ވަޢުދާ ހުވާކުރާނެޔޭ، އެ ހަނދާން ނެތޭނެޔޭ، ނޫނީ އެހެން ގޮތެއް ހޯދަން އުޅޭނެޔޭ
ރައްޔިތުމީހާގެ ޖީބަށްބާރު ބޮޑުވަމުން ދާނަމަ ފިކުރާއި ޚިޔާލު ބޮޑުވެ ދިރިއުޅުމުގެ ޙާލަތު ގޯސްވެ އަނގަޔާ އަތާދިމާނުވާ ގޮތްވެދެއެވެ. ރާއްޖެ މިޙާލަތަށް ބަދަލު ވަމުން އެދަނީ ރާއްޖޭގެ ވަލިއްޔުލްއަމްރު ވެ ވަޑައިގެންފައިވާ ވަޢުދުތަކަށް އެ މަނިކުފާނު އިޙުތިރާމް ނުކުރުރެއްވުމުގެ ހިތި ނަތީޖާއެެވެ. ދެންފަހެ ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ޙަވާލުވެ ވަޑައިގަންނަވަމުން ވަޢުދުވެ ވަޑައިގަތީ އެމަނިކުފާނުގެ ވެރިކަމެއްގައި 700 ސިޔާސީ މަގާމަށްވުރެ ސިޔާސީ މަގާމް ތައް އިތުރުނުކުރައްވާނެ ކަމުގައެވެ. ސިޔާސީ މަގާމްތައް އިތުރުވަމުން ދިއުމަކީ ދައުލަތަށް ބާރުބޮޑު އަދި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތަށް ވެސް ނުރަގަނޅު އަސަރު ފޯރާކަމެކެވެ.
ސިޔާސީ މަގާމް ތަކަށް ދައުލަތުގެ މާލިއްޔާއިން ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ. 700 ސިޔާސީ މަގާމަކީ ރާއްޖޭގެ އާބާދީގެނިސްބަތުންއެންމެ ރަނގަޅު މިންވަރު ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެހެނަސް ތަފާތު ހިސާބުތަކަށް ބަލާއިރު ސަރުކާރުގެ ސިޔާސީމަގާމުތައް މިހާރުވަނީ 3000 އަށްވުރެ މަތީގައެވެ. މިއަދަދަކީ ރައްޔިތުންނަށް އެފޯޑުކުރެވޭ ވަރަށްވުރެ ބޮޑު ޢަދަދަކަށް ވުމުން ދައުލަތުންހިނގާ ޚަރަދާއި އެކި ސަރުކާރުތަކުން ދައުލަތަށް ވެފައިވާ ޚިޔާނާތްތަކާއި ކޮށްފައިވާ ވައްކަމާއި ހިންގާފައިވާ ރިޝްވަތުގެ މައްސަލަތައް ނުބައްލަވާ އެފައިސާ ހޯއްދަވަން ސަރުކާރުންމަސައްކަތް ނުކުރެއްވުމުގެ ސަބަބުން ދައުލަތުގެ ދަރަނި ވަނީ ބޮޑުވެ އަންނާން އޮތް ޖީލުތަކާހަމަޔަށް ފޯރާ ފައެވެ.
ދައުލަތުގެ ތިންބާރު އެކުވުމަށްފަހު ވެރިކަމުގައި ހުންނަ މީހަކު ވެވަޑައިގަންނަވަނީ ވަލިއްޔުލް އަމްރަށެވެ. ރައްޔިތުން ޙަވާލު ކޮށްފައިވާ ދައުލަތުގެ މުދަލާފައިސާއާއި އަދި ދައުލަތުގެ އެންމަހައި ވަސީލްތަކުން ގައުމަށް ލިބޭ އެންމެހައިތަކެއްޗާއި ކަންކަމުގެ ޒިންމާނަގަން ޖެހޭ ފަރާތަކީ ވަލިއްޔުލް އަމުރެވެ.
