ސިގެރެޓެއް ނޫނެވެ. މަސްތެވެ

ސިގެރެޓެއް ނޫނެވެ. މަސްތެވެ

ރަށްރަށުގެ މަގުމަތީގައި މަސްތުވާ ތަކެތި ވިއްކަމުން އެދަނީ ބިރެއްސިހުމެއް ލަދެއް ޙަޔާތެއް ނެތިއެވެ. މަސްތުވާތަކެތި ވިއްކުމުގައި އިސްކޮށް އުޅެނީ ގޭންތަކަށް ނިސްބަތްވާ ޒުވާނުންނެވެ. ދާދި ފަހުން މަސްތުވާތަކެތި ވިއްކާ ދެ ޒުވާނަކު ސައިކަލެއްގައި ގޮސް ޢުމުރުން ދުވަސް ވީމީހަކަށް މަސްތުވާ ބާވަތެއް ވިއްކިތަން މަގުމަތި ކޮންޓްރޯލް ކުރާ ދެ ފުލުހުންނަށް ފެނުނެވެ. ނަމަވެސް މަސްތުވާތަކެތި ވިއްކި ދެ ޒުވާނުން ދޫކޮށްލުމަށްފަހު ހިފެހެއްޓީ އެތަކެތި ގަތް ކަމަށް ތުހުމަތު ކުރެވޭ ޢުމުރުން ދުވަސްވީ މީހާއެވެ. ދެފުލުހުން އެމީހާ ފާރަކަށް ލައްގާފައި ބެހެއްޓުމަށް ފަހު ހަށިގަނޑު ޗެކްކޮށް ބަލާ ފާސްކުރިއެވެ. އެހެނަސް އެމީހާގެ އަތުން އެބާވަތުގެ އެއްޗެއް ނުފެނުނެވެ. މަސްތުވާތަކެތި ވިއްކަނީ ގޭންގްތަކަށް ނިސްބަތްވާ ޒުވާނުން ކަން މޯލްޑިވްސް ޕޮލިސްސާވިސް އަށް ވަރަށްސާފުކޮށް އެނގޭނެއެވެ. މާލޭގައި ކާޓަލް ހަދައިގެން މަސްތުވާތަކެތި ވިއްކައި ބޭނުންކުރަމުން ދާތަނަކުން ނުކުމެގެން ބާރަށް ދުވެފައި އައި ޒުވާނަކު އޭނާގެ ރައްޓެއްސަކާ ދިމާވެގެން ބުންޏެވެ. އޭނާ މަސްތުވާތަކެތި ބޭނުން ކުރަން އިން ކާޓަލް އަކީ ޕޮލިހުގައި އުޅޭ މީހެއްގެ ހިމާތަތުގައި ހިންގާ ތަނެއް ކަމަށާއި އެތަން ރެއިޑްކުރަން އަންނަވާހަކަ އެ ޕޮލިސް މީހާ އެކޮޅުން ގުޅާފައި ބުނުމުން އެންމެން ދުވެފިލީކަމުގައެވެ.
މިހިރީ މިކަންކަން ހިނގާ ގޮތެވެ. ޒުވާނުން ފަނާ ކުރުމުގައި ބައެއް ފުލުހުންގެ ދައުރު ނުހަނު ފުޅާކަން މި ކަމުންވެސް އެނގިގެންދޭ ނޫންތޯއެވެ.

ބައެއް ގޭންގް ތަކާއި ފުލުހުންނާއި ގުޅިފައިވާ ކަމަށާއި އެކި ރޭރޭ މަސްތުވާ ތަކެތި ވިއްކަން ތިބޭ ޕޮއިންޓް ތައް ކަނޑައަޅަނީ މަގުމަތި ޕެޓްރޯލް ކުރާ ކޮންމެވެސް ފުލުހެއްގެ އިރުޝާދު ލިބިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ ނެޓްވޯކުގައި ދައުލަތުގެ މުއައްސަސާތައް ޗޭނަކުން ގުޅިފައިވާކަމަކީ ހަގީގަތެވެ.


