ލަފާކަމަކަށް ނުވެހުރޭފާ ބަފާގާތުގަ ބުނަންތާ، ލަފާކަމަކަށްވެދާނޭހޭ ހަފާ މާރިނދަ ގޮވާތީއޭ ، ނަނާ ހުވަފެން ދުށީމޭ
ރައްޔިތުން ދައުލަތުގެ ދަރަނި ދައްކަން ބުނެ ދުރާލާ އަޑުއުފުލުމަކީ ލަފާކަމަކަށް ވެދާނޭހެއްޔެވެ؟
މިކަމަކީ ރައްޔިތުން ވިސްނާން ޖެހިއްޖެ ކަމަށް ދެކި ބަފާމެންގެ ގާތުގައި މިބުނަނީ ހަމަހުރެފައެއްނޫނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ރައްޔިތުންނަށް ދޭ އިންޒާރެއްކަމަށް ނުދެކިއްޖެނަމަ ހަފާމާރިނދަ ގޮވާތީ އެއިވެނީ އެކަމުގެ ބައްވައްޗެއްކަމަށް ނުވެ ނުދާނެއެވެ.
ކޮންމެ ސަރުކާރެއްގެ ވެރިން އިސްވެ ތިބެ ދައުލަތުން އެކުރާމވައްކަމާއި އެހިންގާ ނާޖާއިޒް ޚަރަދުތަކަށް ރައްޔިތުން ޒިންމާކުރުވުމުގެ ހުވަފެން ފެންނަން ފަށައިފިއެވެ. ރިޔާސީ އިންތިޚާބަށް ދޮންކުރުމަށްޓަކާ ސިޔާސީ މުވައްޒަފުން ގިނަކޮށް ކުންފުނިތަކަށް އޮބިނުއޮންނަމިންވަރަށް މުވައްޒަފުންއަޅައި ފުރަމުން އެގެންދާދިއުމުގެ ކައްފާރާ ދިވެހިރައްޔިތުން ދޭން ނުޖެހި ސަލާމަތް ވުމަކީ މުސްތަޙީލު ކަމެކެވެ.
ދައުލަތުގެ މިއަހަރުގެ ބަޖެޓަކީ ފަންސާސް ދެބިލިއަން ރުފިޔާކަމަށްވީއިރު މިގައުމުގައި % 95 އިންސައްތަ ނިމިފައި ހުރި މަޝަރޫޢުތަކާއި %50 އިންސައްތައާއި %20 އިންސައްތަ އާއި ދެމެދު އެތައްސަތޭކަ މަޝްރޫޢު މިދެންނެވި މިވަރަށްވުރެ ނިމޭމިންވަރު އިތުރުނުވެ ދާއިރު ބަޖެޓް ހުސްކުރަމުން އެދަނީ ކޮންކަމެއް ކުރާތީ ކަން އެނގޭ ރައްޔިތަކު މިބިންމައްޗަކު ނެތެވެ.
މިއީ ސަރުކާރެއް ހިނގަން ވާނޭ ގޮތްހެއްޔެވެ؟ ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފުސާއި ސުވާލު ކޮށްލުމުން ޖަވާބު ވަރަށް ކައިރީގައި އެބައޮތެވެ. އެހެނަސް ރައްޔިތުންގެ ކިބައިގާ އެއްވެސް ޒިންމާދާރު ކަމެއް ނުވަތަ ގައުމާމެދު ނޫންނަމަ ތިމާއާއި ތިމާވަށައިގެންވާ ތިމާގެ ޢާއިލާގެ މުސްތަގްބަލާއިމެދު ފިކުރެއް ޚިޔާލެއް ނެތްނަމަ މާދަމާ ކުރާނެ ކަމެއް ނުއޮވެދާނެއެވެ. އިހަށް ނުވި ރައްކަލެއް ފަހަކުން ނުވެވޭނެއެވެ.
މިހާރު ގައުމުގެ މިސްރާބު ހުރީ އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމާދިމާއަށެވެ. މީ ލަފާކަމަކަށް ވެދާނޭ ހެއްޔެވެ؟ ލޮބުވެތި ރައްޔިތުންނޭވެ! ވޯޓު ކަރުދާސް ކޮޅަކީ ތިމާއާއި ތިމާގެ ޢާއިލާގެ މުސްތަގްބަލެވެ. ތިމާއާއި ތިމާގެ ޢާއިލާގެ މުސްތަގްބަލް އެއްލައްކަ ރުފިޔާއަށް ވިއްކާނުލާށެވެ. ވަޒީފާގެ ބިރައްޓަކާ ގައުމު އޮޔާނުލާށެވެ. އަންނާންއޮތްޖިލުގެ ރައްކާތެރިކަމާއި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ބިނާވެގެން ވަނީ ތިޔަރައްޔިތުންގެ ވޯޓުކަރުދާސް ކޮޅުގެ މައްޗަށެވެ. ހޭ އަރާށެވެ! ވަޒީފާގެ ޙިމާޔަތުގައި މާދަމާގެ މުސްތަގްބަލް ދަރަނީގެ ޖަންގައްޔަކަށް ގަންބާ ނުލާށެވެ. ގައުމުގެ ދަރަމުން ދަނީ މާދަމާގެ ރައްޔިތަކަށް ހިންދަމާނުލެވޭ މިންވަރަށެވެ. ނިދިންހޭލާށެވެ!
