ޢިލްމީ މީހުން ބާކީކޮށް ވައްކަމުން ބުލެކްބެލްޓު ހޯދާފައިވާ މީހުންނާއެކު ސޯބުތައް ނުވަތަށް އެނބުރެނީ…

ޢިލްމީ މީހުން ބާކީކޮށް ވައްކަމުން ބުލެކްބެލްޓު ހޯދާފައިވާ މީހުންނާއެކު ސޯބުތައް ނުވަތަށް އެނބުރެނީ…

ޒަމާން ބަދަލުވެ އެކިރޮގުތަކުން ޑޮކްޓަރޭޓު ކަމާއި ޑިގްރީއާއި ޑިޕޮލަމާ ޙާޞިލް ކޮށްގެން ވަޒީފާތަކުގެ އިންތިޒާރުގައި ދުވަސްތައް ގުނަގުނާ ތިބި ރާއްޖޭގެ އެތައްހާސް ޒުވާނުން އެވަނީ ބާކީވެފައެވެ. ކަން މިހެން ހުރިއިރު މަދުރަސާއެއް ހުރި މަގަކުންވެސް ހިނގާފައި ނުވާ ފަސްބައި ކިލާ ބައިގަނޑެއް އެވަނީ ދިވެހިރައްޔުތުންގެ ސަރުކާރުގެ މައްޗަށް އަތްގަދަކޮށް ގައުމު ހިފާފައެވެ. އެހެން ކަމާއެކު ފެންނަމުން ދަނީ ގައުމުގެ އިގްތިޞާދު ފުލުންގޮސް ރައްޔިތުން ދަރާ ވިކި ވަގުންގެ ފޮށިތައް ބާރަށް ބަންނަމުންދާ މަންޒަރެވެ. ކިޔަވައިގެން ތިބި ޢިއްޒަތްތެރި ތެދުވެތި ޢިޚުލާޞްތެރި ޝަރަފުވެރި ޒުވާނުންނަށް ގައުމުގެ މާދަމާގެ މުސްތަގުބަލް ބިނާކުރުމުގެ ފަޚުރުވެރި ޝަރަފު ލިބުމުގެ ނަޞީބާއި ފުރުޞަތު ގެެއްލުވާލާ ވައްކަންކުރުމަށް ހޭ ދެބައިވެފައިތިބި ބަޔަކު ދައުލަތުގެ އިސް މަގާމުތަކަށް ޢައްޔަންކޮށް ގައުމުގެ އިގްތިޞާދީ އަދި އިޖްތިމާޢީ މިޞްރާބު އޮޅުވާލާ މިނިކާރާއްޖެއާދިމާލަށް ގައުމީ ނައުގެ މިސްރާބު ސީދާވެއްޖެ ކަމަށް ރައްޔިތުން ގޮވަން ފަށައިފިއެވެ.

ވަޒީރުންނާއި ކުންފުނި ތަކުގެ އެމްޑީ އިންނަކީ ރަމްޒީ މަގާމުތަކެއް ފުރުއްވާ ވެރިންތަކެއްގެ ގޮތުގައި ކަނޑައެޅި އެންމެހައި ވުޒާރާތަކާއި މިނިވަން މުސްތަގިއްލު އިދާރާތަކާއި ރާއްޖޭގެ ޝަރުޢީނިޒާމާއި އަދި އެންމެހައި ތަޙުގީއިދާރާތަކުގެ މައްޗަށް އަމުރު މަޢުރޫހިންގާ ފަރާތަކީ ސީދާ ރައީސުލް ޖުމްހޫރިއްޔާ ކަމުގައި ހަމަޖެހި ނިމިއްޖެއެވެ. ގައުމުގެ ހަމައެކަނި ވެރިޔަކީ ރައީސުލް ޖުމްހޫރިއްޔާއެވެ. ދައުލަތުގެ ތިންބާރުގެ ވެރިއަކީވެސް ޚުދު ރައީސުލް ޖުމްހޫރިއްޔާއެވެ. ދައުލަތުގެ ވެރިންނާއި ވުޒާރާތަކާއި، މިނިވަން އިދާރާތަކާއި،ދައުލަތުގެ ތިންބާރު ކޮންޓްރޯލް އޮތީ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުގައެވެ. އެހެން ކަމުން ވަޒީރަކަށް ވިޔަސް އެމްޑީއަކަށް ވިޔަސް ތަޢުލީމެއް ތަރުބިއްތެއް ހުރުމަކީ ލާޒިމް ކަމެއް ނޫނެވެ. ކޮންމެ ފަރާތަކުންވެސް ތަންފީޒުކުރަންވީ ރައީސުލްޖުމްހޫރިއްޔާގެ އަމުރެވެ.

