އަނިޔާކުރުމަކީ ހަމައެކަނި އަތުންނާއި މުގުރުން އަދި އެއްތެލުންނާއި ދުއްރައިން ތެޅުމެއް ނޫނެވެ!
ކުށްކުށުގެ ތުހުމަތުގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދުކުރުމަކީ ދިވެހިރައްޔިތު އިންސާނާ ގެއްލުވާލާ ވޭންދެނިވި އެތަކެއް އަނިޔާ ކުރުންކަމަށް މި ފަހަކަށް އައިސް ގިނަ ބަޔަކު ސިފަކުރެއެވެ. އެގޮތަށް ސިފަކުރަނީ އެ ރައްޔިތުމީހާ ޖަލަށްލުމަށްފަހު އޭނާގެ މައްޗަށް ޝަރީޢަތް ހިންގުމެއްނެްްނެތި ޖަލުގައި ހަތްއަހަރު ދުވަސް ވެފައިވާ އިންސާނުން ތިބުމުގެ ސަބަބުން ކަމަށް ބެލެވެއެވެ.
ދިވެހި ރައްޔިތުމީހާ ވާނުވާގައި ޖަލުގައި ބަންދުކުރަނީ ކްރިމިނަލް ކޯޓުގައި ކުށުގެ ތުހުމަތުގައި ދައުލަތުން ދަޢުވާކުރާ ރައްޔިތުމީހާގެ އިބްތިދާއީ އަޑުއެހުމަށް ޕޮލިހުންގެ ފަރާތުން ވަޑައިގަންނަވާ އައިއޯ ބުނުއްވާ ބުނުއްވުމުގެ މައްޗަށެވެ. ފަނޑިޔާރުގެ އަރިހުގައި އައިއޯ އެދިވަޑައިގަންނަވަނީ އެ ރައްޔިތުމީހާ ޝަރީޢަތް ނިމެންދެން ބަންދު ގައި ނުބަހައްޓައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ.
ފަނޑިޔާރު އައިއޯގެ އެ ހުށަހެޅުއްވުމަށް ރިޢާޔަތް ކުރައްވާ ޝަރީޢަތް ނިމެންދެން ކުށުގެ ތުހުމަތުގައިވާ ރައްޔިތު މީހާ ޖަލުގައި ބެހެއްޓުމުގެ އަމުރު ނެރުއްވުމުގެ ކުރިން ޕޮލިސް އައިއޯގެ އެވިދާޅުވުމުގެ ބުރަދަނަށް ނުބައްލަވައެވެ. ބުއްދިވެރި އިންސާނަކު ގަބޫލު ކުރާގޮތުގައި އިންސާނެއްގެ މައްޗަށް އެފަދަ އަމުރެއް ނެރުއްވަން ވާނީ އެމީހަކީ ޢާއިލާއެއް ބަލަހައްޓާ ކިހާވަރެއްގެ ޒިންމާއެއް ކޮނޑުގައި އެޅިފައިވާ އިންސާނެއްތޯއާއި އަދި އެއިންސާނާއަކީ ނުރައްކާތެރި ދާއިމީ ބައްޔަކަށް ފަރުވާކުރާ މީހެއްތޯ ބައްލަވާ އެ ރައްޔިތުމީހާއި ބެހޭ އެސެސްމަންޓެއް ހެއްދެވުމަށްފަހުގައެވެ.
ކަން މިހެން ހުރިނަނަވެސް ކުށުގެ ތުމަތުގައި ހުރި ރައްޔިތުމީހާގެ ޝަރީޢަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށް ފަނޑިޔާރު އެ ނެރުއްވި އަމުރުގެ ސަބަބުން އިސްލާމީ މުޖުތަމަޢެއް ފަސާދަވެ އެ މުޖުތަމަޢު ނުރައްކަލުގެ ތެރެއަށް ހުރަހެޅިދަނީ މަދައްކޮށެއްނޫނެވެ. ސްކޫލްތަކުގައި ތަޢުލީމު ޙަޞިލްކުރަމުންދާ ހަތަރު ކުދިންނާއި އަނބިމީހާގެ އިތުރުން މުސްކުޅި މަންމަޔަކު ބަލަން ޖެހިފައިވާ ރައްޔިތު މީހާގެ މައްޗަށް ވާނުވާ ޖަހައި އޭނާ ޖަލަށް ގެއްލުވާލުމަކީ އަތުންނާއި އެއްތެލުންނާއި މުގުރާ އަދި ދުއްރައިން ތަޅައިގެން ދެވޭ އަނިޔާއަށް ވުރެ މާބޮޑު ވޭން އިންސާނާ ތަޙައްމަލް ކުރަން މަޖުބޫރުވާ އަނިޔާއެކެވެެ.
