އޮއްސެން ނުކެރި ލަދުން
މި ސަރުކާރު އޮއްސެނީ އެވެ. ލަދުގަތަސް ބިރުގަތަސް ފިތުރަތުގެ އުޞޫލުން ހަމަ އޮސޭނެއެވެ. އެހެން ކަމުން ކާއިނާތުގައި ﷲ ލައްވާފައިވާ ކޮންމެ މަޚުލޫގާތަކަށް ނިމުން އަންނަފަދައިން އެ އިލާހު ދެއްވެވި ނިޢުމަތްތަކާއި ޢިއްޒަތާއި ބާރުތަކަށްވެސް ނިމުން އަންނާނެއެވެ. ކޮންމެ ކަމެއްވެސް ނިމިގެން ދާނީ އަޒަލުގައި އެ އިލާހު ކަނޑައަޅުއްވާފައިވާ ގޮތުގެ މަތީންނެވެ. މިކަން ކަމަކީ ބައެެއްގެ މޮޅުކަމެއް ނުވަތަ ބާރުގަދަކަމެއް ދެއްކޭނޭ ކަންކަމެއް ނޫނެވެ.
އާދޭހެވެ! ” ތަދުބީރުގައިވާ އެއްކަމެއް ކަށަވަރު މަކުރަމޭ ނެތް ކަމަށް، ތަގުދީރު އެކަމަށް ނެތްކަމުން ތަދުބީރަކުން ވާކަން ނެތޭ”
ކޮށްލާ ތަދުބީރަކުން އަޒަލުގެނިޔާ ބަދަލެއް ނުވާނެއެވެ. މިއަދުގެ ސަރުކާރަށް ދިވެހި ރައްޔިތުން އެއްބާރުލުން ދިންމިންވަރަށް މިރާއްޖޭގައި އުފެދިގެން ދިޔަ އެއްވެސް ސަރުކާރަކަށް ރައްޔިތުން އެެއްބާރުލުން ދީފައެއް ނުވެއެވެ. ވަރަށް ފުރިހަމަ އަޣުލަބިއްޔަތަކުން ރައީސް މީހާ ހޮވައި ދިނުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީވެސް މިސަރުކާރު ހިންގާ މައިޕާޓީ އަށް ރައްޔިތުންވަނީ އުންމީދާއި އިތުބާރާއެކު ދީފައެވެ. ކަން މިހެން އޮތްނަމަވެސް ރައީސްމީހާ އެވަނީ ރައްޔިތުން ނިކަމެތި ކޮށް މާޔޫސް ކުރުވާފައެވެ. ރައްޔިތުންގެ މިއަދުގެ ޙާލަތު ގާތުން ބަލައިފިނަމަ އިންސާނިއްޔަތުކަން ހުރި ހިތަކަށް ކެތެއް ނުކުރެވޭނެއެވެ.
އޭ މިހަރަ ﷲ ގެ އަޅާއެވެ. ތިބާ ރައްޔިތުންގެ ގާތުގައި ވީ ވަޢުދު ތަކާއި އަޙުދު ތަކުގެ މަތީން ހަދާން އެބަހުރިތޯއެވެ. ތިބާއާވެސް އަދި އަޅަމެންނާވެސް މަރު ބައްދަލު ކުރާނެތެވެ. ވައްކަން ކޮށްގެން ވިޔަސް އަދި ޙަލާލު މަަސައްކަތުން ވިޔަސް އެއްކުރަމުން ތިޔަ ގެންދަވާ މުދަލާއި ފައިސާ އެއް އާޚިތުގެ ގޯއްޗަކަށް ނުގެންދެވޭނެއެވެ. ވެރިކަމަކީ ތިމާގެ އަމިއްލަ މިލްކެއްކަމަށް ނުހަދާށެވެ. ރައްޔިތުންގެ މުދަލާއި ފައިސާއަށް ޚިޔާނާތް ތެރިވެ ރައްޔިތުންގެ ގާތުގައި ދޮގުހަދަމުން ތިޔަދަނީ ތިޔަ އިއްޒަތާއި ތިޔަ ބާރުގައި ޢުމުރު ދުވަހު ހުރެވޭނޭ ކަމަށްހެއްޔެވެ.
