ފުލުހުންނަށް ޑުރަގު ހުއްޓުވޭނެ!

ފުލުހުންނަށް ޑުރަގު ހުއްޓުވޭނެ!

މާލެތެރޭގައި ޒުވާނުން މަސްތުވާތަކެތި ވިއްކަނީ ފުލުހުންގެ އެހީތެރިކަން ލިބިގެން ކަމަށް އަޑުފެތުރެމުންދެއެވެ.

މާލޭގެ މަޝްހޫރު ބުރެއްގެ ތެރޭގައި ތިބޭ ޒުވާނުން ތަކެއް ދޭތެރެ ދޭތެރެއިން ޕޮލިހަން ގެންދަނީއެވެ. ނަމަވެސް އެޒުވާނުން މިއަދު ގެންދިޔަ ނަމަ ޖެހިގެން އަންނަދުވަހު ހަމަ އެޒުވާނުން ހަމަ އެބުރުގައި ތިބެގެން މަސްތުވާތަކެތި ވިއްކައެވެ. އެއްދުވަހު އެތަނުން ޒުވާނަކު އައިސް ބުންޏެވެ. ބޭބެއެވެ. ސިގިރޭޓެއް ގަންނަން ދިހަރުފިޔާދީބަލާށެވެ. އެބޭބެ ބުންޏެވެ. ދިހަރުފިޔާ ލިބިދާނެއެވެ. އެކަމަކު ބޭބެ ބުނާވާހަކައަކަށް ދޮގުނަހަދާ ޖަވާބު ދެނިކޮށް ދިހަރުފިޔާ ދޭނަމެވެ. އެޒުވާނާބުންޏެވެ. ބޭބެ ތިބުނަން ބޭނުންވާ ވާހަކައެއް ބުނެ ބަލާށެވެ. ބޭބެ ބުންޏެވެ. ތިކުދިން ފުލުހުން ގެންގޮސްފަ އެހާ އަވަހަށް އެ ދޫކޮށްލަނީ ކީއްވެގެން ހެއްޔެވެ. ޒުވާނާ އިސްޖަހާލައިގެން ވިސްނަން އިނދެފަ ބުންޏެވެ. 

އަހަރެމެން އަތަށް މަސްތުވާއެއްޗެހި ވިއްކަން ޙަވާލު ކުރަނީ ފުލުހުންގެ ތިންމީހެކެވެ. އެ ހަވާލު ކުރާތަކެތި ވިއްކާ ހުސްވުމުން އަހަރެމެން ހަދާގޮތަކީ ބޮއިގެން ތިބޭގޮތް ދައްކައިގެން ބުރުތެރޭގައި ތިބެނީއެވެ. ތިއްބާ ފުލުހުން ގެންދަނީއެވެ. ފުލުސްއޮފީހުގައި ހަވީރުވަންދެން ބައިތިއްބާފައި އިރުއޮއްސޭ ވަގުތު އަނެއްކާވެސް ޑްރަގު ބޮނޑިއެއްދީފައި ފޮނުވާލަނީއެވެ. އެކަމަކު ބޭބެ މިވާހަކަ އެއްވެސްމީހަކާއި ޝެއަރ ނުކުރުން ވަރަށް ބޮޑަށް އެދެމެވެ. ދެން އެބޭބެ ދިހަރުފިޔާ ދިނުމުން އެނބުރި ބުރުތެރެއަށް ހިނގައްޖެއެވެ. އަދި އެފުލުހުން އަތުލައިގަންނަ ބައެއް ޒުވާނުންގެ އަތުން ނަގާ މަސްތުވާއެއްޗެހި ބައެއް ދުވަސް ދުވަހު ގެނެސް އެމީހުންނާއި  ޙަވާލު ކުރާކަމަށް ވެސް އެޒުވާނާ ކިޔައި ދިނެވެ. ބޭބެ އެޒުވާނާގެ ގާތު ބުންޏެވެ. ކޮއްކޮގެ ޢުމުރަކީ ކޮބައިހެއްޔެވެ. އެކުއްޖާ ބުންޏެވެ. ފަނަރައަހަރެވެ.

ކާޓަލް ހަދައިގެން މަސްތުވާތަކެތި ވިއްކާ ގެއަކުން ނުކުމެގެން ދުވެފައިދިޔަ އަންހެނަކާއި އޭނާގެ ރައްޓެހި އެހެން ކުއްޖަކާއި ދިމާވެގެން ބުންޏެވެ. މިވަގުތު އެގެއަށް ނުދާށެވެ. އެގެއަށް ފުލުހުން އެބަ އާދެއެވެ. ދުވެފައި ދިޔަ އަންހެންމީހާއާއި ދިމާވީވެސް އެގެއަށް ޑްރަގު ގަންނަން ދިޔަ ޒުވާން އަންހެން ކުއްޖަކާއެވެ. އެހެން ކަމުން އެމަގުކޮޅުގައި އެ ގެ ފެންނަ ހިސާބުގައި އެ ދެއަންހެނުން މަޑުކޮށްގެން އެތައް އިރަކު ތިބުމަށްފަހު ފުލުހުންގެ ބަޔަކު އަންނަތަން ނުފެނުމުން އެނބުރި އެގެއާއި ދިމާލަށް އެ ދެއަންހެނުން މިސްރާބު ޖެހިއެވެ. ޚަބަރު ބަލާލި އިރު އެގޭގެ ވެރިމީހާއަކީ ޕޮލިހެކެވެ. އެގެއަށް ފުލުހުމް ދާނަމަ އެޕޮލިސްމީހާ ގުޅާފައި ބުނަނީއެވެ. 