މަސަލަން؛ ރައީސުލްޖުމްހޫރިއްޔާ ހަތަރުސަތޭކަ މިލިއަން ރުފިޔާ ބޭނުންފުޅުވެއްޖެކަން އިސްވެ ބަޔާން ކުރެވުނު ފަރާތްތަކަށް އަންގަވާފާނެއެވެ. އެހިސާބުން މިދެންވި ވެރިން ރައްޔިތުންގެ ޚަޒާނާ ފެލާލައިގެން ވިޔަސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅު ބަސްފުޅު ތަންފީޒު ކުރައްވާނެއެވެ. އެހެން ކަމުން ދައުލަތުގެ އިސްމަގާމަކަށް ޢައްޔަން ކުރައްވާ ބޭފުޅަކީ ކިޔަވައިގެން ހުންނެވި ބޭފުޅަކަށް ވާކަށް ނުޖެހޭތާއެވެ. ސިކުސްތާނަކީ ވެސް އަދި ގޮއިދަރުވަނަކީވެސް އަދި ޓަފް ނަނުގައި ހުންނަވަނީވެސް ސީދާ ރައީސުލް ޖުމްހޫރިއްޔާއެވެ. އެހެނަސް އޮޑި ބެހިއްޖެކަން ރައްޔިތުންނަށް އެނގިއްޖެ ނަމަ އެކަމުގައި އިހުމާލުވިފަރާތް ސަސްޕެންޑުކޮށް އަޅާ ހަމައެކަނި ފިޔަވަޅަކީ މަގާމުން ދުރުކުރުމެވެ. ދައުލަތުގެ އެއްވެސް ކަމެއް ރައީސުލް ޖުމްހޫރިއްޔާ ގަބޫލު ފުޅު ނޫން ގޮތަކަށް ނިންމުމުގެ ބާރެއް އެއްވެސް ފަރާތެއްގެ އަތުގައި ނުއޮންނާނެއެވެ.

ގާނުއަސަސީ ބަދަލުކޮށްގެން ވިޔަސް ނުކޮށްވިޔަސް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅު ކޮންމެ ކަމެއް ބޭނުންފުޅުއިރަކު ތަންފީޒުވަމުން ދާނެއެވެ. ހިތަށް އަރަނީ ރާއްޖޭގައި ދިރިހުރި ރައްޔިތަކު އެބަހުރި ބާވައެވެ. މިހެން ހިތަށް ނައަރާވަރެއް ނޫންތާއެވެ. ރައްޔިތުން ދެފައިތަޅާ ރޯންޖެހޭ ހިސާބަށް ގައުމުގެ ކަންކަން ބޮއްސުންލައިފިއެވެ. އަނބިދަރިން ބަނޑަށް ޖެހި ކާއެތިކޮޅުވެސް ގަނެވޭނެ ގޮތެއް ނެތެވެ. އާފަލެއް ވެސް 10 ރުފިޔާއަށެވެ. ދަރިފުޅު ރޮނީއެވެ. މައިން ބަފައިންވެސް ރޮނީއެވެ. 

އެހެންދީންތަކަށް އިންސާނާ ވާޞިލްވަނީ އިންސާކުރާ ޢަމަލްތަކުގެ ސަބަބުންނެވެ. ސަރުކާރުގެ ބައެއް މަގާމްތައްފުރުއްވާ ބައެއް ބޭފުޅުން ފައިސާގެ ދަހިވެތި ކަމަށްޓަކާ ދޮގުހެކިދެމުން އެބަދެެއެވެ. ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވާ ބައެއް މެންބަރުންނަށް ފައިސާދިނުމުން އެބައިމީހުންނާއި ޙަވާލުކޮށްފައިވާ ރައްޔިތުންގެ ޙައްގުތައް އެބަ ވިއްކާލައެވެ. މިއީ މުސްލިމް އުންމަތެއްގެ ސިފަ ގެއްލެމުންދާކަމުގެ އަލިގަދަ ހެއްކެކެވެ. ފައިސާ ހުންނަ މީހުން އެބައިމީހުން ކޮށްފައިހުންނަ ވައްކަމާއި ފަސާދައިގެ ޢަމަލްތަކުން ބަރީއަ ވުމަށްޓަކައި ނިކަމެތި ރައްޔިތުމީހާ ގުއިރޯނުގައި ޖައްސާ އެމީހާގެ ސުވަރުގެ އެމީހާއަތުން ވިއްކުވާލާ އެމީހާއަށް ނަރަކަ ގަނެދެމުން ދިއުމަކީ ގައުމަކުން އިސްލާމް ދީން ފޮހެލުމުގެ މަސްދަރެވެ.

