ވައަމްރުހުމް ޝޫރާ ބައިނަހުމް….

ވައަމްރުހުމް ޝޫރާ ބައިނަހުމް….


ޖުމްހޫރިއްޔާތެެއް ގެ އެންމެ މަތިވެރި އުސޫލަކީ މަޝްވާރާގެ މަތިން ސަރުކާރާއި ދައުލަތް ހިންގުމެވެ. ބާރުތައް ވަކިކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށާއި ޤައުމަށް އެންމެ ފައިދާ ކުރަނެވި ދެފުށް ފެންނަ ގޮތަށް ދައުލަތް ހިންގުމެވެ. އެހެންނަމަވެސް މިއަދު ދައުލަތް ވަނީ މަސްހުނި ނިޒާމެއްގެ ތެރޭގައި ޣަރަޤުވެ ނިމިފައެވެ. ވިރާސީ ރަސްކަން އެކިއެކި ދަރިފަސްކޮޅުން ކުރި އުޞޫލަށެވެ..

ރައްޔިތުންނަށް ނުފެންނަ ނިޒާމަކުން ވެރިކަން ހިންގަމުން ގެންދާ ނިޒާމެއްގެ ތެރެއިންނެވެ. އެ ވިދާޅުވާހެން އަނދިރި ދައުލަތެއް އުފެދި އެ ދައުލަތުން ވެރިކަން ހިންގަމުންދާ މަންޒަރެވެ.

ދައުަލަތުގެ ޙަޤީޤި ބާރުވެރިން ކަމަށްވާ ރައްޔިތުންގެ ބާރު ސަރުކާރުން ނިގުޅައިގަނެ، ރައްޔިތުންނާއި މަޝްވަރާ ކުރުމުގެ ރިވެތި އުޞޫލްތަކާއި ދުރުވެ އަމިއްލަ ބާރުވެރިކަން
އިސްކޮށް ޤައުމިއްޔަތު ނެތިފަނާ ކޮށްލަނީއެވެ. ރައްޔިތުން ޙަވާލުކުރި މަސްއޫލިއްޔަތަށް އަމާނާތްތެރިވެ ރައްކައުތެރިވުމުގެ ބަދަލުގައި އަމިއްލަވަންތަ ނިޒާމެއް ޤާއިމްކޮށް ރައްޔިތުންގެ އަމާނާތައް ފާޅުގައި ޚިޔާނާތްތެެރިވެވެނީ އެވެ.
ރައްޔިތުން ދެއްވި އިތުބާރަކީ “ވައަމްރުހުމް
ޝޫރާ ބައިނަހުމް “ގެ ރިވެތި އުޞޫލުން ޢަދުލުވެރިކަމާއި ހަމަހަމަ ކަމާއި އަދި އަމާނާތްތެރި ކަމާއި އެކު ރައްޔިތުންނަށް ހެޔޮގޮތަށް ޤައުމު ހިންގުމަށެވެ. “ރައްޔިތުންނަށް ހެޔޮ ވެރިކަމެއް” ކޮށްދިނުމަށެވެ. ރައްޔިތުންގެ ބާރުތައް ފޭރިގަތުމަކަށެއް ނޫނެވެ!

ސަރުކާރުގެ ސިޔާސަތަކީ ދެއިރު ދެދަޅައަށް ބަދަލުވެ ލާހުރޭ ސިޔާސަތު ތަކަކަށްވެ، ފަށާން ވީ ކަމަކާއި ކުރާންވީ ކަމެއް އަދި ކުރެވިދާނެ ކަމެއް ފެންނާން ނެތް ހިނދު ޤައުމުގެ މުސްތަޤްބަލް ދުވަހުންދުވަހަށް ދަނީ ބަނަވަމުންނެވެ.

ރައްޔިތުން އަވާމެންދުރަށް ހެއްލި އެބުނާ ބިއްލޫރި ކަނޑުއަޑީ ޓަނަލެއް އަޅާނެ ކަމަށް ހުވަފެން ދެއްކިޔަސް އެއީ ހަމަ ހަވާގައި ކުރަހާލެވޭ މަންޒަރަކަށް ނޫނީ ނުމެވާނެ ހެއްޔެވެ؟