އެހެން ހާދިސާއެކެވެ. ޖީއެން ސައިކަލެއްގައި ދިޔަ ބޯ ދިގުކޮށްފައި ތިބި ދެޒުވާނަކު ގޯޅި ކަންމައްޗެއްގައި މަޑުކޮށްގެން ހުރި އުމުރުން ދުވަސްވީ ފިރިހެނެއްގެ ގާތަށް މަޑުކޮށްފައި ކޮންމެވެސް ވާހަކައެއް ދައްކާފައި ނަޢްޓާލި ވަގުތަކީ އެމަގުން ޓްރެފިކު ދެފުލުހުން އައިސް އެތަނާއި ހަމަވި ވަގުތެވެ. ހީވާގޮތުން އެ ދެޕޮލިހުން އައީ އެމީހުންނަށްފާރަލަމުންނެވެ. އެހެނަސް ބޯދިގުކޮށްގެން ޖީއެންސައިކަލުގައި އައި ދެޒުވާނުން ނުހުއްޓުވައެވެ. ކުއްލިއަކަށް އެ މުސްކުޅިމީހާ ފާރުގައި ލައްގާފައި ޗެކްކުރިއެވެ. އެހެނަސް އެމީހާ އަތުން އެއްޗެއް ނުފެނެއެވެ. އެމީހާގެ އަތަށް އެއްޗެއް ދިންނަމަ ދޭނީ ޖީއެންގައި އައި ދެޒުވާނުންތާއެވެ. ބުނަން މިއުޅޭވާހަކައަކީ ގޭންގް ތަކުން މާލެތެރޭގައި މަސްުތުވާތަކެތި ވިއްކަން އުޅޭ ޒުވާނުންދެކެ ބައެއް ފުލުހުން ޖެހިލުންވާކަން ފާހަގަ ކުރެވޭ ވާހަކައެވެ.  

އިއްޔެ އިވިގެން ދިޔައީ ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ޕޮލިސް އޮފިސަރަކު ހައްޔަރުކޮށް އެ އޮފިސަރު ކޮކެއިން އަށް ޕޮޒިޓިވް ވެފައިވާ ވާހަކައެވެ. ޕޮލިހުންގެ ތެރޭގައި ހަށިވިއްކާ އަންހެނުން އުޅޭ ވާހަކައަކީވެސް އިވެމުން އަންނަ ވާހަކައެކެވެ. މިއަޑުތައް އިވުމުން ތަލިން ކުޅުހިކިއްޖެއެވެ. ޕޮލިހުންނަކީ ގާނޫނުތައްތަންފީޒުކުރާ ފަރާތެވެ. ގައުމުގައި ހިނގާ ކުށްތައް މަދުކޮށް އެކުށްތައް ހުއްޓުވަން ތިބޭ ބަޔަކީވެސް ފުލުހުންނެވެ. ކަން މިހެން ހުރިއިރު ފުލުހުންގެ މުވައްސަސާގެ ގެތެރޭގައި ޑްރަގުހާލި ހެދި ގާނުނުތަންފީޒުކުރަން ހުރަސްއެޅެމުންދާނަމަ އެމުއައްސަސާގެ މައްޗަށް ރައްޔިތުން އިތުބާރު ކުރާނީ ކިހިނެއްތޯއެވެ. އަނެއްކޮޅުން ބާރުގަދަ މަގާމްތަކުގައި އުޅުއްވާ ފުލުހުންނަށް ރިޝްވަތުދީގެން ބައެއްމައްސަލަތައް ނުބެލިގެން އުޅޭ ވާހަކަވެސް ސޯޝަލް މީޑިއާގައި އެދަނީ ދައުރުވަމުންތާއެވެ. 

އެހެންކަމުން ފުލުހުންގެ މުވައްސަސާ އޯވަރހޯލްކޮށް ދުވަސްވީ މީހުން އުނިކޮށް އާޖެންޒީއާއި އެމުވައްސަސާ ޙަވާލު ކުރަން ވެއްޖެކަމަށް ދެކެމެވެ. ފުލުހުންގެ ތެރެއަށް އަތުލައިގެން ގެންދާ މަސްތުވާތަކެތި އަނބުރާ މުޖުތަމަޢުގެތެރޭގައި ދައުރުވަމުން ދާކަމަށް ބުނެ ފެތުރެމުންދާ އަޑުތަކާމެދު ވިސްނާލަން ޖެހޭނެތާއެވެ.

މިފެންނަނީ ގައުމު ބަނގުރޫޓުވެ ރައްޔިތުން ހަފުސްވާން އުޅޭކަމުގެ ފެހިސިގުނަލް ނޫންބާވައެވެ. ފުލުހުންގެ ތެރޭގައި ގާނޫނީ ތަރަހައިންބޭރު ނެޓްވޯކްތައް އުފެދި އެނެޓްވޯކްތަކުގެ ތެރެއިން ފައިސާ ހޯދަން ފުލުހުން ޙަރަކާތެރިވާން ފަށައިފިނަމަ އެގައުމުގެ ޙާލަތާއި ބެހޭގޮތުން ރައްޔިތުން ކަންބޮޑުވާނެތާއެވެ. އެހެން ކަމުން އަތުލައިގަނެވުނު ޕޮލިސް އޮފިސަރުގެ މައްސަލަ އިންޞާފުވެރިކަމާއެކު ތަޙުގީގުކޮށް ފުލުހުންގެ ތެރޭގައި އުފެދިފައިވާ ގާނޫނާއި ޚިލާފު ނެޓްވޯކުތައް ނައްތާލުމަކީ ތަޙުގީގުކުރައްވާ ބޭފުޅުން ކުރައްވަން ޖެހޭ ކަމެއް ކަމުގައިވެސް ދެކެމެވެ.