ރައީސުލް ޖުމްހޫރިއްޔާގެ މޫނުފުޅު ރީތި ކުރުމަށް 36 މުވައްޒަފުން

ރައީސުލް ޖުމްހޫރިއްޔާގެ މޫނުފުޅު ރީތި ކުރުމަށް 36 މުވައްޒަފުން

ރާއްޖޭ ގެ އިޤަޞާދު އޮތީ ޖަނާޒާ ބާއްވާ ހިސާބުގައި ކަމަށް ބުނެ ކުރީގެ ސަރުކާރަށް ރަތްމަހަށް ނުގޮވާ ވަރަށް އެއްޗެހި ގޮވަމުން ދާއިރު މިސަރުކާރުން ކުރާ އިސްރާފުތަކާއި މެދު ވިސްލާން ޖެހެއެވެ. ރައީސުލް ޖުމްހޫރިއްޔާގެ މޫނުފުޅު ރީތިކުރުމަށްޓަކާ 36 މުވައްޒަފުން ވަޒީފާދީ ރައީސްއޮފީގައި ވަކި ޑިޕާޓުމެންޓެއް ހަދާ އެޑިޕާޓްމެންޓްގައި ގެންގުޅުއްވަމުން ގެންދަވާކަމުގެ އަޑުތައް އެދަނީ ފެތުރެމުންނެވެ. މި ދެންނެވި 36 މުވައްޒަފުންނަށް މަހަކު ނުވަލައްކައަށް ވުރެ ގިނަ ރުފިޔާ މުސާރައިގެ ގޮތުގައި ދައުލަތުން އެދަނީ ހޭދަ ކުރަމުންނެވެ.

ޢިއްޒަތްތެރި ރައީސް އެވެ. ރައްޔިތުން ތިބީ ބަނޑަށެވެ. މަނިކުފާނުގެ މޫނު ފުޅުވެސް ރީތި ކުރަންވީއެވެ. ނާނޭފުޅު ފިއްލަވައި ދޭނޭ މުވައްޒަފުންވެސް ލައްވަންވީއެވެ. އެހެނަސް ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނެތާއެވެ. މަނިކުފާނު ނޫނަސް މިގައުމުގައި ވެރިކަންކުރެއްވި ބޭފުޅުން ތިއްބެވި އެވެ. މޫނުފުޅު ރީތުކުރުމަށް ތިއްބަވަނީ ދޭއް ނުވަތަ ތިން މުވައްޒަފުންނެވެ. އެވަރުން އެބޭފުޅުންނަށް ފަރުޖެހެއެވެ. ރާއްޖޭގެ ރައްޔިތުން ދަނީ  އޮބިނުއޮންނަ މިންވަރަށް ފަގީރުވަމުންނެވެ. ފުރިހަމަ ޞިއްހަތެއްގައި ރައްޔިތުންނަށް ތިބެވޭނީ ފައިދާހުރި ކާއެއްޗެއް އެރައްޔިތުންނަށް ލިބިގެން ނޫންތޯއެވެ. މޭވާއެއް ކުކުޅުބިހެއް ކެވޭނެ ފަދަ ޙާލެއްގައި ހުރި ރައްޔިތަކު ވަރަށްވެސް މަދެވެ.

ރައްޔިތުންގެ ޙާލާމެދު މަނިކުފާނުގެ ހިތްޕުޅުގައި ކުޑަވެސް ރަޙުމެއް  ޙަމްދަރުދީއެއް އޮތް ނަމަ ރައްޔިތުންގެ ފައިސާ ތިގޮތަށް ޚަރަދު ނުކުރެއްވީހެވެ. މަނިކުފާނު ވެރިކަމަށް ވަޑައިގަންވަން  އުޅުއްވި ހިނދު މަނިކުފާނު ރައްޔިތުންގެ ގާތަށް ވަޑައިގެން އެ ދެއްކެވި ވާހަކަފުޅުތަކުގެ މަތިން ހަނދުމަފުޅު ނައްތާ ލެއްވީތޯއެވެ.

ރައްޔިތުން ތިބީ ހަމަހޭގައި ކަމުން މަނިކުފާނު އެދުވަހު ދެއްކެވި ވާހަކަފުޅު ތަކުގެ މަތިން ހަނދާންވާ ކޮންމެ ރައްޔިތަކު މަނިކުފާނަށް ހިތްނުބައިވެ މަނިކުފާނު އެދުވަހު ހެއްދެވީ އިތުރުފުޅުކަމަށް ބުނަން ފަށައިފިއެވެ. ރައްޔިތުން މާޔޫސްވެއްޖެއެވެ.

މިސަރުކާރާމެދު ރައްޔިތުން ކުރި ހުރިހާ އުންމީދެއް ފުނޑުފުޑު ވެ ނިމިއްޖެއެވެ. ރައްޔިތުން ބުނަނީ މަނިކުފާނަކީ ބަހާ އަމަލު ދިމާނުވާ ބޭފުޅެއް ކަމުގައެވެ. އެހެން ކަމުން މަނިކުފާނު ދައްކަވާ ވާހަކަފުޅުތަކަށް ދެން ރައްޔިތުން ބަރޯސާވުމަކީ މުސްތަޙީލު ކަމެކެވެ.

