މުޢިއްޒު މިހާރު ވެރިކަން މިކުރައްވަނީ 2008ގެ ކުރިން ރާއްޖެގައި ވެރިކަން ކުރި ގޮތަށް

މުޢިއްޒު މިހާރު ވެރިކަން މިކުރައްވަނީ 2008ގެ ކުރިން ރާއްޖެގައި ވެރިކަން ކުރި ގޮތަށް

ރައީސް މުޢިއްޒު މިހާރު ވެރިކަން ކުރައްވަނީ 2008 ވަނައަހަރުގެ ކުރިން ރާއްޖޭގައި އޮތް ވެރިކަމުގެ ސިޔާސަތާ އެއްގޮތަށް ކަމަށް ގިނަބަޔަކު ދެކެއެވެ. ގިނަބަޔަކު މިގޮތަށް ދެކެނީ ރައީސް މުޢިއްޒު މިވަގުތު ލަފާ ހޯއްދަވަނީ އޭރުގެ ރައީސްގެ އަރިހުން ކަމަށް ވާތީ އާއި އޭރުގެ ވެރިކަން ބިނާވެފައި ވަނީ ދައުލަތުގެ ތިންބާރު އޭރުގެ ރައީސްގެ މުށުތެރޭގައި އޮންނަ ގޮތަށް ކަމަށް ވާތީއެވެ. އަނެއްކޮޅުން އޭރުގެ ރައީސް އަކީ ޑިމޮކްރަސީ އަށް ބީރައްޓެހި ބޭފުޅެއް ކަމަށް ވުމުން އެމަނިކުފާނު ދެއްވާ ލަފާގެ މަތިން ވެރިކަން ކުރައްވާނަމަ ވެރިކަމުގެ ވައްޓަފާޅި ބަދަލުވެ ވެރިކަމުގެ މިޞްރާބު ޚުދުމުޚުތާރު އުޞޫތަކާ ދިމާލަށް އެނބުރިގެން ދާނޭ ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ.


ރާއްޖޭގެ ޢަދުލު އިންޞާފުގެ ނިޒާމް ވެރިކަމުގެ ބާރުގެ ތެރެއިން ވީއްލިގެން ގޮސް މިނިވަން ވާތަން މިހާރު ވެރިކަން ކުރާ ނިޒާމު ބަދަލުނުވެ ފެންނާނެ ގޮތެއް ނެތެވެ. އެއީ ރިޔާސީ ނިޒާމްގެ ތެރެއިން ވެރިކަން ކުރަން އެނގިވަޑައިގަންނަވާ އިޚުލާޞްތެރި ރައީސަކު ރާއްޖޭގެ ވެރިކަމަށް އަދި އައިސްފައި ނުވާތީއެވެ. ގައުމުގެ ހަމަޖެހުން ދެމިއޮންނާނީ ހަމަ ހަމަ ކަމާއިއެކު ރައްޔިތުންނަށް އިންޞާފް ލިބޭފަދަ ޝަރުޢީ ނިޒާމެއް ރާއްޖޭގައި ގާއިމް ކުރެވިގެންނެވެ. ދެހާސް އަށްވަނައަހަރު ރާއްޖޭގައި އުފެދުނުވެރިކަން ވައްޓާލުމުގެ ޙަގީގީ ސިއްރަކީ ރައްޖޭގެ ޝަރުޢީނިޒާމު މިނިވަން ކުރަން އޭރުގެ ސަރުކާރުން މަސައްކަތް ފެށުމެވެ. އޭރުގެ އުއްތަމަ ފަނޑިޔާރަކީ ދެހާސް އަށްވަނަ އަހަރުގެ ކުރިންވެސް އެމަގާމުގައި ހުންނެވި ބޭފުޅާ ކަމަށް ވުމުން އެނިޒާމް މިނިވަން ކުރަން ފަނޑިޔާރުންގެ ތެރެއިން މަސައްކަތް ކުރެއްވި ހުރިހާ ފަނޑިޔާރުންގެ މަގާމުވެސް ވަނީ ގާނޫނީ ހަމަތަކުގެ ބޭރުން ގެއްލުވާލާފައެވެ.
ފަނޑިޔާގެ މިނިވަން ކުރަން ރައްޔިތުން އެތައް ފަހަރެއްގެ މަތިން އެތައް މަސައްކަތެއް ކޮށްފިއެވެ. އެހެނަސް ވެރިކަމުގެ ބާރާއި ނުފޫޒުން ފަނޑިޔާރުގެ އެއްކިބާވެ މިނިވަން އިންޞާފުވެރި ފަނޑިޔާރުގެ އެއް ރައްޔިތުންނަށް ލިބޭ ގޮތެއްނުވިއެވެ. ފަނޑިޔާރުގެ މިނިވަން ވުމަކީ ފަނޑިޔާރުން ވެރިކަމުގެ ބާރާއި ނުފޫޒުން އެއްކިބާވެ ގާނޫނުއަސަސީއިން ލިބިދީފައިވާ ބާރުގެ ބޭނުން ފަނޑިޔާރުންނަށް ހިފޭގޮތް ވުމެވެ.


