ރިޔާސީ ނިޒާމް އަވަހާރަވެއްޖެ

ރިޔާސީ ނިޒާމް އަވަހާރަވެއްޖެ

ރާއްޖޭގެ ރިޔާސީ ނިޒާމަށް ކެންސަރުބަލި ޖެހި އެބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް ޒަމާންތަކަކަށްފަހު އަވަހާރަ ވެއްޖެއެވެ. ” އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން.

ދިވެހި ރައްޔިތުން 2003 ވަނައަހަރުން ފެށިގެން ޖާނާމާލުންނާއި ލެއިން ގުރުބާން ވެގެން 2008 ވަނަ އަހަރު އުފަންކުރުވި ރިޔާސީ ނިޒާމް އަވަހާރަ ވުމުގެ ހިތާމާއިގާ އެނިޒާމު އުފަންކުރުވި ގައުމީ ލޭ ހަށިގަނޑުގައި ދައުރުވާ އެންމެހައި ރައްޔިތުން އެ ދަނީ ކަރުނަ އަޅަމުންނެވެ. ރިޔާސީ ނިޒާމް އަވަހާރަ ވުމާއެކު އޭރު ރައްޔިތުންނަށް ކާންލިބުނު މިނިވަން ކަމުގެ ރޮށިފަޅި އަޅުވެތި ކަމުގެ ރޮށްޓަކަށް ބަދަލު ވުމުގެ ހިތާމައިގާ މުޅި ގައުމު އޮތީ މޮޅި ސާލު ލައިފައެވެ. އެހެންކަމުން މިހިނދު ރާއްޖެ ދެކެން މިފެށީ ކޮމިޔުނިސްޓް ނިޒާމެއް ކަމަށް ރާއްޖޭގެ އިޞްލާޙީ ޙަރަކާތުގެ ބައިވެރިން ބުނަން ފަށައިފިއެވެ. އެހެނަސް މުޞައްނިފުންގެ ރައުޔުގައި ރިޔާސީ ނިޒާމް އަވަހާރަ ވުމަށްފަހު ރާއްޖޭގައި ބިނާވާން ފަށާފައި އެވަނީ ސަޢޫދީ ޢަރަބިއްޔާގައި އެއޮތްފަދަ ރަސްކަމުގެ ނިޒާމެކެވެ.

ކޮންމެޔަކަސް، ދައުލަތުގެ ތިންބާރު މިއަދު އޮތީ 1965 ކުންފެށިގެންވެސް އޮތްގޮތަށޭ ރަސްމީކޮށް ބުނަން ބޭނުން ނުވިއަސް ވެރިކަން ހިނގަނީ އެމަގަށޭ ބުނެވިދާނެއެވެ. މިސާލަކަށް ރައްޔިތުންގެ މަޖިލީހަކީ ވަކިބާރެއްކަމަށް ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ ގައި ލިޔެފައި އޮތް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވާގޮތުން 21ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލެއްވި ޕީއެންސީގެ މެންބަރުންނަށް ރައްޔިތުން ވޯޓުދިނީ އެޕާޓީއިން ބޭނުންވާ ގާނޫނުތަކާއި ގަވާޢިދުތައްއިސްލާކުރުމަށެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހަކީ ދައުލަތު ތިންބާރުގެ ތެރޭގައި ހިމެނޭ މުސްތަގިއްލު މިނިވަން ބާރެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވަނީ ނުސީދާކޮށް ވިދާޅުވެފައެވެ.

އެހެންކަމުން ރައްޔިތުންވޯޓްދިނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް ކަމަށްވުމާއެކު މެންބަރުން ވަކިކުރުމުގެ ބާރު އޮންނަން ޖެހޭނީ ޕީއެންސީއަށް ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުން މޭރުންވެއެވެ. މިސަރުކާރުގެ ވެރިކަންނިމޭނެ ކަމުގެ އެއްވެސް ހުވަފެނެއް  އަދި އެެއްވެސް ރައްޔިތަކަށް ނުފެނެއެވެ.

ރާއްޖޭގެ ރިޔާސީ ނިޒާމް އަވަހާރަވެ ރައްޔިތުންނަށް ހިތްހަމަޖެހުމާއެކު މިނިވަންކަންމަތީގައި ތިބެގެން ކާންލިބުނު ހިކިރޮށި ފަޅި އަޅުވެތިކަމުގެ ކަލިޔާބިރިންޖީ އަށްބަދަލުވީ ނަމަވެސް ރައްޔިތުންގެ އަރަކުން އެެެ އެއް ނުދިރެއެވެ. ރައްޔިތުން ބޭނުންވަނީ ދަތި ޙާލުގައި އުޅެން ޖެހުނު ކަމުގައި ވިޔަސް މިނިވަންކަމުގެ ފޮނިރަހަ އިޙުސާސް ކުރެވޭ ހިކި ރޮށިފަޅިއެވެ. އެހެނަސް މިއަދު ރައްޔިތުން އަޅުވެތި ވެއްޖެއެވެ. ރައްޔިތުންގެ އިހުސާސްތަކަށް ގަދަރު ކުރާ އެއްވެސް ވެރިޔަކު މިހާރަކު ނެތެވެ. ގައުމު ދަރަނިވެރިވެ ވެރިކަމުގެ ނިޒާމް ގަޑުބަޑުވެ ރައްޔިތުން އެތިބީ ހަތަރު އަނގޮޅީގައި ތާށިވެފައެވެ. ރާއްޖެއަކީ މުސްލިމް ގައުމެއް ކަމަށް ވުމުން ރާއްޖޭގެ ޝަރުޢީނިޒާމް ޢަދުވެރިކަމާއެކު މަސައްކަތް ކުރާނެކަމަށް ދިވެހި މުސްލިމުން ދެކެމުން އައި ހުވަފެން ބިލާހަކަށް ވެ ނިމިއްޖެއެވެ.

ﷲ އީ ހުރިހާ ކަމަކަށް ކުޅުދުންވަންތަ ﷲ އެވެ. ކޮންމެ ފެށުމަކަށް ނިމުން އައުމަކީ ފިތުރަތުގެ އުޞޫލުން ހިނގާ އަޒަލުގެ ނިޔާކަމަށް ވުމުން ރައްޔިޔުން އެތިބީ އަޅުވެތިކަމުގެ ޖިލްބާބު ބޭލޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ކޮންމެ ރައްޔިތެއްގެ އަތަށް ލިބޭ ވޯޓު ކަރުދާސް ކޮޅުގެ ވާސިތާއިން ރައްޔިތުންނާއި ކުރިމަތި ވެފައިވާ އަނިޔާވެރިކަމާއި އަޅުވެތި ކަމުގެ ގަހަނާ ބޭލޭނެ ވަގުތު އަރާހަމަކުރާނެއެވެ.