ސަރުކާރުން ރައްޔިތުން ކަނުބަންނަނީ
ރާއްޖޭގެ ނޫސްވެރިކަން ކުޑަސީދީގެ ދުވަސްވަރަށް ސޮއްސާލަނީއެވެ. ބޭނުމަކީ ސަރުކާރުން ކުރާ ވައްކަމާއި ހިންގާ ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދަ ފޮރުވުމެވެ. ރައްޖޭގައި މި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަކީ މުޅިރާއްޖޭގެ ރައްޔިތުން ފުރާނަ އަތްމައްޗަށް ލައި އަދި އެތައް ނޫސްވެރިންނާއި އެކްޓިވިސްޓުން ޤުރުބާންވެ، ފުލުހުންނާއި ކުރިމަތިލައި އިނގިލި ބިނދި އަދި ޖަލަށް ވަދެގެން ހޯދާފައިވާ އެއްޗެކެވެ. އެހެނަސް ރައީސުލްޖުމްހޫރިއްޔާ އިސްވެ ހުންނަވައިގެން ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު ފަލާހު ލައްވާ ރައްޔިތުންގެ މަޖިލީހަށް ވައްދާފައި އެވާ ރާއްޖޭގެ ނޫސްވެރިންގެ ގަލަން ކޮންޓްރޯލް ކުރުމުގެ ބިލު ފާސްވިޔަނުދިނުމަށްޓަކާ ނޫސްވެރިންނަށް ކުރެވެން ހުރި ހުރިހާމަސައްކަތެއް ކުރާނެއެވެ.
ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަތްޕުޅު ނުބާނުއްވާ އެއްވެސް ދާއިރާއެއް މިހާރަކު ނެތޭ ދެންނެވޭނެއެވެ. ދައުލަތުގެ ތިންބާރަށް އަތްޕުޅު ބާނުއްވައިފި ކަން އެހެރީ ފެންނާށެވެ. އެންމެހައި މިނިވަން މުސްތަގިއްލު އިދާރާތަކަށް އަތްޕުޅުބާނުއްވައިފިއެވެ.
ނޫސްވެރިންގެ ތުނބުގައި ތަޅު އަޅުވަން މަސައްކަތް ކުރާނަމަ ދެން ރަށުތެރޭގައި ފޮޅިވެސް ހިންގަން ފަށާ ހިސާބަށް ދާނެ. ނޫސްވެރިކަން ދިފާޢުކޮށް ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަތައް ދެކެވެން ޖެހޭނެ! ރައީސް މީހާގެ ނަން ކިޔާލާ ގޮތަކުން ވެސް މީގެ ކުރިން ނޫސްވެރިން ޖަލަށް ލާފައިވޭ! ތިޔަ ބިލް ބޭރުކުރޭ! ނޫނީ އަޅުގަނޑުމެން ނޫސްވެރިންނަށް ޖެހޭނީ ޑިމޮކްރަސީ ޙިމާޔަތްކުރުމަށް އަނެއްކާވެސް ނުކުންނަން!
މިހާރު އެ ހިއްޕަވަނީ ނޫސްވެރިންގެ ގަލަމުގައެވެ. ނޫސްވެރިންގެ ފަރާތުން މިކަމަށް އަލިމަގެއް ހޯދުމަށްޓަކާ ޓަކިޖެހެން ހުރިހާ ދޮރުތަކެއްގައި ޓަކިޖަހާނެއެވެ. މިހާރު ފާސްކުރަން އެ އުޅޭ ނޫސްވެރިކަމާއިބެހޭ ބިލަކީ ރާއްޖޭގެ މީޑިޔާ ކޮންޓްރޯލްކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅަށް ނެންގެވުމަށްޓަކާ ފާސްކުރާ މަކަރުވެރި ނުރައްކާތެރި ޙީލަތްތެރި ބިލެކެވެ. އެހެން ކަމާއެކު ނޫސްވެރިއެއްގެ ހައިސިއްޔަތުން ސަރުކާރަށް މިގޮވާލަނީ ތިޔަ ހުށަހަޅުއްވައިގެން އުޅޭ ބިލާއި ބެހޭ ގޮތުން ނޫސްވެރިންނާއި އެއްމޭޒަކަށް ވަޑައިގެން މީޑިއާގެ ސަބަބުން ސަރުކާރަށް ހުރި ގޮންޖެހުން ތަކަކީ ކޮބައިތޯ ބަލާ ރާއްޖޭނެ މިނިވަން ނޫސްވެރިކަން މަރާނުލުމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރަންތިބި އެމްޕީއިން ގަނެ ރާއްޖޭގެ ސަރުކާރުން ކުރާކަންތައްތައް ރައްޔިތުންނާ ހަމައަށް ތިލަކޮށް ދިނުމަށްޓަކާ ދެން ތިބި ނޫސްވެރިން އަދާކުރާ ޒިންމާދާރު ނޫސްވެރިކަން މަރާލުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ.
