ސީތަފާލުގައި ދަޑިން ތަޅަނީ

ސީތަފާލުގައި ދަޑިން ތަޅަނީ

ރައީސްމީހާގެ ޢިއްޒަތާއި އަބުރަކީ ހަދާ ގާނޫނަކުން ރައްކާކުރެވޭނެ އެެއްޗެއް ނޫނެވެ. ނޫސްވެރިން އުލުބައިންދާ ގާނޫނު އަވަސްއަރުވާލައިގެން ފާސްކޮށް ތަސްދީގު ކޮށް ރައީސްމީހާގެ އިއްޒަތާއި އަބުރު ބޮލާފޮށާއަޅުވައިފިއެވެ. ރައްޔިތުން އުލު ނުބޭންދިގެން ކުރާނެ ނުކުރާނެ ކަމެއް ނު އެނގި ސީތަފާލުގައި ދަޑިން ތަޅާން ފެށީ ތާއެވެ. އެބިލް ފާސްކުރި ވަގުތުން ފެށިގެން އެބިލް ތަސްދީގު ކުރާހިތުން ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުގެ ވެރިން އެވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭނގި ރައްޔިތުންނަށް ދެމުން އައި މީޑިއާ ރަޖިސްޓްކުުރުމުގެ ޚިދުމަތް ހުއްޓާލާފައެވެ.
ޔޫތު މިނިސްޓްރީ އިން ދެމުން ދިޔަ އެ ޚިދުމަތް ހުއްޓާލުމަށްފަހު އެމުވައްޒަފުން އެތިބީ ރައްޔިތުންގެ ފައިސާއިން މުސާރަކައި މާކުންބެ ހެދިގެންނެވެ.


މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑުކާސްޓިންގ ރެގިއުލޭޝަން ގާނޫނު (ގާނޫނު ނަމްބަރު 16/2025) ފާސްކުރިނަމަވެސް، މީޑިއާ ގަވަނަންސަށް ގެންނަން މުހިންމު ކަމަށް ނޫސްވެރިން ލަފާކުރާ އިސްލާޙުތައް އަދިވެސް ފުރިހަމަ ނުވާ ހިނދު މީޑިއާތަކުގެ ބެލެނި ވެރި ފަރާތެއްވެސް ދުނިޔެއަކު ނެތެވެ. މީޑިއާތަކުގެ ބެލެނި ވެރިފަރާތް މަރުވެ މީޑިއާތަކާއި ހަވާލުވާނޭ އިތުރުފަރާތެއް ވުޖޫދުވެފައި ނުވާތީ ރައްޔިތުންގެ ޝަކުވާތައްވެސް އިތުވާން ފަށައިފިއެވެ.
ސެޕްޓެންބަރުމަހުގެ 16 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ބިލްވަނީ ލޮލުފިޔަ ނުޖަހާ އިންނަވާ 18 ސެޕްޓެންބަރުގައި ތަސްދީގު ވެސް ކޮށް ނިންމަވާފައެވެ.


އެގާނޫނުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އޭގެ ތެރޭގައި އެ ގާނޫނުގެ މާއްދަތަކާއި ޚިލާފުވާ މީޑިއާ ތައް އެއްލައްކަ ރުފިޔާއިން ޖުރިމާނާކުރުން ވެސް ހިމެނެއެވެ. އަދި މީޑިއާ ލައިސަންސް ސަސްޕެންޑް ކުރުމާއި، ވެބްސައިޓް ތައް ބުލޮކް ކުރުމާއި، ބުރޯޑުކާސްޓް ކުރުން ހުއްޓުވާލުމުގެ ބާރު މީޑިއާތަކުގެ ބެލެނިވެރި ފަރާތަށް ލިބިދީފައިވެއެވެ.

މިގާނޫނުގެ ދަށުން ހަތްމެންބަރުންގެ ކޮމިޝަނެއް އެކުލަވާލަން ލާޒިމް ކުރާއިރު މީޑިއާތަކުން އިންތިޚާބުކުރަން ޖެހޭ ހަތަރު މެންބަރުން ވަނީ ހޮވިފައެވެ. ނަމަވެސް އެގާނޫނުގައި ބުނާ ކޮމިޝަން އަދި ވުޖޫދުވާ ގޮތެއްނުވެއެވެ.
އެބުނާ ކޮމިޝަނެއް ތާހިރު ގޮތުގައި ފެނުމަކީ މުސްތަޙީލު ކަމެކެވެ. ރައްޔިތުންނާ ދެކޮޅަށް ފާސްކުރި ގާނޫނު އެވަނީ ފުރާނަ ގޮސްފައެވެ. އެ ގާނޫނު އަލުން ދިރިގެން ރައްޔިތުން އުލުބައިންދާކަށް ނާދެވޭނެއެވެ. ރައީސް މީހާ އެޑަޕްޓް ކޮށްގެން 75 މެންބަރަކު ވިއްސި މިގާނޫނު އެވަނީ ރައީސްމީހާ މޫނުބަލަން ބާއްވާފައެވެ. ވަޅުނުލެވޭކަށް ނެތެވެ. ވަޅު ނުލާ ބޭއްވޭކަށްވެސް ނެތެވެ.


ރައްޔިތުންނަށް ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ މީޑިއާރަޖިސްޓްރީ ކޮށްދިނުމުގެ ޚިދުމަތް ކުރިންވެސް ދެމުން ދިޔަ މުވައްސަސާއަށް ހުއްޓާނުލެވޭނޭ ކަމަށް ގާނޫނީ ފަރާތްތަކުން ބުނެއެވެ. އެ މުވައްސަސާގެ މެންޑޭޓުން އެޒިންމާ ކެނޑިގެން ދާނީ އެމަސައްކަތް ކުރާނޭ އިތުރު މުވައްސަސާ އެއް ސަރުކާރުން ކަނޑައެޅި ދުވަހަކުންނެވެ.
މީޑިއާ ބިލް އެވަނީ އުލު ބޭންދި ފައެވެ. އެބިލް ގާނޫނަކަށް ވުމުން މީޑިއާ ރެގިއުލޭޝަން ބޮޑީ އަށް ޝޮކެއްލިބި މީޑިއާއި ބެހޭ ބެލެނިވެރިފަރާތް މަރުވެއްޖެއެވެ. ރާއްޖޭގެ މީޑިއާ ވަނީ ގާނޫނީ ހުސްކަމުގެ ތެރޭގައެވެ. އުލަށް ހެރިފައިވާ ގާނޫނުގެ ސަބަބުން މީޑިއާއި ބެހޭ ހުރިހާ ގާނޫނު ވަނީ ހުސްކަމެއްގެ ތެރޭގައެވެ. އެހެން ކަމާއެކު ގާނޫނު ތަންފީޒު ކުރުމުގެ ބާރު ރައީސް އަތުން ނަގައި އޭނާ ސަސްޕެންޑު ކުރަން ރައްޔިތުންގެ ބާރު ބޭނުންކުރުމަށް ގޮވާލަމެވެ.