“ދައްޖާލުގެ ވެރިކަން” ކުރާ ބަޔަކަށް ވޯޓު ނުދީ
ރާއްޖޭގެ ވެރިކަމަށް ކުރިމަތިލާ ވެރިކަން ކާމިޔާބު ކުރަމުން އަންނަނީ ގޭންގުތަކެއްގެ ތެރެއިން ރައްޔިތުންގެ ލޭ ކައްކުވައި ވޯޓު ހޯދައިގެންނެވެ. ކޮންމެ ވެރިޔަކުވެސް ވެރިކަން ނިންމާލަނީ ރައްޔިތުންވިއްކާލާފައެވެ. ދައުލަތުގެ ތިޖޫރީ ފެންފޮދަކާ ނުލާ ދިރުވާލުމަށް ފަހު ބައިނަލް އަގްވާމީ މާލީ އިދާރާތަކަށާއި އަވަށްޓެރި ގައުމުތަކަށާއި އަދި ވޯލްޑުބޭންކަށް ރައްޔިތުން ވިއްކާލާ ލޯނުނަގާ ގައުމުދަރުވާލާފައެވެ. ވެރިކަމަށް އައުމަށްޓަކައި ރައްޔިތުންނާ ބައްދަލުކޮށް އެކި ސަރުކާރުތަކުން ކޮށްފައިހުރި ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިގެ މައްސަލަތައް ބަލައި ރައްޔިތުންނަށް އިންޞާފުހޯއްދަވާ ދެއްވާނޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ ލޭ ކައްކުވާލަނީއެވެ. ވެރިކަމަށް އަންނަނީވެސް ވައްކަން ކުރުމުގެ ނިޔަތުގައެވެ. ގޭންގުތަކުން ވެެރިކަން ކުރާ އުޞޫލަކީ މިއީކަން ރައްޔިތުންނަށް ދަސްވާހާދުވަސް ވެއްޖެ ކަމަށް ދެކެމެވެ. ހަދަނީހުސް ދޮގެވެ. ކުރަނީ ދޮގުހުވައެވެ.
އެހެންކަމާއެކު ރައްޔިތުންނަކީ ޒިންމާދާރު ހޭލުންތެރި ބަޔަކަށް ވާން އެބަޖެހެއެވެ. އަނެއްކޮޅުން ކޮންމެ ވެރިޔަކުވެސް ވެރިކަން އަތުޖެހުމާއެކު ވެރިކަމުގެ ވައްޓަފާޅި ބަދަލުކޮށްލަނީ “ދައްޖާލުގެ” ވެރިކަމަށެވެ. ގައުމު ދަރަނީ ރައްޔިތުންނަށް ކޯއްޗެއްދީގެން ހެއްޔެވެ. ވަގުރުއްބަލާ އައިނު އަޅައިގެން ދުވާލު ރުކުގެ މަތިވަރު ރަނގަޅަށް ބެލުމަށްފަހު އަނެއްދުވަހު ރުކުގައި ކުރުބަލެއް ކިހަކެއްވެސް ނުހުރެއެވެ. ހަމަ އެހެންމެ ދައުލަތުގެ މާލިއްޔާ އަށް ނުފެންނަ ވަގުއަތެއް ބާނާ ރައްޔިތުން ލާފައިހުރި ފައިސާކޮޅު ހުދުކާފޫރަށް ވެގެން ދާއިރުވެސް ރައްޔިތުންނަށް ރޭކާ ނުލައެވެ. މިހާވަރަށް ރައްޔިތުން ނިދަންހެޔޮނުވާނެ ނޫންބާވައެވެ
ދައުލަތުގެ ތިންބާރު ރައީސުންގެ މުށުތެރެއަށް ނުލެވޭފަދަ ބާރުގަދަ އިސްލާހެއް ގެނައުމަށް އަތާއަތް ގުޅާލާ. އަދި މިއިސްލާހު ފާސްކޮށް ގެޒެޓް ކުރުމުގެ ކުރިން އެއްވެސް ރައްޔިތަކު ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެއްވެސް ފަރާތަކަށް ވޯޓު ދޭންވީ ސަބަބެއް ނެތް!
