ދައުލަތަށް ލިބޭ އާމްދަނީ އަށް ނުބަލާ ޚަރަދުކުރަމުންދާނަމަ ދަރަނިވެރިވާނެ
ކޮންމެ ފަސްއަހަރަކުން އެއްފަހަރު ގައުމުގެ ވެރިކަން ބަދަލުވަމުން އަންނައިރު އަލަށް އަންނަ ސަރުކާރުން އާވަޢުދުތައް ވާންވާނީ ދައުލަތުގެ ތަނަވަސް ކަން ހުރި މިންވަރެއްގެ މައްޗަށް ބެއްލެވުމަށްފަހުގައެވެ. ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ދެވަނަދައުރަކަށް އިންތިޚާބުވާން ބޭނުންވާ ރައީސްއާއި އަލަށް އިންތިޚާބުވާން ބޭނުންވާ ކެންޑިޑޭޓުން ރައްޔިތުން ބޭނުންވާނޭ ކަމަށް ލަފާކުރާ ކަންތައް ކޮށްދޭނެކަމުގެ ވަޢުދުވަމުން ދިއުމަކީ އާކަމެއް ނޫނެވެ. ކޭމްޕޭނަކީ ރައްޔިތުންގެ ރުހުން ހޯދުމަށްޓަކާ ކުރާކަމެކެވެ. ސަރުކާރު ހިންގަވަން ހުންނެވި ރައީސްގެ ވެރިކަން ނިމެންދާއިރު ދެވަނަދައުރަކަށް ކުރިމަތި ނުލައްވާ ވެރިޔަކު ނުފެނެއެވެ. އަދި އެ ވެރިކަން ނިމެންދާއިރު އެބޭފުޅަކު ވެރިކަމަށް ވަޑައިގަތުމަށްޓަކާ ރައްޔިތުންނަށް ވެ ވަޑައިގަތް އެތައް ވަޢުދެއް ނުފުދޭ ކަންފާހަގަ ކުރަން ޖެހެއެވެ.
ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވާ ބޭފުޅުން ރައްޔިތުންނަށް ރަންއިލޮށިން ކަރުދުރު ކާންދެއްވަން ވަޢުދު ވެ ވަޑައިގަނަވާއިރު އެ ކެންޑިޑޭޓަކަށް ދައުލަތުގެ ރިޒާވްގައި އޮތް މިންވަރަކާއި އެބޭފުޅަކު އެ ވެވަޑައިގަންނަވާ ވަޢުދުތައް ފުއްދޭނެތޯ ނުވަތަ ނޫންތޯ އެނގިވަޑައި ނުގަންނަވައެވެ. ބޭނުމަކީ ކޮންމެ ދޮގެއް ހަދައިގެން ވިޔަސް ރައްޔިތުން ރުއްސުމެވެ. އެހެން ކަމާއެކު ރިޔާސީ އިންތިޚާބަށް ވާދަ ކުރައްވަން ނިންމެވުމުގެ ކުރިން ރާއްޖޭގެ ރަށްތަކަށް ވަޑައިގެން ރައްޔިތުންގެ ގާތަށް ޑޯޓުޑޯ ހިންގަވާ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުމަކީ ބޭނުންތެރި ކަމެކެވެ. އަދި ކުރީގެ ސަރުކާރުތަކުން ރަށްތައް ތަރައްގީކުރުމަށްޓަކާ ފަށްޓަވާ ނުނިމި ހުރި މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯއްދަވާ އެމަޝްރޫތައް ނިންމެވުމުން ރައްޔިތުންނަށް އެއިން ކުރާ ލާބަޔާ މަންފާ އިތުރުވާނޭ މިންވަރު ބަލައި ދިރާސާ ކުރެއްވުމަކީ އިތުރު ވަޢުދު ވުމަށްވުރެ މުހިންމު ކަމެކެވެ.
އެހެން ކަމުން ދައުލަތުގެ ރިޒާވް ގައި ހުރި ފައިސާއިން އެޅޭނީ ކިތައް ހޮސްޕިޓަލްތޯ ބެއްލެވުމަށް ފަހު އަޅަން ބޭނުންވާ މިންވަރަށް ހޮސްޕިޓަލް އަޅައިދެވެން އެވަގުތު ނެތްނަމަ ދައުލަތުގެ ރިޒާވްގައި ހުރިފައިސާގައި ނުޖެހި އިތުރު ފައިސާ ލިބެންދެން މަޑުޖައްސާލަން ވާނެއެވެ. އެކި ސަރުކާރުތަކުން ވެފައި ހުރި ވަޢުދުތަކަކީ ރައްޔިތުން ބޭނުންވެގެން އެސަރުކާރުތަކުން ވެފައިވާ ވަޢުތައް ކަމަށް ބަލަން ޖެހެއެވެ. އެހެން ކަމާއެކު ޚަރަދު ކުރަން ޖެހޭނީ ލިބޭމިންވަރެއްގެ މައްޗަށެވެ. ކަކުނި ހޮރު ކޮންނަ ބީދައިންނެވެ. ނޫންނަމަ ވާނީ ބޭޒާރެވެ. ފުދުންތެރި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރަން އެދޭ އެއްވެސް ވެރިޔަކު ގައުމަށް ލިބޭ އާމްދަނީއަށް ނުވަތަ ފައިދާއަށް ބެއްލެވުމެއް ނެތި ކުޑަރަށެއް ބޮޑުރަށެއް ފަޅުރަށެއް ނުބަލާ އެއްއަމާޒަކަށް ވާޞިލް ވުމުގެ ހުވަފެންތައް ނުދެކޭނެއެވެ.
ދައުލަތަށް ފައިދާގެ ގޮތުގައި ލިބޭ އެންމެ ރުފިޔާއަކީ މުޅިއާބާދީގެ ޙައްގު އެރުފިޔާގައި ހިމެނޭ ރުފިޔާ އެކެވެ. އެހެން ކަމާއެކު ރައްޔިތުންނަކީ ދަރަނިވެރި ވެގެން ތިބެ ތަރައްގީގެ ހަރުފަތްތައް ގިރާކުރަން އެދޭ ބަޔަކަށް ނުވާނެއެވެ. ދައުލަތަށް ލިބޭ އެއްޗަކުން ދެކޮޅު ޖައްސާ ރައްޔިތުން ދަރަނިވެރި ނުކޮށް ގައުމު ހިންގޭނީ ދައުލަތަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ކުރާ ޚަރަދު ތައް ހުއްޓާލައިގެންނެވެ. ދައުލަތުގެ ތިޖޫރީގައި އެފައިސާ ހުރުމަކުން ވާނެ ގެއްލުމެއް އުނދަގުލެއް އެެއްވެސް ފަރާތަކަށް ނުއޮންނާނެއެވެ.
ރާއްޖެއަށް އެންމެ ބޭނުންތެރި އަދި ރައްޔިތުން އެންމެ ބޭނުވާ ދެކަމަކީ ބޯހިޔާވަހިކަމާ ދުޅަހެޔޮ ސިއްޙަތެކެވެ. އެގޮތުން ދައުލަތަށް ލިބޭ އާމްދަނީގެ ނިސްބަތުން ރައްޔިތުންނަށް ދަތިނުވެ ދިރިއުޅެވޭނޭ މަގު ތަނަވަސް ކޮށް ދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށް ވާން ޖެހޭނެއެވެ.
ދައުލަތުގެ ތަނަވަސްކަމަށް ނުބަލާ ކަނޑު އަޑީގައި ޓަނަލް އަޅަން ނުވިސްނާށެވެ. ގައުމެއްގެ އެންމެ މުހިންމު ބަހާއަކީ ރައްޔިތު މީހާއެވެ. ސަރުކާރުން ދައުލަތުގެ މާލިއްޔަތަށް ނުބަލައި ގައުމު ތަރައްގީ ކުރަން އުޅެފިނަމަ ގައުމު އިނދަނުޖެހި ސަލާމަތް ވާނޭ ގޮތެއް ނުފެންނާނެއެވެ. އެހެން ކަމުން ރަސްމާލެ މަޝްރޫއުފަދަ މިވަގުތަށް އެހާބޭނުންތެރި ނޫން މަޝްރޫޢުތައް މަޑުޖައްސާލާން ޖެހެއެވެ. އެހެނީ ދައުލަތުގެ މާލީ ތަނަވަސްކަން މިވަގުތުހުރި ގޮތުންނެވެ. މިވަގުތައް އެންމެ ފައިދާ ހުރި ގޮތަކީ އާވަޢުދުތައް ފަހަށް މަޑުޖައްސާލުމަށްފަހު ކުރީގެ ސަރުކާރުން ވެފައިވާ ވަޢުދުތައް ފުއްދުމުމެވެ. އޭގެ ތެރޭގައި ފަޅުންދީފަވާ ގޯތިތަށް ހިއްކުމާއި ގުޅީފަޅާއި ގުޅިފައިވާ ބްރިޖްގެ މަސައްކަތް ފާހަގަ ކޮށްލާނަމެވެ. މިވަގުތު ރައްޔިތުންނަށް އެންމެ ބޭނުންތެރި ކަމަކީ ބޯހިޔާވަހިކަން އަވަސް މުސްތަގްބަލެއްގައި ލިބިގެން ދިއުމެވެ.