އީފާހުގެ ތެރެއިން ޕާޓީއަށް ވަންނަންޖެހޭތީ ސިއްރިޔާތުގައި ނަމަވެސް ގައުމުގެ މުސްތަގުބަލް ޙިމާޔަތް ކުރުމަށް ވިސްނަވާށެވެ.
ހެޔޮބަސް ބުނާ އަޑުއައްސަވާށެވެ. ވަޒީފާއަށްޓަކާ ހެޔޮމަގު ދޫކޮށް ނުލައްވާށެވެ. ވެރިންނަކީ އެވެރިންގެ ޖާހާއި ޝާނާއި ޝައުކަތަށްޓަކާ ރައްޔިތުން ގުރުބާން ކުރަން ފަސްޖެހޭނެ ބައެއް ނޫންކަން ތާރީޚުވަނީ އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައެވެ.
ރައްޔިތުން ޅޮސްއުދޯއްޔަށް ލައި ވެރިން ދެކެމުންދާ އެ ހުވަފެނަކީ ރަސްދަނބުރުކަކު އެތްފޮޅޭތަނެވެ. ހަމަ އެހެންމެ އައިނުގެ އަޑިން ދިރޭރަހަ ކޯދުލާ ކެކިގެން އަރާމަންޒަރު ދެކެން ބޭނުންވާ ބަޔަކު ރައްޔިތުންގެ މައްޗަށް ހުންނާނީ ކޮންކުލުނެއް ކޮން ޢަގަލެއްތޯއެވެ. އެހެން ކަމާއެކު ރައްޔިތުން މަރުކަށި ކެނޑިގެން ހޯދި ފައިސާކޮޅުން ބޭރުގައުމުތަކުން ގެދޮރާއި ފުލެޓް ގަނެގެން އެވެރިން ތިބޭނީ ފުދިގެންނެވެ. ރައްޔިތުން ޙާލުގައި ޖެހެތޯ ނުޖެހޭތޯ އެވެރިން ނުބަލާނެއެވެ. ތިމާގެ ވިސްނުން ގެއިން ރަށުގެ ގޮޑުދޮށުން ބޭރަށް ދޫކޮށްގެންނޫނީ އުފަލެއް ނުލިބޭނެއެވެ. ހަމައެކަނި ހުރިފިޔަވަޅަށް ނުވިސްނާށެވެ. ދެން ފައިއަޅާންވީތަން ކުރިއާލާ ހޯދާން ގަސްތުކުރާށެވެ. ތާރީޚުގެ ފަތްފުށްތަކުން އަޅުގަނޑުމެން ކިޔާފައި ހުރި ފިލާވަޅުތަކަށް ސަމާލު ކަން ދޭށެވެ. މިހާރު މިސަރުކާރު މަޑުމަޑުން އޮވެ ރައްޔިތުންގެ ފައިސާއިން ދަތުރުހަދާ ފޮށިތަންމަތި ބަނދެ ފިއެވެ.
އެވެރިންގެ މިސްރާބު ކާމިޔާބު ނުވެއްޖެ ނަމަ ރައްޔިތުން ގުއިރޯނުގައި ޖައްސާފައި އެވެރިން ބަޗާނެއެވެ. މީ އަޅުގަނޑުމެންގެ ގައުމެވެ. މާދަމާވެސް އަޅުގަނޑުމެނާއި އާއިލާތިބެން ޖެހޭނީ މިގައުމުގައި ކަން ދަންނާށެވެ. ޖަވާހިރު ކޯދުލާ ފޮޅިގެން އަރާމަންޒަރު ދެކެން ހޭހުސްވެފައިތިބި ވެރިންގެ އަތްދަށުގައި ރައްޔިތުން ވެއްޖެނަމަ އެ ރުއިންތަކުން ރައްޔިތުމީހާ މިންޖެއް ނުވާނެއެވެ. ތިމާއާއި އަނބިންދަރިން މައިންބަފައިންތިބޭނީ މިގައުމުގައެވެ. އަދި ކާބަފައިން ވަޅުލެވިފައިވަނީވެސް މި ގަމުގައެވެ. ނަމަނަމަ ވެރިންގެ ގުއިރޯނުގައި ނުޖެހި ސަލާމަތް ވެލައްވާށެވެ.
