ރަތަފަންދޫ އެތައް ބަޔަކު މަރައިލި ގާތިލުންނަކީ ދިޔަދޫ މީހުން…
ގދ.ރަތަފަންދޫގެ ވިޔާފާރި ދޯނިން ދަތުރު ކުރި ހަތަރުމީހުންނަށް އަނިޔާ ކުރި އަދި އެހަތަރުމީހުން މަރާލި ކަމަށް ތުހުމަތު ކުރެވޭ ދިޔަދޫ ގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ މީހުނާއި އަދި އެއަނިޔާތަކާ ދެކޮޅަށް ހެކިދޭން ތިބި މީހުންގެ ތެރޭގައިވެސް ގިނައީ އަޅުގަނޑާއި ލޭގެ ގޮތުން ގުޅުން ހުރި މީހުންނެވެ. ކޮންމެއަކަސް އެ އެންމެންވީ މިހިނދު މިދުނިޔެ ދޫކޮށް ދާއިމަށް ދިރިތިބެނިވި ގޯއްޗަށް ދަތުރު ކޮށްފައެވެ. އެހެން ކަމުން މަރުވެފައި ބައެއްގެ ވާހަކަ ދެކެވޭއިރު އެމީހުންނާއި ގުޅުމެއްނެތް ވާހަކަ ތަކެއް ލިއުމަކީ އަޅުގަނޑު ކުރަން ބޭނުންވާ ކަމެއްވެސް ނޫނެވެ. އެހެނަސް މި މައްސަލައަކީ މިހާރު ދުނިޔެ ދޫކޮށްފައިވާ އެރަށުގެ އެތަށްބަޔަކާއި އަޅުގަނޑު ބައްދަލު ކޮށް އެމީހުނާއި އަޅުގަނޑު އިންޓަވިއު ކޮށް އެފަރާތްތަކުން ދީފައިވާ މަޢުލޫމާތު އަޅުގަނޑު ވާނީ ރައްކާ ކޮށްފައެވެ.
އަޅުގަނޑަކީ ގއ. ދިޔަދޫއަށް ނިސްބަތްވާ ޢާއިލާއަކުން އައިސްފައިވާ މީހަކަށްވާތީ އަޅުގަނޑު ދަންނަ އެތަކެއް ބަޔަކު މިދެންނެވި ރަތަފަންދޫ މީހުނަށް ވީ ކިހިނެއްތޯ ސުވާލު ކުރާތީ އަޅުގަނގަޑަށް ލިބިފައިވާ މަޢުލޫމާތު މީޑިޔާއާއި ޙިއްޞާކުރަން އަޅުގަނޑު ގަސްދުކުރީ އެއްވެސް ފަރާތެއްގެ އަބުރު ކަތިލުމުގެ އެއްވެސް ނިޔަތަކާ ނުލާ އެރަށުން އަޅުގަނޑަށް ލިބުނު މަޢުލޫމާތު ތާރީޚަށްޓަކައި ރައްކާ ކުރުމުގެ މަގުޞަދުގައެވެ.
ކޮންމެއަކަސް ރަތަފަންދޫގެ ވިޔާފާރި ދޯނިން ދަތުރުކުރި ހަތަރުމީހުން ދިޔަދޫއަށް ލަފާ އެރަށު ގޮނޑުދޮށުން އޮއިވާލި ދަރު ހޮވައި ދޯންޏަށް އަރާ އުނދުންކޮށީގައި ކައްކަން ތިއްބާ އެރަށުގެ ފާލަމުގައި ދަތްއުނގުޅަން ހުރި މީހަކު އެދޯނީގެ ކޮޅުވަތުގައި ނުހެހި ހުރި ކާށިތަކާދިމާލަށަ ބެލުމަށްފަހު އެ ކާށި ތަކަކީ މާރެހާގެ އެރަށުބަހުން ރާބޮއްލާ ރުށްގަނޑުގެ ކާށުކަމަށް ތުހުމަތުކޮށް އެރަށް ވަރުވާއަށް ލިއުއްވައިގެން އުޅޭފަރާތަށް ރިޕޯޓު ކުރިއެވެ. ކުޑަހިނދުކޮޅަކުން އެރަށުގެ އަތިރިމައްޗަށް ގިނަބަޔަކު އެއްވާން ފެށުމާއި އެދޯނީގެ މީހުނާ މުޚާތަބުކޮށް އަތިރިމަތީގައި ތިބިބަޔަކު ނުރުހުމުގެ ބަސްތައް ބޭނުން ކުރަން ފެށުމުން އެދޯނީ އެރަށުން ފުރައިގިއެވެ. ފުރިތާ ގިނައިރެއް ނުވަނީސް ދިޔަަދޫއިން ބިއްކުރައެއް ކަނބާ ފަލިޖަހާފައި އެދޯނީގރ ފަހަތުން ގޮސް ދޯނި އަތުލާއިފިއެވެ.
