އިސްލާމީ ވުޒާރާގެ މައްޗަށް ސަހަރޯ!

އިސްލާމީ ވުޒާރާގެ މައްޗަށް ސަހަރޯ!


ދީނީ ފޮތްތައް ފާސްކޮށް ނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު އިސްކުރަމުން ގެންދާތީ ސަނހަރޯ! އެވެ. މީގެ ކުރީން ފާސްކުރުމަށް ހުށަހެޅި ” ދޭތެރެ ދުރުކުރެވޭ ވަސީލަތްތަކާ އޭގެ އިސްލަމީ ހުކުމް” ނަމަކަށް ކިޔުނު ފޮތް ފާސްކޮށްނުދީ ސަހަރޯހީވާވަރުކުރުމުން ގޮތް ހުސްވެގެން މީގެ އެތައް މަހެއް ކުރިން އަދިވެސް ނޫހުގައި (ދީނީ ފޮތްތައް ފާސްކޮށްނުދީ ލަސްކުރުމުގައި އިސްލާމީ ވުޒާރާގެ އަމިއްލަ މަސްލަހަތު ) ވާކަމަށް ބުނެ އާޓިކަލެއް https://adhives.mv/57990 ލިޔުމުން އިތުރަށް ފެނުނު އެ ވުޒާރާގެ ޚުދު މުޚުތާރުކަމާ ނުލަފާ ޖައްބާރުކަމުގެ މައްޗަށް އަނހާނސަހަރޯ! އެވެ. އިސްވެ ދެންނެވުނު އާޓިކަލް ލިޔެވިފައިވަނީ 25 ޖުލައި 2024ގައިއެވެ. އޭގެ ފަހުން ހަ މަސް ދުވަސް ފާއިތުވިއިރު ވެސް އެއް ވެސް ޖަވާބެއް ނުދިނެވެ. އެތަނަކީ އަޅުގަނޑު ދަންނަ ބައެއް ދިނީ ދަންނަބޭކަލުން ވެސް މަސައްކަތް ކުރާ ތަނަކަށް ވާތީ ވަރަށް ގިނައިން ގުޅާ ވެސް ހަދަމެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި ސަހަރޯވެރިކަމެއް ހުއްޓަސް އެ ފޮތް ފާސްކޮށްދިނުމުގެ ކަންތަކާމެދު އިސްލާމީ ވުޒާރާގެ ރަސްމީ ހިންގުން ގޮސް ހުއްޓެނީ ހައިރާންމާކެއްގެ މައްޗަށެވެ.
އިސްލާމީ ވުޒާރާއަށް ގުޅާފައި ފޮތުގެ ޚަބަރުބެލުމުގައި އޮތް ބޮޑު އެއް ގޮންޖެހުމަކީ ގާނޫނުގައި އުފެއްދުމަށް ލާޒިމުކޮށްފައި ނުވާ އަމިއްލަ ކޮމެޓީތަކެއް އެ ވުޒާރާއިން އުފައްދައި ގާނޫނުގައި ނެތް ހައިސިއްޔަތް އެ ކޮމެޓީތަކަށް ދީގެން އިދާރީ ފަސާދައަށް މަގުފަހިކޮށްފައި އޮތުމެވެ. އެގޮތުން ހުށަހަޅާފައިވާ ފޮތެއްގެ ނިންމުމާ ބެހޭގޮތުން ސުވާލެއް ދަންނަވައިފި ނަމަ އިދާރީ މުވައްޒުފުގެ ޖަވާބަކަށް އޮންނަނީ އެއީ ކޮމެޓީގެ ނިންމުންކަމަށެވެ. އިސްލާމީ ވުޒާރާގެ ދީނީ ފޮތް ފާސްކުރުމުގައި އޮތް އެއް އިދާރީ ފަސާދައަކީ އެ ފަދަ ކޮމެޓީތައް އުފައްދައިގެން ގާނޫނީ އޮނިގަނޑުން ބޭރުން އެ ކޮމެޓީތައް ބޭނުންކުރުމެވެ. ބެލެވޭގޮތުގައި މިފަދަ ޣައިރު ގާނޫނީ ކޮމެޓީތައް އުފައްދައިގެން އިދާރީ ފަސާދަ އުފެއްދުމުގެ އެއް ބޭނުމަކަށްވަނީ އެބަޔަކު އެދޭބަޔަކަށް ކަންތައްކޮށްދީ އަދި ނުރުހޭބަޔަކަށް ކޮމެޓީގެ ނިންމުންކަމުގައި ބުނެ ޚިދުމަތް ނުދީ ދުވެލި މަޑުކޮށް ހިފެހެއްޓުމެވެ. މިގޮތަށް ކަންދިމާވަތީ އިސްލާމީ ވުޒާރާއިން ދީނީ ފޮތް ފާސްކޮށްދިނުމުގައި ޣައިރު ގާނޫނީ ނުފޫޒު ބޭނުންކުރަނީކަމުގެ ތުހުމަތު ކުރެވެއެވެ. ގާނޫނީ ނަޒަރަކުން ބަލައިފި ނަމަ އެއީ ކުރެވޭނެ ކަމެއްނޫނޫނެވެ. ވުޒާރާއެއްގައި ޕޮރޮފެޝަނަލް ކޮމެޓީއެއްގެ ނަމުގައި ބަޔަކަށް ނަންކިޔާފައި ބޭތިބުމަކީ މައްސަލައެއް ނޫނެވެ. މިސާލަކަށް ދީނީ ކޮމެޓީ، ސިއްހީ ކޮމެޓީ، އިޖުތިމާއީ ކިމެޓީ ފަދަ ނަންތަކެވެ. ނަމަވެސް އެ ކޮމެޓީއެއް ހިނގަން ޖެހޭނީ ގާނޫނީ އިމުގެ ތެރެއިންނެވެ. އިޖުތިމާއީ ޚިދުމަތެއް ރައްޔަކަށް ދިނުމަށް ދައުލަތުން ކަނޑައަޅާފައިވާ ޝަރުޠު ފުރިހަމަވާ ކޮންމެ މީހަކަށް އެކަމަށް އެ މީހަކު އެދިއްޖެ ނަމަ ދިނުމަކީ ރައްޔަތުންގެ އިޖުތިމާއީ ހައްގެކެވެ. ކޮމެޓީގެ ނިންމުމޭ ބުނެ އެ ހައްގުން އެ މީހަކު އިސްތިސްނާ ނުކުރެވޭނެއެވެ.
