މިހާރުގެ އިގްތިޞާދީ ވަޒީރަކީ އެމަގާމަށް އެކަށީގެންވާ ބޭފުޅެއް ނޫން
މިހާރުގެ އިގްތުޞާދީ ވަޒީ މުޙައްމަދު ސަޢީދަކީ އިގްތިޞާދީ ދާއިރާއިން ތަޢުލީމު ލިބިވަޑައިގެންފައިވާތީ އެ މަގާމަށް އައްޔަނު ކުރެވުނު ބޭފުޅެއް ނޫނެވެ. ސަޢިދަށް އެ މަގާމަށް އައްޔަނު ކުރެވިފައިވަނީ ރައީސްޔާމީނުގެ ވެރިކަމުގައި އެމަގާމު ފުރުއްވީތީއެވެ. މިސަރުކާރުން ވަޒީރުކަމަށް ބޭފުޅުން އައްޔަނު ކުރައްވަނީ ތަޢުލީމާއި ތަޖުރިބާއަށް ބައްލަވާފައެއް ނޫނެވެ. ދެފަށްދަންމާނުލައިގެން ވާހަކަ ދައްކަވަން އެނގުމަކީ އިގްތިޞާދީ ހުނަރެއްނޫނެވެ. އަދި އެއީ އިގްތިޞާދީ ތަޖްރިބާއެއް ލިބިފައިވާ ކަމުގެ ހެއްކެއްވެސް ނޫނެވެ. ބުނެވޭ ގޮތުގައި ރައީސްޔާމީނުގެ ވެރިކަމުގައި ސަޢީދު އެމަގާމަށް އައްޔަންކުރެވުނީ ރައީސް ޔާމީނުގެ ވައްކަންކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަސޭއަކަށެވެ. ރައީސް ޔާމީނަކީ ދައުލަތުގެ ފައިސާ އިކޮނަމައިޒް ކުރެއްވައިގެން އިގްޞާދު ކުރިއެރުވި ބޭފުޅެއްނޫނެވެ.
ރައީސް ޔާމީނު ދައުލަތަށް ފައިސާހޯއްދެވީ މަނީލޯންޑާ ކުރައްވައިގެންނެވެ. ރައީސް ޔާމީނަކީ ބޭބޭފުޅުގެ ވެރިކަމުގައި އިގްތިޞާދީ ވަޒީރުކަން ކުރެއްވި ބޭފުޅަކަށްވީތީ އެރޮގުން ތަޖްރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ވެދާނެއެވެ. ގައުމުތަކުގައި އިގްތިޞާދީ ވަޒީރުންނަކީ އެދާއިރާއިން މަތީތަޢުމު ލިބިވަޑައިގެންފައިވާ ގާބިލްބޭފުޅުންގެ ތެރެއިން އައްޔަނުކުރެވޭ ބައެކެވެ. އެހެނަސް ރަތްލާޖެހި ފަސްމާވަލުވަގުން ވެރިކަން ކުރައްވަނީ އެފަދަމަގާމުތަކަށް މުރަނގަ ގަސްދޮށުމާލިމީންފަދަ އެގަހުކޭލެއް މިގަހުކޭލެއް ވަކިކުރަން ނުދަންނަ މީހުން އައްޔަނުކޮށްގެނެވެ.