       މަސްތުވާތަކެތި ބޭނުންކުރާ އެތަކެއް ޒުވާނުން އެވަނީ އަޅާލާނެ ބެލެނި ވެރިން ނެތި މަގުމަތި ވެފައެވެ. ނިދާނެ ތަނެއް ނުލިބި ފްލެޓްތަކުގެ ސިޑިދަށުގައާއި އެކިތަންތާ ގައި އެތަކެއް ޒުވާނުން އެތިބީ ޙާލުގައި ޖެހިފައެވެ. ކައިބޮއި އުޅުމަށާއި މަސްތުވާތަކެތި ގަތުމަށްޓަކާ މަގުމަތީ ގައި ސަލާންޖަހަމުން ޒުވާނުން އެދަނީ އެެއްވެސް ފަރާތަކުން އެ ޒުވާނުންނާ އަޅާނުލާތީއެވެ. މަސްތުވާތަކެތި ބޭނުން ކުރާތީ ބެލެނިވެރިން އެބައިމީހުންގެ ދަރިން ގެދޮރުން ވެސް ނެރެލަނީއެވެ. ދައުލަތުން ވެސް އެ ފަދަ ޒުވާނުންނާ އަޅާނުލައެވެ. މަސްތުގެ ޙާލުގައި މަގުމައްޗަށް ވެއްޓިފައި ތިބޭ ޒުވާނުން އެެއްކައިރި ކޮށްލުން ފިޔަވާ އިތުރު އެހީތެތިކަމެއް ފޯރުކޮށްދޭނެ ފަރާތެއް ނެތެވެ. އެހެން ކަމާއެކު މިފަދަ ޒުވާނުން ބަލަހައްޓާނެ މެކެނިޒަމެއް ސަރުކާރުން އެކުލަވާލާކަށް ނުވޭހެއްޔެވެ.

      މަސްތުވާތަކެތި ބޭނުންކުރާ ގިނަޒުވާނުންނަކީ ކިޔަވައިގެން ތިބި ޒުވާނުންނެވެ. އެހެނަސް މަސްތުވާ ތަކެތި ވިއްކާފަރާތްތަކުގެ މަކަރުވެރި އަނދަވަޅުތަކަށް ޒުވާނުން ގަންބާލަމުން އެދަނީ އެބައިމީހުންގެ ވިޔާފާރި ފުޅާ ކުރުމަށްޓަކައެވެ. އެހެންކަމާއެކު ސަރުކާރުން ދެވަނަ ވިސްނުމަކަށް ގޮސް ފަނާވަމުން މިދާ ގައުމުގެ މާދަމާ މުސްތަގްބަލް ރިހެބިލިޓޭޓްކޮށް އަނބުރާ މުޖުތަމަޢަށް ނެރެދެއްވުމަށް ސަރުކާރަށް އިލްތިމާސް ކުރަމެވެ. މަސްތުވާތަކެތި ބޭނުންކުރާ ގިނަ ޒުވާނުން އެކަން ކުރަނީ އެހެން ގޮތެއް ނެތިގެން ކަމަށް ބުނާއިރު ސަރުކާރުން މި މުޖުތަމަޢުގެ ޒުވާންޖީލާމެދު ގެންގުޅޭ ސިޔާސަތެއް ވެސް ސާފެއް ނޫނެވެ. އެނގޭ ކަމަކީ މިޖީލުގެ އެތަކެއް ޒުވާނުން ފަނާވަމުންދާކަމެވެ. އަނެއްކޮޅުން މިފަދަ ކުދީންގެ ތެރޭގައި ހަރުކަށިފިކުރަށް ތަބަޢާވާ ޒުވާނުންވެސް މަދެއް ނޫނެވެ. މިފަދަ ބައެއް ޒުވާނުން އެވަނީ ނަފުސާބަލީގެ ޝިކާރައިންނަށް ވެފައެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މަސްތުވާތަކެތި ރާއްޖެއަށް އެތެރެވަމުން އެދަނީ ފަތުއަޑުކިޔާފައެވެ. ދުވާލަކު ސޯޅަމިލިއަން ރުފިޔާގެ މަސްތުވާތަކެތި މަގުމަތިން އެބަވިއްކައެވެ. އެހެން ކަމާއެކު މިގައުމުގެ ރައީސަށް ދިވެހި ފަރުދެއްގެ ހައިސިއްޔަތުން އާދޭހާއެކު ދަންނަވަން ޖެހެނީ ސިގިރޭޓު ކޮންޓޯލް ކުރުމަށްވުރެ މިގައުމުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ރައްކާތެތި ކޮށްދެއްވުން އެ އަށްވުރެ މާ މުހިންމުވާނެ ކަމުގައެވެ.