގެ ނިސްބަތުން ވަކަވަކިން އޭގެ ބަދަލު ހައްގުވުމެވެ. ހެޔޮކަމަށް ނަމަ ހެޔޮ ބަދަލެވެ. ނުބައިކަމަށް  ނަމަ ނުބައި ބަދަލެވެ. (فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ * وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ) (الزلزلة: 7، 8 ) މާނައީ: ފަހެ ޒައްރެއްގެ މިންވަރުވިޔަސް ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. އަދިޒައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.
ޕެންޝަން ގާނޫނު އެކުލަވާލިއިރު އިސްވެދެންނެވުނުފަދަ އިސްލާމީ އުސޫލުތަކަށް ރިއާޔަތް ކުރެވިފައިނުވާތީވެ ވަޒީފާގައި އުޅެނިކޮށް ކުށްވެރިވެގެން ނުވަތަ ސިޔަސީ ނުފޫޒެއްގެ ސަބަބުން ނުވަތަ އެހެން ވެސް ސަބަބަކާހުރެ ވަޒީފާ ގެއްލިފައިފާއިވާ މީހުންގެ ޚިދުމަތުގެ އަގު ވަނީ ގެއްލިފައެވެ. ނުވަތަ “ރައުސުލްމާލީގެ” (ކެޕިޓަލިސްޓުގެ) ނިޒާމުގެ ސިޔާސަތުގެ ދަށުން ގެއްލުވާލެވިފައެވެ. އަސްލަކީ އެ މީހުން ކުރާ ކުށަކާއި އެ މީހުން ކޮށްފައި ދޫކޮށްފައިވާ ޚިދުމަތަކާ އެއީ މުޅީން ދެ އެއްޗެކެވެ. ކުރި ކުށައް ހައްގުވާ އަދަބަކީ ވަކި އެއްޗެކެވެ. ކޮށްފައިވާ ޚިދުމަތަށް ހައްގުވާ މާލީ އިނާޔަތަކީ ވަކި އެއްޗެކެވެ. 


ނ- އިސްލާމީ ގާނޫނުގެ ރޫހަކީ އިންސާނުންގެ މާލީ ހައްގުތަކުގެ ހުރުމަތް ދެމެހެއްޓުމެވެ. އެކަމުގެ ހެކި ރަސޫލާ ސ.އ.ވ. ގެ ހައްޖަތުލްވަދާޢުގައި ދެއްވި ޚުޠުބާގައި ” ހަމަކަށަވަރުން ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުން ހައްދަވައި ބޮޑުކުރެއްވި ކަލާނގެ ރަސްކަންފުޅާއި ތިޔަބައިމީހުން ބައްދަލުކޮށްފުމަށް ދާދެން ހަރާންވެ ހުރުމަތް ތެރިވެގެންވާކަމަށް” ވިދާޅުވި ބަސްފުޅު ފުދެއެވެ.  ޕެންޝަނަށް އަމާޒުކޮށްގެން ގާނޫނެއް އެކުލަވާލުމުގައި ބަލަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ އެ ގާނޫނަކުން އެއްވެސް މީހެއް މާލީ ހައްގެއް ނިގުޅޭތޯ ނުވަތަ ނޫންތޯއެވެ. ސަބަބަކީ މީހުންގެ މާލީ ހައްގުތަކަކީ އެ މީހަކު މާފުނުކުރާހާ ހިނދެއްގައި މާފެއްނެތް އޭގެ ދައުވާ ގިޔާމަތާ ޖެހެންދެން އުފުލިގެންވާ ހައްގަކަށްވާތީއެވެ. ހައްޖުގެ އަޅުކަމުން ވެސް އާދަމުގެ ދަރީންގެ ހައްގުތައް ޚާއްޞަކޮށް މާލީ ހައްގުތަށް މާފުނުވެއެވެ. ހަދީސެއްގައި (أنَّ الحجَّ يهدِمُ ما كان قبلَه) “ހަމަކަށަވަރުން ޙައްޖުން އޭގެ ކުރީގެ ފާފަތައް ފުއްސެވިގެންދާނެއޭ” އޮތް ބަސްފުޅުގެ މުރާދަކީ އެއްވެސް ޝަރުޠެއްނެތި ފާފަތައް ފޮހެވިގެންދާނެ ވާހަކައެއްނޫނެވެ. ޙައްޖުގެ އަޅުކަމުން އާދަމުގެ ދަރީންގެ ހައްގުތައް ނުކެޑޭނެކަމަށް އިޝާރާތްލިބިފައިވާ އެހެން ހަދީސުތައް ވެއެވެ. ހަދީސެއްގައިވެއެވެ. (يُغْفَرُ لِلشَّهِيدِ كُلُّ ذَنْبٍ إلَّا الدَّيْنَ) ދަރަނި ފިޔަވައި ޝަހީދުންގެ އެންމެހާ ފާފަތައް ފުއްސެވިގެންވެއެވެ. 
ޕެންޝަން ގާނޫނު އެކުލަވާލިއިރު އިސްވެދެންނެވުނުފަދައިން އާދަމުގެ ދަރީންގެ މާލީ ހައްގުތަކަށް ރިއާޔަތް ކުރެވިފައިނުވާތީވެ ސަރުކާރުގެ ޚިދުމަތުގައި ވިހި އަހަރު ވެގެން ނުވަތަ ސާޅީސް އަހަރު ވެގެން އެ މީހުންނަށް އެ ދުވަސްވަރު ލިބިލިބި ހުރި އެމީހުންގެ މާލީ ހައްގުވަނީ ނިގުޅައިގަނެވިފައެވެ.    


