
ރަށަކީ ހުވަދޫ އަތޮޅު އުތުރުބުރީ ދިޔަދޫ އެވެ. އެއްދުވަހެއްގެ ހެނދުނުގެ ހަމަހިމޭންވަގުތެވެ. ދުވަސްވަރަކީ ހާހާއިނުވަސަތޭކަ ހަތްދިހައިގެ އަހަރުތަކެވެ. މުޅި ރާއްޖެއަށްވެސް ނުހަނު ތަދު ދުވަސްވަރެއްވެސްމެއެވެ. އެހެންކަމުން އެކިރަށްރަށުގެ ރައްޔިތުން ދިޔާހަކުރާއި ކާށި އަދި ރިހާކުރާއި ކުނަލާއި ބަތްޕޮޅި ފަދަތަކެތި ހިފައިގެން އޮޑިދޯނިފަހަރުގައި އެކިއަތޮޅުތަކަށް ވިޔާފާރި ދަތުރުތައް ކޮށް އުޅުނު ދުވަސް ވަރެއްވެސް މެއެވެ.
ހެދުނު 6 ޖަހާކަންހާއިރު އެރަށުގެ މީހަކު ގޮނޑުދޮށުން ހިމުންދޮންވެލި ނަގައި ވެލިން ދަތްއުނގުޅަމުން ރަށުގެ ފާލަންކޮޅުގައި ބަނެދެފައި އޮތް ބޮއްކުރައެއް ބަލާލަން ފާލަމަށް އެރިއެވެ. އެ ބޮއްކުރާއާއިބެހޭ މަޢުލޫމާތު އޮޅުންފިލުވާލުމުން އެނގުނީ އެއީ ހުވަދޫއަތޮޅު ދެކުނުބުރީ ރަތަފަންދޫ ބަޝީރުގެ ބޮއްކުރައެއްގައި އޭނާގެ ދަރިފުޅާއި އަދި އިތުރު ތިންމީހުން ކުރަމުން ގެންދާ ވިޔާފާރިދަތުރެެއްކަމެވެ. އޭރު ބޮއްކުރައިން ދަތުރުކުރި 4 މީހުންގެ ތެރެއިން އެކަކު ދިޔަދޫގޮނޑު ދޮށަށް ފައިބާ ގޮނޑުދޮށުން އޮއިވާލި ދަރުކޮޅެއް ހޮވައިގެން ބޮއްކުރައަށް އެރިއެވެ. އެދަރުތައް އުދުންކޮށީގައި ޖަހާ ހެނދުނުގެ ނާސްތާ އޭގެ ތެރެއިން އެކަކު ގެންދިޔައީ ތައްޔާރުކުރަމުންނެވެ. ދަތްއުގުޅަމުން ފާލަމަށް އެރީ އެރަށު ކުޑަފުތާ އެވެ. ގިނަމީހުން އޭނާއާއި މުޚާތަބުކޮށް އުޅެނީ ދޮންބޭބެއެވެ. ދޮންބޭބެ އެ ބޮއްކުރާގެ އެކި ކަލިވަތްތަކަށް ބަލާލި ވަގުތު އެ ބޮއްކުރާގެ ދިރުނބާކޮޅުގެ ކަލިވަތެއްގެ ތެރޭގައި ނުހެހިހުރި ކާށިތަކެއް ފެނުނެވެ.
ދޮންބޭބެގެ ގާތުގައި އެވަގުތުހުރި ޒުވާން ފިރިހެންކުއްޖެއްގެ ގާތުގައި ދޮންބޭބެ ބުންޏެވެ.ބޮއްކުރާގެ ދިރުބާނކޮޅުގެ ކަލިވަތުގައި ރަށުބަހުން ބުނާނަމަ ކޮޅުވަތުގައި އެހުރީ މާރެހާގެ ރާބޮއްލާ ރުއްގަނޑުގެ ރުކެއްގެ ކާށްޓެވެ. މާރެހާއަކީ ދޮންބޭބެގެ އެއްބަނޑު އެއްބަފާ ބޮޑުބޭބެ ތުއްތުބޭ ދައުލަތުން ވަރުވާއަށް ލިއުއްވައިގެންއުޅޭ ރުށްގިނަ ފަޅުރަށެކެވެ.
