މި ސަރުކާރުން ކޮނޑޭ ރައްޔިތުން ބަނޑަށް ޖައްސައިފި
ހުވަދު އަތޮޅު ކޮނޑޭ ރައްޔިތުންނަކީ ދަނޑު ހައްދައިގެން ބަނޑު ފުރާނަ މުއްތިކުރަމުން އަންނަ ބައެކެވެ.
ކޮނޑޭގެ ރައްޔިތުން ރައީސް މައުމޫނުގެ ދައުރުން ފެށިގެންވެސް ކުރަމުން އަންނަނީ ދަނޑުވެރިކަމެވެ. ކޮނޑެއަކީ އާބާދީ މަދުރަށަކަށް ވާތީ އެ ރަށުގެ ރައްޔިތުން ވަނީ ހާހާއި ނުވަސަތޭކަ ހަތްދިހައިގެ އަހަރުތަކުގެ ތެރޭގައި އެ އަތޮޅު ދާންދުއަށް ބަދަލުކޮށްފައެވެ. ނަމަވެސް ދާންދޫގެ ރައްޔިތުންނާއި ކޮނޑޭގެ ރައްޔިތުންނާއި ދެމެދު އުފެދުނު ހަމަނުޖެހުން ތަކަކާއި ގުޅިގެން ކޮނޑޭގެ ރައްޔިތުން ވަނީ އަނބުރާ ކޮނޑެއަށް ބަދަކުރެވިފައެވެ. އެއީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އެ ރަށަކީ އެއްއިރެއްގަވެސް މަސްވެރި ރަށަކަށް ނުވާތީ ރައީސް މައުމޫނު ވަނީ ކޮނޑޭގެ ކޮންމެ ގޭބިސީއަކަށް 400 އަކަފޫޓުގެ ދަނޑުބިމެއް ރަޖިސްޓްރީ ކޮށް ދެއްވާފައެވެ. އެހެން ކަމުން ކޮނޑޭގެ ރައްޔިތުން ދިޔައީ އެދަނޑުބިންތަކުގައި އޮޅުއަލަ ހެއްދުމަށްޓަކާ އޮޅުތައް ކޮނެ އަލަހައްދަމުންނެވެ. އެހެން ކަމުން އެ ރައްޔިތުން ބަނޑުފުރާނަ މުއްތިކުރަމުން އައީ މިދެންނެވި ދަނޑުބިންތަކުގެ އެހީގައެވެ.
ދިވެހި ރުކާއި އަނބުގަހާއި ބަނބުކެޔޮގަސް އަދި ފަތްކެޔޮމާޅޮސްކެޔޮ ގަސްތަކާއި ބަރަބޮލާއި ކައްޓަލަފަދަ ގޮވާމުގެ ބާވަތްތައް މިދެންނެވި ދަނޑުބިންތަކުގައި ހައްދާފައިވެއެވެ. މި ސަރުކާރު ވެރިކަމަށް އައުމާއި ހަމައަށް ވެސް ކޮނޑޭގެ ރައްޔިތުން ބަނޑު ފުރާނަ މުއްތިކުރަމުން އައީ މި ދަނޑު ބިންތަކުންނެވެ. ކަން މިހެން ހުރިނަމަވެސް ކޮނޑޭގެ ރައްޔިތުންގެ ގޭ ބިސީތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަދި އެ ދަނޑުބިންތައް މިސަރުކާރުންވަނީ ނިގުޅައިގަނެ ކޮނޑޭގެ ކައުންސިލާ ޙަވާލު ކޮށްފައެވެ. މިދަނޑުބިންތައް ކޮނޑޭ ކައުންސިލާ ޙަވާލު ކުރުމުން ކައުންސިލްގެ ފަރާތުން މިހާރުވަނީ އެ ދަނޑުބިންތަކުގައި ރައްޔިތުން ހައްދާފައިވާ ހުރިހާ ރުއްތައް ކަނޑާ އެރުއްގަސްތައް ވުޖޫދުން ފޮހެލާފައެވެ.
މިކަމާއިގުޅިގެން ކޮނޑޭގެ ރައްޔިތުން ވަނީ ކަމާއި ބެހޭ އެއްމެހައި ފަރާތްތަކަށް ޝަކުވާ ހުށަހަޅާފައެވެ. އެހެނަސް މިސަރުކާރުގެ ކަމާއި ބެހާ އިދާރާތަކުން ކޮނޑޭގެ ރައްޔިތުންނަށް އެއްވެސް ޖަވާބެއް ނުދެއްވިއެވެ. ރައްޔިތުން ދިރިއުޅެމުންއައި މަގު މިސަރުކާރުން އެވަނީ ބަންދު ކޮށްފައެވެ. މިއީ ރަށެއްގެ ރައްޔިތުން އެ ވަސީލަތަކުން ބަނޑުފުރާނަ މުއްތި ކުރަމުން އައި ވަސީލަތް ކަމަށް ވީހިނދު ސަރުކާރުން އެވަނީ ކޮނޑޭގެ ރައްޔިތުން ކަރަށް ފައިން އަރާފައެވެ.
