ބާރަށު ދާއިރާގެ މެންބަރުގެ ކޮރަޕްޝަން މައްސަލަބެލުން ލަސްވީ ކީއްވެ
“ގައުމެއް ނެތޭ ދަރީންނޭ އިންސާފު އޮޅި ހިނގައްޖޭ”
ބާރަށު ދާއިރާހެ މެންބަރުގެ މަސްލަޙަތު އޮންނަ ކުފުނިތަކަށް ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި ގަވާޢިދާއި ޚިލާފަށް ފައިސާގެ މުޢާމަލާތް ހިންގާފައިވާ މައްސަލަ އެމް އެމް އޭއިން މޯލްޑިވްސް ޕޮލިސްސާރވިސްއަށް ހުށަހެޅިތާ 8 މަހަށް ވުރެ ގިނަދުވަސް ވެއްޖެއެވެ. އެމައްސަލަ އެ މުވައްސަސާއިން ފުލުހަށް ހުށަހެޅުމާއިއެކު ދެން ފެނުނީ ގަވަރު ނަރު ޢަލީ ޙާޝިމް މަގާމުން ދުރުކުރެއްވި މަންޒަރެވެ. އޭގެ ފަހުން 8 މަސް ދުވަސް ވީއިރު ފުލުހުންގެ މުވައްސަސާ އިން އެމައްސަލަ ބަލަމުންދާ ކަމުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާއި ޙިއްޞާކޮށްފައެއް ނުވެއެވެ.
އެހެން ކަމާއެކު ފުލުހުން އެ މައްސަލަ ނުބަލާ އޮތީ ރައީސުލް ޖުމްހޫރިއްޔާގެ ނުފޫޒުން ކަމަށް ބެލުމުގެ ފުރުޞަތު ބޮޑެވެ. ފުލުހުންގެ މުވައްސަސާއަކީ ހަމަހަމަކަމާއި އިޚުލާޞްތެރި ކަމާއެކު ރައްޔިތުންނަށް އިންޞާފު ހޯދައި ދިނުމަށް މަސައްކަތްކުރާ މުވައްސަސާއެއް ނަމަ އެމައްސަލަ ސޯޝަލް މީޑިޔާއަށް ލީކުކުރުމުގެ ކުރިންވެސް އެމައްސަލަ ބަލާ އެވާހަކަތައް ރައްޔިތުންނާއި ޙިއްޞާކުރީސް ތާއެވެ.
މައްސަލައަކީ އެންމެ މަތީގެ މަސްލަޙަތު އޮތް މައްސަލައެއް ކަމަށް ބެލެވެނީ އެކަމާއި ގުޅިގެން ގަވަރުނަރު މަގާމުން ވަކި ކުރެއްވުމާއި އަދި ސޯޝަލް މީޑިއާގައި އެމައްސަލައިގެ ރިޕޯޓު ލީކު ކުރުމާއެކެ އެމްއެމް އޭގެ އެހެން ވެރިއަކުވެސްމަގާމުން ވަކިކުރުމުންނެވެ. އަދި މިކޮރަޕްޝަނަކީ ރައީސުލްޖުމްހޫރިއްޔާ މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރުން ފެށިގެންވެސް އެމަނިކުފާނުގެ މަސްލަޙަތު އޮތް މައްސަލައެއް ކަމާއި އަދި ބާރަށު ދާއުރާގެ މެންބަރަށް ދައުލަތުގެ ފައިސާއިން ނާޖާއިޒު މުއްސަނދިކަން ހޯދައި ދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަޑީގައި ހުންނަވައި ހިންގާފައިވާ ޚިޔާނާތެރި ޢަމަލެއް ކަން އެ ކޮރަޕްޝަންގެ ކަން ކަން މިހާތަނަށް ހިނގާފައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އެއްބަޔަކު ތުހުމަތު ކުރެއެވެ.
ބާރަށުގެ ދާއިރާގެ މެންބަރުގެ މިދެންނެވި ކޮރަޕްޝަންގެ ވާހަކަ ރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ގުގުމާފައިވާ މިދަނޑިވަޅު މިކަމާއި ބެހޭގޮތުން ބަސްފުޅެއް ވިދާޅު ނުވެ ރައީސުލްޖުމްހޫރިއްޔާ ހަނު ހުންނެވުމަކީ ރައްޔިތުން އެމަނިކުފަނުގެ މައްޗަށް އެކުރާ ޝައްކުތަކަށް ބާރު ލިބިގެން ދާ ސަބަބެއް ވެސް މެއެވެ.
އެހެން ކަމާއެކު އުފެދޭ ސުވާލަކީ ބާރަށުދާއިރާގެ މެންބަރުގެ މަސްލަޙަތު އޮތް ކުންފުނިތަކަށް ބިޑުކުރުމެއްނެތި ގާނޫނާއި ޚިލާފަށް ޕްރޮޖެކްޓް ދީގެން ހިންގާފައިވާ އެޖަރީމާތައް އިންޞާފުވެރި ކަމާއެކު ތަޙުގީގު ކޮށްފާނެ ހެއްޔެވެ. މިހެން މިދެންނެވީ މިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަތެއް ވާކަމަށް ލިބިފައިވާ ގަރީނާތައް ހުރުމުންނެވެ.