ކުށުގެ ތަހުމަތުގައި ދައުލަތުން ދަޢުވާކުރި ރައްޔިތުމީހާ ވާނުވާޖަހައި ޖަލަށް ގެއްލުވާލިއިރު އޭނާގެ ދޮށީ ފިރިހެންދަރިފުޅު އުޅެނީ ގްރޭޑް ނުވައެއްގައެވެ. އެހެނަސް ޖެހިގެން އައި އަހަރު އޭނާ ފާސްނުވުމުން ސްކޫލުން ކަނޑާލިއެވެ. އެހެން ކަމުން އޭނާގެ ދަށަށް ތިބި ތިންކޮއިންނަށް ކިޔަވައިދިނުމުގެ ޒިންމާ އުފުލަން އޭނާއަށް މަޖުބޫރު ވިއެވެ. ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރަމުންދިއުމުގެ ތެރޭގައި ހަތަރުކަށިމައްޗާއި ހަމައަށް ފަޓުލޫނު ކުރުކޮށް ތުނބުޅި ދިގުކޮށްފައި ހުރި ދިވެއްސަކާ ދިމާވިއެވެ. އޭނާއަށް އެކިގޮތްގޮތުން މިދެންނެވި ތުނބުޅިލީ ޝޭޚުގެ އެހީތެރިކަން ލިބެން ފެށިއެވެ. އެއްދުވަހެއްގެ އަސުރުނަމާދަށް ފަހު ޝޭޚު އެސޮރުހޯދަން އެގެއަށް ވަޑައިގަތެވެ. އެއީ އެސޮރުވެސް ނަމާދުން ފައިބައިގެން ގެއަށް އައިވަގުތެވެ. އެހެން ކަމުން ދެމީހުން ބޭރަށް އެކުގައި ދިޔަތަން އެސޮރުގެ މަންމައަށް ފެނުނެވެ.
ޝޭހުއާއި އެކު ސައިކަލުގައި އަޒުމީ ދިޔައީ ޝޭޚުގެ ގެއަށެވެ. އެގެއަށް ވަނުމާއެކު އެގެއިން ކީވަރަށް ހޫނު މަރުޙަބާއެކެވެ. އިރުކޮޅަކުން ފިނިބުއިމެއް ގެނެސް އަޒުމީގެ ކައިރީގައި ބެހެއްޓީ މޫނު ނިވާކޮށްގެން ހުރި އަންހެނެކެވެ.ޝޭޚާއެކު އަޒުމީ ވާހަކަދެއްކުމުގައި އިރުކޮޅަކު މަޑުކުރުމަށްފަހު ޝޭޚު އަޒުމީއާއިއެކު އެގޭ ރޫމަކަށް ވެންނެވިއެވެ. އެރޫމުގައި ތިންޒުވާނަކު އިލެކްޓޯނިކް ސާމާނުތަކެއް ބޭނުންކުރަމުން ދިޔައެވެ. އެއީ ބޮން ތައްޔާރު ކުރާ ތަނެކެވެ. އެމަސައްކަތަކީ ނަޒުމީވެސް ޝައުގުވެރިވާ މަސައްކަތަކަށް ވިއެވެ. މި މަސައްކަތް ކުރަމުން ގޮސް ތިންމަސް ވީއިރު ނަޒުމީ އަކީ ނުރައްކާތެރި ބޮން އުފެއްދުމަށް ކުޅަދާނަ މީހަކަށް ވިއެވެ. އެއްދުވަހެއްގެ ހަވީރެވެ. ނަޒުމީ އެދުވަހު މެންދުރު ގެއިން ބޭރަށް ދިޔަ ގޮތަކަށް ގެއަށް އެނބުރި ނާދެއެވެ. ފޯނުވެސް އޮތީ ނިވާލާފައެވެ. ކުއްލިއަކަށް ރައްޓެހި އަންހެނަކު ނަޒުމީގެ މަންމައަށް ގުޅާފައި ބުނީ ތަނެއްގައި ބޮމެއް ގޮއްވާލަން އުޅުނުކަމުގެ ތުހުމަތުގައި ނަޒުމީ ފުލުހުން ބެލުމުގެ ދަށަށް ގެންދިޔަ ވާހަކައެވެ.