ޢިއްޒަތް ތެރި ރައީސް ދައްކަވާ ހުރިހާ ވާހަކަފުޅުތައް ކިރާމަން ކާތިބީން ލިއުއްވަމުން ގެންދަވާެނެއެވެ. އަދި ﷲ ބައްލަވާ އައްސަވާ ވޮޑިގެން ވެތެވެ. ވިސްނަވާ ލައްވާށެވެ. އިތުރުފުޅުހެއްދެވުމަކީ މުނާފިގުންގެ ޢަލާމާތް ތަކުގެ ސިފަތަކުގެ ތެރެއިން އެއްސިފައެވެ. ރައްޔިތުން ނުހަނު ދަތިޙާލުގައި ތިއްބާ ދައުލަތުގެ ބައިތުލްމާލުން މަނިކުފަނުގެ މޫނުފުޅުގައި ފުށްޖެއްސުމަށާއި ނާނޭ ފުޅު ފިއްލެމަށާއި ކޯޓުކޮޅުލައްވައިދޭ ޖާރިޔާއިންނަށާއި ފަރިއްކުޅުވުމަށް ދައުލަތުގެ ބައިތުލް މާލުން ބިލިއަނުން ޚަރަދު ކުރައްވާއިރު ރައްޔިތުންން ތިބި ޙާލު ވެސް ނުބައްލަވަމެއް ނޫންތޯއެވެ.

ޢިއްޒަތް ތެރި ރައީސް އެވެ. މަނިކުފާނުގެ މައްޗަށް ރައްޔިތުންގެ ހިތް ނުބައިވެ ކިޔަމުން ގެންދާ ހުތުރު އެއްޗެއްސަކީ ވެރިންނަށް އިޙުތިރާމް ކުރާ ރައްޔިތެއްގެ ހިތަށް ކެތްވާ ވަރުގެ ކަމެއް ނޫނެވެ. އެހެން ކަމާއެކު މަނިކުފާނު ރައްޔިތުންގެ ގާތުން މަޢާފަށް އެދިވަޑައިގެން ގައުމުގެ މާލީ ޙާލަތު ބަޔާން ކުރައްވާ، ވެ ވަޑައިގެންފައިވާ ވަޢުދުފުޅުތައް ނިންމެވެން ނެތް ވާހަކަ ވިދާޅުވެ ދެއްވުން ރަނގަޅު ވާނެނޫންތޯއެވެ. އަދި އެވަޢުފުޅުތައް ނިންވައި ދެއްވައިފިނަމަ ގައުމު އިނދަޖެހި ރައްޔިތުން ބަނޑަށް ޖެހިދާނެ ވާހަކަ ވެސް ވިދާޅުވާންވީ ނޫންތޯއެވެ. އޭގެ ބަދަލުގައި މިހާރުވެސް ރައްޔިތުންގެ ގާތުގައި ތިޔަ ވިދާޅުވަނީ އުޑުން ތަރިބާލަ ދެއްވާނެ ވާހަކަ ފުޅު ނޫންތޯއެވެ. ތިހެން ނުހައްދަވާށެވެ.

ޢިއްޒަތް ތެރި ރައީސެވެ. މަނިކުފާނު ވެރިކަމަށް ގެނައުމަށް ބުރަމަސައްކަތް ކުރި ރައްޔިތުންވެސް މަނިކުފާނާ ފެއަށް ޖެހި އެދަނީ އެއްޗެތި ކިޔަމުން ނޫންތޯއެވެ. ގައުމު ލޫޓުވަމުންދާއިރު އެކަމާމެދު ބަސްފުޅެއް ވިދާޅުނުވެ ހަނު ހުންނެވުމުން ރައްޔިތުން ތުހުމަތު ކުރަނީ އެކަންކަމުގައި މަނިކުފާނުގެ ޙިއްޞާ އޮތް ކަމަށެވެ. އެހެން ކަމުން  ރައީސެއްގެ ކަރާމަތާއި ޝަރާފަތު ގެެއްލި މަނިކުފާނުގެ އަގު ރައްޔިތުންގެ ކުރިމަތީގައި ކިސަޑުގައި ދަމަން ފަށާނެއެވެ. އެހެން ކަމާއެކު މިކަންކަމުގެ މައްޗަށް ވިސްނާވަޑައިގެން ރައްޔިތުންގެ ކިބައިން މާފުއެދިވަޑައިތުމުގެ މުހިންމުކަން ހަނދުމަފުޅުކޮށް އަރުވަމެވެ. ﷲ މަނިކުފާނަށް ހެޔޮ ވިސްނުން ދެއްވާށިއެވެ.