ގޭންގު ގާނޫނުވެސް ޗޮކުން ދަނީތަ؟

ގޭންގު ގާނޫނުވެސް ޗޮކުން ދަނީތަ؟

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ގޭންގް ކުށްތަށް ހުއްޓުވުމަށްޓަކާ ރައްޔިތުންގެެ މަޖީހުން ވަނީ ގޭންގު ކުށްތައް ހުއްޓުވުމުގެ ގާނޫނެއް ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާ ތަސްގީގު ކުރެއްވިތާ މި ހިނގާ އޯގަސްޓު މަހުގެ 25  ވަނަ ދުވަހަށް ތިންމަސް ފުރޭ އިރު  އެފަދަ ކުށްތަކަށް އެއްވެސް ޙަައްލެއް އަދި ވަނީ ނުފެނި އެވެ.  ރާއްޖޭގައި ހިނގަމުން އަންނަ ގޭންގް މާރާމާރީއާއި އަދި އެކިފަރާތްތަކަށް މަރުގެ އިންޒާރު ދިނުންފަދަ ނުރައްކާތެރި ޢަމަލްތަކަށް ލިބުނު ޙައްލެއް އަދި ނެތެވެ.  މި ބިލް މަޖިލީހަށް ހުށަހަޅުއްވަމުން ހޯމްމިނިސްޓަރ އިޙުސާނު ވިދާޅުވެފައިވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ގޭންގް ކުށްތަކާއި ބެހޭ ބިލް ގާނޫނަކަށް ވުމުން ރާއްޖޭގައި ހިނގަމުން އަންނަ ގޭންގް ކުށްތައް ހުއްޓި އަމާންކަމުގެ މަގަށް ގައުމު ރުޖޫޢަވެގެން ދާނޭ ކަމުގައެވެ.

ރާއްޖޭގައި އެތަކެއް ގޭންގް ޙަރަކާތްތެރިވެ އެ ގޭންގް ތަކުން ހިންގަމުން އަންނަ ގަތުލުޢާންމުތަކާއި މާރާމާރީއާއި މަސްތުވާތަކެތީގެ ވިޔާފާރި ފަދަ ނުރައްކާތެތި ބިރުވެރި އެތައް ކަމެއްގެ ތެރެއަށް މުޖުތަމަޢު ވަނީ ސޮއްސާލާފައެވެ. އެހެނަސް ތަސްދީގު ކުރެވިފައިވާ މިދެންނެވި ގޭންގް ކުށްތައް ހުއްޓުވުމާއިބެހޭ ގާނޫނުގެ ދަށުން އަދި މިހާތަނަށް ކުރެވުނު ކަމެއް ނެތެވެ. ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އަދި ރާއްޖޭގެ ފަނޑިޔާރުންނާއި ތަހުގީގީ އިދާރާތަކުގެ ވެރިން ތިއްބެވީ ރާއްޖޭގައި ހިނގަމުން އަންނަ މިދެންނެވި އިޖްތިމާއީ ނުރައްކަލުގެ ތެރޭގައި ފިތިފައެވެ.

ބުނެވޭ ގޮތުގައި ރާއްޖޭގައި އުފެދިފައިވާ ގޭންގްތައް ރެކްރޫޓު ކުރަނީ ބައެއް ސިޔާސީ ޕާޓީތަކުންނާއި އަދި ދައުލަތުގެ ބައެއް އިސްވެރިން އަޑީގައި ތިއްބަވައިގެންނެވެ. އެހެން ކަމުން ގޭންގްތަކުން ހިންގާ ކުށްތަކާއި އަދި ގޭންގުތަކުން ކުރާ ގާނޫނާއި ޚިލާފު އެތައްކަމެއް ހުއްޓުވަން ސަރުކާރަށް ވަނީ ނުކުޅެދިފައެވެ. ރާއްޖޭގައި އުފެދިފައިވާ ގޭންގްތަކުގައި ޙަރަކާތެރިވެ އެފަރާތްތަކަށް ސަރުކާރުގެ ތެރެއިން އެހީތެރިކަމާއި މަދަދު ލިބެމުން އަންނަ ކަމުގެ އަޑުތައްވެސް ދަނީ ފެތުރެމުންނެވެ. ބުނެވޭ ގޮތުގައި ގޭންތަކުން ހިންގާ މާރާމާރީގެ މައްސަލަތައް ތަޙުގިގު ކުރެއްވުމުގައި ތަޙުގީގީ އިދާރާތަކުގެ ވެރިންވެސް ތިއްބެވީ ބިރުވެރި ކަމެއްގެ ތެރޭގައެވެ. އަދި ގޭންގްތަކުން ތަޙުގީގީ އިދާރާތަކުގެ ވެރިންނަށާއި ފަނޑިޔަރުންނަށާއި ބައެއް އާންމުންނަށް ބިރުދަައްކަމުންދާ ވާހަކަ ތަކަކީވެސް އާ ވާހަކަތަކެއް ނޫނެވެ. އަދި ގޭންގްތަކަށް ދެހާސް ތޭރަވަނަ އަހަރުން ފެށިގެން ފައިސާގެ އެހީތެރިކަން ބައެއް ސިޔާސީ ޕާޓީތަކުން އަންނަނީ ފޯރުކޮށްދެމުންނެވެ.