ވަލިއްޔުލް އަމްރު ރައްޔިތުންނަށް އިތުރުފުޅު ހައްދަވާނަމަ އެކަން ޙައްލު ކުރަން ތިބޭނީ ހަމަ އެކަނި ރައްޔިތުންނެވެ. ވެރިކަމާއި ޙަވާލުވެ ވަޑައި ގަންނަވަމުން ވިދާޅުވީ ޖުޑިޝަރީއަށް އަތްބޭނުން މިއަދުންފެށިގެން ނިމުނީ ކަމުގައެވެ. އަދި ދައުލަތުގެ ސިޔާސީ މަގާމްތައް 700 އަށްވުރެ އިތުރު ނުކުރައްވާނޭ ކަމުގައެވެ. ނަމަވެސް، އެވިދާޅުވި ވިދާޅުންތައް މިއަދު އެވަނީ އެކޮޅު ކޮޅުން ޖަހާފައެވެ.
އަނެއްކޮޅުން ފައިސާ ޗާޕުނުކޮށް ގައުމުގެ އިގްތިޞާދު ކުރިއަރުވައިދެއްވާނެ ކަމާށާއި ދައުލަތުގެ ދަރަނި ވެސް ޚަލާސް ކޮށް ދެއްވާނެ ކަމަށްވިދާޅުވެ ހެއްދެވީ މުޅިންވެސް އިތުރުފުޅު ކަމަށް ވަރަށް ގިން ބަޔަކު ދަނީ ބުނަމުންނެވެ. ހަމަ އެހެންމެ ގޯތި ގެދޮރުގެ މައްސަލައިގަވެސް ރައްޔިތުންނަށް ދައްކަވަނީ ހުވަފެނެވެ. މީހެއްގެ ތަލިން ކުޅުހިކޭވަރަށް މި ވެރިމަނިކުފާނު އިތުރުފުޅު ހައްދަވައިފިކަމަށް މީހުން ބުނެއެވެ.
ލޮބުވެތި ރައްޔުތުންނޭވެ! ދައުލަތުގެ ތިންބާރު އެކުވުމުން ރައްޔިތު މީހާއަށް ގެއްލިގެންދާ އެތަކެއް ޙައްގުގެ ވާހަކަ މާޒީވެ ދިޔަ ރަން ތިރީސް އަހަރުގެ ޞަފުޙާތަކުން ރައްޔިތުންވާނީ ކިޔާ އަޑުއަހާފައެވެ. ދުލުގެ މިނިވަންކަމާއި ގަލަމުގެ މިނިވަންކަމުގެ އިތުރުން ރައްޔިތު މީހާގެ ޙައްގު ހޯދަން އުޅުމަކީވެސް ކުށްވެރިވާނެ ސަބަބެކެވެ.
ލޮބުވެތި ރައްޔިތުންނޭވެ! ރަން ތިރީސް އަހަރުގެ ވެރިކަން ނިންމާލީ ގައުމުދެކެ ލޯބިވާ އަމިއްލައެދުމެއް ނެތް އެތައްހާސް ރައްޔިތުން ގައުމަށްވި ގުރުބާނީގެ ހެޔޮ ނަތީޖާއިންނެވެ. މިއަދު އެފަދަ ބަޔަކު މިގައުމަކު ތިބި ކަމުގެ އިހުސާސެއް ނުވެއެވެ. މިއަދު ގައުމު އޮތީ ރިޝްވަތުގެ ސަޖިދާގައެވެ. އިދި ކޮޅު އެމްޑީޕީ ގައިވެސް މިއަދު އެރޫހު އުފައްދައިދޭނެ އިޚުލާޞްތެރި ލީޑަރަކު ނެތެވެ. އެހެން ކަމާއެކު ގައުމު މި ދަތުރު ކުރާ މިޞްރާބު ބަދަލުކުރެވެން އޮތީ ގައުމު ޖަހާފައި އެވާ ރިޝްވަތުގެ ސަޖިދައިން ރައްޔިތުން ތެދުވެ ގައުމީ ލޯބީގެ ވިންދު ހިތްތަކުގައި ޖެހިގެންނެވެ.
