ކޮބާހޭ ތަޅުދަނޑި
ކޮންމެ މަހަކު -/35000ރ. ރުފިޔާ ދައްކަ ދައްކާ އަދި ކިތައް އަހަރު އެވޭނާ އެތުރާލާ އެހިތްދަތި ކަމުގެ ތެރޭގައި އެ ކުލި ނުދެއްކިގެން އެރައްޔިތުމީހާ ބޯގާނަން ޖެހޭނެތޯއެވެ. މިސުވާލަށް ޖަވާބުދޭނެ މީހާ ހޯދާ ހޯދާ ނުފެނުމުން އެމީހާ ހޯދަން ރައްޔިތުމީހާ ނުކުތުމަކީ ވެސް ސިޔާސީ ކަމެއްތޯއެވެ. އެގްރީމެންޓްގައި ސޮއި ކުރެވިއްޖެއެވެ. ޑައުން ޕޭމަންޓްވެސް ދައްކާ ނިމިއްޖެއެވެ. ނޫންނަމަ ޑައުންޕޭމެންޓް ދައްކާނިންމާނެ މުއްދަތުވެސް ކަނޑައެޅި ފުލެޓާއި ޙަވާލު ވުމަށް ބުނިހާ ކަމެއް ކޮށް ފުރިހަމަކުރަންޖެހޭ އެންމެހައި އިޖްރާތްތައް ރައްޔިތުމީހާ ފުރިހަމަ ކޮށްފިއެވެ. ތަޅުދަނޑި ކޮބައިހެއްޔެވެ.
ކޮންމެ ކަމެއްވެސް ބޮނޑު ނިގުލަށް ހެއްޔެވެ. ސަރުކާރަކުން އަޅައި ނިންމާދީފައިވާ 4000 ފުލެޓެވެ. މި ހަތަރުހާސް ފްލެޓްގެ ޙައްގުވެރިން ވެރިކަމަށް ދެއަހަރު ވެގެން ދިޔައިރު ނުހޯދުނީ ކުރީގެ ސަރުކާރު ގޯސްކަމުން ތޯއެވެ. ނޫންނަމަ އެސަރުކާރުން ފުލެޓް ނުދީ ހިފެހެއްޓީ ތޯއެވެ. ހައުސިންގ މިނިސްޓްރީ އަށް ދެއަހަރުގެ ތެރޭގައި ދެވަނަވަޒީރު އައްޔަން ކޮށްފިއެވެ. އެހެނަސް އެއްވެސް ރައްޔިތެއްގެ ލޮލަކަށް ތަޅުދަނޑިއެއް ނުފެނުނެވެ. ސަރުކާރުން ރައްޔިތުންނަށް އަވާމެންދުރު ދައްކަމުން ދަނީއެވެ.
ދެންމެ ދެންމެ ފުލެޓް ޙަވާލު ކޮށްފާނޭހެން ހީވާ ގޮތަށް ދެއިރު ދެދަޅައަށް ފުލެޓްލިސްޓް އިޢުލާން ކޮށް ރައްޔިތުމީހާ ފުލެޓަށް ވައްދައެވެ. އެހެނަސް އެއްވެސް ފުލެޓެއްގެ ޙައްގުވެރިއަކަށް އެއިން ފުލެޓަކަށް ވަންނަ ދޮރެއް ނުފެނެއެވެ. “އަންނަމަހު ފުލެޓް ޙަވާލު ކުރާނަން” މިމަހު ފުލެޓް ޙަވާލުކޮށް ނިންމާނަން” މިނޫން އަޑެއް ނުއިވެއެވެ.
މިއީ ރައްޔިތުންނަށް ކުރާ މަލާމާތެއް ހެއްޔެވެ. ނޫންނަމަ ކުރާޖެއްސުމެއްހެއްޔެވެ. ރައްޔިތުންގެ ކަންކަމާއި ރައްޔިތުން ޙަވާކޮށްފައިވާ ރައްޔިތުންގެ ނޯކަރުންނޭވެ. ކުރީގެ ސަރުކާރުން އެވަނީ ފުލެޓްލިބޭ މީހުން ކަނޑައަޅާ ފަތްލިޔެދީ ދައުލަތުގެ ސިއްކަވެސް ޖަހާދީފައެވެ.