ދޮންބޭބެ ގެއަށް ދިޔަތާ ގިނައިރުތަކެއް ނުވެ އެރަށުގެ ދެޖިންސުގެ ވިއްސަކަށް މީހުން އަތިރިމައްޗަށް އަންނަތަން ފެނުނެވެ. އެވަގުތަކީ ރަތަފަންދޫ ވިޔާފާރި ބޮއްކުރާ ފުރިވަގުތެވެ.ކުއްލިއަކަށް ފަޅުގައި އަޅާފައި އޮތް އެސައިޒުގެ ބިއްކުރައެއް ގޮނޑުދޮށަށް ގާތްކޮށްކޮށް އެ ބޮއްކުރައަށް ގިނަބަޔަކު އަރައި ރަތަފަންދޫ ވިޔާފާރި ބޮއްކުރާ އާއިދިމާލަށް ރިތާއި ފަލީގައި ވަރަށް ބާރަށްގޮސް އެބޮއްކުރައަށް އަށްއަރާ މަރާމާރީ ހިންގާ އެބޮއްކުރާގައިތިބި ހަތަރު ފިރިހެނުން ރަޙީނުކޮށްގެން އެ ބޮއްކުރާ ދިޔަދުއަށް ގެނެސް އެ ހުރިގޮތަށް އެއްގަމަށް އެހެލައިފިއެވެ. އޭރު ރަތަފަންދޫގެ ހަތަރުމީހުންގެ ތެރެއިން ބައެއްމީހުންގެ ގައިން ޒަޚަމަތަކާއެކު ލޭފައިބަމުންދިޔަ މަންޒަރު އެރަށުގެ ކަތީބުގެ ބޮޑުދައިތައަށް ފެނުނު ކަމަށް އޭނާ ކިޔަދީފައިވެއެވެ. ބޮޑަށް ޒަޚަމް ވެފައިވަނީ ހުންގާނުގައި ހުރިމީހާއެވެ. ރުގިއްޔާއްތަ ގާތުގައި އެމީހާ ބުނިގޮތުގައި ބޮއްކުރާގެ ހުންގާނު ކަނޑާލުމަށްޓަކާ ދޮންބޭގެ ދޮށީ ފިރިހެން ދަރިފުޅު ހުންގާނުގެ ހަޅިބައިނުގައި ކަތިވަޅިން ޖެހިވަގުތު އޭނާ އެ ހަޅިބައިން ކެނޑިއަނުދިނުމަށް އަތްދިއްކުރުމުން އަތުގެ އިނލިތަކާއެކު ހަޅިބައިން ބުރިކޮށް ހުންގާނު ކެނޑީކަމުގައެވެ.

ބޮއްކުރާ އެއްގަމަށް އެހެލުމަށްފަހު ބޮއްކުރާގައި ހުރިތަކެއްޗާއެކު އެ ހަތަރުމީހުން ރަށުއޮފީހަށް ގެންގޮސް އެމީހުންގުދަނަށްލީކަމަށް ރުގިއްޔާއްތަ ބުންޏެވެ. އެމީހުންނަށް ބޭސްފަރުވާކުރަން ހަވާލުކުރީ ރުގިއްޔާ ދައްތައާއިއެވެ. އެމީހުންގެ ބޭސްފަރުވާނިމި ޝަރީޢަތް ހިންގައި އެމީހުން އެކުށަށް އިޢްތިރާފުވުމުން މާރެހާއިން އެޅިކާށިގެ ބަދަލު އެމީހުންގެނައި ތަކެތިން ނެގުމަށްފަހު އެމީހުން ފުރުމުގެ ހުއްދަ ދެވުނެވެ. އެދުވަހު ފުރަމުން އެމީހުން ބުނިކަމަށް ވަނީ އެމީހުން މާރެހާއިން ވަގުރުކު ނައަޅާކަމަށާއި އިޢުތިރާފުވީ އަނިޔާއަށް ކެތްނުވެގެންކަމަށެވެ. އެހެން ނަމަވެސް އަދި އެރަށުން ކާށިއަޅާނެ ކަމުގެ އިންޒާރު ވަނީ އެމީހުން ފުރަމުން ދީފައެވެ.