ގަބޫލުކުރެވޭގޮތުގައި ދީނީ ފޮތްތައް ބަލައި ފާސްކުރުމުގެ މިންގަނޑު ނުވަތަ ޢިލްމީ މަސައްކަތް މުރާޖައާ ކުރުމުގެ ހަގީގަތް އިސްލާމީ ވުޒަރާގައި ތިއްބަވާ ދީނީ ދަންނަބެކަލުންނަށް ވަންހަނާވެފައިނުވާނެއެވެ. ނަމަވެސް އެއާ ޚިލާފާށް މިސްރާބު ދާތީ ސަހަނރޯ ހީވެއެވެ! މިހެން ދަންނަވަން ޖެހެނީ ސައްހަ މަގުން ނުފޫޒެއް ބޫނުންނުކޮށް ބޭރު ގައުމެއްގެ ޔުނިވަރުސިޓީއަކުން ޕީ.އެޗް.ޑީ. ޑިގުރީއެއް ހާސިލުކޮށްފައިިވާ މީހަކު އިސްލާމީ ވުޒާރާގައި ހުރެއްޖެ ނަމަ އެ މީހަކަށް ރަނގަޅަށް އިލްމީ ރިސާޗުތަކާއި ތެސީސްތަކާއި އާޓިކަލްތައް އެގުޒައިމަރާ ރިވިއުކުރާގޮތާއި ރިވިއުކުރުމަށް ފަހު ރިވިއުކުރިގޮތުގެ ރިޕޯޓެއް ދޭކަމާއި އޭގައި އެ މީހެއްގެ ނަމާއި މަގާމައި އީމޭލާއި އަދި ވެސް ބޭނުންވާ މުހިންމު މައުލޫމާތު ހުންނަކަން ނުވަތަ އެއީ ހުންނަންޖެހޭ އެއްޗެއްކަން ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް އިސްލާމީ ވުޒާރާއިން ދީނީ ފޮތްތައް ފާސްކުރުންފަދަ ޢިލްމީ މަސައްކަތްތައް އިދިކީލަވެގެން ތިބެ ކުރާތީ ސަހަރޯ އެވެ. ނުވަތަ ދަންނަކަން މުރައްކަބު ޖާހިލުކަމަށް ބަދަލުކުރާތީ ސަހަރޯ! އެވެ.
މި ދަންނަވާ ފޮތަކީ ފާސްކޮށްނުދީ ހިފަހައްޓާކަށް އޭގައި ގައުމުގެ ސަލަމަތައް ނުރައްކާވާފަދަ މައުލޫމާތެއް ހުރި އެއްޗެއްނޫނެވެ. އަދި އެއީ ވިޔަފާރިއަކަށް ބޭނުންކޮށްގެން މާބޮޑު އާމުދަނީއެއް ނެގޭނެ އެއްޗެއް ވެސް ނޫނެވެ. އަނެއްކޮޅުން ބައެއް މީހުން ކުރާ އެފަދަ ޢިލްމީ ލިޔެކިއުމުގެ މަސައްކަތެއް ޝާއިޢުކުރެވިއްޖެ ނަމަ އެ މަސައްކަތް އެ މީހުން ބަހައްޓަނީ އާއްމު މަންފާއަކަށް ހިލޭސާބަހަށް ދޫކޮށްފައެވެ.
ހައްލު:
އެކެއް: ދިވެހި ރާއްޖޭގެ އެމް.ކިއު.އޭ.ގެ ދިހަވަނަ ޖަރަޖައިގެ ސެޓުފިކެޓުތައް ހާސިލިކޮށްފައިވާ ފަރާތްތަކަށް އެ އިލްމެއްގެ މައުލޫމާތު ލިޔުމާއި ކިޔުމާއި ފެތުރުމުގެ މިނިވަންކަން ލިބިދިނުމަށް ދީނީ އެއްބައިވަންތަކަމުގެ ގާނޫނަށް އިސްލާހެއް ގެނައުން.
ދޭއް: އިސްލާމީ ވުޒާރާގައި ކޮމެޓީ އުފައްދައިގެން ރައްޔަތުންނަށް ގަނޫނުން ލިބިދީފައިވައިވާ ހައްގުތައް ހުއްދަކުރުމާއި މަނާކުރުމުގެ ޣައިރުގާނޫނީ އަމަލު ވަގުތުން ވަގުތަށް ބާޠިލުކުރުން.
ތިނެއް: އިސްލާމީ ވުޒާރާގައި ގާނުންބޭރުން އުފެއްދިފައިވާ ދީނީ ފޮތްތައް ފާސްކުރާ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާމެދު ވަޒީރު ރައްޔަތުންގެ މަޖިލިސަށް ހާޒިރުކޮށް ޖަވާބުދާރީކުރުވުން.
އިސްލާމީ ވުޒާރާގެ ޚުދު މުޚުތާރުކަމާ ނުލަފާ ޖައްބާރުކަމުގެ މައްޗަށް ސަނހަރޯ!