ސަރުކާރުގެ ކުންފުނިތައް
ވަކި ސަރުކާރެއް ކިޔާނެ ކަމެއް ނެތެވެ. ރައީސް މައުމޫންގެ ވެރިކަމުގައި ވިޔަފާރި ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި ޔާމީން އާއި، ރައީސް ނަޝީދުގެ ވެރިކަމުގައި ވިޔަފާރި ވުޒާރާ ހިންގެވި ރާޒީ އާއި، ޑރ.ވަހީދުގެ ވެރިކަމުގައި އެ ވުޒާރާ ހިންގެވުމަށް ހުންނެވި އަހްމަދު މުހަންމަދާއި، ޔާމީންގެ ވެރިކަމުގައި ހުންނެވި ސައީދާ އާއި ސޯލިހްގެ ވެރިކަމުގައި އެ ވުޒާރާ ހަވާލުވެ ހުންނެވި ފައްޔާޒް އާއި އަދި މުޢީޒްގެ ވެރިކަމުގައި އެ ވުޒާރާ ހަވާލުވެ ހުންނެވި ކުރިން ވެސް ޔާމީނު ކައިރިން ތަޖުރިބާ ލިބުނު ސައިދުވެސް ހިމެނޭ ހެންނެވެ.

ވިޔަފާރި ވުޒާރާ ހިންގެވުމާއި ހަވާލުވެ ހުންނަވާ ވަޒީރުގެ ބެލުމުގެ ދަށުން ދައުލަަތުގެ ކުންފުނިތައް ހަމަމަގަށް އަޅުވާ ހިންގާނަމަ އަދި ހިންގިނަމަ ދައުލަތުގެ ކުންފުނިތަކަކީ ރާއްޖޭ އިގްތިސާދު ދަމަހައްޓާ ނެގެހެއްޓުމުގެ ބާރުވެރި ފަރާތަކަށް ވާނެއެވެ.
އަހުރެންނަކީ އިގްތިސާދީ މާހިރަކަށް ނުވިކަމަކު ދަމާކަނޑައި އުނގުވިޔާފާރި ކުރަމުންދާ މީހަކަށްވާތީވެ ވިސްނޭ އަދި ކުރެވިދާނެ ކަމަށް ލަފާވާ ކަންކަން ލިޔާނަމެވެ. ގައުމާއި މެދު އުއްމީދުކޮށް، ދެކެން އެދޭ ހިޔާލީފޮލާ ކަމަަަަށް ވިޔަސް ރަނގަޅު ގޮތަކަށް ވެދާނޭ ހިތާއެވެ.
އެސްޓީއޯ އާއި މޯލްޑިވަން އަދި އެމްޓީސީސީ ފަދަ ކުންފުނިތަކާއި މެދު ރައްޔިތެއްގެ ހައިސިއްޔަތުން ވިސްނާ ފިކުރުކޮށް ހިތަށް ގެނެވޭ މަންޒަރާއި ދެކެން ބޭނުންވާ ތަސައްވަރެވެ. މަދުން ނަމަވެސް އެ ވިދާޅުވާހެން އަސްދަނޑިން ބޭރުވެވޭތީ ފެންނަ މަންޒަރާއި ގައުމާއި ދޭތެރޭ ދެކެންބޭނުން ދުވަހެވެ.
ރައްޔިތުންގެ ފައިސާއިން ސަރުކާރުން ހިންގާ މި ބޮޑު ތިން ކުންފުނިޔައް މެ އޮތީ ނޭވާލެވޭ ނުލެވޭ ހާލަތުގައެވެ. ކަޅުބާޒާރުން ޑޮލަރު ގަނެ ރައްޔިތުންނަށް އަތުފަތު ނުޖެހޭ އަގުގައި ތަކެތި ވިއްކުމުގައެވެ. ސަރުކާރަށް ޓެކުސް ފައިސާ ދައްކާ ވިޔާފާރިތަކުން އެ ކުންފުނިތަކަށް ސަރުކާރުން ފައިސާ އަަޅާ ހިންގުން އެއީ އެއްވެސް ރައްޔިތަކު ދެކޭނެ އަދި އެދޭނެ ވެސް ގޮތެއް ނޫނެވެ. އެ ކުންފުނިތަކުގެ ހިންގުމުގެ އޮނިގަނޑާއި އާއްމު ވިޔަފާރި ތަކާއި ގުޅި އާއްމު ވިޔަފާރިތައް ކުރިއަރުވައިދޭ ފަދަ އުސޫލުތަކެއް ގާއިމުވާން ވީއެވެ. ރައްޔިތުންނަށް ހެޔޮ އެދި ވިޔަފާރިވެރިންނަށް ހެޔޮ ގޮތްތައް ހޯދައިދޭން ދައުލަތުން ބޭނުންނަމަ އެންމެ ފުރަތަމަ ކަމަކަށް ދައުލަތުގެ ކުންފުނިތަކުން ރީޓެއިލް ވިޔަފާރި ހުއްޓައިލާންވީއެވެ. މިއީ ގައުމުގެ އިގްތިސާދު ހަތުދަނާ ކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަގީގީ މާނައިގައި އެހީތެރިވާން ބޭނުންނަމަ ދައުލަތަށް ކުރެވޭނެ ކަމެކެވެ. އެސްޓީއޯ އާއި މޯލްޑިވިއަން ގުޅިގެން ކާބޯތަކެތި ވިއްކާ ބިޔަ ވަރުގަދަ މާރކެޓެެއް ހުޅުމާލޭ ގައި ނުވަތަ ހުޅުލޭގައި ވިޔަސް ގާއިމްކޮެށް، ތާޒާ މޭވާ އާއި ތަރުކާރި އާއި އެއްގަމު މަހާއި ކަނޑު މަހުގެ ވިޔާފާރި ހޯލްސޭލްކޮށް ކުރާންވީ އެވެ. ކުޑަކުޑަ މިސާލެއް ދަންނަވާލާނަމެވެ. 20 ފޫޓު ކޮންޓެއިރުގެ މުދާ ގަންނަ މީހާއަށްވުރެ 40 ފޫޓު ކޮންޓެއިނަރުގެ މުދާ ގަންނަ މީހާއަށް އެ މުދާ ލިބިފައިވާނީ އަގުހެޔޮކޮށެވެ. އެހެންކަމުން ދައުލަތުން 50 ކޮންޓެއިނަރު މުދާ ގެނެސް މުޅި އެ ސްޓޮކަށް 200 އެއްހާ ޑޮލަރުގެ ފައިދާއެއް ލާފައި ހޯލްސޭލްކޮށް ވިޔަފާރިވެރިންނަށް ދޫކޮށްލިޔަސް ދައުލަތަށް ބޮޑު ޢާމްދަނީއެއް ލިބޭނެއެވެ. ކުދި ވިޔަފާރިތަކާއިމެދުފަންތީގެ ވިޔަފާރިތަކަށް ހިންދެމިލާން ފަސޭހަވެ، އެ ވިޔަފާރިތަކުން ދައުލަތަށް އެހެނިހެން ގޮތްގޮތުން ވެސް ޢާމްދަނީ ވަންނާނެއެވެ.
ވީމާ ރާއްޖެ އަށް އެތެރެކުރާ ކާބޯތަކެތި މިދެންނެވި މާރކެޓުން ރިސޯޓް ތަކަށާއި ގެސްޓް ހައުސްތަކަށާއި ސަފާރި އުޅަނދު ތަކާއި އެހެނިހެން ހިދުމަތް ދޭ ތަންތަނަށް ސަޕްލައި ކުރެވޭނެ ހަރުދަނާ ވިއުގައެއް ބިނާ ކުރެވިއްޖެނަމަ ގައުމުން ބޭރަށްދާ ފައިސާ ރާއްޖޭގައި ހިފެހެއްޓިދާނެއެވެ. ކޮންސްޓްރަކްޝަން އަށް ބޭނުންވާ ދަނގަނޑާއި ހިލައާއި ހިލަ ވެެެއްޔާއި ސިމެންތި އަދި ވެސް ބޭނުން ކުރާ އެތައް ސާމާނެއް އެތެރެ ކުރެވި ކުޑަކުޑަ ފައިދާ އަކާއި އެކު ރިސޯޓް ނުވަތަ ގެދޮރު އަޅާ ފަރާތް ތަކަށް ލުއި ފަސޭހަ ގޮތަކަށް ފޯރުކޮދެށްވޭނަމަ ކޮންމެ ރިސޯޓެއް ހަދާން ބޭރުން ދަނގަޑާއި ހިލަޔާއި ހިލަވެލި ގަންނާން ނުޖެހި މަސައްކަތް ހަލުވި ކަމާއި އެކު ނިންމާލެވުމުން ދައުލަތަށް ޓެކުސް އިތުރުވެ ސަރުކާރުގެ ކުންފުނިތައް ހަމަ ފައިމަތީ ކޮޅަށް ހިންދެމިލެވޭ އިރު އާއްމު ވިޔާފާރި ތައްވެސް ދެމިލާނެ ކަމީ ޝައްކެއް ނެތް ކަމެކެވެ. ސަބަބަކީ ދައުލަތުން ރީޓެއިލް ވިޔަފާރީގެތެރެއަށް ނުވަދެ ، ރީޓެއިލް ވިޔަފާރިކުރާ ފަރާތްތަކަށް ސަޕޯޓް ދިނުމުގައި ދެމިއޮތުމެވެ.

ސަރުކާރުގެ ކުންފުނިތައް ހިންގުމުގައި ރޭވުންތެރިވެ، ހިންގުންތެރިވެ، ވެރިން ވެސް ހޭވެރިވާންވެއްޖެއެވެ.