ރަތަފަންދޫ ވިޔާފާރި ބޮއްކުރާ ރަހީނުކުރުމުގެ ސުޕަހީރޯއަކީ ދޮންބޭބެ ދޮށީ ފިރިހެން ދަރިފުޅެވެ. މާރެހާ ދައުލަތުން ވަރުވާއަށް ލިޔެދީފައިވަނީ އެރަށުގެ އެދުވަސްވަރު އެންމެ ތަނަވަސް އަދި އެންމެ ބާރުގަދަ މީހާކަމަށް ވާ ތުއްތުބޭ އަށެވެ. އޭނާގެ ދެ އަންހެން ދަރިން ކައިވެނީގެ ގޮތުން ގުޅިފައިވަނީ އެރަށު ބޮޑުކަތީބުއާއި ކުޑަކަތީބު އާއިއެވެ. އެހެން ކަމުން އެރަށުގެ ރައްޔިތުން ތިބީ ތުއްތުބޭގެ ބާރާ ނުފޫޒުގެ ދަށުގައެވެ.ރަތަފަންދޫ ވިޔާފާރި ބޮއްކުރާ އެތޮޅުގެ ރަށްތަކަށް ވިޔާފާރި ކުރުމަށްޓަކާ ދިޔަދޫއަށް އެމީހުންގެނައި ތަކެތިކޮޅުން އެރަށަށް ފިދުޔަ ދިނުމަށްފަހު ބާކީވި އެތިކޮޅު ހިފައިގެން ދާންދޫ އާއި މާމެންދުއަށް ދިއުމަށްފަހު އެނބުރި ރަށަށް ދިއުމައްޓަކާ ފުރިޚަބަރު ލިބުނެވެ. އެހެން ކަމާއެކު އެމީހުން މާރެހާއިން ވަގަށް ކާށިއަޅާނެކަމަށް ބުނެފައި އޮތުމާއެކު އޭގެ ފަހުން ކޮންމެ ރެޔަކު މާރެހާއަށް ރަށްވެރި ގޭގެ ފަރާތުން އެހަތަރުމީހުން މަތަކުރެވޭވަރުގެ ޓީމެއް ފޮނުވަމުން ދިޔަކަމަށް ދިޔަދޫގެ ބައެއްމީހުންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ. ދުވަސްވަރަކީ ހުޅަނގު މޫސުން ކަމަށް ވެފައި އެނަކަތަކީ ގަދަ ނަކަތަކަށް ވުމުން ރަތަފަންދޫ ވިޔާފާރި ބޮއްކުރާ މާމެންދޫއިން ފުރީ ގަދަވިއްސާރައިގައެވެ

. އެހެންކަމާއެކު ބޮއްކުރާގެ ރިޔާ ފަޅައިގެން ދިޔައެވެ ރިޔާފެހުމަށްޓަކާ ދެއްވަދޫއަށް ގޮސް އެރަށުން ރިޔާފެހުމަށްފަހު ދެއްވަދޫއިން ފުރި ޚަބަރު ލިބުނެވެ. އަތޮޅަށް ވަރައް ވިއްސާރައެވެ. ކަނޑުދަތުރުކުރެވޭވަރަށްވުރެ ވިއްސާރައެވެ. އެހެން ކަމާއެކު ރަތަފަންދޫ ވިޔާފާރި ބޮއްކުރާ ދެއްވަދޫއިން ފުރިތާ ހަފުތާއެއް ވެގެން ދިޔައިރުވެސް އެބޮއްކުރާގެ އެއްވެސް ޚަބަރެއް ދަބަރެއް ނުވެއެވެ. އަދި އަތޮޅުގެ އެއްވެސް ރަށެއްގައި އެމީހުން ނެތްކަމަށް ވޯކީ ޓޯކީ ގެ ޒަރީޢާއިން ވަނީ ޚަބަރު ލިބިފައެވެ. އެހެނަސް މާރެހާގައި ފޯރިމަރަމުން ދިޔަ ދިއުން ހުއްޓުމެއް ނެތި ކުރިއަށް ދިޔަކަމަށް ޚަބަރުތައް ބުނެއެވެ.
އެއްދުވަހެއްގެ ހެނދުނު ދިހަޔަކާ އެގާރަ ޖެހުމާ ދެމެދުގެ ވަގުތެއްގައި އެރޭފަތިހު ދިޔަދޫއިންވަދާދިޔަ ބަޔަކު މާރެހާ ކަނޑުން ވަދެގެން އެރަށުފަޅުންދަތުރުކޮށްފައި ދިޔަދޫ އަށް ދިޔަ މަގުމަރީގައި ރަތަފަންދޫ ބޮއްކުރާ އެމީހުން ވަގުރުކު އެޅިކަމަށް ބުނާރައްގަނޑާ ދިމާލުން މަގޫގަސްތަކުގެ ތެރެއަށް ވަދެފައި ހުއްޓާފެނިއްޖެއެވެ. ބޮއްކުރާ ފެނުނު އިރު އެބޮއްކުރާގެ ކުނބެއް ރިޔަލެއް މަޅެއް ރިތެއް ފައްޔެއް އަދި ވާވެލާވެލީގެ އެއްވެސް ސާމާނެއް ފެންނާކަށް ނެތެވެ ނަމަވެސް ބޮއްކުރާގައި ގަމަތެއްވެސް ނެތެވެ.ބޮއްކުރާގެ ތެރޭގައި ކުޑަކުޑަ ގުޅިޔަކާއި ބައިރުފިޔާ އެއް އޮތެވެ. އަދި ބޮއްކުރާގެ ހަފޮޅުގައި ލޭ ކަމަށް ލަފާކުރާ ލޭގެ ކުލަ ކުޑަތަންކޮޅެއްގައި ހުރިކަމަށް އެ ބޮއްކުރާފެނުނު މީހުން މަޢުލޫމަތު ދީފައިވެއެވެ.
ބޮއްކުރައަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.ނޮއްކުރާ ފެނުމާއެކު ވޯކީޓޯކީގެ ޒަރީޢާއިން އެއަތޮޅު އަތޮޅުއޮފީހަށް އަންގާ ދެން ހަދަންވީގޮތް ދިޔަދޫ އިން ވަދާދިޔަ މީހުން އޮޅުން ފިލުވިއެވެ. އަތޮޅުއޮފީހުން އެންގެވީ ބައްކުރާގައި އަތްނުލުމަށާއި ހުރިގިތަށް ނެހެއްޓު.ަށްފަހު އޭގައި ދަތުރުކުރިމީހުން މާރެހާގައި ތިބިތޯބަލާ އެމީހުން ހޯދުމުގެ މަސައްކަތް ފެށުމަށެވެ. ދިޔަދޫ އޮފީހުން ފޮނުވިބަޔަކު އެމަސައްކަތް ކުރަމުން ދިޔަ ކަމަށް އެރަށުން ޚަބަރު ލިބުނެވެ.
ރަތަފަންދޫ ވިޔާފާރި ދޯނިން ދަތުރުކުރީ 35 އަހަރާއި 19 އަހަރާއި ދެމެދުގެ ހަތަރު ޒުވާނުންނެވެ. ޖެހިގެން އައި ދުވަހު އަތޮޅުއޮފީހުގެ ޓީމެއް މާރެހާއަށް ޒިޔާރަތް ކޮށް ބޮއްކުރާއާއި ބެހޭ ދިރާސާތައްކޮށް އެމީހުން ހޯދުމުގެ މަސައްކަތް ފެށިއެވެ. އޭގެ އަނެއްދުވަހު މާލޭސަރުކާރުން ޑައިވިން ޓީމަކާއި ފޮރެންސިކް ތަޙުލީލު ޓީމެއް މާރެހާއަށް އައިސް އެބޭފުޅުންގެ މަސައްކަތް ފެށްޓެވިއެވެ. މާރެހާއާއި ގެމަނަފުށްޓާ ދެމެދު ކަނޑެއް އޮވެއެވެ. ދިޔަދޫފަޅެތެރޭގައި އޮންނަ މާރެހާއަށް ދިޔަދޫއިން ހިނގާފައި ދެވެއެވެ. ގއ. ދެއްވަދޫއިން ފުރި ރަތަފަންދޫ ބޮއްކުރާ އެބުނާ ރާބޮއްލާ ރުއްގަނޑުގެ ގޮނޑުދޮށް ފަރާތަށް އައީ ކިހިނެއްކަމާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ދިޔައެވެ. ރަތަފަންދޫ އުޅަނދުގައި ތިބި މީހުންކޮބައި ހެއްޔެވެ. މާރެހާކަނޑުގެ ކަނޑުތޮށްޓާ ގުޅިފައިވާ ހުރާގަނޑެއް މާރެހާގެ ދެކުނުފަރާތު ގެމަނަފުށްޓާވީ ކޮޅުގައި އޮވެއެވެ. އެހުރާއަކީ އަކިރިހުރާގަނޑެކެވެ.
ގެމަނަފުށީ މަސްވެރިންނަށް މާރެހާ ކަޑުންނުކުމެ ވަދެ ހަދާއިރު އެ ހުރާއިން އުވަދަވާ ވަހުން އަރާދުމުގެ ވަސް ދުވާނެއެވެ. މިހުރާ އޮންނަނީ އެހާވެސް ކަނޑުތޮށްޓާ ގާތުގައެވެ.
އެހެންކަމުން މާރެހާކަނޑުން ވަދެ ނުކުމެ އުޅޭ މަސްދޯނިފަހަރުގައި އުޅޭމަސްވެރިންނަށް މަރެހާގެ ހުރާގަނޑުގެ އުވަވަޅުތަކުން އަރާދުމުގެ ވަސް ދުވައެވެ. އެއްދުވަހެއްގެ ހެނދުނު މަހަށްނުކުތް ބަޔަކަށް އެ ހުރާގަނޑުގައި ރޯކޮށްފައި ހުރި އުވަވަޅަކުން މިނިއަނދާވަސް ދުވިކަމަށް ގެމަނަފުށީގެ އެތައްމަސްވެރިން ބުނެފައި ވެއެވެ.