އޭ މިހަރަ އިންސާާނާއެވެ. ނަމްރޫދު ރަސްގެ ފާނުގެ ބާރާއި މުދާވެރިކަމާއި އިއްޒަތުގެ ޝާންޝައުކަތު ﷲ ގެންދެވި ގޮތް ތިބާ އަށް އެނގިލައްވާ ތޯއެވެ. ތިބާގެ ތިޔަ ނުލަފާކަމާއި ތިޔަ ކުރާ ވައްކަމާއި ތިޔަ ހިންގާ ޚިޔާނާތްތައް ތިޔަ ސިއްރު ކުރަނީ ކޮންފަރާތަކަށް ހެއްޔެވެ. ރައްޔިތުންނަށް ހެއްޔެވެ. ﷲ އަށް ހެއްޔެވެ. ކޮންމެ އަނިޔާވެރި މަކަރުވެރި ވެރިޔަކުވެސް އޭނާ އެކުރި ނުބައި ކަމެއްގެ ޖަޒާ މި ދުނިޔެމަތީގައި ވެސް ﷲ ދައްކަވާނެއެވެ. ރައްޔިތުންގެ މައްޗަށް ރަޙުމެއް ކުލުނެއް އަގަލެއް ނެތް މިހަރަ ނުލަފާ އިންސާނާއެވެ. ތިބާ އޮއްސެނީއެވެ. ތިބާއަށް ނުވެސް އެނގިއެވެ. ވިސްނާށެވެ. ތިބާ ބިރުވެތި ވާންވީ ﷲ އަށެވެ.
ތިބާގެ ބާރާއި ތިބާގެމުއްސަނދި ކަމުގެ އެއްވެސް ފައިދާއެއް ނުކުރާ ދުވަހަށް ބިރުވެތި ވާށެވެ. ތިބާ ތިޔަ އޮއްސެނީ އެއެވެ. ދިވެހި ޖައްވާއި ފަޒާގެތެރެއިންނެވެ.
އޭ މިހަރު ދޮގުހަދާ ﷲ ގެ އަޅާއެވެ. ތިބާ ވެރިކަމުގެ ދަހިވެތި ކަމުގައި ވޯޓު ހޯދަން ރައްޔިތުންގެ ގާތަށް ގޮސް ކެނޑި ފޮނި ބައިސާއާއި ފެޅި ކަރާގެ މަތިން ހަނދުމަ އެބަހުރި ހެއްޔެވެ. އަނެއްކާވެސް ރައްޔިތުންގެ ކިބައިން ކަމެއް ބޭނުންވި ހިނދު ރައްޔިތުންގެ ގާތަށް ގޮސް އިތުރު ދޮގުތައް ހަދައި ރައްޔިތުން ހައްދަން ފޮނިކަނޑަމުން ދާއިރު ލަދެއް ނުގަނޭހެއްޔެވެ. ތިބާގެ ގޮތާއި ފޮތް ރައްޔިތުންނަށް ދަސްވެއްޖެއެވެ. އޭ މިހިރަ ގޮތެއް ފޮތެއް ނެތް ﷲ ގެ އަޅާއެވެ. ރައްޔިތުންގެ ހިތްތަކުން ތިބާގެ މައްޗަށް މިހިނދު އޮހެމުން އެދަނީ ރުޅިވެރިކަމާއި ނަފުރަތުގެ އަލިފާން ކަން ތިބާއަށް އެނގޭހެއްޔެވެ.
