ދޮގު ލިޔުން އުފައްދަން މަޖުބޫރު ކުރުވީ ސަރުކާރުން
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން އެކަށައެޅި ސިޔާސަތު ފޮލޯކުރެވެން އޮތީ ވަގުލިއުން ތައްޔާރު ކޮށްގެނެވެ. މާލޭގައި ދިރިއުޅޭތާ 15 އަހަރުވެއްޖެ ކަން ދެނެގަތުމަށްޓަކާ މާލޭގެ ކުންފުންޏެއްގައި އެމުއްދަތަށް އުޅުނު ކަމުގެ ލިއުމެއް ހައުސިންގ މިނިސްޓްރީއަށް ނުވަތަ ފްލެޓް ޕޯޓަލް އަށް ހުށައަޅަންޖެހުމަކީ ރައްޔިތުމީހާލައްވާ ސަރުކާރުން ހިންގުވާ ޖަރީމާއެކެވެ.
މާލޭގައި ދިރިއުޅެމުން މީހަކާއި ކައިވެނިކޮށް ދަރިއަކު ލިބި އެދަރިފުޅު ސްކޫލް ނިންމައި އޭނާވެސް މީހަކާ އިނދެފައިވާއިރު ފްލެޓަށް ކުރިމަތިލީ އަންހެންމީހާ މާލޭގައި 15 އަހަރު އުޅުނުކަމުގެ ޝަރުތު ހަމަނުވާކަމަށް ފުލެޓް ކޮމެޓީއިން އެދަނީ ކަނޑައަޅަމުންނެވެ. މާލޭގައި ދިރިއުޅެމުން މާލެއަށް އުފަންކުރި ދަރިފުޅު މާލޭގެ ސްކޫލަކަށް ލައި ކިޔަވައިދީ އެދަރިފުޅު ސްކޫލް ނިންމާ މީހަކާ އިނދެ މާމަދަރިފުޅަކު ލިބުނު އިރު އަންހެންމީހާ މާލޭގައި ދިރިއުޅޭތާ ސާޅީސް އަހަރުވެއްޖެއެވެ. އެހެނަސް އެކަން ދެނެހުރި ޢާންމު އެތައް ރައްޔިތުންގެ ލިއުން ފުލެޓް ކޮމެޓީ އިން ބަލައި ނުގަނެއެވެ.
އެހެން ކަމުން އެ އަންހެންމީހާ ދުވަހަކު ވަޒީފާއެއް އަދާކޮށްފައި ނުވިއަސް ފުލެޓް ބޭނުންނަމަ އޭނާއަށް ސަރުކާރުން މަޖުބޫރުކުރަނީ ވަގުލިއުމެެއް ހުށަހެޅުމަށެވެ. އެގޮތަކީ ކުންފުންޏެއްގައި 15 އަހަރު ވަޒީފާ އަދާކުރިކަމުގެ ލިއުމެއް ތައްޔާރު ކޮށްގެން ހުށަހެޅުމެވެ. ރައްޔިތުންނާއި ގުޅުން ހުންނަ މިފަދަ ކޮންމެ ކަމެއްވެސް ސަރުކާރުން ނިންމަން ޖެހޭނީ ނުވަތަ ސިޔާސަތެއްކަނޑައަޅާންވަނީ އެ ސިޔާސަތަކީ ރައްޔިތުންނަށް ތަކުލީފް ކުރިމަތިވެދާނެ ސިޔާސަތެއްތޯ ބަލައި ދިރާސާކުރުމަށްފަހުގައެވެ.
މާލޭގެ ރައްޔިތަކާއި ކައިވެނި ކޮށް ދަރިފުޅަކު ލިބި އެދަރިފުޅު ސްކޫލަކަށް ވައްދައި އެދަރިފުޅު ސްކޫލްނިންމާ ވަޒީފާ އަދާކުރަމުން ދާއިރު އަދިވެސް އެ އަންހެންމީހާ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެއްޖެކަން ސަރުކާރު ގަބޫލު ކުރާނެ ގޮތެއްނެތެވެ. އަންހެން މީހާ ވަޒީފާ އަދާ ނުކުރަނީ ނުކުޅެދޭ ކުއްޖަކާއެކު 4 ކުދިން ބަލަން ޖެހުމުން ކަމަށް ވިޔަސް އޭނާ މާލޭގައި ދިރި އުޅޭތާ 15 އަހަރުވީ ކަމުގެ ލިއުމެއް އުފަން ކުރުވަން އޭނާއަށް މަޖުބޫރު ނުކޮށް އެކަން ދެނެގަންނާނޭ އެހެން އިންޞާފުވެރި ގޮތެއް ސަރުކާރުން ކަނޑަ އަޅުއްވައިގެން ނަމަވެސް ރައްޔިތުންލައްވާ ވައްކަން ކުރުވުން ހުއްޓުވާލާއްވާށެވެ .
ފުލެޓް ކޮމެޓީއިން ނެރޭ ބައެއް ލިސްޓްތަކުގައި ޝަރުތު ހަމަވާ މީހުން ޖެހިގެން ނެރޭ ލިސްޓުގައި އޮންނަނީ ޝަރުތު ހަމަނުވާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންނަކަށް އެެއްގޮތަކަށްވެސް ވާނުވާއެެއް ނޭނގެއެވެ. ހީވަނީ ރައްޔިތުން ގުބޯހައްދައި ފުލެޓްތައް ވަކިބަޔަކަށް ނުދެވިގެން އުޅޭހެންނެވެ. ނޫންނަމަ ރިޝްވަތު ނެގުމަށް ދޮރުތައް ހުޅުވަނީހެންނެވެ. ކޮންމެވެސް ނުބައެއް ވާން އުޅޭކަމުގެ އިޙުސާސް ގިނަ ރައްޔިތުންނަށް އެދަނީ ކުރެވެމުންނެވެ.
މާލޭއަށް ވިހައި މާލޭގައި ދިރިއުޅެ ބޯހިޔާވަހިކަން ނުލިބި ކުއްޔަށް އުޅޭތާ ސާޅީސް އަހަރުވެފައިވާ އެތައް ބައިވަރު ރައްޔިތުން މަގުމައްޗަށް އެއްލާލުމަށްފަހު ވެރިންނާއި ގުޅުންހުރި ފަރާތްތަކަށް އެވަނީ ފުލެޓް ދީފައެވެ. ދެން ބުނަންވީ އެއީވެސް އިންޞާފު ކަމަށް ހެއްޔެވެ.
