ބީރުވެރިން
ކޮންމެ އަކަސް ރާއްޖެ އިނގިރޭސީންގެ އަތްދަށުން މިނިވަން ވުމަށްފަހު ދިވެހިރާއްޖޭގެ ވެރިކަމަށް އިސްވި ކޮންމެ ވެރިއަކުވެސް ސިންގަޕޯރގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށް ބުނާތީ އަހަމެވެ.
މަރްހޫމް ވެލާނާގޭ އިބްރާހިމް ނާސިރުން ފެށިގެން ގޮސް ޑަކްޓަރ މޫއީޒް އާއި ހަމައަށްވެސް ވަނީ އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައިކަމަށް ތުންތުން މަތިން ކިޔާ އަޑު އިވެއެވެ.
ރާއްޖޭ ގެ ވެރިން ސިންގަޕޯރގެ މައުންޓް އެލްޒަބަތުން ފަރުވާ ހޯދެއްވުމަށްފަހު އެނބުރި ރާއްޖެއަށް ވަޑައިގަތުމުން ރައްޔިތުންގެ ބަސް އެ ވެރިން ގެ ކަންފަތަށް އަޑު އިވުމުގައި މައްސަލަ ތަކެއް ކުރިމަތިވެ ރައްޔިތުންގެ ބަސް އިވުމުން މަހްރޫމް ވެދެއެވެ.
ސިޔާސީ ކަންކަމާއި މެދު ވިސްނާ އާއްމު ރައްޔިތެއްގެ ބަހުން ނަމަ ކޮންމެ ވެރިއަކު ސިންގަޕޯރ އިން ހޯއްދަވާ ފަރުވާ އަކީ ރައްޔިތުންގެ ކެކުޅުން ތަކާއި ވޭން ތަކާއި އެދޭ އެދުން ތަކުގެ އަޑު އިއްވައިދޭން ކަންފަތު އެތެރޭގައި އިންނަ ތޫރި ދަމައިގަންނަން ކަމަށެވެ.
އަހުރެން ހަނދާން ހުންނާން ފެށީއްސުރެން ރާއްޖޭ ގައި އެކި އެކި ދައުރު ތަކުގައި ވެރިކަން ކުރި ވެރީންގެ ކަންފަތް ބައްވެ ރައްޔިތުންގެ ބަސް އިވުމަށް މަހްރޫމް ވީ ވެރިންގެ ވާހަކަ ވީހާވެސް ކުރު އިބާރާތުން ލިޔެލެވޭތޯ ބަލާނަމެވެ. އަދި މީ ލިޔާން ފަށަނީ އަމިއްލަ ބުއްދި އަށް ވިސްނި ދިޔަ ގޮތަށެވެ.
މައްޗަންގޮޅީ ކާމިނީގޭ މައުމޫނު ސީދީގެ ވެރިކަމުން ލިޔާން ފެށޭތޯ ބަލާނަމެވެ.

އަހުރެން އޭރު އުމުރުފުރައިން ތަންކޮޅެއް ހަނގު ކަމުގައިވިޔަސް ދޮށީ އުމުރު ބޭބޭފުޅުންނާއި އަދި އިވޭ އަޑުތަކުުން ބުއްދިއަށް ގެނެވެނީ މައުމޫނު ސީދީ “ސިންގަޕޯރ މައުންޓް ހޮސްޕިޓަލުން ފަރުވާލިބުމަށް ފަހު އެމަނިކުފާނުގެ ކަންފަތްޕުޅަށް އިވޭ ހާވެސް އަޑަކީ ވެރިކަމާއި ތޮޅެން އުޅޭ ކަމަށާއި އެމީހަކަށް އަދަބު ދޭންޖެހޭ އަޑު އެކަންޏެވެ.
ގ. ކެނެރީގޭ މުޙައްމަދު ނަޝީދު (އަންނި) އަދި ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު

ގަލޮޅު ކެެނެރީގޭ މުހައްމަދު ނަޝީދުގެ ވެރިކަމަށް ވިސްނާލުމުން ވެސް އެ މަނިކުފާނަށް އަޑުއިވުމުގެ ކޮށިކަމެއް ހުންނަ ކަން ފާހަގަ ކުރެވުނެވެ. ނަޝީދަށް އިވިލައްވަނީ ހަމަ އެކަނި ދެތިން މީހެއް އަޑު ކަމަށެވެ. ނަތީޖާ އަކަށް ވެގެން ދިޔައީ ވެރިކަން ނައިބު ރައީސް ފިރުކުވާލާ އަތަށް ވެރިކަން މާހާލައިގެން ދިއުމެވެ. ޑރ. ވަހީދު ވެރިކަން ކުޅަ ދުވަސްކޮޅު ތެރޭ ހަމަ ސިންގަޕޯރ މައުންޓް އެލްޒަބަތު ހޮސްޕިޓަލުން ފަރުވާ ހޯއްދެވެމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމާއި އެކު “ ފައިސާ” ނޫން އަޑެއް އިވިނުލެއްވުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ ހައްސަ ވޯޓް ނުލިބި އެންމެ ދަށުން ވެރިކަން ބީވެ ދިޔަ ވެރިއެއް ގެ ސިއްކަ ޖެހިގެންނެވެ.
ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް

ކާމިނީގޭ ޔާމީން އަބްދުލް ގައްޔޫމް ސީދީގެ ވެރިކަން ވެސް ފެށިގެން މާދުވަސް ތަކެއް ނުވެ ސިންގަޕޯރ މައުންޓް އެލްޒަބު ހޮސްޕިޓަލުން ފަރުވާ ހޯއްދެވިކަމަށް ވެއެވެ. އެނބުރި ރާއްޖެ ވަޑައިގަތުމާއި އެކު އެ މަނިކުފާނަށް ވެސް އިވިލައްވާ ހަމައެކަނި އަޑުފުޅަކީ “ފައިސާ އާއި އަމިއްލަ މާލީ ތަނަވަސްކަމުގެ “އަޑުފުޅެވެ. ރައްޔިތުން ގެ އަޑު އިވުމުން މަހްރޫމް ވިއެވެ. އާހިރު ނަތީޖާ އަކަށް ވެގެން ދިޔައީ ވެރިކަން ބީވެ ދިއުމެވެ.
ހިންނަވަރު އިބްރާހިމް މުހައްމަދު ސާލިހް

ހިންނަވަރު އިބްރާހިމް މުހައްމަދު ސާލިހް ގެ ވެރިކަންވެސް ފެށިގެން މާ ދުވަސްތަކެއް ނުވެ ސިންގަޕޯރ މައުންޓް އެލްޒަބަތު ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމާއި އެކު އެމަނިކުފާނު ވެގެން ދިޔައީ ރައްޔިތުންގެ އަޑު އިވުމުން މަހްރޫމް ވުމުގެ އިތުރަށް އެއްވެސް ކަމަކަށް ‘ރިއެކްޓް’ ނުކުރައްވާ މަންމަން ބޭފޫޅެއްގެ ސިފައިގައި ވެރިކަން ނިންމަވާލެއްވި ވެރިޔާ ގެ ގޮތުގައިއެވެ. އަދި ކަމަކާއި ރިއެކުޓް ނުކުރެއްވުމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު އެއްކޮށް ކަހަލަ ގޮތަކަށް އެމަނިކުފާނުންގެ އަހުވާނުން ހިތު ހުރި ގޮތަށް ބައިކުޅަ ބައި އަޅާ ބަހައިލިއެވެ.
ވަށަފަރު ޑރ. މުޙައްމަދު މުޢިއްޒު / މ. ދިމްޔާތު