މިޚަބަރު މާލޭޕޮލިސްއަށް އަތޮޅުއޮފީހުން ރިޕޯޓު ކުރުމާއި ގުޅިގެން މާލޭޕޮލިސްގެ ތަޙުގީގު ޓީމަކާއި ފޮރެންސިކް ޓީމެއް މާރެހާއަށް އައިސް އެހުރާގަނޑުގައި އެންމެފަހުން ދަވާފައި މަތި ނުނަގާހުރި އުވަޅެއްގެ މަތިނަގައި އެ އުވަޅުގެ ތަޙުލީލު ކޮށްފައި ވެއެވެ. އޭރު ރާއްޖޭގައި ފެންވަރު ރަނގަޅު ފޮރެންސިކް ޓީމެއް ވެސް ނެތެވެ. އެހެން ކަމުން އެ އުވަ ވަޅުގައި އިންސާނުން އަންދާފައިވާކަމުގެ ހެއްކެއް ނުފެނެއެވެ.
ރަތަފަންދޫ ވިޔާފާރި އުޅަނދު ދިޔަދޫއިން ރަހީނުކުރި ކުރުމުގެ ތެރޭގައި ހިންގާފައިވާ ރަޙުމް ކުޑައަނިޔާތަކާއި އެމީހުން މުޚާތަބު ކުރިބަސްތަކުން ރަތަފަންދޫ ޒުވާނުންތިބީ ވަރަށް ބޮޑަށް ބިރުގެންފައި ކަމަށް އެރަށުން އެމީހުނާ ވާހަކަދެއްކި އެ ޖަރީމާގައި ބައިވެރި ނުވާމީހުން ބުނެފައިވެއެވެ. ރަތަފަންދޫ ޒުވާނުންނަށް ދިޔަދޫއިން ވަނީ ކަތިވަޅިން ވެސް ޙަމަލާދީފައެވެ.
ދިޔަދޫގެ ގުދަނުގައި އެމީހުން ތިބި އިރު އެމީހުނަށް ބޭސްފަރުވާ ކޮށްދިން ފަރާތުން ބުނިގޮތުގައި އެމީހުން ތިބީ ނަފުސާނީބިރުވެރި ކަމެއްގެ ތެރޭގައި ކަމަށެވެ. އަނެއްކޮޅުން ބޮއްކުރާފެނުނު ގޮނޑު ދޮށަކީ އެމީހުން އަދި އެ ރުއްގަނޑުން ކާށިއަޅާނެ ކަމަށް ބުނެފައިވާ ރުއްގަނޑު ހުރި ދިމާލުން ގޮނޑުދޮށް ކަމަށް ވުމުން ދެވަނަ ފަހަރު އެމީހުން ބުނެފައިވާގޮތަށް ކާށި އަޅަން އެ ފަޅުރަށަށް އައީކަމަށް ވެސް ބައެއްމީހުން ތުހުމަތު ކުރެއެވެ.
ދެއްވަދޫ އަކީ އެއަތޮޅުގެ މެދުތެރޭގައި އޮންނަ ރަށެކެވެ. އެރަށުން ފުރި އުޅަނދު ގައި ރިޔަލެއް ފައްޔެއް ރިތެއް މަޅެއް މުދަލެއް ވާވެލާވެއްޔެއް ނެތި އަދި އުޅަނދު ނުފެތި ފެންމަތީގައި ހުއްޓާ އެހިސާބަށް އޮޔާ ބެހިގެން އައިނަމަވެސް އެމީހުން އެއުޅަދު ދޫކޮށް ކަނޑަށް ފުންމާލާނެ ކަމަށް ގަބޫލެއް ނުކުރެވެއެވެ. އަދި އެމީހުން އެ އުޅަނދުގެ އެންމެހައި ތަކެތި މޫދަށް އުކާލާފައި އެމީހުން އެއުޅަނދު ދޫކޮށް ދިޔައީ ކޮންތާކަށް ތޯ އެއީވެސް އުފެދޭ ސުވާލެކެވެ މާރެހާގެ ރަށްވެރިގެއިން އެރަށުގެ ފޯރިމަރަން ފޮނުވާ ޓީމު އެރަށަށް ދަނީ ތޫނުހަތިޔާރާއެކުގައި ކަމަށް ޚަބަރުލިބިފައި ވެއެވެ.