ރ- އިސްލާމީ ގާނޫނުގެ ރޫހަކީ އިންސާނުންގެ އަމަލުތަކުގެ ތަފާތު ދަރަޖަތަކުގެ މައްޗަށް އޭގެ ހައްގު އުޖޫރަދިނުމެވެ. ތަފާތު ޚިދުމަތުގެ އަގު ތަފާތުކޮށް ވަޒަންކުރުމެވެ. (أَمَّنْ هُوَ قَٰنِتٌ ءَانَآءَ ٱلَّيْلِ سَاجِدًا وَقَآئِمًا يَحْذَرُ ٱلْءَاخِرَةَ وَيَرْجُواْ رَحْمَةَ رَبِّهِۦ ۗ قُلْ هَلْ يَسْتَوِى ٱلَّذِينَ يَعْلَمُونَ وَٱلَّذِينَ لَا يَعْلَمُونَ ۗ ) الزمر 9މާނައީ: ރޭގަނޑުގެ ވަގުތުތަކުގައި (ނަމާދުކޮށް) ސަޖިދާގައްޔާއި، ގިޔާމުގައި މަޑުމޮޅިވެ، އާޚިރަތްދުވަހަށް ބިރުވެތިވެ،އޭނާގެ ވެރިރަސްކަލާނގެ ރަހުމަތަށް އެދޭމީހަކު (އެނޫންމީހަކާ) އެއްފަދަވާނެހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟
ޕެންޝަނަށް އަމާޒުކޮށްގެން ގާނޫނެއް އެކުލަވާލުމުގައި ބަލަންޖެހޭ އެންމެ މުހިންމު އަނެއް ކަމަކީ އެ ގާނޫނުން އާދަމުގެ ދަރީގެ ތަފާތު ޚިދުމަތުގެ އަގު ވަޒަންކުރެވި އެ މީހެއްގެ ޚިދުމަތުގެ ވަގުތާ މިނުން އެ މީހަކަށް އޭގެ ފުރިހަމަ ބަދަލު ލިބެދިނުމަށެވެ. އެ ފަދަ ގާނޫނެއް އެކުލެވެން ޖެހޭނީ ތަފާތު ޕުރޮފެޝަނަލް ދާއިރާތަކުގެ ޚިދުމަތުގެ އަގު ވަޒަންކުރެވޭ ފަދަ ގޮތަކަށެވެ. މިސާލަކަށް މެޑިކަލް ޑޮކުޓަރަކަށް މާލީ އިނާޔަތެއް ކަނޑައަޅާ ނަމަ ނަރުސް މީހާގެ ދައުރު އެކަމުގައި އޮތީ ކިހާވަރަކަށްތޯ ދަނެގަތުމެވެ. އަދި އެ ދެ ފަރާތުގެ ޕުރޮފެޝަނަލް މިންގަޑުގެ ތަފާތު ދަނެގަތުމެވެ.     


ޕެންޝަން އިސްކީމުގެ ތަރައްގީގެ ތަސައްވުރު
ޕެންޝަން އިސްކީމުގެ ތަރައްގީގެ ތަސައްވުރަކީ “މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމު” ގެ މާއްދާތައް އަލުން މުރާޖާކޮށް އެއްވެސް ރައްޔަތެއްގެ މާލީ ހައްގެއް އަދި އަދާކޮށްފައިވާ ވަޒީފާއެއްގެ މުއްދަތު ނުގެއްލޭގޮތަށް ޕެންޝަން ސްކީމު ބަދަލުގެނައުމެވެ. އެގޮތުން ކުރާނެ ކަންތަކަކީ: 
އެކެއް: “އަސާސީ ޕެންޝަން ސްކީމް” ގެ ފަސްހާސް ރުފިޔާއަކީ އަކީ ދިވެހި ހުރިހާ ރައްޔަތުނަނަށް ހަމަހަމަ އުސޫލުން މަސައްކަތް ކުރިއަސް ނުވަތަ ނުކުރިއަސް ދެވޭ މާލީ ވަކި ހައްގެއްގެ ގޮތުގައި ކަނޑައެޅުން.