ރައްޔިތުންގެ ގާތުގައި ތިބާ ވެފައިވާ ވަޢުދުތަކާއި އަހުދުއް ހަނދާން ނައްތާލާ އެއިން ވަޢުދެއް ފުއްދައި ނުދީ އަނެއްކާވެސް ރައްޔިތުންގެ ގާތަށް ތިޔަ ދަނީ ތިބާގެ ކިބައިގާ ލަދުވެތިކަމެއް ނެތީމާ ހެއްޔެވެ. ނޫންނަމަ ރައްޔިތުންނަކީ ބީތާއިން ކަމަށް ހީކުރެވިގެން ހެއްޔެވެ. ވެރިން ދެކެ ރައްޔިތުންގެ ހިތްތަކުގައި ލޯބި އުފެދެނީ އެ ވެރިންގެ ހިތްތަކުގައި ވެސް ރައްޔިތުންގެ މައްޗަށް ލޯބި އޮންނާތީއެވެ.
ވެރިންގެ މައްޗަށް ރައްޔިތުންގެ ހިތަކުން ލޯތްބާއި އިޙުތިރާމް އޮހެނީ ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންނާއި ތެދުބަހުން މުޚާތަބުކޮށް ރައްޔިތުންގެ އިޙުސާސްތަކަށް ގަދަރުކޮށް ރައްޔިތުންގެ ބޭނުންތައް ފުއްދައި ދޭތީއެވެ. ރައީސް މީހާ ރަށްރަށަށް ގޮސް ރައްޔިތުންނާއި ބައްދަލު ކުރުމުން ރައްޔިތުން އެ ހާމަކުރާ ނަފުރަތުގެ ޝުޢޫރު ތަކަކީ ރައްޔިތުންނަށް އޮޅުވާލާ ދޮގު ހެދުމުގެ ނަތީޖާއެވެ.
ވެރިކަން ދިނީ ރައްޔިތުންނެވެ. އެހެނަސް ވެރިކަން ލިބުމުން އެރައްޔިތުން ނިކަމެތި ކޮށް ރައްޔިތުން ހާލުގައި ޖައްސާ އެރައްޔިތުން އިޙުސާސްތަކުގައި ހުޅު ޖަހައިފީމު ނޫން ހެއްޔެވެ. ވެރިއަކަށް ވަނީ ރައްޔިތުން އެމަގާމު ދިނީމައެވެ. އެހެނަސް ވެރިއެެއްގެ ހައިިސިއްޔަތު އޮޅި ރައްޔިތުންގެ ގާތަށްގޮސް ހަދަމުން ދަނީ ހުސް ދޮގެވެ. އެއްފަހަރު ދެއްކިވާހަކަ ދެވަނަފަހަރު ރައްޔިތުންގެ ގާތަށް ގޮސް އޮޅުވާލަނީއެވެ. އެހެން ކަމާއި އެކު ރައްޔިތުން މަނިކުފާނު ދެކެ ފޫހި ވެެއޖެއެވެ. ދެން އެންމެ މަސްލަހަތު ހުރި ގޮތަކީ އަމިއްލައަށް އިސްތިއުފާ ދެއްވާފައި ގެއަށް ދިއުމެވެ. ރައްޔިތުން ވެރިކަން ދިނަސް މަގާމުގެ ނާޖާއިޒު ފައިދާ ނަގަން ރައްޔިތުން އޯކޭ އެެއް ނުވާނެއެވެ. ރައްޔިތުން ދިން މަގާމު ރައްޔިތުން ނުކުމެ ގަދަކަމުން އަތުލާނެއެވެ.
އެހެން ކަމާއެކު ރައްޔިތުން ދިން ވެރިކަން ސުލްހަވެރި ކަމާއެކު ރައްޔިތުންނާއި ޙަވާލު ކުރުމަށްނަސޭހަތް ތެރިވަމެވެ. ގައުމުގެ ހަމަޖެހުން ނުގެއްލޭ ގޮތަށް އިސްލާމް ދީނުގެ ރިވެތި އުޞޫލުން ކަންކުރުމަށް އިލްތިމާސްކުރީމެވެ.
