ވަގު ފުލުސް ކުޅެނީ ހެއްޔެވެ؟

ވަގު ފުލުސް ކުޅެނީ ހެއްޔެވެ؟

އައިޕެޑާއި މޮބައިލް ފޯނާއި ދެންވެސް އެފަދަ އާލާތްތައް ނެތް ދުވަސްވަރެވެ. މަދަރުސާތަކުގެ ކިލާސްތަކުގައި ވެސް ކުޅެއުޅޭ ކުޅިވަރެކެވެ. ފުލުސް ނުކުމެ ވަގު ހިފައި ވަގުގެ އަތުގައި ފަތިގަނޑުން ދިހައެތިފަހަރު ޖަހާލާ ތަދު ކޮށްލައެވެ.

ޒަމާން ބަދަލުވެއްޖެއެވެ. އެދުވަހު “ވަގު ފުލުސް” ކުޅޭން އުޅުނު ކުދީން އެތިބީ ހަމަ ހަގީގީ ވަގު ފުލުސް ކުޅޭން ހެއްޔެވެ؟ ނުވަތަ “ވަގުގެ ” ގައިގައި ހިފާން ހުންނަ “ވަގު” ފުލުސްގެ  ގައިގައިވެސް  “ވަގު”  ނުކުމެ  ފުލުސް ހިފާން ވެފައި ހެއްޔެވެ! 

ހިފާންވީ ކޮން ވަގެެއް ކަމެއް، ވަގުންނަކީ ކޮބައި ކަމެއް އަދި ވަގު ވަނީ ކޮން ދޮރަކުން ކަމާއި ވަގު ސިފަކުރާން ނޭނގޭހާވެސް ކުޅަދާނައެވެ. ވަގުން ޒަމާނާ އެއްގޮތައް ހުދު ގަމީހާއީ ޓައީ އަޅާލައިގެން ހުރެ ކުރާ ވައްކަން ތަކާއި މަގު ފޭރޭ ފޭރުންތަކާއި ފޮށިފެޅުން އެއީ އަދުގެ ސަގާފަތެވެ. ވައްކަން ކުރުމަކީ ގައުމުގެ ތަރައްގީގެ އެއް ރުކުން ކަމުގައި ދެކޭ ވަގުން ވެސް މަދެއް ނޫނެވެ.

ހުދުގަމީސް ތުރުކުރައްވައިގެން ތިއްބަވާ ވަގުން އެއީ މާ މާތްކޮށް ވައްކަން ކުރައްވާ ވަގުންނެވެ. އެ ވަގުން ވައްކަން ކުރައްވަނީ ނިކަމެތި މީހާގެ އަތުންނާއި ގައުމުގެ ބައިތިލްމާލުންނެވެ. އެ ފަދަ ވަގުން  އެ ވަގުންގެ އަނބިދަރީންނަށް ހޭދަކުރާކުރުމާއި އެ ވަގުންނަށް ލިބިލައްވާ އުޖޫރަ އާއި ނުބައްދަލު ހަރަދުބަރަދު ކުރިއަސް ފުލުސް ހުންނާންޖެހެނީ ކަނުވެ ބީރުވެފައެވެ.

ވާނީ ވެސް އެހެން ވިއްުޔާ އެވެ. މައިސޯބު އެނބުރެނީ އެ މިސްރާބުން ކަމަށް ވާނަމަ ކުދި ސޯބުތަކަށް ވަކި ނުއަތަށް އެނބުރެވޭނެ ހެއްޔެވެ! ނުވަތަށް ބުރު އަޅާން ކުދި ސޯބް ހިފާނަމަ  ފަހަރަކު ފުކެއް ކެނޑި ކުޑަ ސޯބު ކަންފަތިވެ ބުރޫ އަރާން ފެށުމާއި އެކު  ހިންގުމުގެ ނިޒާމުން އެ ކުޑަ ސޯބު ގެއްލިދާނެއެވެ.