މި ކޮރަޕްޝަންގެ އިތުރުން ވެސް އަދި ރައްޔިތުންނާހަމައަށް ތިލަނުވާ މިފަދަ ކޮރަޕްޝަންގެ އެތަކެއް މައްސަލައެއް އިތުރަށް ތިލަވެ ދައުލަތުގެ ކޮރަޕްޝަންގެ ހަގީގަތް ރައްޔިތުންނަށް ހާމަވަމުން ދާނެއެވެ.
ތިލަވެ ފަޅާއަރަމުންދާ މިފަދަ މައްސަލަތަކަށް ބަލާލުމުން ރާއްޖޭގައި މިވަގުތު މިއޮތީ ސަރުކާރެއް ބާވައޭ ނުވަތަ ގޭންގެއްބާވައޭ ރައްޔިތުން ސުވާލު އުފައްދާނެތާއެވެ. ސަރުކާރަކުން މިފަދަ ސްކޭމް ހިންގަމުން ދާނަމަ ރައްޔިތުން މިފަދަ ސުވާލުތައް އުފައްދާނެތާއެވެ. ލަދުން ބޯހަލާކެވެ. މިހާރު އިވެމުންދާ އަޑަކީ ބޯމަތިވެފައިވާ ލޯކަލް ކައުންސިލް އިންތުޚާބު ކާމިޔާބު ކުރުމަށްޓަކާ ހަތަރުސަތޭކަމިލިއަން ރުފިޔާ ހޯދަން ކުންފުނިތަކުގެ އެމްޑީންނަށް ރައީސުލް ޖުމްހޫރިއްޔާ އަންގަވަމުން ގެންދަވާ ވާހަކައެވެ. ދައުލަތުގެ ކުންފުނި ތަކަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަކުރައްވާ އެމްޑީންގެ މައިން ބަފައިންގެ ތަރިކައި ހިމެނޭ ތަންތަން ތޯއެވެ. ދައުލަތުގެ ކުން ފުނިތަކަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ގާނޫނުން މަތިކޮށްފައިވާ ތަންތަނެވެ. ރައީސުލް ޖުމްހޫރިއްޔާ އެ އަންގަވަނީ
އެކުންފުނިތަކަށް ރައްޔިތުން ދޭ ފައިސާއިން ވައްކަން ކުރާވާހަކައެވެ. ބަޔަކު މޮޔަނުވޭ ހެއްޔެވެ. ނުވަތަ އިންތިޚާބުގެއިވޯޓު ގަތުމަށް ފައިސާ ވަގަށް ނަގާ ވާހަކަ ފުޅެވެ.
ރަނގަޅަށް ތަޙުގީގު ހިންގައިފިނަމަ ބާރަށު ދާއިރާގެ މެންބަރަށް ދައުލަތުން އެ ދިންފައިސާއިއިން ރައީސަށް ބައިއެޅިފައިވާކަން ފަޅާނައަރައެއް ނުދާނެ ކަމަށް އެތައް ބަޔަކު އެބަ ބުނެއެވެ. ދައުލަތުގެ ވެރިންލައްވާ ވައްކަން ކުރުވަނީ ޚުދު ރައީސުލް ޖުމްހޫރިއްޔާ ކަމަށް ތުހުމަތުކުރާ އެތައް ބަޔަކުވެސް އެބަ އުޅެއެވެ. މިގޮތަށް ރައްޔިތުން ތުހުމަތު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ދައުލަތުގެ ކުންފުނިތަކުން ވައްކަން ކޮށްގެން މަގާމުން ދުރުކުރައްވާ ބޭފުޅުންނާއި އަމިއްލަފުޅަށް އިސްތިއުފާ ދެއްވަމުން ގެންދަވާ ބޭފުޅުންގެތެރެއިން ޝަރީޢަތުގެ ކުރިމަށްޗަށް ޙާޒިރު ކުރި ބޭފަޅަކު އެބަހުރި ހެއްޔެވެ. ނެތެވެ. ކުންފުނި ތަކުން އެކުރާ ވައްކަމުގައި ރައީސްގެ އަތެއް ވާކަމަށް ރައްޔިތުން ތުހުމަތު ކުރަނީ މިހެން ވެއެވެ.
ދެން ފެނިގެން ދާނީ ބާރަށު ދާއިރާގެ މެންބަރުވެސް ބައި ޢިއްޒަތު ބަރީ ކުރެވޭތަނެވެ. އެބޭފުޅުން ވައްކަން އެކުރަނީ ރައްޔިތުންގެ ފައިސާއިންނެވެ. ރައީސުގެ ފައިސާއަކުން ނޫނެވެ. އެހެނަސް އެފަދަ މައްސަލައެއް ހިނގާނީ ރައީސް ގާބޫލު ފުޅިއްޔާއެވެ.
ވަކަރުގަނޑު ޖަހާނީ މާވަޑިޔާގެ ހިތަށެވެ.
