އެ އެއްޗަކުން ފެލޭނީ އެ އެއްޗެގައި ހުރި އެެއްޗެއް

އެ އެއްޗަކުން ފެލޭނީ އެ އެއްޗެގައި ހުރި އެެއްޗެއް

ކިތަންމެ ވަރަކަށް އޮބިއަޅައިގެން ފެލިއަސް އެ އެއްޗެއްގައި ނެތް އެއްޗެއް ނު ނުކުންނެއެވެ. ގައުމު އޮތީ ވަގުންގެ އަތްދަށުވެފައެވެ. ބައިތުލް މާލު ވަނީ ކާލާފައެވެ. ރިޒާވް އަކު ލާރިއެއްނެތެވެ. ގައުމު ބޭންކްރަޕްޓްވެފައި އޮތުމުން އެއްވެސް ގައުމަކުންވެސް އަދި ބައިނަލް އަގުވާމީ މާލީ އިދާރާއަކުން ވެސް އަޅައެއް ނުލިއެވެ. ފައިސާ ގެންގުޅޭ ބޭރުގެ ކުންފުނިތަކުގެ ވެރިންނަށް ގައުމުގެ ބިންތައް ދީގެން މަޝްރޫޢެއް ފައްޓާތަން ރައްޔިތުންނަށް ދައްކާ ރައްޔިތުން ވާވައްދަނީއެވެ. ދައުލަތުގެ ކުންފުނި ތަކަށް ލިބުނުހާ ފައިސާ ނަގާ ހުސްކޮށްފިއެވެ. ފައިސާ ލިބެން ހުރި މަގުތައް ހުސް ވުމުން އެންމެ ފަހުން ރައްޔިތުންގެ ބޭންކް ހައިޖެކް ކޮށް އެތާގައި ހުރި ރައްޔިތުންގެ ފައިސާ ކޮޅު ވެސް ތަޅާބާލަނީއެވެ.

މިގައުމު ދެކެ ލޯބިވާ ރައްޔިތުންނާއި ސިޔާސީ ލީޑަރުން ކޮބައި ތޯއެވެ. މިގައުމުގައި ވެރިކަން ކުރެއްވި ކުރީގެ ރައީސުންނޭވެ. ތިޔަބޭފުޅުންނަށް ދައުލަތުން ކޮންމެ މަހަކު އެތައް ރުފިޔާއެއް ނުލިބޭ ހެއްޔެވެ. އެހެން ކަމާއެކު މިގައުމު ބަޔަކު ރޭޕް ކުރަމުން ދާއިރު ތިޔަ ޢިއްޒަތްތެރި މިގައުމަށް ޚިދުމަތް ކޮށްދެއްވި ވެރިން އަތް އުރާލައިގެން ތިއްބަވަނީ ތޯއެވެ. އެހެން ނުހައްދަވާށެވެ. މިގައުމު ސަލާމަތް ކޮށް ދެއްވާށެވެ. ހުރިހާ ވެރިން މަޝްވަރާގެ މޭޒަށް ވަޑައިގެން މިހިނގާ ކަންކަމާމެދު ވާހަކަ ފުޅު ދައްކަވާ މަޝްވަރާކޮށް ގައުމު ސަލާމަތް ކުރެވެން އޮތް ގޮތަކަށް ސަލާމަތް ކުރުމަށް ރައްޔިތުންނަށް ލަފާ ދެއްވުން ކިހިނެއް ވާނެތޯއެވެ.

ހުސްވި މަހު 65ރުފިޔާއަށް ގަންނަން ލިބުނު ޝަވަރޖެލް ފުޅި މިމަހު ގަންނަން ލިބުނީ 135 ރުފިޔާއަށެވެ. ޑޮލަރެއްގެ އަގު ވިހި ބާވީސް ރުފިޔާއަށް އަރައިފިއެވެ. ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންގެ ޒަރޫރީ ކަންކަން ކުރެވޭނެ މަގެއް ނެތެވެ. އިހަށްދުވަހު ތިންއިރު ހަމައަށް ކައިގެން ތިބި ރައްޔިތުން މިއަދު ތިބީ އެއްފަހަރު ކާނެ ބޯނެ ގޮތެއް ނުފެނިއެވެ. ފަގީރުންގެ ލިސްޓަށް އިތުރުވާ ފަގީރުން އިންތިހާއަށް ގިނަވެއްޖެއެވެ. ހިލޭ ލިބެމުން ދިޔަ ބޭސްފަރުވާގެ ވަސީލަތްތައް ބަންދު ވެއްޖެއެވެ. ސަރުކާރުން ވައްކަން ކުރަނީ އެންމެން ގުޅިގެންނެވެ. ޢަދުލު އިންޞާފެއްނެތެވެ. އެހެން ކަމާއެކު ކުރިން ވެރިކަން ކުރައްވާފައިވާ މިގައުމު ދެކެ ލޯބިވާ ރައީސުން މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގަންނަވަން ވެއްޖެ ކަމަށް ގަބޫލު ކުރަން ޖެހެއެވެ.

މިސަރުކާރު ރޫޅާލައި ގައުމުގެ މާދަމާގެ ޙާލަތާއި މެދު ކަންބޮޑުވެ މިނޫން ގޮތެއް ރައްޔިތުންނަށް ހޯއްދަވާ ދެއްވަން ތިޔަ ބޭފުޅުން ނުކުންނެވުމުގެ ވަގުތު މިވަނީ ޖެހިފައެވެ. ރައްޔިތުންނަށް ލަފާދެއްވާ މި ސަރުކާރު ބަދަލު ކުރެވޭނެ ފަސޭހަ ރައްކާތެރި ގޮތެއް ބަލަން ޖެހިއްޖެ ނޫންތޯއެވެ. ރައްޔިތުން ހަނާވަނީއެވެ. ގައުމުގެ އިގްތުޞާދު އޮތީ ބަނޑު ބިމުގައެވެ. ގައުމުގެ ރައްޔިތުން ފެލުން ނޫން އެހެން ގޮތެއް މިސަރުކާރަށް ނުހޯދުނެވެ. ވައްކަމާއި ފޭރުން މުޅި ގައުމުގައި ޢާންމު ވެއްޖެއެވެ. ރޯމާދުވާލު މަގުމަތިން ފޭރެނީއެވެ. މި މަންޒަރުތައް ފެންނަބަޔަކު އަރާނެ ކެމަރާއެއް ނެތެވެ. އިންޞާފު ލިބެން ހުރި ދޮރުތަކުގައި ވަނީ ތަޅު އަޅުވާފައެވެ. މުޅި ގައުމު އޮތީ ރައީސްމީހާގެ ޚިޞާރުގައެވެ. 

އުތީމު ރަދުންނެއް މިގައުމު ސަލާމަތް ކުރަން ދެން ވަޑައެއް ނުގަންނަވާނެއެވެ. އެފަދަ ރަދުން މިގައުމުން އުފަންވާން އެބަޖެހެއެވެ. މިއަދު ގައުމު އޮތީ ނުރައްކާތެރި އެހާމެ ބިރުވެރި ފައްތަރެއްގައެވެ. ވެރިކަން ދިފާޢުކުރުމަށްޓަކާ ރިޝްވަތު ބަހާ ގައުމުގެ އިސްތިގުލާއި ކަރާމާތް ވިއްކާލައިފިއެވެ.