ރަތަފަންދޫ އުޅަނދު ފެނުނުތާ ދެވަނައަށްވިދުވަހު ގެމަނަފުށީގެ ފަރުމަތިން އެ އުޅަނދުގައި ދަތުރުކުރި ޒުވާނެއްގެ މުންޑު ފެނިފައިވެއެވެ. އެކަމާއި ގުޅިގެން އެސަރައްދު ވަނީ ޑައިވިންގ ކޮށް ބަލާހަދާފައެވެ. ނަމަވެސް އެމީހުންގެ ޚަބަރެއް ނުވިއެވެ. ކޮންމެއަކަސް އެމީހުން އެބޮއްކުރަގައި ދެވަނަ ފަހަރު އެސަޙައްދަށް އައީކަމަށް ތުހުމަތު ކުރެވެއެވެ. ރަށުތެރޭގައި ތުންތުންމަތިން ދެކެވޭވާހަކަ ތަކާއި އެ މީހުނާމެދު ކަންކޮށްފައިވާ ގޮތާއި ދީފައި ހުރި ރަޙުމްކުޑަ އަނިޔާ ތަކަށް ރިޢާޔަތް ކޮށްދިރާސާ ކުރުމުން އުޅަނދުގެ ހުރި ތަކެއްޗާއެކު އެހަތަރުމީހުން އެ އުވަޅުގައި އަންދާލާފައި ކަމަށް ތުހުމަތު ކުރެވެއެވެ.
ރަތަފަންދޫ ޒުވާނުންގެ މަރުގެ ތަޙުގީގު ހިންގަން ފެށުނީ ކަންހިނގިތާ ގިނަދުވަސް ދުވަސްތަކެއް މާޟީވެ ދިއުމަށް ފަހުގައެވެ. އެއީ ކުރިންވެސް ދެންނެވިފައިވާފަދައިން އެސީންގެ ތަރި ދޮންބޭގެ ފިރިހެން ދަރިފުޅަށް ބުނެވުނު ބަހަކާއިގުޅިގެން މާފަހުންނެވެ. އެނާ މީހަކާ މުޚާތަބުކޮށް ބުނެފައިވަނީ ރަތަފަންދޫ މީހުނަށް ހެދިހެން ކަލެއަށް ހަދާލަފާނަމެވެ. މި ޢިބާރާތުން އެޭނަ އެހެން މީހަކާ މުޚާތަބު ކުރުމުން އެމީހާކުރި ރިޕޯޓަކާއި ގުޅިގެން ތަޙުގީގު ހިންގިއެވެ. ދޮންބޭގެ ފިރިހެން ދަރިފުޅު މާލެ ގެނެސް ދޫނިދޫއަށް ގެންގޮސް އަނދަގޮނޑި ޖަހާ އެތަކެއް އަނިޔާކުރި ކަމަށް އޭނާބަނީ ކިޔައިދީފައެވެ. އެހެނަސް އޭނާއެއްބަހެެއްނުވިއެވެ. މިތަޙުގީގެ ތެރޭގައި ރަތަފަންދޫ ވިޔާފާރި އުޅަނދު ރަހީނު ކުރުމުގައި ބައިވެރިވި އެންމެން މާލެ ގެނެސް ތަޙުގީގު ހިންގާ އެ އެންމެން އެކިމުއްތަށް އަރުވާލިއެވެ. ރަތަފަންދޫ އުޅަދުގެ މީހުންނަށް ހެދިގޮތާއި ކުރި އަނިޔާގެ ހެކި ނެތިގެން ދިޔައީ ތަޙުގީގު ހިންގުން މާލަސްވުމުގެ ސަބަބުންނެވެ. އެމައްސަލައިގެ ހަގީގަތް އެނގޭ މީހުންވަނީ އިންޖީނުއަޅަން މާލެއަށް އައި ދިޔަދޫ މަސްދޯންޏެއް ގައި އެދޯންޏާއެކު ގެއްލިފައެވެ. އެހެން ކަމުން މައްސަލަނިމިގެން ދިޔައީ ކަމުގެ ބައިވެރިން ދެއަހަރު ތިންއަހަރު ހަތަރު އަހަރަށް އެކިރަށްރަށަށް އަރުވާލަން ކުރި ޙުކުމަކުންނެވެ. އަރުވާލަން ހުކުމް ކުރި ނަމަވެސް އެމީހުން އަރުވާނުލެވެނީސް އެމީހުނަށް ރައީސުލް ޖުމްހޫރިއްޔާ މާފުދެއްވައިފިއެވެ. އެހެންކަމުން އެމީހުން އެނބުރި އައީ ސީދާ އަމިއްލަ ރަށަށެވެ.
ދިޔަދޫއަކީ ވަރުގަދަ ސިހުރުވެރިން ތިބިރަށެކެވެ. އެހެން ކަމުން އެރަށު ސިޙުރުވެރިންގެ ބާރު ގިނަބަޔަކު ވަނީދެކެފައެވެ.