ދެން އަހުރެން ގެ ވިސްނުން ފިރުކުވައިލާނީ މިހާރުގެ ވެރިކަން ހިންގަމުން އަދި ކުރައްވަމުން ގެންދަވާ ޑރ. މުއީޒްގެ ވެރިކަމަށެވެ. އެ މަނިކުފާނުން ވެސް ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު ސިންގަޕޯރ އަށް ކުއްލި ސިއްހީ ފަރުވާ ފުޅަކަށް ވަޑައިގަތެވެ. ދޮގުނުވާނަމަ އެ މަނިކުފާނުން ވެސް މައުންޓް އެލްޒަބަތު ހޮސްޕިޓަލުން ފަރުވާ ކުރެއްވި ވާހަކަ އަޑުއިވެއެވެ. އެމަނިކުފާނުން ފަރުވާކުރެއްވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގަތުމާއި އެކު ވަރަށް ގިނަ ގޮތްގޮތުން ރައްޔިތުންގެ އަޑު އިވުމުގެ މައްސަލަތައް ވަރަށް ބޮޑަށް ދިމާވާން ފަށާފައިވާކަން އަހުރެންނަށް ފާހަގަވެއެވެ.ހަމަ އެއާއި އެކު އެމަނިކުފާނުންގެ ކިބައިން ރައްޔިތުންނަށް ވެސް އިތުބާރު ނުކުރަައްވާ ހިނދު އެމަނިކުފާނުން އަމިއްލަ ނަފްސަށް އޮތް އިތުބާރު ކުޑަވަމުންދާ ސިފަތައް ތަސައްވަރު ކުރެވެއެވެ. ކޮންމެ އަކަސް އަހުރެންނަށް އިތުރު ލަފްޒެއް އަދި ޖުމްލަ އެއްވެސް ދެން ލިޔާން އިނގެނީ ދައުރު މެދު ޖެހި ދިއުމުންނެވެ.
އިއްތިފާގަކުން ވިޔަސް ރާއްޖޭގެ އިހު ވެރިކަން ކުރެއްވި ބޭބޭފުޅުންނާއި މިހާރުގެ ވެރިޔާ ވެސް ވަނީ ބޭސްފަރުވާ ހޯއްދެވުމަށް ސިންގަޕޯރ އަށް ނުރަސްމީ ދަތުރުފުޅުތަކުގައި ވަޑައިގެންފައެވެ. ވެރިން ސިންގަޕޯއިން ފަރުވާ ހޯއްދެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމާއި އެކު ވެރިކަން ކުރާން ގެންގުޅުއްވާ އަދި ވެރިކަން ކުރައްވާ ވަައްޓަފާޅި އާއި އުސޫލްތައް ބަދަލުވެ ދަނީ ރައްޔިންނަށް ވީ އަދި ވެވުނު އަހުދުނާމާ އާއި ހިލާފަށެވެ. ރައްޔިތުން އެދޭ އެދުން ކަނުކޮށް ބީރު ކުރާ ވެރިންގެ ގޮތުގައެވެ.
އެހެން ނަވެސް އެ ވެރިން ނުރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާ ސިންގަޕޯރު ގެ ވެރިންނަކީ ނުހަނު ރައްޔިތުން ގެ ބަސް އަޑުއިވޭ އަދި ރައްޔިތުންގެ ކުރިމަތީ ވެވޭ ވައުދާއި އަހުދު ހިފަހައްޓައި އެނޫން ގޮތަށް ކަތި ލޮލަކުން ނަޒަރެއްވެސް ހިންގާނުލާ ވެރިކަން ކުރާ ބައެކެވެ. ފަހަރުގައި އެ ވެރިކަން ހިންގަނީ ހަރުދަނާ ނިޒާމަކުން ކަމަށް ވިޔަސް، ރާއްޖޭގައި ވެރިކަން ކުރެއްވި ވެެރިންނާއި ވެރިކަން ކުރައްވަމުން ގެންދަވާ ވެރިންގެ ވިސްނުފުޅު ހުންނަނީ މިދެންނެވި ސިންގަޕޯރ ވެރިކަން ހިންގާ ނިޒާމާއި ދިމާ އިދިކީލިއަށެވެ.
ސިޔާސީ ކަންކަމާއި މެދު ވިސްނާ އާއްމު ރައްޔިތެއްގެ ބަހުން ނަމަ ކޮންމެ ވެރިއަކު ސިންގަޕޯރ އިން ހޯއްދަވާ ފަރުވާ އަކީ ހަމަ އެންމެ ފަރުވާއެކެވެ. އެއީ ރައްޔިތުންގެ ކެކުޅުން ތަކާއި ވޭން ތަކާއި އެދޭ އެދުން ތަކުގެ އަޑު އިއްވައިދޭން ކަންފަތު އެތެރޭގައި އިންނަ ތޫރި ދަމައިގަތުމާއިއެކު ދައުރު ނިމެންދެން ރައްޔިތުންނަށް ފަރުވާތެރިކަމާއެކު ބީރު ކަންފަތެއް ދޭނެ ފަރުވާއެވެ .
ރައީސް މައުމޫނަށް “ގޮޅާބޯ”، ރައީސް ނަޝީދަށް “ގަންޖާބޯ”، ރައީސް ވަޙީދަށް “ކާޅު ވަޙީދު” ރައީސް ޔާމީނަށް “ރާގޮނޑި ރާޖާ” ރައީސް އިބޫ އަށް “ކިބޫ” އަދި ރައީސް މުޢިއްޒު އަށް “ކައްޒާބު” އޭ ކިޔައި ގޮވައި ނަގަނީވެސް އެބޭފުޅުންގެ ކަންފަތްޕުޅުތަކަށް އެއްވެސް ވަރެއްގެ އަޑެއް އިވިލައްވާތޯ ބެލުމުގެ މަޤްޞަދުގައޭ ބުނާތީ އިވެއެވެ. ކޮންމެޔަކަސް މިއީ ވަރަށް ހިތާމަވެރި އަދި އެއްވެސް ރައްޔިތަކު އަޑުއަހަން ބޭނުންނުވާނެ އަޑުތަކަށް ވިޔަސް މިއީ ކަން ހިނގަމުންދާ ގޮތެވެ.