ދޯނިއަތުލުމުގެ ތެރޭގައި ހުންގާނު ކަނޑަން އުޅުމުން އެކަން މަނާކުރުމުގެ ގޮތުން ހުންގާނުގެ ހަޅިބައިނުގައި އަތްއެޅި މީހާގެ އަތުގެ ބައެއް އިނގިލިތަކާއެކު ހަޅިބައިން ކަތިވަޅިއަކުން ޖަހާ ބުރިކޮށްލި ކަމަށް މަޢުލޫމާތު ދިންމީހާ ކިޔައިދިނެވެ. އަދި އެދޯނީގައި ދަތުރުކުރި ހަތަރުމީހުންނަށް ޖިސްމާނީ ގޮތުން ގިނަގުނަ އަނިޔާތަކެއް ކުރުމަށްފަހު ދޯނި އަނބުރާގެނެސް ތަކެއްޗާއި މީހުނާއެކު އެހުރިގޮތަށް ދިޔަދޫގެ އެއްގަމަށް އެހެލީ ކަމުގައިވެސް އޭނާބުންޏެވެ.
ދިޔަދޫއަށް ރަތަފަންދޫ ދޯނިއެހެލުމަށްފަހު އެދޯނިން ދަތުރު ކުރި 4 މީހުން އެރަށުގެ ރަށުއޮފީހަށް ޙާޟިރު ކުރުމަށްފަހު އެ ހަތަރުމީހުން އެރަށުގެ ގުނަދަނަށް ލުމަށް ނިންމީއެވެ. އެއަށްފަހު އެމީހުނަށް ދީފައިވާ އަނިޔާތަކަށް ފަރުވާކުރުމުގެ ފުރުޞަތު ދިނެވެ. އެމީހުންގެ ޖިސްމަށް ލިބިފައިވާ ޒަޚަމްތަކުގައި ބޭސް އަޅައި ދިނީ ކަތީބުގެ ދައްތައެވެ. އެދައްތައަކީ އަޅުގަނޑުގެ ދައްތައެކެވެ. އެދައްތަ ބުނުއްވީ އިނގިލިތައްބުރިވެފައިވާ މީހާގެ ތިންއިނގިލި ވަރަށް ބޮޑަށް ބުރިވެފައިވާ ކަމަށެވެ. އަނެއް ތިންހުން ކުރެ ދެމީހެއްގެ ފައިގެ ކަށިމަތި ވަރަށް ބޮޑަށް މެށިފައިވާ ކަމަށާއި އަނެއްމީހާގެ ބޯ ދުޅަވެ ބޮނބިނަގާފައިވާކަމަށެވެ. ބޭސްއަޅާނިމުމަށްފަހު އެ 4 މީހުން އަނެއްކާވެސް ގުދަނަށް ލިއެވެ. ކޮންމެ ދުވަހަކުވެސް ބޭސް އަޅަން ނެރޭކަމުގައި ރުގިއްޔާ ދައްތަ ބުނުއްވިއެވެ.