ހުވަދޫ އޮތޮޅު އުތުރުބުރީ ދިޔަދޫއާއި ކޮނޑެއާއި އެ ދެރަށަކީ ނުހަނު ކުޑައާބާދީ އެއް އޮތް ދެރަށެވެ. އަދި އެ ދެރަށުގެ ރައްޔިތުންނަކީ މަސްވެރިކަން ކުރާބައެއްވެސް ނޫނެވެ. އެއީ އެ ދެރަށުގެ އާބާދީ ވެސް ކުޑަކަމުންނެވެ. ކޮނޑޭއާއި ދިޔަދޫ އަކީ އާބާދީ ކުޑަނަމަވެސް ވަރަށް ބިން ބޮޑު ދެރަށް ކަމަށް ވުމުން އެ ދެރަށުގެ ރައްޔިތުން ކައިބޮއި އުޅެނީ ރުއްގަހާއި ދަނޑު ފަނގުގެ ޒަރީޢާއިންނެވެ. އަލްމަރުޙޫމް އިބްރާހިމް ނާސިރުގެ ރައީސްކަމުގެ ޒަމާނުގައި އެދެރަށުގެ ރައްޔިތުން އެހެން ރަށްރަށަށް ބަދަލުކުރަން ނިންމި ނިންމުގެ ތެރެއިން ފުރަތަމަ މީހުން ބަދަލުކުރެއްވީ ކޮނޑެއިންނެވެ. ކުރިންވެސް ދެންނެވިހެން ކޮނޑޭމީހުން ބަދަލުކުރެއްވީ އެ އަތޮޅު ދާންދުއަށެވެ. ދާންދުއަކީ މަސްވެރި ރަށެކެވެ. އެހެން ކަމުން ކޮނޑޭމީހުން ދާންދޫގެ މަސްދޯނިފަހަރުގައި މަހަށް ފަރަށް ދާން ފެށިއެވެ. އެހެނަސް ގިނައަހަރުތަކެއް ނުވެ ކޮނޑޭ އަވަށުގެ ރައްޔިތުންނާއި ދާންދޫގެ ރައްޔިތުންނާ ދެމެދު ހިނގި ޚިޔާލު ތަފާތުވުން ތަކެއްގެ ތެރެއިން ދާންދޫގެ މަސްދޯނިފަހަރުން ކޮނޑޭ މީހުން މަހަށް ގެންދިއުން ހުއްޓާލިއެވެ.
ކަން މިހެން ހުރުމުން ދާންދޫގައި ތިބި ކޮނޑޭގެ ރައްޔިތުންނަށް ދަތިބޮޑުވެ ދާންދޫގައި ދިރި ނުއުޅެވޭ ހިސާބަށް ދިއުމުން ރައީސް މައުމޫނުގެ ވެރިކަމުގައި ދާންދޫގައި ދިރުއުޅޭ ކޮނޑޭގެ ރައްޔިތުން އެބައިމީހުންގެ ރަށަށް ކޮނޑެއަށް ބަދަލު ވުމުގެ ހުއްދަ ދެއްވާ އެރަށުގެ ކޮންމެ ގޭބިސީއަކަށް ހަތަރު ސަތޭކަ އަކަފޫޓުގެ ދަނބިން ރަޖިސްޓްރީ ކޮށަ ދެއްވިއެވެ. މިއަދާހަމައަށްވެސް ކޮނޑޭގެ ރައްޔިތުން އުޅެމުން އައީ މިދެންނެވި ދަނޑުބިންތަކުން ލިބޭ އާމްދަނީއިންނެވެ. އެހެހަނަސް ރައީސް މުޢިއްޒު އެރަށުގެ ރައްޔުތުން އާމްދަނީ ހޯދަމުން އައި ވަސީލަތް ބަންދުކޮށް މިއަދު އެވަނީ ކޮނޑޭގެ ރައްޔިތުން ޙާލުގައިޖައްސާފައެވެ. މިއަދު އެ ރަށްޔިތުން އާމްދަނީ ހޯދަމުން އައި މަގު ސަރުކާރުން ބަންދު ކުރުމުން އެރަށުގެ ރައްޔިތުން އެވަނީ ހައިހޫނުކަމާއި ކުރިމަތި ލާން ޖެހިފައެވެ. މިއީ ކޮންކަހަލަ އިންޞާފެއް ތޯއެވެ.
