ޑޮލަރު އަގުބޮޑުވެ ރައްޔިތުން ދަޅުފިއްތާ މެޝިނަކަށް ލައި ފިއްތާލާފައި
ބޭންކް އޮފް މޯލްޑިވްސް ވުޖޫދު ވީއްސުރެ އެ ބޭންކް ތަޢާރުފު ވެގެން އައިސްފައިވަނީ އެއިރެއްގައި ހުންނަވާ ރައީސެއްގެ ބާރާއި ނުފޫޒުގެ އޮންނަ އަދި ރައީސްމީހާ ބޭނުންވާ ބަޔަކަށް ބޭނުންވާ ގޮތަކަށެވެ. އެހެން ކަމުން ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓް ކުރަން ތިބި ރާއްޖޭގެ ވިޔާފާރިވެރިންނާއި އެބޭންކާއި ދެމެދު އޮންނަން ޖެހޭ ވިޔާފާރީގެ މުޢާމަލާތްތައް ނުކުރެވެއެވެ. އެކަމާއި ވިދިގެން ދިވެހީންގެ ބޭންކަށް ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ތެރެއިން ވަންނަންޖެހޭ ޑޮލަރު ވަނުމުގެ ދޮރު ވަނީ ބަންދުވެފައެވެ. ދިވެހީންގެ ބޭންކް ވެފައިވަނީ ސަރުކާރުގެ ރުހުންއޮންނަ އަދި އެއިރެއްގައި ހުންނަވާ ރައީސްމީހާ ބޭނުންވާ ގުރޫޕަކަށް ލޯނުދޫކުރާ ސަރުކާރުގެ ކުންފުންޏަކަށެވެ. އެހެން ކަމުން ރާއްޖޭގައި ހިންގާ ވިޔާފާރި ކުންފުނިތަކަށް ބީއެމްއެލްގެ ތެރެއިން ލޯނުލިބޭނެ ގޮތެއްނުވެއެވެ. ނަތީޖާއަކީ ރާއްޖޭގެ ފަތުވެރިކަމުގެ ސިނާޢަތަށް ވަންނަ ޑޮލަރު ދިވެހި ބޭންކު ދޫކޮށް ބޭރުގެ ބޭންތަކަށް ޖަމާވަމުން ދިއުމެވެ. އެކަމުގެ ސަބަބުން ދިވެހި ބޭންކްގައި ދިވެހީންނަށް ވިއްކާނޭ ޑޮލަރެއް ނުހުރެއެވެ.
ކަން މިހެން ހުރުމާއެކު ދިވެހިންގެ ބޭންކް ސަރުކާރުގެ މުށުތެރެއިން ވީއްލި މިނިވަން ވިޔާފާރީގެ ސިޔާސަތެއް އެކުލަވާލެވެން އެބަޖެހެއެވެ. އަދި ސަރުކާރުން ދިވެހިންގެ ވިޔާފާރިތަކުގެ ތެރެއަށް އަތްބޭނުން ހުއްޓާލާ ސަރުކާރަކީ ދިވެހިން ކުރާވިޔާފާރި ތަކަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދޭ ސަރުކާރަކަށް ބަދަލުވާން ވެސް ޖެހެއެވެ. ގައުމު އިގްތިޞާދީ ގޮތުން ކުރިއަރައި ރައްޔިތުން ފަގީރުކަމުން ދުރުކޮށް ރާއްޖޭ ވިޔާރިތައް ފުޅާވެގެން ދާނީ ދިވެހި ބޭންކް މިނިވަންވެގެންނެވެ. އަދި ސަރުކާރުގެ މަދަދާއި އެހީތެރިކަން ރާއްޖޭގެ ވިޔާފާރި ކުންފުނިތަކަށް ލިބިގެންނެވެ. ސަރުކާރަކީ ދިވެހިން ކުރާ ވިޔާރިއާއި ދުރު ދިވެހިންގެ ވިޔާފާރިތަކުގެ ތެރެއަށް ނުވަންނަ ސަރުކާރަކަށް ވެގެން މެނުވީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔާފާރީގެ އިގްތިޞާދު އުޖާލާވެ ފުޅާވެގެން ނުދާނެއެވެ. ޕްރައިވެޓް ސެކްޓަރ ކުރިއަރައިގެން މެނުވީ ރައްޔިތުންގެ ފުދުންތެރިބަޔަކަށް ނުވާނެއެވެ.
ދިވެހި ބޭންކްގެ ހިންގުން ހަރުދަނާކޮށް ސަރުކާރުގެ އަތް ބޭންކްގެ ތެރެއަށް ބާނަމުން އެދާދިއުން ނިމުމަކަށް ގެންނާން ޖެހެއެވެ. ނޫނީ ބޭންކްގެ މާލީ ފުދުންތެރިކަން ދާނީ ދަށްވަމުންނެވެ. ނަތީޖާއަކީ ބޭންކަށް ޑޮލަރު ވަންނަ ދޮރުތައް ބަންދުވެގެން ދިއުމެވެ. ރާއްޖެ އަދިވެސް މި ހިނގަމުން މިދަނީ ދިވެހި ބޭންކް ވުޖޫދުވިއިރު ރާއްޖޭގައި އޮތް ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށެވެ. އެހެން ކަމުން ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި ރާއްޖޭގެ ފައިނޭންޝިއަލްނިޒާމް ސަރުކާރުގެ ވަކިތަކުގެ ތެރެއިން ނެއްޓިގެން މެނުވީ ރާއްގެ ރައްޔިތުންނަށް ފެހި ފަހި މާދަމާއެއް ނުލިބޭނެއެވެ. ރާއްޖޭގައި މިހާރު ޢަމަލުކުރެވެމުން އަންނަ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގައި ހުރި ބާގަނޑުތަކުގައި “ފޮތިއަޅައި” މިނިވަން މުސްތަގިއްލު ނިޒާމްތަކެއްގެ މައްޗަށް ރާއްޖެ އަނބުރާލައި ސަރުކާރުގެ އަޅުވެތި ކަމުގެތެރެއިން ރައްޔިތުން ބޭރުކުރާން ޖެހެއެވެ. މިސަރުކާރުން މިހާރު އެދަނީ ދަޅުފިއްތާ މެޝިނަކަށް ރައްޔިތުން ލައި ފިއްތަމުންނެވެ. އަދި ގާނޫއަސާސީ ހުއްދަ ނުކުރާ މިންވަރަށް ބާރުތައް އެއްކޮށް ރައްޔިތުން އަޅުވެތި ކުރަމުންނެވެ. ދައުލަތުގެ އިގްތިޞަދީ ފުދުންތެރިކަމުގެ ތެރެއިން ރައްޔިތުންނަށް ޙައްގުވާ މިންވަރު ގާނޫނަކުން ލިބިދީފައިވީ ނަމަވެސް މި ސަރުކާރުން އެވަނީ ރައްޔިތުންގެ މިދެންނެވި ޙައްގަށްވެސް އަރައިގެންފައެވެ.
ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުގެ ފުދުންތެރިކަމުގެ ތެރެއިން ހިލޭ ބޭސްފަރުވާ ކޮށްދިނުމަކީ ގާނޫނީހަމަތަކުގެ ތެރެއިން ރައްޔިތުންނަށް އޮތް ހައްގަކަށް ވީ ނަމަވެސް އެޙައްގަށްވެސް އެވަނީ ސަރުކާރުން އަރައިގެންފައެވެ. އެހެން ކަމާއެކު ހައްގުހޯދަން މަސައްކަތް ކުރުމަކީ ދީނީ ގޮތުންނާއި ގާނޫނީ އަދި ފަރުދީ ސުންނަތަކަށް ވީހިނދު ރައްޔިތުން އެމަސައްއްކަތް ކުރާން ޖެހޭނެެވެ.