ކުޑަކުދިންވެސް ގަބޫލުކުރަނީ މިއަދު މިހެން މި ހަދާ ބޭނުމަކީ ސަރުކާރުން ކުރާ ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި ފަސާދަ ފޮރުވުމެވެ. ދެން ރަށުތެރޭގައި ފޮޅިވެސް ހިންގަން ފަށާހިސާބަށް ދާނެއެވެ. ނޫސްވެރިން އުލު ނުބައިންދައި ސަރުކާރުގެ ވެރިންގެ ނުޙައްގު މުއްސަނދިކަން ނުފޮރުވޭނެއެވެ. ގުންޑާ ފަލާހު ބުނިހެން ހަދައިގެން ނޫނީ ތިޔަ ޙާޞިލުކުރަން އުޅޭ ލަނޑުދަނޑި ޙާޞިލެއް ނުވާނެއެވެ. ރާއްޖޭގެ ނޫސްވެރިންގެ ފެންވަރާއި ބުންވަރު މިސަރުކާރަށް އަދި ނޭނގެނީއެވެ. ރާއްޖޭގެ ނޫސްވެރިންނަކީ ޖަލަށްދާން ޖެހިދާނެތީ ފަހަތަށް ޖެހޭނޭ ބައެއްނޫނެވެ. ޚުދު އަޅުގަނޑަކީ ވެސް ރާއްޖޭގެ ނޫސްވެރިކަން ދިފާޢު ކުރުމަށްޓަކާ ބާރަ ފަހަރު ޖަލަށް ވަން މީހަކީމެވެ. ރާއްޖޭގެ ނޫސްވެރިކަމަށް ރައީސުލް ޖުމްހޫރިއްޔާ ގެ ނުޙައްގުބާރު ފޯރުވި ދުވަސް ވަރުވެސް އަޅުގަނޑުމެން ސަރުކާރުގެ ވެރިންގެ ނުޙައްގު މުއްސަނދިކަމުގެ ވާހަކަތައް ރައްޔިތުންނަށް ހާމަކުރަމުން ގެންދިޔައިމެވެ. ސަރުކަރަށް ދޮނެއް ކަޅެއް ވަކިނުވާހެންނެވެ. އަދިވެސް އެގޮތް އެބައޮތެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ލައްވާ ރައީސް މުޢިއްޒުމަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލްގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި ނޫސްވެރިންނަށް ނޫނެވެ. އެބިލްގެ ސަބަބުން ރައްޔިތުންނަށް ގާނޫނުއަސާސީ އިން ލިބިދީފައިވާ އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަންވެސް ގެއްލިގެން އެބަދެއެވެ. އެހެން ކަމާއެކު އެބިލް ބޭރުކުރުމަށްޓަކާ ނޫސްވެރިންނެކޭ އެއްމިންވަރަށް ރައްޔިތުން ނުކުންނަން ޖެހެއެވެ. މިބިލް މިއޮތް ގޮތަށް ފާސްވެއްޖެނަމަ 2008ވަނަ އަހަރުގެ ކުރިން ރައްޔިތުން ޖަލަށްލަމުން ދިޔަ ބީދައިން އަނެއްކާވެސް ރައްޔިތުން ޖަލަށް ލާން ފަށާނެއެވެ. ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަން ކޮންޓްރޯލް ކުރުމުގެ ފުރުޞަތު މިސަރުކާރަށް ދީގެން ނުވާނެއެވެ.
ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ގެއްލިއްޖެނަމަ ގެއްލިގެންދާ ރައްޔިތެއްގެ ޙައްގަށް ވަކާލާތު ކުރުމުގެ ފުރުޞަތު ގެއްލި ކަތިވަޅިގެއްލި މަރިޔަނބުވެސް ގެއްލޭނެއެވެ. ކުރިންވެސް ރައީސްގެ ނަންފުޅު ކިޔާ ގޮތަކުންވެސް ރައްޔިތުން ޖަލަށް ލިއެވެ. އެހެން ކަމުން މި ނުރައްކާތެރި ބިލާދެކޮޅަށް އިދިކޮޅު ޕާޓީ ތަކުންނާއި ވަކިވަކި ފަރުދުން ނުކުނަން ޖެހެއެވެ.
މިއީ ސަމާސާ ކުރަންވީ ވަގުތެއް ނޫނެވެ. މިއީ ޚުދުމުޚުތާރު ވެރިކަމެއް ފެށުމަށްޓަކާ ފާސްކުރުވާ ބިލެކެވެ. މިބިލް ފާސްވެއްޖެ ނަމަ ރައްޔިތުންންގެ ތުނބުގައި ތަޅުއެޅުވި ރަންތިރީހުގެ އަހަރުތަކަށް މިގައުމު ވާޞިލް ވާނެއެވެ. ލޮބުވެތި ރައްޔިތުންނޭވެ. ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެތިކުރުމަކީ ރައްޔިތުން އަދާކުރަން ޖެހިފައިވާ ގައުމީ އަދި ފަރުދީ ޒިންމާއެކެވެ. ދައުލަތްހިންގަން ރައްޔިތުން ހަވާލު ކުރި ވެރިމީހާ ރައްޔިތުންނަށް ހަރާމްކޯރުވާތަން ބަލަން ނުތިބެ މާދަމާގެ ޖީލަށްޓަކާ ނުކުންނާށެވެ.