ދިވެހިންނަކީ ކުރީގެ ޒަމާންތަކުގައި ވައްކަމާދެކޮޅު ރިޝްވަތުގެ ހަޑިމުޑުދާރު ޢަމަލްތައް ކޮށްއުޅުނު ބައެއް ނޫނެވެ. އެހެނަސް މިފަހަކަށް އައިސް ދަރިފުޅު މަންމައަށް ބައްޕައަށް މަސައްކަތެއް ކޮށްލައިދެނީވެސް އެބައިމީހުންގެ އަތުން ހަދިޔާއެއް ނުވަތަ ސައެއް އަތުލާފައެވެ. ރާއްޖެއިން އިސްލާމް ދީން ފޮހެވިއްޖެއޭ ބުންޏަސް މާބޮޑު ދޮގަކަށްނުވާނެއެވެ. ޢިލްމަކީ ކިޔަވާފައި ހުއްޓަސް އޭގެ ބޭނުން ކުރަމުން ނުދާނަމަ ހަނދާންނެތިދާއެއްޗެކެވެ. 

އެހެން ކަމުން ކިޔަވައިގެން ތިބިމީހުން ދުރަށްލައި ނުކިޔަވައި ތިބިމީހުންގެ އަތްމައްޗަށް ގައުމުގެ ހިންގުން ޙަވާލުކޮށްފިނަމަ އެގައުމެއް ސުންނާފަތިވެ ގައުމުގެ ކަރާމާއި ޝަރާފަތު ގެއްލި ހިނގައިދާނެއެވެ. މިގައުމަށް މިވަނީ އެފަދަގޮތެކެވެ. ނުކިޔަވައިތިބި ވަކަރުގޭ ކުދިން ގައުމު ހިންގަން ފެށުމުން ވާނެހަތަރެތި މި އޮތީ ވެފައެވެ.

އާދޭހެވެ! ގައުމެއްގެ ސިޔާދަތާއި އިސްތިގްލާލު ބިނާވެފައިވަނީ އެގައުމެއްވެރިންގެ ތެދުވެރިކަމާއި އަޚުލާގާއި ސުލޫކުގެ މައްޗަށެވެ. ވައްކަންކުރުމުގެ ބުލެކް ބެލްޓު ހޯދާފައިވާ ޖާހިލު ވެރިންތަކެއްގެ އަތްމައްޗަށް ގައުމު ދިއުމުން އެގައުމު ސަލާމަތް ކުރުމަކީ އުތުރު ކަރައިން ތަބުރޭޒީއަކު ފާޅުވެގެންނޫނީ ކުރަން އުނދަގޫ ކަމަކަށް ވާނެއެވެ. ރައްޔިތުން ނުކުމެ ގައުމުގެ ޙާލާތު ބަދަލު ކުރުމުގެ ވަގުތު އައިސް ޖެހިއްޖެއެވެ. ނޫންނަމަ ރާއްޖޭގެ ދީނާއި ރާއްޖޭގެ ރައްޔިތުންގެ އަޚުލާގާއި ގައުމީ ވައްޓަފާޅިއަށް ހީވެސް ނުކުރާފަދަ ނުބައި ބަދަލުތައްއައިސް ރާއްޖޭގެ އިގްތުޞާދީ ދުވެލި ހުއްޓި ، ސޯބުތައް ނުއަތަށް އެނބުރެން ފަށާނެއެވެ. މިހާރަށްވުރެ ބޮޑަށެވެ. އެހެން ކަމާއެކު ގައުމު އިސްލާޙުކުރުމަށް އަވަސް ފިޔަވަލުތަކެއް އެޅުމަކީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ވެއްޖެއެވެ.

Leave a Reply

Your email address will not be published. Required fields are marked *