ބިޑަކާ ނުލާ ދައުލަތަށް ގެއްލުންވާ ގޮތަށް ޙަވާލު ކުރި ޕްރޮޖެކްޓްތައް އަތުލަންޖެހޭ
ދޮގުވެރިޔާގެ ބައިވެރިންނަށް ބިޑަކާ ނުލާ ދައުލަތަށް ގެއްލުންވާގޮތަށް ޙަވާލުކުރި އެންމެހައި މަޝްރޫޢުތައް އަތުލާ އެކަމުގައި ބައިވެރިވި އެންމެހައި ފަރާތްތަކުގެ މައްޗަށް ތަޙުގީގެއް ހިންގައި ދައުވާކުރުމަށް އޭސީސީއަށް ގޮވާލަމެވެ. މި މައްސަލަ އަކީ އޭސީސީ އިން އިސްނަގައިގެން ބަލަން ޖެހޭ މައްސަލައެކެވެ. އަދި މި މައްސަލައަކީ އެއްވެސް ފަރާތަކުން އެ މުވައްސަސާއަށް ހުށަހަޅަން ޖެހޭ މައްސަލައެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތްވާ މެންބަރުންނާއި މަޖިލީހުގެ ރައީސްއާއި ކެބިނެޓްގެ ވަޒީރުންނާއި ރައީސުލް ޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން ހިންގާފައިވާ މިކޮރަޕްޝަނަކީ ސަރުކާރަކުން މިހާތަނަށް ރާވައިގެން ހިންގި އެންމެބޮޑު ޖަރީމާ ކަމަށް ބެލެވެއެވެ.
މިގެއްލުމަކީ ދައުލަތަށް ފޫނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. ދޮގުވެރިޔާގެ ބައިވެރިންނަށާއި ދޮގުވެރިޔާއަށް ފައިދާވާގޮތަށް ނާޖާއިޒު މުއްސަނދިކަން ހޯދައި ދިނުމުގެ މަގުޞަދުގައި ކުރިއާލައި ރާވައިގެން ހިންގި މިކޮރަޕްޝަނުގެ ޢަމަލު ހިންގުމަށްޓަކާ ގާނޫނަށް ބަދަލު ގެނެސްފައިވަނީ ކެބިނެޓްގެ މަޝްވަރާއާއި އެކުގައެވެ. މި މަޝްރޫޢުތައް މުޢިއްޒުގެ ބައިވެރިންގެ ކުންފުނި ތަކާއި ޙަވާކޮށްފައިވަނީ އިސްވެ ދެންނެވުނު ފަރާތްތަކުން އަގުމަގު ކޮށް އަދި އެންމެންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު އެކުންފުނި ތަކަށް ފައިދާ ވާގޮތަށް ކަމަށް ރައްޔިތުން އެ ތުހުމަތުކުރާކުރުން ބެލެން ޖެހެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ އަށް ނިސްބަތް ވާ މެބްބަރުންނަށް 658 މިލިއަން ރުފިޔާ ލިބޭނެހެން އަދި ކޮންމެ ކުންފުންޏަކަށް 100މިލިއަން ރުފިޔާ ފައިދާވާގޮތަށެވެ.
ނަމަވެސް މި މަޝްރޫޢުތަކާއި އެކުންފުނިތަކުން ހަވާލު ވެފައިފައިވަނީ މަޝްރޫޢު ތައް ހިންގާކަށް ނޫނެވެ. ހަމައެކަނި ފައިސާގެ ބޭނުމުގައެވެ. އެހެން ކަމާއެކު ދައުލަތުގެ ކަމާއި ބެހޭ މުވައްސަސާތަކުން މިކަން ނުހުއްޓުވައިފިނަމަ ރައްޔިތުން ނުކުމެ މި ކޮރަޕްޝަން ހުއްޓުވަން ޖެހެއެވެ. ނޫންނަމަ ގައުމު ވެއްޓިގެންދާ އިގްތިޞާދީ ވަޅުގަނޑުން އަރައެއް ނުގަނެވޭނެއެވެ. އެހެން ކަމާއެކު ނޮވެމްބަރުމަހުގެ ސަތާރަ ވަނަ ދުވަހު ރައްޔިތުން މިސަރުކާރާއި މެދު ގޮތެއް ނިންނަން ޖެހޭނެއެވެ. މި ކޮރަޕްޝަނަކީ ވަދާޢީ ކޮރަޕްޝަން ކަމަށްވެސް ރައްޔިތުން ސިފަކުރެއެވެ.
