ފަތުރިވެރިކަން އެކަންޏެއް ނޫނެވެ! ބަޑިބޭހާއިވެސް ކުޅެނީއެވެ! ދެން ގޮވާނީ އަތަށެވެ!

ކޮންމެ ގައުމެއްގެ ވެސް އެންމެ ވަރުގަދަ އެއްބާރަކީ ނޫސްވެރިކަމުގެ ބާރެވެ. ނޫސްވެރިކަމުގެ ބާރަކީ ގާނޫނު އަސާސީގައިވެސް ބަޔާންކުރެވިފައި ނުވާ ބާރެކެވެ. އެބާރު ގާނޫނުއަސާސީގައި ބަޔާން ކުރެވިފައިވާ ބާރުތަކުގެ ތެރޭގައި ހިމަނާފައި ނުވަނީ އެބާރުގެ ވަރުގަދަކަމާއި އެބާރާއި ގުޅިފައިފައި ވަނީ މުޅި ގައުމު ތަމްސީލްކުރާ ރައްޔިތުން ކަމަށް ވީތީއެވެ.
އެހެން ކަމާއެކު ބައެއް ސަރުކާރުތަކަށް ހަޖަމްނުވެ ނޫސްވެރިކަމުގެ ބާރާއި ކުޅެން ވަރަށް މަސައްކަތް ކޮށްފައިވެއެވެ. އެހެނަސް އެފަދަ ސަރުކާރުތައް ވައްޓާލުމުގައި ނޫސްވެރިންގެ ދައުރު ފުޅާވުމުގެ ސަބަބުން ވެރިންނަށް ހަނުތިބުން މަޖުބޫރުވެދެއެވެ.
ކަންއޮތީ މިހެންނެވެ. މިރާއްޖެއަށް މިއައި ރައީސަކީ ސަރުކާރުން ހިންގާ ވައްކަމާއި ޚިޔާނާތާއި ރިޝްވަތާއި ފަސާދަ ފޮރުވައި ރައްޔިތުންނަށް އެބައި މީހުންގެ ފަތިފުށް ސިއްރު ކުރުމުގެ ސަގާފަތެއް އަށަގަނެފައިވާ މަކަރުވެރި ރައީސަކަށް ވުމުން ނޫސްވެރިންގެ ސަބަބުން ސަރުކާރުގެ ވެރިން އޮރިޔާން ވަމުންދާތީ އެކަންކަން ސިއްރު ކުރެވިދާނޭ ކަމަށް ދެކި ނޫސްވެރިންނާއި ކުޅެން މަސައްކަތް ކުރަނީއެވެ. މިސަރުކާރަށް ނޫސްވެރިން ދަހެއް ނުވިއެވެ. ރައްޔިތުންގެ ހިތްތަކާއި ގުޅިފައިވާ ރާއްޖޭގެ ނޫސްވެރިންގެ ބުންވަރާއި ފަންވަރު މިސަރުކާރުގެ ވަގުންނަށް އަދި ނޭނގެނީއެވެ. ނޫސްވެރިންނާއި ކުޅެގެން އަތަށް ގޮވުން ނޫން އެހެން މޮޅެއް ނުވާނެއެވެ.
ރާއްޖޭގެ ނޫސްވެރިން ދުލާއި ގަލަމުގެ މިނިވަންކަމާއި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ހޯދާފައި މިވަނީ ލައްކަގިނަ ގުރުބާނީ ތަކެއްވެގެންނެވެ. ޖާނާއިމާލުންނެވެ. ލެޔާއިފުރާއިންނެވެ. ބީތާވެ އަމިއްލަ އެދުމަށް ހޭހުސްވެފައި ތިބި ބަޔަކަށް މިކަން ކަން ނޭނގިދާނެއެވެ. ވެފައި އޮތީވެސް އެކަހަލަ ގޮތެކެވެ. ދިވެހި ވެރިކަމުގެ ބާނީންނަކީ ރައްޔިތުންނެވެ. ދައުލަތަކީ ރައްޔިތުންގެ މިލްކިއްޔާތެވެ. އެހެން ކަމުން ރައްޔިތުންގެ ހައްގުތަށް ބަޔަކުމީހުން ލޫޓުވަމުން ދާއިރު އެކަން ކަން ރައްޔިތުންނަށް ސިއްރު ކުރެވިދާނޭ ކަމަށް ހީކުރުމަކީ ތިމާމެންގެ ނާގާބިލްކަމާއި ފެންވަރެއް ނެތްކަން ރައްޔިތުންނަށް ސާފުވެގެން ދިޔަ ސަބަބެކެވެ.