2008 ކުރިން ރާއްޖޭގައި ކުރަމުން ދިޔަ ވެރިކަމުގެ ތެރެއިން އޭރުގެ ރައީސްއާއި ދެކޮޅު އެންމެން ތިބެން ޖެހުނީ ޖަލުގައެވެ. އެހެނަސް މިސަރުކާރުން އަދި އެގޮތަށް ޢަމަލު ކުރާތަނެއް ނުފެނެއެވެ. އެހެނަސް ނޫސްވެރިންނަށް ބިރުދެއްކުމުގެ ސިޔާސަތު މަޑުމަޑުން ނަމަވެސް ތަންފީޒު ވަމުން ދާކަމުގެ ކުލަވަރުތައް ވަނީ ފެންނަން ފަށާފައެވެ. 2008 ގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި ރައީސެއްގެ ލަފަޔާ އިރުޝާދާ އެއްގޮތަށް ރައީސް މުޢިއްޒު ޢަމަލު ކުރައްވަން ފަށްޓަވައިފިނަމަ ކުރިއަށް އޮތް ދުވަސް ތަކުގައި މިސަރުކާރުގެ އަނދިރިފަރާތް ރައްޔިތުންނަށް ފެނިގެން ދިއުމަކީ ދުރުގައި އޮތްކަމެއް ނޫނެވެ.
ދައުލަތުގެ އިސްމަގާމުތަކުގައި ތިއްބަވާ ބައެއް ވެރިން ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރި ވަމުން ދާކަން ރައީސް މުޢިއްޒަށް އެނގިވަޑައި ގަތް ނަމަވެސް އެފަރާތްތަކާމެދު ފިޔަވަޅު ނޭޅުއްވުމަކީ އިސްވެ ދެންނެވުނު ސަރުކާރުގެ ސިޔާސަތެއް ނޫނެވެ. އެހެނަސް މި ސަރުކާރުން އެފަދަ ފަރާތްތަކަށް ދެއްވަނީ މަގާމުގެ ކުރިއެރުމާއި އިތުބާރެވެ. މިއީ ރައްޔިތުން ގަބޫލު ކުރާނޭ ސިޔާސަތެއް ނޫނެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކުގައި ނަފުރަތުގެ ހުޅުރޯވެ އެކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާނީ ރައީސް މުޢިއްޒަށެވެ. އެހެން ކަމާއެކު ޚިޔާނާތް ތެރިންނާއި ވަގުން ސަރުކާރުގެ މަގާމުތަކުން ދުރުކޮށް ދައުލަތުން ގެއްލިފައިވާ ފައިސާ ވެ ވަޑައިގެންނެވި ވަޢުދާއެއްގޮތަށް ރައީސް މުޢިއްޒު ހޯއްދަވަން ޖެހޭނެއެވެ.


ޢަދުލުއިންޞާފު ރައްޔިތުންނަށް ނުލިބޭ ސަރުކާރެއް ދެމިއޮންނާކަށް ރައްޔިތުން ބޭނުމެއް ނުވާނެއެވެ. އަދި އެފަދަ ސަރުކާރަކަށް ދެވަނަ ފުރުޞަތެއް ވެސް ރައްޔިތުން ނުދޭނެއެވެ.
އެހެން ކަމާއެކު އިންސާނުންނަކީ އިންސާނުން ކަމަށް ދެކެވަޑައިގެން ރައްޔިތުންގެ ކަރާމަތައް އަރައިނުގަނެ އިޚުލާޞްތެރި ކަމާއެކު ރައްޔިތުންގެ މުދަލާއި ފައިސާ ބަލަހައްޓަވަމުން ނުގެންދަވާ ރައީސަކަށް ރައްޔިތުން މަރުޙަބާ ނުކިޔާނެ ކަން ގަބޫލު ކުރަންޖެހޭނެއެވެ.


އަދި ރައްޔިތުން ނަށް އިތުރުފުޅު ހެއްދެވުމާއި ވެވަޑައިގަންވާ ވަޢުދުތައް ރަނުން ރަނަށް ނުފުއްދުމަކީ ވެސް ރައްޔިތުންގެ ހިތްތަކުން ދީފައިވާ މަގާމަށް އުނިކަން އަންނާނޭ ސަބަބެއް ކަން ގަބޫލު ކުރައްވާށެވެ.


ކޮންމެ ނަފުސެްްވެސް މަރުގެ ރަހަދެކޭނޭ ކަމާއި ދާން ޖެހޭނީ އެއްކުރިހާ ފައިސާއާއި މުދާވެސް ބަހައްޓާފައި ތިމާ އެކަނި ކަން ގަބޫލުކުރައްވާށެވެ. ރައްޔިތުންގެ ސަރުކާރަކުން ރައްޔިތުންގެ ހިތްތަކަށް ދަތިވާހާ ގޮތްގޮތަށް ކަންތައް ކުރައްވާނަމަ އެކަމުގެ ނުރަގަނޅު އަސަރު އެ ސަރުކާރަށް ނުފޯރައެއް ނުދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *