ސިޔާސީންގެ ޚަރަދު ނޭނގިހުއްޓާ ޤައުމަށް ކެންސަރު ޖެހިއްޖެ
ދައުލަތުގެ ޚަރަދު ބަރަދު ރައްޔިތުންނަށް ހާމަކޮށްދިނުމަކީ ރައީސުލް ޖުމްހޫރިއްޔާ ކުރައްވަން ޖެހި ވަޑައިގަންނަވާ ކަމެކެވެ. އެހެނީ ދައުލަތުގެ މުދަލާއި ފައިސާ ރައްޔިތުން ޙަވާލުކޮށްފައިވާ ފަރާތަކީ ރައީސުލް ޖުމްހޫރިއްޔާ އާއި އެވެ. އެހެން ކަމުން ދައުލަތުގެ ފައިސާއިން ލޯލާރި ފޮއްޗެއް ޚަރަދު ކުރި ކަމުގައި ވިޔަސް އޭގެ ތަފުޞީލް ރައީސުލް ޖުމްހޫރިއްޔާގެ ފަރާތްޕުޅުން ރައްޔިތުންނަށް ހާމަކޮށް ދެއްވަން ޖެހޭނެއެވެ.
އެގޮތުން ސަރުކާރުގެ އެންމެހައި މުވައްޒަފުންގެ ޢަދަދާއި އަދި އެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތް ތަކާއި އަދި އެކި ގޮތްގޮތުން މުވައްޒަފުންނަށް ދައުލަތުން އަހަރެއްގެ މައްޗަށް ހިނގާ ޚަރަދުގެ ތަފްޞީލް ރައްޔިތުންނަށް ހާމަކޮށްދެއްވުމަކީ ރައީސުލް ޖުމްހޫރިއްޔާގެ މައްސޫލިއްޔަތެކެވެ.
ދާދި ފަހުން އިކޮނަމިކް މިނިސްޓަރު އޮނަރަބުލް މުޙައްމަދު ސަޢީދު ވަނީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ޢަދަދާއި އެ މަގާމުތަކަށް ދައުލަތުންކުރާ ޚަރަދުގެ ތަފުޞީލު ލިއުމަކުން ނޫސްވެރިންނަށް ދެއްވާނޭކަމަށް ވިދާޅުވެފައެވެ. އެހެނަސް އެ މަޢުލާމުތު އެއްވެސް ސިފައެއްގައި އެމަނިކުފާނު ހާމަކޮށްދެއްވާފައެއް ނުވެއެވެ. އޭގެ ފަހުން ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ނޫސްވެރިންނާއި އެކު ބޭއްވި ބާރަގަޑިއިރުގެ ދިގު ބައްދަލުކުރެއްވުމުގައި ވެސް ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ޢަދަދާއި އެ މަގާމުތަކަށް ދައުލަތުން ކުރާ އެންމެހައި ޚަރަދުތަކުގެ ތަފްޞީލް ހާމަކޮށްކޮށް ދެއްވާފައެއް ނުވެއެވެ. އެ ބައްދަލު ކުރެއްވުމުގައި ނޫސްވެރިންގެ ފަރާތުން ވެސް ރައީސުލް ޖުމްހޫރިއްޔާގެ އަރިހުގައި އެކަންކަމުގެ ތަފުޞީލް ހާމަކޮށް ދެއްވުމަށް ދަންނަވާފައި ވެއެވެ.
އެހެނަސް އެމަނިކުފާނު ނޫސްވެރިން އެކަންކަމުގެ ފުރިހަމަ މަޢުލޫތު ހާމަކޮށް ދެއްވުމުގެ ބަދަލުގައި ދެއްވިޖަވާބަކީ އެމަޢުލޫމާތު ނޫސްވެރިންނަށް ދެއްވަން ދަންނަވައި ދެއްވާނޭ ކަމުގައެވެ. އެދުވަހެއް އަދިވެސް ނާދެއެވެ. ގެންދަވަނީ ސިއްރު ކުރައްވަމުން ކަން ފާހަގަ ކުރެވެއެވެ. މި މަޢުލޫމާތްތަކުގެ އިތުރުން ރާއްޖެއަކީ އާބާދީގެ ނިސްބަތުން ކުޑަ ގައުމަކަށް ވީނަމަވެސް ރާއްޖެއަކީ ލިބޭ އާމްދަނީގެ ނިސްބަތުން ނުހަނު ތަނަވަސް ފޯރުންތެރި ގައުމެއްކަން ހާމަވެގެން ގޮސްފައިވީ ހިނދު ދައުލަތުގެ ދަރަނި ބޮޑުވެ ދައުލަތަށް ލިބޭ އާމްދަނީއިން ދެކޮޅު ނުޖެހި ރައްޔިތުން ދަތި ޙާލުގައި އުޅެން ޖެހިފައިވަނީ ކިހިނެއް ކޮންސަބަބަކާހެދި ކަންވެސް ރައްޔިތުންނަށް އެނގޭނޭ ގޮތެއް އެވަނީ ނުވެފައެވެ.
2009 ވަނަ އަހަރު އޭރުގެ ސަރުކާރުން ރާއްޖެ އަށް ތަޢާރުފު ކުރި ޓެކްސް ނިޒާމުގެ ތެރެެއިން ދައުލަތުގެ މާލީ ތަނަވަސް ކަން އިތުރަށް ކުރިއަރާ ދައުލަތަށް ކުރިން ލިބެމުން އައި ހަތްބިލިއަން ރުފިޔާގެ ބަދަލުގައި 2012 ވަނަ އަހަރާއި ހަމައަށް އައިއިރު އޭގެ ދެގުނަ އަށް ދައުލަތުގެ މާލީ ތަނަވަސް ކަން އިތުރު ވެފައިވެއެވެ. ދައުލަތުގެ މާލީ ތަނަވަސްކަން ހަތްބިލިއަނުގައި ހުރިއިރު ވެސް ދައުލަތުގެ ދަރަނި އަތްނުފޯރާ ހިސާބަށް އުފުލިގެނެެއް ނުދެއެވެ. އަދި އޭގެ ފަހުން މާޒީވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީވެސް މާބޮޑުތަނެއް ކުރިއަރާފައި ނުވާއިރު ދައުލަތަށް ލިބޭ އާމްދަނީ ވެސް އެވަނީ ފަންސާސް ބިލިއަނާއި ހަމައަށް އިތުރުވެފައެވެ.
އަހަރުންއަހަރަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުވަމުން ދިޔަ ނަމަވެސް އަހަރުންއަހަރަށް ރައްޔިތުން ދަނީ ބިކަވަމުންނެވެ. އަދި ރާއްޖޭގައި ވެރިކަންކުރާ ކޮންމެ ފަސް އަހަރެއް ނިމިގެންދާއިރު އެސަރުކާރެއްގެ ރައީސާއި ދެން ތިއްބަވާ ވެރިން ދައުލަތުގެ މާލިއްޔާ އިން އެތައްބިލިއަން ރުފިޔާގެ ޚިނާތް ހިންގާ އެފައިސާތަކުގެ މަތީގައި އުދުހި ވަޑައިގަންނަވަނީއެވެ. ކޮންމެ ވެރިކަމެއްވެސް ފަށްޓަވަމުން ބިސްމިއަޅުއްވާ ކުރީގެ ސަރުކާރުން ވެފައިވާ ޚިޔާތާއި ހިންގާފައިވާ ކޮރަޕްޝަނާއި ކުރައްވާފައިވާ ވައްކަމުގެ އިންޞާފު ރައްޔިތުންނަށް ހޯއްދަވައިދެއްވާނޭ ކަމުގެ ފޮނި ހުވަފެން ރައްޔިތުންނަށް ދައްކަވަމުންނެވެ.
ކަން މިހެން ހުރި ނަމަވެސް ކޮންމެ ސަރުކާރެއްވެސް ނިމިގެންދަނީ ކުރީގެ ސަރުކާރުން ވައްކަން ކުރިވަރަށް ވުރެ ދެގުނަ އިތުރަށް ނަގައި ވެރިންގެ ހުރިހާ ޖީބެއް ފުރާލައިގެން ކަމަށް މަންޒަރުތަކުން އެބަ ފެނެއެވެ. އެބަޔަކު ކޭއެއްޗެއް އެބަޔަކަށް ހަދިޔާއެއްގެ ގޮތުގައި ވެދުން ކޮށްފައެވެ. ކޮންމެ ސަރުކާރަކުން ވެސް ވެރިންގެ ޖީބު ފުރޭ މިންވަރަށް ޓެކްސް އިތުރު ކުރައްވައެވެ. ކެނޑެނީ ރައްޔިތުންގެ އުނަގަނޑު ރޮއްޖެވެ. ވެރިކަން ނިންމާލަނީ ކުރީގެސަރުކާރަށް ރަތްމަހަށް ނުބަވާވަރަށް ބަވާފައެވެ. ކޮންމެ ސަރުކާރެއްވެސް ނިމިގެން ދަނީ ހަތަރުބިލިއަނުން ފަސްބިލިއަނުން އެހެންގޮސް ހަބިލިއަން ރުފިޔާ ފެންފޮދަކާ ވެސް ނުލާ ދިރުވާލައިގެންނެވެ. ކޮންމެ ސަރުކާރެއް ވެސް އުފެދިގެން އަންނަނީ ވައްކަން ކުރުމުގެ ވައްޓަފާޅި އާއި ހުނަރާއި ތަޖުރިބާ ހޯއްދަވައިގެން ނިމިގެންދިޔަ ސަރުކާރުގެ ވެރިންނަށް ވުރެ މޮޅަށް ވައްކަން ކުރަން ދަންނަބޭފުޅުންގެ ތެރެއިންނެވެ.
ކޮންމެ ވެރިކަމެއް ވެސް ފެށުމާއެކު އެސަރުކާރުގެ ބޮޑުން އިސްވެތިއްބަވައިގެން ގޭންގެއް އުފައްދައެވެ. އޭގެ ތެރޭގައި ރިޝްވަތާއި ވައްކަމާއި ޚިޔާނާތާއި މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ވިޔާފާރި ކުރުމާއި މިފަދަ އެތައްޖަރީމާއެއް ހިނގައެވެ. ގައުމު މިއޮތީ ލޭގެ ކެންސަރު ޖެހިފައެވެ. އެބަލި ފަސޭހަވާކަށް ނެތެވެ. ކީމޯ ތެރަޕީ ދިނަސް އަދި ރޭޑިއޭޝަން ދިނަސް މި ބަލި ފަސޭހަވާނެ ހަމަ އެއްގޮތެއް ވެސް ނެތެވެ .