ރައްޔިތުންނަށް އިންޞާފު ނުލިބުނު ކަމުގައި ވިޔަސް ނޫސްވެރިންގެ ބޮލަށް ބަޑިޖަހައި ނުމަރާހާހިނދު ސަރުކާރުގައި ތިބެ ރައްޔިތުންގެ ޙައްގުތައް ލޫޓުވަމުން ދާނަމަ އެކަން ކަން އެކިސިފަ ސިފައިގައި އެކި ގޮތް ގޮތުން ރައްޔިތުންނަށް ހާމަކޮށްދިނުމުގައި ނޫސްވެރިން ފަހަތަކަށް ނުޖެއްސޭނެއެވެ. މި ސަރުކާރަށް ތިޔަ ކުޅެވެނީ ބަޑިބޭހާއި އެވެ. ރާއްޖޭގެ ނޫސްވެރިންނަކީ އަދި މުޅިދުނިޔޭގައިވެސް ނޫސްވެރިން
އެގައުމުތަކުގެ އެންމެ ބާރުގަދަ އަދި ރައްޔިތުންގެ ހިތްތަކާއި ކުޅެ ރައްޔިތުން ނިދީންހޭލައްވައި ރައްޔިތުންގެ ހިތްތަށް ފަތަހަކުރުގެ މައްސޫލިއްޔަތު ކޮނޑުގައި އަޅައިގެން ތިބޭ ބައެކެވެ.
ނޫސްވެރިންނާއި ކުޅެގެން އެރޭނީ އަމިއްލަ އެއަށް ފައިންނެވެ. ގޮވާނީ އަތަށެވެ. ރައްޔިތުންގެ ހިތްތަކަށް ދިރުންގެނެސް ރައްޔިތުން ލޭ ކައްކުވާލާ ސަރުކާރުތައް ބިމާހަކުރުގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިން ދަންނަން ވާނެއެވެ. އަދިވެސް ރައްޔިތުން އެއްވާނެއެވެ. މިސަރުކާރަށް ހަމަނޭވާ ލިޔަނުދީ ނޭވާހޮޅިއަށް އެޅުވުމުގައި ނޫސްވެރިން ދައުރު ދެންވާނީ ފުޅަލެވެ. ބަޑިބޭހައި ކުޅުމުން ވާގޮތް ސަރުކާރަށް ފެންނާނެއެވެ.
މިހާރުގެ ރައީސް ހައުސިންގ މިނިސްޓަރުކަން ކުރެއްވި ސަރުކާރުންވެސް ނޫސްވެރިންނަށް ބިރުދައްކާ ޓީވީސްޓޭޝަން ތަކުގައި ހުޅުޖަހާ އަދި ސަރުކާރު ނުރުހޭ ޚަބަރުތައް ކިޔަމުން ދިޔަ މީޑިޔާތަކާއި ނޫސް މަޖަސްލާތަށް މިލިއަނުން ޖުރިމާނާ ކުރިއެވެ. އެކަމުގައި ވެސް މި ރައީސްގެ ދައުރު ބޮޑުކޮށް އޮންނާނޭ ކަމަށް މިހާރު ގަބޫލު ކުރެވެއެވެ. ނޫސްވެރިންނާއި ދިމާކުރާއިރު މިސަރުކާރު އެވަނީ ސަރުކާރު ދެމެހެއްޓުމަށްޓަކާ ދައުލަތުގެ ބައިތުލްމާލު ހުސްކޮށްލާފައެވެ. މިހެން ނުވާންވީ ސަބަބެއް ނެތެވެ. ސަރުކާރަށް ސަނާ ކިއުއްވުމަށާއި ޓުވީޓް ކުރުމަށް ސަރުކާރުގައި ނެތްފެންވަރަށް މުވައްޒަފުން ލައި ސިޔާސީމަގާމުތައް އަތްގުޅި ނުކާވަރަށް އިތުރުކޮށްފިއެވެ.