އެފްޕީއައިޑީ ދަވާލި މައްސަލަ އާއި ހިންގާފައިވާ 800 މިލިއަން ޑޮލަރުގެ ވަގު ވިޔާފާރީގެ މައްސަލައާއި އެއަރމޯލްޑިވްސް ދަވާލާ އެކުންފުނި ބަނގުރޫޓު ކުރި މައްސަލަ އާއި އެމް އެމްޕީ އާރުސީގެ ބޮޑު ޚިޔާނާތާއި ވެންޓިލޭޓަރުގެ މައްސަލަ ފަދަ އެތަކެއް މައްސަލަ ސަރުކާރުތަކުން އެތިބެނީ ވެރިކަން އަތުޖެހުމަށްފަހު ތަށަށް ކިޔަނީ މަރިޔަބުހޭވެސް އަހާނުލާ ހަނދާން ވެސް ނައްތާލައިގެންނެވެ. ގޭންގުތަކުގެ ވެރިކަމާއި ވެރިކަމަށް އައުމަށް އެފަރާތްތަކުން ރައްުޔިތުންނަށް ދައްކަމުން ގެންދާ ހުވަފެންތަކާއި ދައްކާ އަވާމެންދުރާމެދު ރައްޔިތުން ހޭލުންތެރިވާކަށް ނުވޭ ހެއްޔެވެ؟
އިސްވެ މި ބަޔާންކުރި މައްސަލަތަކުން ދައުލަތަށް ހަސަތޭކަ ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ލިބޭނެއެވެ. އެހެނަސް ކޮންމެ ސަރުކާރެއް ނިމުމާއެކު އެސަރުކާރުން ކެޔޮކޭ ވަރު އޮޅުވާލާ ރައްޔިތުންގެ ހަންދަމައިގެން ސަރުކާރު ތައް ހިންގަން އުޅޭ އުޅުން ނިމުމަކަށް ގެންނަން ނުވޭ. ހެއްޔެވެ. ކަންމިހެން ހުރުމާއެކު ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ބަދަލެއް ގެންނާން ރައްޔިތުން ނުކުންނަވާން އެބަޖެހެއެވެ. އެއީ ދައުލަތުބަރުތަކަށް ވެރިންގެ އަތް ނުފޯރާނެ މަގެެއް ފަހިކުރުމަށްޓަކައެވެ. މިގައުމަކީ ނިސްބަތުން މުއްސަނދި ގައުމެކެވެ. ރައްޔިތުންނަށް އުފަލުގައި އުޅެވޭނެ ގައުމެކެވެ.
އެހެން ކަމާއެކު ދިވެހި ލޮބުވެތި އެންމެހާ ރައްޔިތުންނަށް މި އިލްތިމާސް ކުރަނީ ކޮންމެ ރައްޔިތަކުވެސް ތިމާއާއި ތިމާގެ ޢާއިލާގެ ޙައްގުގައި ތެދުވެ ދިވެހިޖުމްހޫރިއްޔާގެ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ދައުލަތުގެ ތިންބާރު ރައީސުންގެ މުށުތެރެއަށް ނުލެވޭފަދަ ބާރުގަދަ އިސްލާހެއް ގެނައުމަށް އަތާއަތް ގުޅާލުމަށެވެ. އަދި މިއިސްލާހު ފާސްކޮށް ގެޒެޓް ކުރުމުގެ ކުރިން އެއްވެސް ރައްޔިތަކު ރިޔާސީ އިންތިޚާބުގައި ވާދަކުރާ އެއްވެސް ފަރާތަކަށް ވޯޓު ދޭންވީ ކީއްވެހެއްޔެވެ؟ ރައްޔިތުންގެ މަޖިލީސްއަށް ސަރުކާރު ހިންގާ ޕާޓީން ކުރިމަތިލާ އެއްވެސް ކެންޑިޑޭޓަކަށް ވޯޓު ދޭކަށް ނުޖެހެއެވެ. މިއީ މި ގައުމުގެ އަޑެވެ. އަޅުގަނޑުގެ އެކަނި އަޑެއްނޫނެވެ. ވޯޓު ވިއްކުމަކީ ފަސާދަ އެކެވެ.