ގެންގު ތަކުގެ ބިރުވެރިކަން އޮތީ އިންތިހާއަށެވެ. ވުލުހުންނަށްވެސް އަތް ނުލެވޭ ހިސާބުގައި ކަން ފުލުހުންގެ ބަހުން އެނގެއެވެ. ފުލުހުންގެ ނިވްސް ކޮންފަރެއްސެއްގައި ވާހަކަދައްކަވަމުން ފުލުހުން ހާމަކޮށްފައިވަނީ ދައުލަތުގެ ބާރުގަދަ ފަރާތް ތަކުންނާއި ބާރުގަދަ ސިޔާސީ ޕާޓީތަކުގެ މަދަދު ގޭންގްތަކަށް ލިބެމުންދާތީ ގޭންގް ތަކުން ހިންގާ އެފަދަ ކުށްތައް ހުއްޓުވުމަކީ ދަތި އުނދަގޫ ކަމެެއްކަމުގައެވެ. މިއޯ ގޭންގު ތަކުގެ ކުރިމަތީގައި ފުލުހުންނަށް ޖެހިފައިވާ ހާލެވެ.

ރާއްޖޭގެ ވެށި ކުށުން ތަޣައްޔަރުވެފައިވާހިނދު ހެދިފައިހުރި ގާނޫނު ތަކާއި ގަވާޢިދުތައް މަސައްކަތް ކުރަނީ އެކި މީހުނަށް އެކިގޮތަށް ދެރަމީހާއަށް ދެރަކޮށް މޮޅުމީހާ އަށް މޮޅުވާ ގޮތަށް ކަމުން ރާއްޖޭ އިޖްތިމާޢީ ޢަދާލަތުގެ މުރުއްވަތްތެރޮކަން ގެއްލި ގައުމު ވަނީ ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ގެނބިގެން ގޮސްފައެވެ. ޢަދުލު އިންޞާފަށް ނުފޫޒު ފޯރުވާ ދައުލަތުގެ ވެރިންވެސް އަންނަނީ އިތުރުވަމުންނެވެ. އަދި ވެރިންގެ ދަރިން ކުރާ ކުށްތައް ބަލައި ތަހުގީގު ކުރުމަގައި އެއްފަރާތަށް ޖެހި އެތަޙުގީގުތަކަށް ވެރިންގެ ނުފޫޒު ވަދެ އިންޞާފު ގެއްލެމުންދާ ކަމަށް ރައްޔިތުން ތުހުމަތު ކުރެއެވެ. ވެރިންނާއި ވެރިންގެ ދަރިން ޝާމިލްވެ ހިންގާ ކުށްތަކާއި ހިންގާ ގާނޫނާއި ޚިލާފު ޖަރީމާތަކަށް ޢަމުދުން އިންޞާފެއް ނުލިބެއެވެ. މިހާރު ފެންނަ މަންޒަރަކީ އިޚްލާޞްތެރި ނިޔަތުގައި އެކުލަވައިލި ގޭންގު ޤާނޫނުވެސް ޗޮކުން ދާ މަންޒަރެވެ.

ފުލުހުންގެ އިދާރާއަށް ހުށަހެޅޭ ވެރިންގެ މަސްލަޙަތު އޮންނަ މައްސަލަތައް ތަޙުގީގު ކުރަން ތިއްބެވި ބޭފުޅުންނަށް ހޯމްމިނިސްޓަރ ނުފޫޒު ފޯރުވާކަމަށް އެއްބަޔަކު ތުހުމަތު ކުރެއެވެ. ހުށަހެޅިފައިވަނީ ޖިނާޢީ ކުށުގެ މައްސަލައެއް ކަމުގައި ވިޔަސް އެ ކުށުގައި ޝާމިލްވާ ފަރާތް ހައްޔަރުވާގޮތް ނުވާތީއެވެ. ވައްކަން ކުރާ ދައުލަތުގެ ވެރިންގެ މައްސަލަތައް ފުލުހުންގެ މުވައްސަސާއަށް ހުށަހެޅުނަސް އެއިން މީހަކު ހައްޔަރު ކުރެވޭ ތަނެއް ނުފެނެއެވެ. ފެނިގެން ދަނީ އިތުރަށް ކޮރަޕްޝަނާއި ފަސާދަ މެކުހަށް ޖަހާފައިވާތަނެވެ. ގައުމެއްގައި ޢަދުލު އިންޞާފެއް ނުވާނަމަ އެގައުމުގެ ރައްޔިތުންނަށް ދުވަހަކުވެސް ހަމަޖެހުމެއް ނުލިބޭނެއެވެ.