އާސަންދައާއި ރައްޔިތުންނަށް ލިބެންޖެހޭ އެހެނި ހެން އަސާސީ ޙައްގުތައް ރައްޔިތުން ނުލިބެނީ ދައުލަތުގެ ބާރުތަކާއި ތަޙުގީގީ އިދާރާތަކާއި މިނިވަން މުސްތަގިއްލު މުވައްސަސާތަކުގެ ބާރު އަތަށް ޖަމާކޮށް އެކަން ކަން ދެމެހެއްޓުމަށް ހިނގާ ޚަރަދު ބޮޑުކަމުންނެވެ. އަދި ސިވިލްސާވިސް މުވައްޒަފުންނަށް ލިބެމުންދިޔަ އޯޓީ ކަނޑާލައި ތަފާތު ނަންނަމުގައި ޓެކްސް އިތުރު ކޮށްގެން ވެސް އެކިސަރުކާރުތަކުން ރާއްޖޭގައި ފަށްޓާފައި ހުރި މަޝްރޫޢުތަކަށް ޚަރަދު ކުރާނޭ ފައިސާއެއް ނެތެވެ. ދައުތާއި ހަވާލުވެތިބި ވެރިން ވައްކަންކުރަނީ ރައީސް މީހާއަށް ބައިއަޅައި ގެން އޮބި ނުއޮންނަ މިންވަރަށެވެ.
ދުވަސް ކޮޅަކުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތާއި ފަތުރުވެރި ކަމުގެ ސިނާޢަތުގެ ޖަނާޒާ ބާއްވަން ޖެހިދާނެއެވެ. ރާއްޖެއަށް އޮޕަރޭޓް ކުރާ ބޭރުގެ އެއަރ ލައިންތައްވެސް ތާއްޖެއައުން ހުއްޓާލާނެއެވެ. އެއީ ފަތުރުވެރިންގެ އަތުންނަގާ ޓެކްސް ތައް އަތްނުފޯރާހިސާބަށް ދިއުމުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުން މަދުވާކަން ފާހަގަ ވާތީއެވެ. އަނެއްކޮޅުން މިހާރު ގަތަރުއެއަރވޭސްގެ ފުލައިޓްތައް ރާއްޖޭގައި ޕާކެއް ނުކުރެއެވެ. އެއީޕާކިންގ ގެ އަގުބޮޑުކަމުންނެވެ. އަދި މަތިންދާބޯޓު ފަހަރަށް ފިއުލް އަޅައިދެވޭނެ ގޮތެއްވެސް މިސަރުކާރަކު ނެތެވެ. އެހެންކަމުން ރާއްޖެއަންނަ ފުލައިޓްތަކަށް ތެޔޮއަޅައިދެނީ ވިލާއިންނެވެ. އެއީވެސް ނުހަނު އަގުފަލަކޮށެވެ. އެހެން ކަމުން ރާއްޖެ އަންނަ ފުލައިޓްތައް ރާއްޖޭގައި މަޑުނުކޮށް ޕާކިންގ އަށާއި ތެޔޮއަޅަން ދަނީ ސްރީ ލަންކާއަށެވެ.
އެހެން ކަމާއި އެކު މިގައުމު ދެކެ ހިތުގައި ކުޑަނަމަވެސް ލޯތްބެއް ކުލުނެއް ހުރީ ވިއްޔާ މިރާއްޖެއަށް ކުރިމަތި ވެފައި މިވާ ނުރައްކާތެރި ވަބާއިން ގައުމު ސަލާމަތް ކުރަން ނުކުންނަވާށެވެ. ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއް ތަޅާބުރުއްސަމުން އެގެންދަނީ ސަރުކާރު ދެމެހެއްޓުމަށާއި ސަރުކާރުގެ ވެރިންގެ ނުޙައްގު މުއްސަނދިކަން އިތުރުކުރުމަށް ކަމަށް މަންޒަރުތަކުން އެބަ ފެނެއެވެ. ރާއްޖެއަކީ ދުނިޔޭގައި ﷲ ލައްވާފައިވާ ފަތުރުވެރިންގެ ސުވަރުގެއޭ ބުންޏަސް މާބޮޑު ދޮގަކަށް ނުވާނެއެވެ. އެހެން ނަމަވެސް މިސަރުކާާރާއި ޙަވާލުވެ ހުރި ރައީސެއްގެ އަމިއްލަ އެދުން ބޮޑުކަމުންނާއި ފަތުރުވެރިން ފެލާލާ ފައިސާއަށް ދަހިވެތިވެ ގައުމު ލޫޓުވަމުން ދާތީ ގައުމު ބަނގުރޫޓްވުމުގެ ސިގުނަލް އަޅަންފަށައިފިއެވެ. އެހެންކަމާއި އެކު މިވަގުންގެ އަތްދަށުން މިގައުމު ސަލާމަތް ކުރަން އެބަޖެހެއެވެ. ރައްޔިތުން މަޑުން ތިބެގެން މިގައުމު އަތެއް ނުވާނެއެވެ. މިސަރުކާރުން ރައްޔިތުންގެ އުންމީދު ތަކުގައި ހުޅު ޖަހައިފިއެވެ.
