ޑަޔާނާ ޓްރޭޑިން އިން ޒަމްޒަމް ފެނުގެ ނަމުގައި ފޭކު ފެން ވިއްކަނީ
ސައުދީގެ ގާނޫނުގެ ދަށުން ވިޔަފާރީގެ ބޭނުމަށް އެކްސްޕޯޓްކުރުން މަނާކޮށްފައިވާ އިސްލާމީ މުޤައްދަސް ފެން ކަމަށްވާ ޒަމްޒަމް ފެން ކަމަށް ބުނެ ފޭކު ފެނެއް ރާއްޖޭގައި ދަނީ ވިއްކަމުންނެވެ.
މި ފެން ރާއްޖެ އަށް އެތެރެވީ ކިހިނަކުން އަދި ކޮން ގޮތަކުން ކަމެއް ވެސް ނޭނގެއެވެ. ރާއްޖެއަށް އެތެރެވާ ތަކެއްޗަކީ ކޮން އެއްޗެއްކަން ބެލުމުގެ ޒިންމާ މަތިކޮށްފައިވާ ކަސްޓަމްސް އަށް ނޭނގި މިފަދަ ކަމެއް ވުން އެއީ އެއްބަޔަކު އުފައްދާ ސުވާލެކެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ރިސޯޓްމެނޭޖަރަކު ވިދާޅުވީ އެ ފެން ވިއްކަނީ ވިޔަފާރި ކުރުމަށް ރާއްޖޭގައި ހުއްދަ ދީފައިވާ ޑަޔާނާ ޓްރޭޑިންގ އިންނެވެ.
ޑަޔާނާ ޓްރޭޑިން އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ރަޖިސްޓްރީކޮށްގެން މީގެ އަހަރުތަކެއް ކުރިން ފެށިގެން ވިޔަފާރިކުރާ ތުރުކީގެ ރައްޔިތެއްގެ ވިޔަފާރިއެކެވެ. ރާއްޖޭގައި އޭނާ ދިވެއްސެއްގެ ނިވަލުގައި ހުރެ ވިޔަފާރި ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް މިހާރު މަހެއްގެ މައްޗަށް އެތައް ހާސް ޑޮލަރެއް އޭނާ ރާއްޖެއިން ބޭރުކުރެއެވެ. އޭނާ ކުދި އިމްޕޯޓްތަކުން ވިޔަފާރި ފެށި ނަމަވެސް މިހާރު ޑުބާއީ އާއި ހަމަޔަށް ރާއްޖޭގައި ފެށި ވިޔަފާރި ފުޅާ ކޮށްފިއެވެ.
ޑަޔާނާ ޓްރޭޑިންގ އަކީ ތުރުކީ މީހަކު ވަރަށް އާދައިގެ ގޮތަކަށް ނަސަންދުރަ ފުރަގަހުގައި ފެށި ވިޔަފާރިއެއް. މިހާރު އެކަމު ވަރަށް ފުޅާވެއްޖެ. ޑުބާއީ އާއި ހަމަޔަށް ފުޅާވެއްޖެ – މާރިނދަ އާއި ވާހަކަ ދެއްކި ރިސޯޓް މެނޭޖަރު ވިދާޅުވިއެވެ.
ޒަމްޒަމް ފެން ކަމަށް ބުނެ އެ ވިއްކާ ފެންފުޅިއަކީ ފޭކު އެއްޗެއް ކަމަށް މާރިނދަ އަށް އެނގުނީ އެ ފުޅީގެ ލޭބަލް އޭނާ ދެއްކުމުންނެވެ.
ޒަމްޒަމް ފެން ކަމަށް ބުނެ ވިއްކާ މި ފޭކު ފެން ހުސްވި މަހު ވަރަށް ގިނަ އަދަދަކަށް އަތޮޅުތަކަށް ވަނީ ގެންގޮސްފައި ކަމަށް ހަބަރު ލިބެއެވެ. އެއީ އެ ފެން ބުއިމުން އޯލެވެލް އިމްތިހާނަށް ތައްޔާރުވާ ކުދިންގެ ހިތް އަލިކޮށް ހަނދާން ގަދަވާނެ ކަމަށް ހީކޮށްގެން ކަމަށް ވިޔަފާރިވެރިޔަކު ބުންޏެވެ. މީގެ އިތުރުން ވަރަށް ގިނަ ބަލިމީހުން ވެސް ބަލިން ދިފާޢުވުމަށް މި ފެން ގަންނަ ކަމަށް ވެއެވެ..
މި ޒާތުގެ ކަންކަން ހުއްޓުވޭނީރާއްޖޭގައި ޤަވާޢިދުން ވިޔަފާރިތައް މޮނިޓަރ ކޮށްގެންނެވެ.