ރަތަފަންދޫގެ ލޮބުވެތި ޒުވާނުންގެ މަރުގެ މައްސަލަ އިންޞާފުވެރިކާއެކު ނުބެލުނީ މައްސަލަ ހިންގަން ހުރި ހުރިހާ ދޮރުތަކެއް އެރަށު ސިޙުރުވެރިން ސިހުރު ހަދައި ބަންދު ކުރުމާއި ގުޅިގެންކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. ދިޔަދޫ މުދިމް ކަޅުތުއްތު ދީދީގެ މަސްދޯނީގައި އިންޖީނުއަޅަން މާލެ ގެނައީ އެެއަތޮޅު ކަނޑުހުޅުދޫ މަސްދޯންޏެއް ކަފުޖަހައިގެންނެވެ. އެ ދެއުޅަނދުގައި 19 މީހުން ދަތުރުކުރިއެވެ. ރަތަފަންދޫގެ ޒުވާނުންގެ މަރުގެ ހަގީގަތާއި އެޒުވާނުން ރަޙީނުކޮށް އެޒުވާނުންނަށް ކުރި ޖިސްމާނީ ރަޙުމެއް ނެތް އަނިޔާތަށް ލޮލުންބެލި އެންމެން ވެސް އެ ދެއުޅަނދުގައި ދަތުރުކުރިއެވެ. އެ އެންމެނާއި އެ ދެއުޅަނދަށް ވީގޮތެއް އަދި އެ ދެ އުޅަނދުގެ އެއްވެސް ޚަބަރެއް އަދި އަދަށް ދާންދެންވެސް ލިބިފައެއްނުވެއެވެ. ބުނެވޭ ގޮތުގައި އެ ދެ އުޅަނދަށް ސިހުރުހަދައި އެ އެންމެނާއެކު ނައްތާލީއެވެ.
މިއީ އެރަށު މީހުން ބުނާގޮތެވެ. މިއީ ތެދުކަން ގަބޫލު ކުރެވޭ ހެކި ވެސް އެނގެން ހުއްޓެވެ. މިކަން އެނގުނުގޮތް އަޅުގަނޑަށް މީހަކު ކިޔައިދިން ގޮތް ހާމަ ކޮށްލާނަމެވެ. އިސް ވެދެންނެވުނު ދޮންބޭބެއަކީ އަތްތެރި މަސައްކަތް ކޮށްގެން އޭނާގެ ދިރިއުޅުމުގެ ޚަރަދުތައް ކުރަމުން ގެންދިޔަ މީހެކެވެ. އޭނާކުރާމަސައްކަތް ތަކުގެ ތެރޭގައި އެންދަމާ ދަލާއި މަސްހިފާ ދަލާއި އަދި ލާންދާ ބަނުން ހިމެނެއެވެ. އަދި މީގެ އިތުރުން ކާތަކެތީގެ މަތިޖަހަން ގެންގުޅޭ މުކައްބައާއި ހަނޑޫފޮޅާ ބަތްޕޮޅިއާއި މިނޫންވެސް ރުކުފަތިން ތައްޔާރު ކުރާ އެތައްވައްތަރެއް އޭނާ ވިޔެ ހަދައެވެ.
އެއްދުވަހެއްގެ ހެނދުނެވެ ދޮންބޭބެ އަތިރިޔަށް ދިޔަ ގޮތަށް އެދުވަހުގެ ހެނދުނު ދިހައެއް ޖެހިއިރުވެސް އެނބުރި ގެއަކަށް ނައެވެ. އެހެން ކަމާއެކު ފުރަތަމަ އޭނާ ފެނޭތޯ އޭނާގެ ދަރިން މަސައްކަތް ފެށިއެވެ.މިގޮތަށް އެދުވަހުގެ މެންދުރާ ހަމައަށް މަސައްކަތް ކުރުމަށްފަހު އޭނާ ނުފެނުމުން ރަށުއޮފީހަށް އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ގޮސް ބައްޕަ ހޯދާ ހޯދާ ނުފެނުނު ވާހަކަ ރިޕޯޓުކުރިއެވެ. ހަމައެވަގުތު ރަށުއޮފީހުން ސަންގު ފުމެ ރައްޔިތުން އެއްކޮށް އޭނާ ހޯދުމުގެ މަސައްކަތް އެރަށުގެ އެންމެހާރައްޔިތުން ފެށިއެވެ. ދުވަހުގެ އިރުއޮއްސެންދެން ކުރިމަސައްކަތުން ވެސް ވަނީ އޭނާނުފެނިފައެވެ. އެހެން ކަމާއެކު ބިގަރު ދިއްލައިގެން އެރޭވެސް އެތައްބަޔަކު ޖަންގަލީގެ ތެރެބަލާ އޭނާފެނޭތޯ މަސައްކަތް ކުރިއެވެ. އެރޭކުރި މަސައްކަތުންވެސް ދޮންބޭބެގެ ޚަބަރެއް ނުވިއެވެ. ދޮންބޭބެއަކީ ވެއްޓޭބަލި ހުންނަމީހެކެވެ. ކޮންމެއަކަސް ދޮންބޭބެ ފެނުނީ އޭގެ ތިންދުވަސް ފަހުން ވަލުތެރެއަށް ވެއްޓި މަރުވެފާ އޮއްވައެވެ.