މި ކޮރަޕްޝަން ހިންގި ދުވަހަކީ ލައިވްކޮށް ރައްޔިތުންގެ ކުރިމަތީގައި ނުހަނު ފާޅުކަމާއެކު ކޮރަޕްޝަން ހުއްދަކޮށް ރިޝްވަތުނެގުން ޢާންމުކުރި ތާރީޚީ ދުވަހެވެ. މިރާއްޖޭގެ ދޮގުވެރިޔާ ވަގުތުން ވަގުތަށް ހިފާހައްޔަރު ނުކޮށްފިނަމަ މިގައުމުގެ ރައްޔިތުން ބަޑަށްޖެހި މަގުފޭރުމާއި ވައްކަން ޢާންމުވެ މާރާމާރީ ވެސް ޢާންމު ވެދާނެއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އަމުރަށް ރާއްޖޭ ގާނޫނު އަސާސީއާއި ޚިލާފަށް މާލިއްޔަތު ގާނޫނު ބަދަލުކޮށް ހިންގާފައި އެވާ ޣައިރު ދުސްތޫރީ ޢަމަލު ދިވެހިރައްޔިތެއްގެ ޙައިސިއްޔަތުން ކުށްވެރި ކުރާހިނދު ދަންނަވަމެވެ. މިމަޝްރޫޢުތައް ބީލަމަށް ނުލައި އިޢުލާނު ކުރުމެއްނެތި އަދި ދައުލަތަށް ފައިދާހުރި ގޮތެއްވެސް ނުބަލާ މަޝްރޫތައް ޙަވާލ8 ކުރި މައްސަލަ ކޯޓަށް ހުށަހެޅުމަށް އިދިކޮޅުޕާޓީ ތަކަށް ގޮވާލަމެވެ. އަދި މި ޣައިރު ދުސްތޫރީ މައްސަލަ ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުން ނުބަލައިފިނަމަ އެފަރާތްތައް މަގާމުން ދުރުކޮށް ފިޔަވަޅު އެޅުމަށް ވެސް ގޮވާލަމެވެ.
އަދި ރައީސް މުޢިއްޒު އިސްވެ ހުންނަވައި އެ ހިންގި ޣައިރު ދުސްތޫރީ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ގައުމީ ސަމާލުކަމަށް ގެނައުމަށް ވެސް ގޮވާލަމެވެ. މިހެން ދަންނަވާއިރު ގައުމުގެ ޢަދުލު އިންޞާފާއި ރައްޔިތުންގެ ބާރު ރައީސުލްޖުމްހޫރިއްޔާގެ ޚިޞާރުގައި އޮތްކަންވެސް އެނގެއެވެ.
އެހެންކަމާއެކު ގައުމު މިނިވަން ކޮށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ޙިމާޔަތް ކުރަން ނުކުތުމަށް ރައްޔިތުންނަށް ގޮވާލަމެވެ. ގައުމުގެ ޙާލަތު ގޯހުން ގޯހަށް ބަދަލުވެ ރައްޔިތުންގެ ބަނޑުބިމުގައި ޖައްސަން މިސަރުކާރު އޮތަ ނުދިނުމަށްވެސް އިލްތިމާސް ކުރަމެވެ.
ރާއްޖެ މިވަނީ ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދައިގެ ހާއްޔަކަށް ބަދަލު ކޮށްލާފައެވެ. ރައްޔިތުން މިކަންކަން ހުއްޓުވަން ނުތެދުވެއްޖެ ނަމަ އަނބުރާ ރައްޔިތުންގެ އަތުޖެހޭނީ ގައުމުގެ ތޮށިގަނޑެވެ. މިއީ ސަމާސާ ވާހަކައެއް ނޫނެވެ. އެޅިހާބަަތަކަށް ރިހަ ވެގެން އަތްޖަހަން އެތިބަ މަރުމޯލުން ނިދީން ހޭލުމަށް ވެސް އަދަބު ވެރިކަމާއެކު ރޮމުން ގޮވާލަމެވެ. ގައުމު މިވަނީ ވަގުންގެ އަތްދަށުވެފައެވެ.
