މިސްގާލެއްހާ މިންވަރުގެ ރަޙުމެއް ވެސް ނެތީތޯ
ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ތަފުޞީލެއް ނޭނގޭ 55 ބިލިއަން ރުފިޔާގެ ބަޖެޓް ހުސްވެ ރައްޔިތުންގެ ޖީބުކަނޑަން ފަށައިފިއެވެ. މި ބެޖެޓު ހުސްކުރިގޮތް އެނގޭ ރައްޔިތަކު އެބަހުރިތޯއެވެ. ބުނެވޭނީ ނެތެވެ. ލޮބުވެތި ރައީސް އެވެ. ރައްޔިތުންނާމެދު މަނިކުފާނުގެ ހިތްޕުޅުގައި ކުޑަވެސް ރަޙުމެއް ނެތީހެއްޔެވެ. ޢިއްޒަތްތެރި ރައީސެވެ. ރައްޔިތުން ހަނާވަމުން ދަނީއެވެ. ކާންބޯން ނުލިބިއެވެ. ބައިތުލްމާލުން އެންމެރައްޔިތެއްގެ ބަނޑުފުރާނަ މުއްތިކޮށް ދެއްވިންތޯއެވެ. ނުދެއްވައެވެ. އެހެނަސް ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވެ ވަޑައި ނުގަންނަވާނޭ ކަމަށް މާތް ﷲ ގަންދީ މަނިކުފާނު ވަނީ ރައްޔިތުންގެ ކުރިމަތީގައި ހުވާކުރައްވާފައިނޫންތޯއެވެ. އެހެން ކަމާއެކު މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުވި ތަފުޞީލެއް ނުވާ 55 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެގެން ދިޔައީ އެބަޖެޓުން މަނިކުފާނު ކޮން ކަމެއް ކުރައްވައިގެންތޯ އޮޅުން ފިލުވަން ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. އަދި އަހަރު ދެބައިމިވީ ކިރިޔާ ނޫންތޯއެވެ.
މިދިޔައަހަރުގެ ބަޖެޓުގައި ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހިމެނި 55 މިލިއަން ރުފިޔާއަށް ވީ ކިހިނެއްތޯއެވެ. މިހެން އަހާލަން މިޖެހުނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދެއްވާފައި ނުވާތީއެވެ. އެހެނެއްކަމަކު އެފައިސާ ވެސް ހުސްވެއްޖެ ނޫންތޯއެވެ
ނެތްތަރަޙުމެއް ހިތުގާ ކަލޭނޭ އެންމެ މިސްގާލެއް،
ވާތީ ހިތާމަގިލަނުގާ އެކަނިވެރި އުނގުގާ މައޮވެ ނިމިދާންވީ ހެއްޔެވެ.
ޢިއްޒަތް ތެރި ރައީސެވެ. ރައްޔިތުންގެ އަތުން ދީދީ އަތްމަތި ހުސްވެ ވަރުބަލި ވެއްޖެއެވެ. އެހެނަސް ރައްޔިތުންގެ އަތުން ނަންގަވާ ނެންގެވުމަކަށް ކުޑަ ލުޔެއް ވެސް ނުދިނުމުގެ ސަބަބުން ރައްޔިތުމީހާ ހުރީ ނުހަނު ހިތާމަވެރި ވެފައެވެ. ހެޔޮނުވާނެނޫންތޯއެވެ.
މިނޫން ދުވަހެއްވެސް އަދި އެބައޮތް ވިއްޔާއެވެ.
ރައްޔިތުމީހާ ހިތާމަ ކުރަނީ ދެއިރު ހަމައަށް ޢާއިލާ ނުކައި ނުބޮއި ތިބެން ޖެހުމުންނެވެ. ޢިއްޒަތްތެރި ރައީސެވެ. ރާއްޖޭގެ ފަގީރުންގެ ދަފުތަރު ވަރަށް ދިގެވެ. އެހެނަސް އެއިން ފަގީރަކަށް ދައުލަތުން އެއްޗެއް ދިއްކޮށްލަނީ ޒަކާތް ބަހާދުވަހު އެކަންޏެވެ.