މަންމަގެ ބޮލަށް އެނބުރުން އެރިއެވެ. ކުރާނެ ކަމެއް ނެތެވެ. ﷲ އާއި ވަކީލެވެ. ފިރިމީހާ ޖަލުގައި ހުންނަތާ ހަތަރުއަހަރު ފާއިތުވެ ދިޔައީއެވެ. ޝަރީޢަތެއް ނުނިމެއެވެ.
ނަޒުމީއާއި ޖެހިގެން ހުރި އަންހެން ކުއްޖާ އެއަހަރު ގުރޭޑް ނުވައަކުން ފާސްނުވެގެން ކަނޑާލައިފިއެވެ. ދެން ތިބީ ވެސް ދެ އަންހެން ކުދީން ކަމަށް ވުމުން އަޅާލާނެ ފަރާތެއް ނެތެވެ.
ނަޒުމީގެ މަންމަ ދެންތިބި ދެކުދިންނަށް ކިޔަވައި ދެވޭތޯ ފިރިމީހާގެ ގާތުން ވަރިވެގެން އެހެންމީހަކާއި ކައިވެނީގެ ގޮތުން ގުޅެން ނިންމިއެވެ.
ނަޒްމީގެ މަންމަ މީހަކާއި ހިތާވެގެން އެގެއަށް އެ ފިރިހެންމީހާ ގެނެސްގެން އުޅޭތަން ނަޒުމީގެ އަންހެން ކޮށްކޮ ނުޒުޙާ އަށް ފެނެއެވެ. އަދި މަންމަ އާއި މަންމަގެ ލޯބިވެރިޔާގެ ފަރާތުން މުޑުދާރު މަންޒަރުތައް ފެންނަށް ފެށުމާއެކު ނުޒުޒުހާވެސް ފިރިހެން ކުދިން ގެއަށް ގެނެސް އެގޮތަށް އުޅެން ފަށައިފިއެވެ. ގިނަދުވަހެއް ނުވެ ނުޒުހާއާއި މަންމަ ނަހަލާލަށްބަލިވެ އިން ޚަބަރު ޖަލުގައި ހުރި ނަޒުމީ ގެ ބައްޕަ މޫސާފުޅަށް ލިބި އޭނާގެ ހިތާމަތައް އިންތިހާއަށް ބޮޑުވިއެވެ. ޝަރީއަތް ނުނިމި މޫސާފުޅު ޖަލުގައި ހުންނަތާ ހައަހަރު މާޒީ އާއި އެކުވެ ދިޔައީއެވެ. ދިރިއުޅުން ބަނގުރޫޓުވިއެވެ. އެ ޢާއިލާ ރޫޅި މޫސާފުޅުގެ މުޅިޙަޔާތް ކިސަޑުގައި ދެމުނީއެވެ. ޒިންމާ ނަގާނީ ކާކު ހެއްޔެވެ. އައިއޯ ހެއްޔެވެ؟ ނުވަތަ ފަނޑިޔާރު ހެއްޔެވެ. ނޫންނަމަ ޕީޖީގެ ވަކީލު އާއި ހޯމްމިނިސްޓަރު ހެއްޔެވެ.
އެނގޭ ކަމަކީ ދައުލަތުގެ އިހުމާލުން އިސްލާމީ އުންމަތެއް ފަސާދަވެގެން ހިގައްޖެކަމެވެ. އެހެންކަމުން މިފަދަ އަމުރެއް ފަނޑިޔަރުން ނެރުއްވަން ވާނީ މުޖުތަމަޢުގެ ރައްކާތެރިކަމާ ކަރާމާތަށް އިސްކަން ދީގެންކަމުގައި ދަންނަވަމެވެ.