ރައީސް ޔާމީނުގެ ވެރިކަން ނިމެންދެން އެމަގާމުގައި ސަޢީދު ހުންނެވުމަކީ އެމަނިކުފާނުގެ ކުޅަދާނަކަމެއްވެސް ނޫނެވެ. އެއީ އިގްތިޞާދީ ގޮތުން ރައީސްޔާމީނު ކުރައްވާ ކަޑަކަންކަމަށް ސަޢީދު ތަރުޙީބު ދެއްވާތީ އާއި ރައީސް ޔާމީނަށް ޚުޝާމަތު ކުރައްވާތީ އެވެ. ސައީދަކީ އިގްތިޞާދީގޮތުން އެއްވެސް ހުނަރެއް ތަޖުރިބާއެއް އަދި އެ ދާއިރާއިން ތަޢުލީމު ހޯއްދަވާފައިވަ ބޭފުޅަކަށް ނުވާއިރު ފަސްބައިގެ ބޭރުފުށަށް ބަލައިގެން ސާފުނުސާފު ދެނެގަންނާނީ ކިހިނެއްތޯއެވެ. ސަޢީދު ޖައްސަވާ ހިސާބު ވަރަށް ބޮޑެވެ. އެހެނަސް ނުކުންނަ ނަތީޖާ ވަރަށް ކުޑައެވެ. އިވެމުން އަންނަނީ ރާއްޖޭގެ އިގްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނޭރިގެން ކުކުރާ އަޑެވެ.
އިގްޞާދީވަޒީރު ދުނީޔޭގެ ކުރިއަރާފައިވާ ބޮޑެތި އެތައް ގައުމަކަށް ވަޑައިގަތުމަށްފަހު ރާއްޖެ ވަޑައިގެން ރައްޔިތުންނަށް ގިނަގުނަ އުންމީދީ ހެޑުލައިންތައް އަޅުއްވައި ދެއްވައިފިއެވެ. އަދި އެކިގައުމުތަކުން ރާއްޖޭގެ އިގްތިޞާދަށް އެކި ކުލަކުލައިގެ އެތައް ސިގުނަލް ލިބެމުންދާކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ. އެހެނަސް މިހާތަނަށް ވީ ކަމެއް ޙަރާމެވެ. އަދި ދުނިޔޭގެ ކުރިއަރާފައިވަ އެތައް ގައުމަކަށް ވަޑައިގެން އެތައް އެބަސްވުން ތަކެއްގައި ސޮއިކުރައްވައިފިއެވެ. ރައްޔިތުންނަށް ފެންނަނީ ސޮއިކުރައްވާ ފޮޓޯނަންގަވާ މަންޒަރެވެ. އެހެނަސް ރާއްޖޭގެ އިގްތިޞަދު ރުނބާގެ ތެރެއިން ބޭރުވާ ތަނެެއް ނުފެނެއެވެ. އަދި ރުނބާ ފުރޭތަނެއްވެސް ނުފެނެއެވެ. ރާއްޖޭގެ އިގްތިޞާދު ދަނީ ހިނދެމުންނެވެ. މޮޅު އިކޮނޮމިސްޓަކު އެމަގާމުގައި ހުންނެވި ނަމަ ރާއްޖޭގެ އިގްތިޞާދު ހެސްކިޔާފަ ކުރިއަރައި ފުޅާވެގެންދާހާ ގިނަގުނަ އެއްބަސްވުންތަކުގައި މި އިގްތިޞަދީ ވަޒީރު މޮޅުވާހަކަ ދައްކަވާފައި ސޮއިކުރައްވައިފިއެވެ.
ރާއްޖެއަށް ކުރިމަތި ވެފައިވާ އެންމެ ހިތާމަވެރި އެެއްކަމަކީ ޑޮލަރުގެ އަގު ތިރިނުވި މައްސަލައެވެ. ޑޮލަރުގެ އަގު ތިރިނުވުމަކީ ރައްޔިތުންނަށް އޮކްސިޖަން ނުލިބުންފަދަ ކަމެކެވެ. ހަތަރުމަސްދުވަހުގެ ތެރޭގައި އެކަން ޙައްލުވާނެކަމަށް އިގުތިޞާދީ ވަޒީރު ހިސާބުޖެއްސެވިއެވެ. ތާރީޚަކަށްފަހު ތާރީޚެއް މާޒީއާއި އެކުވަމުން ދަނީއެވެ. ރައީސް މުޢިއްޒުވެސް ޑޮލަރުގެ އަގު ތިރިވާނެ ކަމަށް މި އިކޮނަމިކުވަޒީރުގެ ހިސާބު ޖެއްސެވުމަށް ރިޢާޔަތްކުރައްވާ ހަތަރުމަސްދުވަހުގެ މުއްދަތެއް އިޢުލާނު ކުރެއްވިއެވެ. އެހެނަސް އިކޮނަމިކްވަޒީރު ޖެއްސެވި ހިސާބު ވެގެންދިޔައީ ހުންގާނުގެ މޮއިގާ އެޅުނުރޮނގަށެވެ.