ރައްޔިތުންގެ ހަންދަމާލައިގެން ވެރިކަން ކުރުމަކީ ވަރަށް މުޑުދާރު ވެރިކަމެއްކަމުގައި މެނުވީ ނުވާނެއެވެ. 14 ނުވަތަ 15ބިލިއަން ރުފިޔާ ޗާޕުކުރުމަކީ މިފަދަ
ކަމެކެވެ. ބާޒާރުގައި ތަކެރީގެ އަގު އިންތިހާއަށް ފަލަވެ ރައްޔިތުންގެ އަތް ނުފޯރާ ފަށަށް މުދަލާ ތަކެތީގެއަގު ބޮޑުވެގެން ދާނެއެވެ. ޑޮލަރެއްގެ އަގު 18 ރުފިޔާއަށް ލިބިގެން ބާޒާރުގެ އަގު ތިރިއެއް ނުވާނެއެވެ. ވަޢުދު ވާން ވާނީ ތިމާއަކީ އިސްލާމެއް ކަން ދެކެ ދެނެހުރެ އެ ވެ ވަޑައިގަތް ވަޢުދަކީ ފުއްދޭނެ ވަޢުދެއްތޯ ޔަގީން ކުރެއްވުމަށް ފަހުގައެވެ.
ގައުމުގެ ރައްޔިތުން ކިތަންމެ މަދުނަމަވެސް ގައުމެއްގެ ޙައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންކަން ވެރިމީހާ ކުރަން ޖެހޭނެއެވެ. އެހެނަސް އެކަންކަން ވާން ޖެހޭނީ ރައްޔިތުންނަށް ގެއްލުންނުވާނެ ކަންކަމަށެވެ. ރައްޔިތުން ވެރިޔަކު އިޚުތިޔާރުކުރަނީ ރައްޔިތުންނާއި ގައުމުގެ ފައިދާއަށްޓަކައެވެ. ކަން މިހެން ހުރިނަމަވެސް ކަންކަން ހިނގަމުން އެދަނީ ދިމާ އިދިކޮޅަށް ވިއްޔާއެވެ. އެހެން ކަމާއެކު ރައީސް މީހާއަށް ފަސްއަހަރު ހިފެހެއްޓެންއޮތީ ބައެއް ކަންކަން ޚުދުމުޚުތާރު ޙާލަތަށް ގެނެސް ގެން ކަމަށް ގަބޫލު ކުރެވެއެވެ. އެއީ ރައްޔިތުން އެދޭފަދަ ވެރިކަމަކަށް ނުވާތީ ވާގޮތެއްކަމަށް ބަލަން ޖެހެއެވެ. އެހެންވެސް ހުރެވޭނީ ފަސްއަހަރު ނިމެންދެންތާއެވެ.
ކޮންމެ ފެށުމަކަށްވެސް ނިމުންއަންނަ ފަދައިން މި ވެރިކަމަށްވެސް ނިމުން އަންނާނެއެވެ. މިއަދު މަތިހަށި ނަގާފައި އުޅޭ ބާރުގަދަ ފަރާތްތަކާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ މީހުންގެ ނިމުން އޮތީވެސް ދާދި ގާތުގައި ދެކެދެނެ ތިއްބަވާށެވެ. ކޮންމެ ނަފުސެއް ވެސް މަރުގެ ރަހަ ދެކޭނެއެވެ. މިއަދު ރައްޔިތުންގެ ފައިސާއިން ފެންވަރާލައިގެން އުޅެވިދާނެއެވެ. ކަރުގައި ކަސްތޮޅު އަޅުވައި ނަރަކައަށް ގެންދަން ފެށީމާ ހަދާނެ ގޮތެއް އެހީވާނެ ފަނޑިޔާރެއް އެކުވެރިއެއް ނުހުންނާނެއެވެ. ވިސްނާށެވެ. ރައްޔިތުންނަށް ޙަރާމް ކޯރުނުވާށެވެ. ވަޢުދެއް ވެއްޖެ ނަމަ އެ ވަޢުދު ފުއްދުމަކީ މުސްލިމެއްގެ ހައިސިއްޔަތުން ކުރަންޖެހޭނެ ކަމެކަން ހަނދުމަފުޅު ބަހައްޓަވާށެވެ.