ކުރީގެ ސަރުކާރަކީވެސް ގާނޫނީ ސަރުކާރެކެވެ. އެހެން ކަމުން އެފަތާއި އެ ރައްވެހިކަން ބަދަލުކުރެވޭނޭ ގާނޫނީ އެެްވެސް ޙައްގެއް މިސަރުކާރަށް ކީއްކުރަންތޯއެވެ. އެއްވެސް ސަރުކާރަކަށް ނުވަތަ ދައުލަތުގެ ބާރަކަށް ވެސް ލިބިގެނެއް ނުވެއެވެ. ކުރީގެ ސަރުކާރުން ދީފައިފައިވާ ގޮތަށް އެލިސްޓު ފުރިހަމަ ކުރަން ޖެހޭނެއެވެ. ނުޙައްގުން އެެްވެސް ފަރާތަކަށް ފުލެޓް ދީފައިވާނަމަ އެދިން ބަޔަކަށް ކުރައްވާ ކަމެއް ކުރައްވާށެވެ. ޕޮއިންޓް ކަނޑައެޅީ ރައްޔިތުންނެއްަ ނޫނެވެ. ފުލެޓްކޮމެޓީ އިންނެވެ. އެލިސްޓުން މިލިސްޓަށް ފުލެޓް ހައްގުވާ ފަރާތްތައް ބަދަލުކުރަމުން ގޮސް ބައެއް ފްލެޓްތައް އޭގެ ޙައްގުވެރިންނަށްގެއްލެމުން ދަނީއެވެ.
ސަރުކާރުން ވަކިބަޔަކަށް ފުލެޓް ނުދެވިގެން އުޅޭކަން ރައްޔިތުބްނަށް އެނގޭ މިންވަރަށް ސްކޭމް ޖައްސައިފިއެވެ. ރައްޔިތުންގެ މަގާމުތަކުގައި ތިއްބެވި ރައްޔިތުންގެ ނޯކަރުންނޭވެ.
މިރޭވެސް ދިރިއުޅޭ ތަނުން ނުކުތުމަށް އެތައްސަތޭކަ ރައްޔިތުންނަށް އެތަންތާގެ ވެރިފަރާތުން އެދަނީ އިންޒާރު ދެމުންނެވެ. ވަންނާނެތަނެއް ދާނޭ ދިމައެއް ނުއެނގި ރައްޔިތު މިހާ އެހުރީ ހަތަރު އަނގޮޅީގައެވެ. ރައްޔިތު މީހާ ވަންނާނެ ހިޔާވައްސެއް ނުލިބި މަގުމަތި ވުމަކީ މާއުފާވާ ކަމަކީހެއްޔެވެ. މިއީ ނިކަމެތި ރައްޔިތުންގެ ހިތުގެ އިލްތިޖާއެވެ. އަޑު އިވޭ ހެއްޔެވެ. ނުއިވޭނަމަ ރައްޔިތުން އެއަޑު އިއްވާން ނުކުންނާނެ އެވެ. ކުލީ އެޕާޓުމެންޓް ތިން ގޭބިސީ އެކުވެގެން ހިފަން ޖެހެނީ ސިވިލްސާވަންޓުންނަށް ދޭ އުޖޫރަކުޑަވީމައެވެ. އެކަކަށް ކުލިދެއްކޭވަރުު ނުވަނީ މިހެން ވީމައެވެ.
ޢާއިލާ މަގުމަތި ވުމުން ޢާއިލާގެ ބަލަދު ވެރިޔާ އާއި އެ ޢާއިލާއިން ކުރާނޭ ހިތާމަތަކާމެދު ފުންކޮށް ވިސްނާލެވޭ ނަމަ ތަޅުދަނޑި ނުހިފަހައްޓާނެއެވެ. މަންމަ މާލެ ބައްޕައަކީ ރާއްޖެތެރޭ މީހަކަށް ވުމުން މާލެއަށް އުފަން ދަރިން އެ ބައްޕަގެ ރަށުގައި ރަޖިސްޓްރީ ކުރަން ޖެހުނު ޒަމާން މާޒީވެ ގޮސްފައި ވީނަމަވެސް އަދިވެސް ބައެއް އައިޑީ ކާޑުތައް ބަދަލެއް ނުވެއެވެ. ނަތީޖާއަކީ މާލެއަށް އުފަން މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ނުލިބި ރާއްޖެތެރެއިން މާލެއައިސް މާލޭގައި ފަނަރައަހަރު ދިރިއުޅުނު މީހާއަށަ ބޯހިޔާވަހިކަން ލިބުމެވެ. ރައްޔިތުމީހާގެ ޝަރުތުހަމަވޭތޯ ބެލުމަކީ ބޯހިޔާވަހިކަން ދޭ ފަރާތުގެ ޒިންމާއެކެވެ. އެހެން ކަމުން ބޯހިޔާވަހިކަން ލިބުނު މީހާ ބާކީ ކުރުމަކީ އިންޞާފެއް ނޫނެވެ. އަދަބު ލިބެން ޖެހޭނީ ކުށްކުރި ފަރާތަށެވެ.
ތަޅުދަނޑި ކޮބައި ހެއްޔެވެ. އެގްރީމެންޓުގައި ސޮއިކުރުމުން ތަޅުދަނޑި ނުދީ ހިފެހެއްޓުމަކީ ރައްޔިތު މީހާ މަގުމަތި ކޮށްލުން ނޫން ދެން އެހެން ކޮންކަމެއްތޯއެވެ. އިންޞާފާއި ހަމަހަމަ ކަން ކޮބައިހެއްޔެވެ. ސަރުކާރަކުން އަޅައިދީ އެތަންތަން ރައްޔިތުންނަށް ދީ ދައުލަތުގެ ސިއްކަޖަހާފައި އެވަނީ އެފަރާތްތަކަށް ބޯހިޔާވަހިކަން ޙައްގުވާތީއެވެ. އެހެނަސް ބޯހިޔާވަހިކަން ޙައްގުވާ ރައްޔިތުން މަގުމަތިވެފައި ކިތައްއަހަރު ތިބެން ޖެހޭނެތޯރައްޔިތުމިހާ ކުރަމުންދާ ސުވާލުގެ ޖަވާބެއް ނުލިބެއެވެ. މި ސުވާލުގެ ޖަވާބު ރައްޔިތު މީހާއަށް ލިބޭނީ ކޮންފަރާތަކުން ތޯއެވެ.
ޤައުމެއްގެ ބަހާއަކީ ރައްޔިތު މީހާއެވެ. ރައްޔިތު މީހާ ދުވާރުމަތީގައި ނިދަން ޖެހޭނެ ކަމަށް ގަބޫލު ކުރާ ވެރިޔަކު ރައްޔިތުން ބޭނުންވާނެތޯއެވެ.
ވެރިކަމަށް ދެއަހަރު ފުރެނީއެވެ. ކުރެވުނީ ކޮން ކަމެއްތޯއެވެ. ތެދުފުޅެކެވެ. ވައްކަން އެބަކުރެވެއެވެ. މައިސޯބު ފާލުން ނެއްޓި ނުއަތަށް އެނބުރެން ފަށައިފިއެވެ. އެހެން ކަމުން މުޅިގައުމު ނުއަތަށް ބުރުޖަހަނީއެވެ. ވައްކަމާއި ފޭރުން ޢާންމުވެއްޖެއެވެ. ވައްކަން ކުރުމުގެ އައު ހުނަރުތައް ތަޢާރުފުވެއްޖެއެވެ. މަގުމަތިން ހިނގަމުން ދާމީހާ އެނބުރި ގެއަށް ވަންނައިރު ޖީބުގައި އޮތް ވޮލެޓް ވެސް ނުއޮވެއެވެ. ވައްކަން އެޑުވާންސް ވާނީ މިހާވަރަށް ތާއެވެ. ވައްކަން ކުރުމުގެ ރޮގުން ޕީއެޗްޑީ ހާޞިލްކޮށް ރައްޔިތުންނަށް ވައްކަން ކުރާންވީ ގޮތް ކިޔަވައި ދެނީއެވެ. މަގުމަތީގައި ދުއްވާފައިދާ ވެހިކަލްވެސް ގެއްލެނީއެވެ. މީހަކަށް ނުފެނިއެވެ. އަދި ކެމަރާއަކަށް ވެސް ނައަރައެވެ.
ވައްކަމުގެ ރޮގުން ގައުމެއް ތަރައްގީ ވާނީ މިހާވަރަށް ތާއެވެ. ތަޅުދަނޑި ވެސް ގެއްލުނީއެވެ. ކަތިވަޅިއާއި މަރިޔަނބު ވެސް ގެއްލި ނިމެނީއެވެ. ފުލެޓާއި ތަޅުދަނޑިވެސް ގެއްލުނީއެވެ.