އެކަމަކު ރާއްޖޭގައި ތިބި ފަގީރުން އުޅޭ ޙާލެއް މަނިކުފާނު ފާޅުގައިވެސް އަދި ސިއްރިޔާތުގައި ވިޔަސް ނުބައްލަވަމު ނޫންތޯއެވެ. ބުނެވޭ ގޮތުގައި އެފަދަ ފަގީރުން ދެނެގަނެ އެބައިމީހުނަށް ބައިތުލް މާލުން އެހީ ފޯރުކޮށްދިނުމަކީ ވަލިއްޔުލް އަމްރުގެ މަސްއޫލިއްޔަތެކެވެ. ޢިއްޒަތްތެރި ރައީސެވެ. ވެރިކަމުގެ މަސްއޫލިއްޔަތަކީ އެ މަސްއޫލިއްތަށް ފަރުވާކުޑަ ކޮށްފިނަމަ ﷲ ގެ ދަރުބާރުގައި މަނިކުފާނާއި ސުވާލުވެވޭނޭ ކަންކަމެވެ. ގައުމުގައި ބުޅަލެއް މަރުވިޔަސް އޭގެ ޒިންމާ މަނިކުފާނު ނަންގަވަން ޖެހޭނެއެވެ. އެހެން ކަމާއެކު ރައްޔިތުންގެ ހައްގުތަކާއި ވާޖިބުތަކަށް ރައްކާތެރިވެ ހުރުމަތްތެރިކޮށް ހިތުމަށާއި މާތްވެގެންވާ އިސްލާމް ދީނަށާއި ރާއްޖޭގެ ގާނޫނުއަސަސީ އަށް ހުރުމަތް ތެރިކޮށް ހިއްތަވާނޭ ކަމަށްވިދާޅުވެ މާތް ﷲ ގަންދީ ހުވާކުރެއްވި ވަގުތު ހަނދުމަފުޅަށް
ރައްޔިތުން އެބައިމީހުންގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއި އިޚުލާސްތެރި ކަމާއިއެކު ބަލަހަށްޓަން ޙާވާލުކޮށްފައިވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އެހެންކަމާއެކު ރައްޔިތުންގެ މުދަލާއި ފައިސާއިން ކުރާބޭނުންތަކާއި އަދި އެފައިސާއަށް ގެއްލުމެއް ވެއްޖެނަމަ އެ ވީ ގެއްލުމުގެ ވާހަކަ ރައްޔިތުންގެ ގާތުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެދެއްވަން ޖެހޭނެއެވެ. އަދި އެ މުދަލާއިފައިސާއަށް އެއްވެސް ފަރާތަކުން ޚިޔާނާތްތެރިވެއްޖެ ނަމަ އެމައްސަލަ ބަލާ އެމީހަކު ޝަރީޢަތުގެ ކުރިމަށްޗަށް ޙާޒިރުކޮށް ގާނޫނުގައި ބަޔާކުރާ ގޮތެއްގެ މަތިން އެމީހަކާމެދު ޢަމަލު ކުރަން ޖެހޭނެއެވެ.
ކަން މިހެން ހުރި ނަމަވެސް ދައުލަތުގެ ބާރުގަދަ ނުފޫޒުގަދަ މަގާމުތަކުގައި ތިއްބަވާ ވެރިން ރައްޔިތުންގެފައިސާވަގަށް ނަގާ އެފައިސާއަށް ޚިޔާނާތެރިވަމުންދާއިރު އެފަދަފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް ނައަޅުންވާ އެފަރާތްތަކުން އެފަދަ ޚިޔާނާތްތައް އިތުރަށް ހިންގާނޭ ފުރުޞަތު ދެއްވައިގެން މަނިކުފާނު ތިޔަހުންނަވަނީ ހަނުއެވެ. ރައްޔިތުންގެ މުދަލާއިފައިސާ ރައްޔިތުން ހަވާލުކޮށްފައިވާފަރާތުން އެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވާ މީހުންގެ މައްސަލަތަކަށް ފަސްއަޅާފޮރުވާ ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ވެއްޖެ ނަމަ ރައްޔިތުންގެ ޙާލަކީ ކޮބައިތޯއެވެ.