ބޭރު ފަައިސާ ނެތި ކާބޯތަކެތި އެތެރެކުރެވޭނެ މިންވަރު ވެސް ނެތި ހިނގައިދާނެ ކަމުގެ ފެހި ސިގްނަލް ދިވެހިީންގެ ބޭންކުން އެ ދިނީއެވެ.
ފުނޑި، ފޫދަމުން އެ ދަނީ ރައްޔިތުންގެ ރައުސުލްމާލެވެ. ގައުމުގެ މުސްތަގްބަލެވެ. އަންނާއޮތް ޖީލްތަކާއި އަދު ފުރާވަރަށް އަރަމުންދާ ޒުވާނުންގެ ވެސް މުސްތަގްބަލެވެ. ޖެންޒީ އާއީ ޖެންޒީ އަލްފާ ގެ ފިއުޗަރއެވެ.
ކޮންމެ މަންމަ އަކާއި ބައްޕަ އެއް ، އަދި މާމަ އާއި ކާފަ ވެސް ވިސްނާންވީ ހާލަތަށް ގައުމު ދީލާލަނީ އެވެ. އިގްތިސާދީ ބަނަކަމެއްގެ ކޮޅުމަތި ފެންނާން ފަށައި އެ ވިިލާގަނޑު ބޯމައްޗަށް އަރާދަނީއެވެ. ވިސްނާ ފިކުރު ކުރިއަސް ހަދާނެ ގޮތެއް ކުރާނެ ކަމެއް ނޭނގޭ ހާލަތަށެވެ. މަލިކާއި ފޯޅަވަހި ދިވެހިންގެ އަތުން ބީވެ ދިޔަހެން ބޭރުގެ މަހުޖަނުންގެ އަތްމައްޗަށް ރާއްޖޭގެ އަތޮޅު ތަކެއް ހިނގައިދާނެ ފަދަ ނާމާން އިގްތިސާދީ ބަނަކަމެވެ.
މަލިކާއި ފޯޅަވަހި ގެއްލުނީވެސް އޭރުގެ ރަދުންނަށް އެތަންތަނުގައި ތިބި ރައްޔިތުންނަށް ކާބޯތަކެއްޗާއި އެހެނިހެން މުހުތާދުތައް ނުފުއްދުނީމައެވެ. ވީމާ، ދައުލަތަށް ފައިދާވެފައި ޤައުމުގެ އިޤްތިޞާދު ފުޅާކޮށް އަދި ބޭރު ފައިސާ ޤައުމުގައި ހިފަހައްޓައި ދިވެހި ރުފިޔާގެ އަގު މަތިކުރާން ބޭނުންނަމަ މިދެންނެވި މަގުން ކަންތައްތައް ކުރުމަކީ ހަމަ ޔަޤީނުންވެސް ނަތީޖާ ފެންނާނެ ކަމެކެވެ. މިކަންކަން މިމަގުން ކުރެވޭނީ ކޮރަޕްޝަނަށް ނޫނެކޭ ބުނެގެންނެވެ. ތިޖޫރީގައި ހުރި ފައިސާ ވަގަށް ޖީބަށް ލާން ބޭނުން ނުވާނަމައެވެ.
ވެރިންގެ ވިސްނުހުރީ ވިކޭ އެއްޗެއް ވިއްޔާ ފިސާރި އަވަހަށް ވިއްކާލާ އެވެރިންގެ ޖީބުތައް ފުރައިލާ އެވެރިންނަށް އުޅެވޭނެ ފަދަ ގައުމުތަކަށް ރައްކާވުމުގެ ބުއްދިއޭ ކަންހިންގާ ގޮތުން ނުބުނާން ތިއްބަސް ހިތަށް ގެނެވޭ ވަރަށެވެ. ގައުމު މި ދާމަގުން، ހިލާ ބަސްނުބުނެ ބީރުވެ ހުރެވޭ ވަރަށްވުރެން ނުރައްކަލާއި ދިމާލަށެވެ. ދޮށީ އުމުރު މީހުންގެ ބަހުރުވައިން ނަމަ ބޮޑުތަދަށް ވުރެން ތަދު ދުވަސްވަރާއި ދިމާލަށެވެ. މިއީ ގޯހެކެވެ. މިކަންކަން ހައްލު ކުރެވެން ޖެހޭނެއެވެ. ހައްލު ނުކުރެވޭނަމަ، ސަރުކާރު ހިންގާން ތިބި ވެރިން ލަދުވެތި ވެ އަމިއްލަ ނަފްަަސަށް “ތިމަަންމެންނަން މިކަން ނޫވާނޭ” ގަބޫލް ކޮށް ފަހަތަށްޖެހޭން ވީ އެވެ. އަދު ގޮވާ ގޮވެލީ ގެ އަޑު ގަދަވަނީ ވެސް ސަރުކާރުތަކުން ހިންގި ނޭއްގާނީ އަމަލު ތަކުންކަން ހަމަ ކަށަވަރާއި ގާތެވެ.