ދޭއް: “މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް” ގެ އުމުރު ދުވަހަށް ދެވޭ އިނާޔަތުގެ އަސާސީ (ބޭސިކު) ފައިސާގެ މިންވަރަކީ ރާއްޖޭގައި މީހަކަށް ދިރިއުޅުމުގެ ޟުރޫރީ ބޭނުންތަކަށް (ކަރަންޓާއި ފެނާއި ކެއުމާއި އޮނުފޭރާމަށް އަދި ވެސް އެހެނިހެން ޟުރީރީ ކަންތައްތަކަށް) ފުދޭނެވަރު އަދަދެއް ކަނޑައަޅައި ވަޒީފާތަކުން ރިޓަޔަކުރެވޭ ހުރިހާ މީހުންނަށް ހަމަހަމަ އުސޫލުން އެ އަދަދު ލިބިދިނުން. 


ތިނެއް: އުމުރު ދުވަހަށް ދެވޭ އިނާޔަތުގެ އަސާސީ (ބޭސިކު) ފައިސާގެ މިންވަރުގެ ތެރެއަށް އެ މީހަކު ޚިދުމަތްކުރި މުއްދަތަށް މިހާރު ވެސް ހިސާބުކުރާ އުސޫލުން (ހަމަޖެހިފައިވާ ގަވައިދުން) ހިސާބުކުރުމުން އަންނަ އަދަދެއް އިތުރުކޮށް އެ މީހުންނަށް އެ ހައްގު ލިބިދިނުން. 


7: ކުރީގެ ގާނޫނުތަކުން ބައެއް މީހުންނަށް ލިބިފައިވާ މާލީ ހައްގުތައް ( ވިހި އަހަރުވުމުން ދޭ އިނާޔަތް، ސަޅީސް އަހަރު ވުމުން ދޭ އިނާޔަތް)  އަލަށް ހެދުނު ގާނޫން ރިޓަޔަރ ވިޔަސް ނުވިޔަސް ދެމެހެއްޓުން. ސަބަބަކީ ގާނޫނަކުން ލިބިފައިވާ މާލީ ހައްގުތަކަކީ އަނެއް ގާނޫނަކުން އުވާލަންޖެހޭ އެއްޗެއް ނޫންކަމަށްވާތީ.
ފަހެއް: ވަޒީފާގައި އުޅެނިކޮށް ކުށްވެރިވެގެން ނުވަތަ ސިޔާސީ ނުފޫޒެއްގެ ސަބަބުން ނުވަތަ ނުވަތަ އަމިއްލައިން ދޫކޮށްގެން ނުވަތަ އެހެން ވެސް ސަބަބަކާހުރެ ވަޒީފާ ގެއްލިފައިފާއިވާ މީހުން ރިޓަޔަރމަންޓް ޕެންޝަން ސްކީމަށް ވައްދައި އެ މހުންނަށް ވެސް އުމުރު ދުވަހަށް ދެވޭ އިނާޔަތުގެ އަސާސީ (ބޭސިކު) ފައިސާގެ މިންވަރު ހަމަޖައްސައިދީ އަދި މީހުންގެ ޚިދުމަތުގެ މުއްދަތުން އެ މީހުނަށް ހައްގުވާ ބައި ލިބިދިނުން.  
މިފަދަ ގޮތަކަށް ޕެންޝަން އިސްކީމު ބަދަލުކޮށްލެވިއްޖެ ނަމަ ވަރަށް ބޮޑު އިގުތިސާދީ ހެޔޮބަދަލެއް މުޖުތަމައުން ފެނިގެންދާނެއެވެ. މަސް ނިމޭ ދުވަހު ފެންނާނީ އާއިލާތައް އުފަލުން ފޮޅެމުން ކުޑަކުދީން އަތުގައި ހިފައިގެން ބާޒާރުމަތީ އުފާފާޅުކުރާ މަންޒަރެވެ. ކުދި ވިޔަފާރިވެރީންނައި މެދު ވިޔަފާރިވެރިން އަވަދިނެތި ވިޔަފާރީގައި ނަގައިއަޅާ މަންޒަރެވެ. ސަރުކާރުގެ ފައިސާ ބައިތުލްމާލުގައި ގަނޑުކޮށްފައި ހުރުމަށްވުރެން ރައްޔަތުންގެ އަތުގައި އެންބުރޭ ނަމަ އޭގެ ފައިދާ މުޖުތަމައަށް ބޮޑުވާނެއެވެ.            


ނިންމާލުން: ދިވެހިރާއްޖެ ތަރައްގީ ކުރުމަށް ބޭނުންވާ އިތުރު ކިތަންމެ ކަންތައްތަކެއް ހުންނާނެއެވެ. ޚިޔާލެއް އޮތް ނަމަ ހިއްސާކޮއްލަދެއްވުން އެދެމެވެ. ޝުކުރިއްޔާ!