ދޮންބޭބޭ ވަޅުލިތާ ހަތަރުވަރަކަށް ދުވަސް ފަހެވެ. ދިޔަދޫ މުދިމް ކަޅުތައްތުދީދީ އޭނާގެ މަސްދޯނީގައި އިންޖީނު އަޅަން މާލެއަށް ދޯނިއެހެން ދޯންޏެއްގެ ކަފުޖަހައިގެން ފުރިއެވެ. ފުރައިގެން ގޮސް އެރޭ އިރުއޮސުނު އިރު ދެވުނީ އެ އަތޮޅު ވިލިގިއްޔާ ހަމައަށެވެ. އެރޭ ދަންވަރުގެ ވަގުތެވެ. ކަތީބު އެރަށުގެ ޒުވާން ކުއްޖަކާއި ވާހަކަދައްކަމުންއެރަށުގެ ސަޙަރާއަށް ދިޔައެވެ.
ސަހަރާއަށްއަށް ދިޔައިރު ލިޔެފައިއޮތް ދަނބު ދޮން ރުކެއްގެ ކިހަކެއް ކަތީބު ގެންދިޔައެވެ. ކަތީބު ޒުވާނާގެ ގާތުގައި ބުންޏެވެ. މި މަހާނަ ކޮންނާށެވެ. ބިރުނުގަންނާށެވެ. ކޮންމެއަކަސް އެޒުވާނާމަހާނައިގެ ވަޅު ކޮންނަމުންގޮސް ސަންދޯކުގެ ބޯލާކޮޅުން ސަންދޯކުގެ ފިލާގަނޑު ފެނިއްޖެއެވެ. އެވުތު ސަންދޯކުގެ ތެރެއިން އަލިވެގެން ދިޔައެވެ. އެވަގުތު އެޒުވާނާ ސިއްސައިގެންވެސް ދިޔައެވެ. ކަތީބު ބުނުއްވިއެވެ.މި ކިހަށް ސަންދޯކުގެ މަތީގައި ބަހައްޓާށެވެ. އެޒުވާނާ އެ ކިހަށް ބެއްޓުމަށްފަހު ފަސް އަޅާ ކޮނެފައިހުރިކަން ނޭގޭނޭހެން މަހާނަހަދައިފިއެވެ. އިރުކޮޅަކު އެތާގައި ހުރެ ކަތީބު ކުރެއްވި ކަމެއް ކޮށް ނިމިގެން އެދެމީހުން އައީގެއަށެވެ. އެރެޔަކީ ދިޔަދޫ ކަޅުތުއްތު ދީދީގެ މަސްދޯނި މާލެއަށް ދާން ވިލިގިލިން ފުރިރެއެވެ. އެ ދުވަހުގެ ހެނދުނު ވަރަށް ވިއްސާރަ ވެއްޖެއެވެ. ވޯކީ ޓޯކީއަށް ރޭންޖު ނުލިބޭ ހިސާބަށް ދޯނި ދަތުރު ކޮށްފިއެވެ. އެހިސާބުން ފެށިގެން ދޯންޏަށް ވީކަމެއް ވީ ގޮތެއް އެތަކެއް ދުވަސް ވީއިރުވެސް ނޭނގެއެވެ އަދި މީހެއްގެ ޚަބަރެއްވެސް ނުވެއެވެ. އެދޯނީ ގައި ރަތަފަންދޫ މީހުންނަށް ދިޔަދޫއިން ކުރި ލާއިންސާނީ އަނިޔާތަށް ލޮލުން ދުށް މީހުން ތިބިކަމަށް އެރަށުމީހުން ބުނެއެވެ.
ޙަވާލާދީ އެމީހުން ބުނަނީ ރަހުމްކުޑަ އަނިޔާދީ ގަތުލުކޮށްލުމަށްފަހު އެ އެންމެން ވަޅަށްލައި ގާއަޅައި އަންދާލައި އެއިން އުވަ ދަވާލީއެވެ.
މިއީ އެރަށުގެ ސިހުރުވެރިންގެ ރަޙުމްކުޑަ ކަން ހާމަވެގެންދިޔަ ބިރުވެރި ކާރިސާއެކެވެ. ވީމާ އެރަށުމީހުންގެ އަތްދަށުގައި ރަތަފަންދޫ މީހުން ވުމަކީ ނުވާނޭ ކަމެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.