ކުރާކަމަކާއި ދައްކާވާހަކައަކާއި ދިމަލެއް ނުވެއެވެ. އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަށް ފަށްޓަވާ ވާހަކަ ދައްކަމުންދައްކަމުން ގޮސް އެކަން ތޮޅިއަށްދާކަން އެނގުމުން އެޅިހެޑުލައިން އޮފްޝޯބަންރިންގ ޚިދުމަތެއްގެ ގޮތުގައި ތަޢާރުކޮށް ދެފަށް ދަންމާނު ލައިގެން ރައްޔިތުންގެ ބޮލަށް އެރުނެވެ. އަނެއްކާވެސް އެޅުއްވީ ހެޑުލައިނެކެވެ. ހެޑުލައިން އަޅުއްވާ ޖެއްސެވި ހިސާބުވެސް ދިމަލެއް ނުވިއެވެ. އެއީ ގާބިލް އިގްތިޞާދީ ވަޒީރުގެ މޮޅުކަމެވެ. ދެއްކެވީ ހުސްވާހަކަ ފުޅެވެ. އިގްތިޞާދީ ގަމާރަކަށްވެސް އެވަރުވާނެތާއެވެ. 400 މިލިއަން ޑޮލަރު އަހަރަކު ލިބޭނެ ކަމަށް ބުނެ ބޭއްވި އޮފްޝޯބަންކަރިންގެ ޚިދުމަތަކީ ރަސްމީ ހައިސިއްޔަތެއް ނެތް އެއްޗެކެވެ. މިގޮތަށް ރައްޔިތުންނަށް ހުވަފެންދައްކާ އިގްތިޞާދީ ވަޒީރުން ތިއްބާ ފެންނަނީ ރާއްޖެއިން އެކަންޏެވެ.
ވަޒީރު ސަޢީދު ވަނީ ޑިވެލޮޕްމެންޓްބޭންކެއްވެސް އަޅުއްވައި ދެއްވާފައެވެ. އެ ބޭންކް ހަދަނީ ބިމުއަޑީގައި ކަމުން ރައްޔިތުންނަށް އަދި ނުފެންނަނީއެވެ. އެހެނަސް އެބޭންކުން ރައްޔިތުންނަށް ކުރާނޭ ފައިދާއާއި އެބޭންކުން ރައްޔިތުންނަށް ލިބޭ ލޯނުތަކާއިބެހޭ ވާހަކަފުޅުތައް އިގްތިޞާދީ ވަޒީރުވަނީ ވިދާޅުވެ ދެއްވާފައެވެ. ރައްޔިތުން ހިތްވަރު ކުރައްވާށެވެ. ޑިވެލޮޕްމެންޓް ލޯން ވަރަށް އަވަހަށް ލިބޭނެއެވެ. އިގްތުޞާދީވަޒީރު ވަރަށްވެސް މޮޅެވެ. އެމަނިކުފާނު ރައްޔިތުންގެ ސިކުނޑިއަށް އެރިވަޑައިގަންނަވަނީ އެމަނިކުފާނުގެ ގާބިލްކަމާއި ހުނަރު ހުރީމައެވެ. ޑިވެލޮޕް މެންޓް ބޭންކެއް ހުޅުވުމުން އެބޭންކުން ރައްޔިތުންނަށް ލިބޭނޭ ކުރިއެރުމާއި ފައިދާގެ ވާހަކަ ދައްކަވަން އެނގިވަޑައިގަންނަވަނީ އިގްތިޞާދީ ވަޒީރު މޮޅުވީމައެވެ.