މިއީ އަދުގެ ގައުމުގެ ހާލަތެވެ. ކޮރަޕްޝަން ނެތް ދިމާލެއް ނެތެވެ. ޕިއޯނުން ފެށިގެން ވެރިންނާއި ހަމައަށްވެސް އަށަގަނެ މޫލާފައިވަނީ ހަމަ އެއްކަމެކެވެ. ވައްކަމާއި ފޭރުމެވެ. ކުރީގެ ރައީސަކު ވިދާޅުވި ބަސްފުޅެއް ހަނދުމަވެއެވެ. “ޚުދު އަނބިމީހާ ވެސް ގެއަށް ވައްދާ ފައިސާ ހޯދީ ކޮންގޮތަކަށް ތޯ ނާހަނެ” ކަމަށެވެ.

އަނބިދަރީންނަށް ވެސް އެ ފައިސާ ރީއްޗެވެ. އެ ފައިސާއިން ލިބޭ ތަނަވަސްކަމާއި އުފާވެރި ދިރިއުޅުން މާ ސާދާއެވެ.  ވިސްނާލާށެވެ. ގައުމުގެ ބައިތުލްމާލުގައި ހުރީ ރައްޔިތުންގެ ފައިސާއެވެ. އެ ފައިސާގައި  ޔަތީމުންގެ ހައްގުތަކެއް ވެސް ވެއެވެ. އެކަމަކު ދައުލަތުގައި ހުރި އެ ފައިސާއިން ވައްކަންކޮށް، އެމުދާތައް އަނބިދަރީންނަށް  ކާންދޭއިރު، އެމީހުންނަށް ތިޔަ ކާންދެނީ އެނގިހުރެ އަނގުރު އަލިފާނެވެ.

ނުވަތަ އިނގިތިބެ ގަސްތުގައި  އަލިފާން ކާންދެނީ އެވެ.

ތިޔަފަދަ މިހުންގެ ޢަމަލުތަކާއި ބެހޭގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ: (ސޫރަތުއް ނިސާއު: 10)

މިއީ ވަރަށް ބިރުވެރި ކަމެކެވެ.

ހަމައެހެންމެ، ރަސޫލު ﷺ ޙަދީޘް ކުރައްވާފައިވެއެވެ: “ހަރާމް ތަކެތިން ފޯދިފައިވާ ހަށިގަނޑެއް ނަރަކައަށް މެނުވީ ނުވަންނާނެއެވެ.” (ތިރްމިޛީ)

މިއީ ތިޔަހެން އުޅެ ތައުބާ ނުވެ ހުއްޓާ މަރުވާވަގުންނަށް ވާނެ ގޮތެވެ. ތިޔަ ގޮތަށް ހަރާމް ފައިސާ ބޭނުންކޮށްގެން އަންނައުނާއި ކާއެއްޗެހި ގަނެ އެ ބޭނުންކުރާ  ހަށިގަނޑު ހެދިބޮޑުވުމަށްފަހު ވެސް ، އެ ހަށިގަނޑު ވަންނާނީ ނަރަކައަށް ކަމެވެ. މިއީ ތިޔަ ވަގުންނަށް ދެވޭ ވަރަށް ބޮޑު އިންޒާރެކެވެ.

ވަގުފުލުސް ތިގޮތަށް ކުޅެ އުޅޭ ވަގުން ދަންނާށެވެ. ޢިލްމުވެރިން ވިދާޅުވެ އަދި ބުނާތީ އަހަމެވެ: “ހަރާމް ތަކެތި ކެއުމަކީ ދުޢާ ޤަބޫލުވުން ހުއްޓުވާ ކަމެކެވެ. އަދި އިބާދަތްތަކުގެ ޘަވާބު ކެނޑޭ ކަމެކެވެ. އަދި ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވޭ ކަމެކެވެ.”

މިއީ މިއަދު ތިޔަ ވަގުން މިކަމާމެދު ވިސްނަންޖެހޭ ކަންކަމެވެ. އަމިއްލަ ނަފްސަށާއި އަނބިދަރީންނަށް ހަރާމް ތަކެތި ކާންދިނުމުން ދުރުހެލިވާންޖެހެއެވެ. ތިބާގެއަތުން ތިބާގެ ލޯބިވާ އަނބިދަރީންނަށް އަލިފާން ކާން  ނުދޭށެވެ

އަދި ތިމާގެ ދަރީންނަށް ކިތަންމެ މޮޅު ތައުލީމެއް  ދިނެއް ކަމަކު އެ ތައުލީމު ބަދަލުވެދަނީ  ވައްކާަމާއި ފޭރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *