މިއަހަރުގެ ތެރޭގައި ތުރާކުނުގެ ރައްޔިތުންނަށް ވަނގާރުން ބިން ދޫކުރެވޭވަރު ވާނެ. ކައުންސިލް
ފޮޓޯގައި އެފެންނަނީ ފެބުރުއަރީ 2024 ގައި 24 ރައީސުލްޖުމްހޫރިއްޔާ ހއ. ތުރާކުނު ކައުންސިލް އަދި އ.ތ.މ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވާ މަންޒަރެވެ.
ރާއްޖޭގެ އެކި ރަށްރަށާއި ގުޅިފައިވާ އެންމެހައި ފަޅުރަށްތައް ވަނީ އެރަށު ކައުންސިލާއި ޙަވާލު ކުރެވިއެވެ. ހއ. ތުރާކުނަކީ ދިރިއުޅުމަށްޓަކާ އެއްވެސް މަސައްކަތެއް ކުރެވޭނެ ގޮތެއް ނެތިފައިވާ ރައްޔިތުންތަކެއް ދިރިއުޅޭ ރާއްޖޭގެ އެންމެ އުތުރުގައި ވަކީން އޮންނަރަށެކެވެ. އެރަށަކީ މަސްވެރިކަން ކުރާ ބަޔަކު ދިރިއުޅޭ ރަށެއްވެސް ނޫނެވެ. އެހެންކަމާއެކު ކުރީގެ ޒަމާންތަކުގައި ތުރާކުނު ރައްޔިތުން ދިރިއުޅުގެ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމެވެ. ކޮންމެ ސަރުކާރަކުންވެސް ތުރާކުނާއި އެނމެ ގާތުގައި އޮންނަ ވަނގާރު ވަނީ އެރަށުގެ ރައްޔިތުން ދަނޑުވެރިކަން ކުރުމަށް ހުޅުވާލާފައެވެ. މިދެންނެވި އުޞޫލުން ތުރާކުނުގެ ރައްޔިތުން އައީ ވަނގާރުގައި އެކި އެކި މަސައްކަތް ކުރަމުންނެވެ.
ތުރާކުނު ރައްޔިތުން ވަނގާރުގައި ކުރަމުން ދިޔަ ދަނޑުވެރިކަމާއި އަދި އެނޫންވެސް މަސައްކަތްތައް ހުއްޓިފައިވަނީ މިއަދުގެ ސަރުކާރު އައުމާއެކު އިސްވެދެންނެވުނު ފަދައިން ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ އިޚުތިޞާސްގެ ތެރެއަށް އެރަށަކާއި ގުޅިފައިވާ ފަޅުރަށްތައް ގެނައުމަށްފަހު އެރަށްތައްވަނީ އެރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. އެހެން ކަމާއެކު ތުރާކުނުގެ ރައްޔިތުން އެރަށުކައުންސިލާ އެތައްފަހަރެެއްގެ މަތިން ވާހަކަ ދައްކައިގެންވެސް ވަނގާރުގައި ތުރާކުނު ރައްޔިތުންނަށް މަސައްކަތް ކުރުމުގެ ފުރުޞަތު ދިނުމަށް ކައުންސިލުން އެއްބަސްވެފައި ނުވާކަމަށް އެރަށުގެ ރައްޔިތަކު ކިޔައިދިނެވެ.
އެހެން ކަމާއެކު ކައުންސިލްގެ ރައީސާއި ފޯނުން އަޅުގަނޑު ގުޅާލީމެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ ވަނގާރުން ތުރާކުނު ރައްޔިތުންނަށާއި ކައުންސިލަށް ފައިދާވާނޭ ގޮތެއްވުމަކީ ކައުންސިލްގެ އަމާޒު ކަމަށާއި އެހެން ކަމަމާއެކު ވަނގާރުގެ ލޭންޑުޔޫޒް ޕްލޭނާއި ގުޅުވައި އެރަށް އެކި މަސައްކަތްތަކަށް ހުޅުވާލުގެ ޕްލޭނެއް ރޭވި އެ މަސައްކަތް ކުރިއަށް އެބަދާކަމުގައެވެ. އެހެންކަމާއެކު އުންމީދު ކުރެވެނީ މިއަހަރުގެ ތެރޭގައި އެމަސައްކަތް ނިމި ތުރާކުނުގެ ރައްޔިތުން ބޭނުންވާ މަސައްކަތް ތައް ކުރުމަށް ވަނގާރު ހުޅުވައި ދެވޭނޭ ކަމުގައެވެ.
ތުރާކުނަކީ އޮޑި ދޯނިފަހަރު ގެންގުޅެން ދަތި ރަށެއްކަމަށާއި ޒަމާނުއްސުރެ ތުރާކުނު ރައްޔިތުން އުޅެމުން އައީ ފަޅުގައި އުޅަނދު އެޅުމުގެ ބަދަލުގައި ރަށަށް އެހެލައިގެންނެވެ. އެހެންކަމުން ޒަމާނުއްސުރެ މަސްވެރިކަން ކުރަން އުނދަގޫ ރަށެއްގެ ގޮތުގައި ވެފައިވާ ކަމުގައެވެ. މިއަދު ތުރާކުނުގައި ބަނދަރެއް ހެދިފައިވީނަމަވެސް ރަށުގެ ރަށްޔިތުން މަސްވެތިކަމަށް ވުރެ ޝައުގުވެރިވެފައިވަނީ ދަނޑުވެރިކަމުގެ މަސައްކަތް ކުރުމަށާއި ފަރުމަހުގެ މަސްވެރިކަން ކުރުމަށެވެ.
އެހެން ކަމާއެކު ވަނގާރަކީ ތުރާކުނުގެ ރައްޔިތުން ދިރިއުޅުމަށްޓަކާ ޒަމާނުއްސުރެ ހޯދަމުންއަންނަ އާމްދަނީގެ ނާރެސް ކަމަށާއި ތުރާކުނު ރައްޔިތުންނަށް އާމްދަނީ ލިބޭ އަދި ރައްޔިތުންގެ އުންމީދުތަކާއި ގުޅިފައިވާ ވަނގާރުގައި ދޮޅުއަހަރަށްވުރެ ގިނަދުވަހު ތުރާކުނުގެ ރައްޔިތުންނަށް އެއްވެސް މަސައްކަތެއް ނުކުރެވި އެދިޔަ ދިއުމުގެ ސަބަނުން ތުރާކުނުގެ ރަށްޔިތުންނަށް ވަނީ އިގުތިޞާދީ ގޮންޖެހުމެއް ކުރިމަތިވެފައި ކަމަށް އެ ރަށުން ވާހަކަ ދެއްކެވި އެރަށުގެ އިސް ރަށްވެއްސަކު ކިޔައިދެއްވިއެވެ.
ތުރާކުނަކީ ހއ. އަތޮޅުގައި ހިމެނޭ ރާއްޖޭގެ އެންމެ އުތުރުގައި އެކަނި ވަކިން އޮންނަ ރަށަކަށްވުމާއެކު ވަނގާރުގައި ޓޫރިޒަމްގެ މަސައްކަތް ކުރަން އުނދަގޫވާނޭ ކަމަށް ވެސް އޭނާ ބުނުއްވިއެވެ. ތުރާކުނަކީ އާބާދީގެ ގޮތުން ކުޑަރަށެކެވެ. ހަތްސޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ތުރާކުނުގެ ރައްޔިތުން އެދެނީ ވަނގާރުން އެރަށުގެ ރައްޔިތުނަށް އާމްދަނީ ހޯދޭނޭ މަގު ވީހާވެސް އަވަހަކަށް ފަހިކޮށް ދިނުމަށެވެ.