ކޮންމެއަކަސް އެމީހުންގެ މައްސަލަ ނިމުނީ މާރެހާއިން ވަގުރުކުއެޅިކަމަށް އެ މީހުން އެއްބަސްވެ ބަޔާނުގައި ސޮއި ކުރުމުން މާރެހާއިން އެޅިކާށިތަކުގެ އަގު އެމީހުން ވިޔާފާރި ކުރަންގެނައި ތަކެތީން ދެއްކުމަށްފަހުގައެވެ. އެއަށްފަހު އެ4 މީހުން ދިޔަދޫއިން ފުރައިގެން ދިޔައީ އެއަތޮޅު ދާންދުއަށެވެ. ޚަބަރުތައް ބުނާގޮތުންދާންދޫން ފުރިތަނާ ވިއްސާރަވެ ކަނޑުގަދަވެ އެއަތޮޅުގެ މެދުތެރޭގައި އޮންނަ ދެއްވަދޫއަށް ގާތްވިތަނާ އެދޯނީގެ ރިޔާ ފަޅައިގެން ދިޔަ ކަމަށްވެއެވެ. އެއަށްފަހު އެރަށަށް ލަފާ އެރަށުގައިތިބެގެން އެ ދޯނީގެ ރިޔާ ވަނީ ފަހާފައެވެ. އެހެނަސް އެއީ ހުޅަނުގުމޫސުން ކަމަށްވެފައި ނުހަނު ވިއްސާރަކަމުން އެވިއްސާރައިގާ ފުރައިގެން ނުދިއުމަށް އެރަށުގެ ބައެއް ހަރުމީހުން ލަފާދިން ނަމަވެސް އެދުވަހުގެ ހަވީރު އެދޯނި ފުރިކަމަށް ޚަބަރު ލިބުނެވެ. އެއަށްފަހު އެދޯނީގެ އެއްވެސް ޚަބަރެއް ނުލިބެއެވެ.
ދިޔަދޫ މީހަކު ބުނިގޮތުގައި ރަތަފަންދޫ މީހުން ދިޔަދޫއިން ފުރަންދަމުން އޭނާގެ ގާތުގައި އެދޯނީންދަތުރު ކުރި މީހަކު ބުނިބުންޏެވެ. އެމީހުން މާރެހާއިން ވަގުރުކު ނާޅާކަމަށާއި، އެއްބަސްވީ އަނިޔާތަކަށް ކެތްނުވެގެން ކަމުގައެވެ. އެހެނަސް ދަތުރު ނިންމާފައި ރަށަށްދާނީ އެރަށުން ކާށިއަޅައިގެންކަމަށެވެ. އެވާހަކަ ރަށުތެރޭގައިފެތުރިގެން ދިއުމާއެކު އެރެއިން ފެށިގެން ކޮންމެރެއަކު މާރެހާގައި ރޭގަނޑު ޑިއުޑީ ކުރާކަމަށާއި އެޑިއުޓީކުރުމުގައި ހަމީހަކު ބައިވެރިވާކަމަށް ވެސް އެރަށުމީހަކު ބުންޏެވެ. އަދި އެެއިން ކޮންމެމީހެއްގެ އަތުގައި ކަތިވަޅިއެއް އޮންނަކަމަށްވެސް އެމީހާ ބުންޏެވެ.
ރަތަންފަންދޫ މީހުންމަރާލީ ދިޔަދޫގެ ބައެއްކަމަށް ތުހުމަތު ކުރެވޭ ސަބަބުތައް.
ރަތަފަންދޫ ދޯނީގެ ހުންގާނުގެ ހަޅިބައިން ހުންގާނުގައި އިންމީހާގެ އަތުގެ އިނގިލިތަކާއެކު ބުރިކޮށްލި މީހާ އެއްދުވަހަކު ވަރަށްގަދަ އަށް ރުޅިއައިސް އޭނާގެ އަންހެނުން ބިންމައްޗަށް ވައްޓާލާ ބޮލުގެ އިސްރަށިގަނޑުގައި ހިފާ ދަމަމުން ގޮސް ގެއަށް ވަންނަ ދޮރުގެ އޮޅިމަތީގައި އަންހެނުންގެ އިސްތަށި ގަނޑު ބޭއްވުމަށްފަހު ގަހެއްކަނޑަން ފުރޮ އަކުން ޖަހާގޮތަށް ޖަހާ އިސްތަށިގަނޑު ބުރިކޮށްލާފައި ރަތަފަންދޫ މީހުނަށް ހެދިހެން ހަދާލާނެ ކަމުގެ އިންޒާރުދިން ކަމަށް އެ އަންހެން ކުއްޖާ ބުނެފައިވެއެވެ.
ތުހުމަތު ކުރެވޭ އަނެއްސަބަބު: ކޮނޑޭގައި ދިރިއުޅޭ ދިޔަދޫ މީހެއްގެ ގައިގާ ޖަހަން ދިޔަ ކޮނޑޭ މީހަކާ މުޚާތަބުކޮށް ދިޔަދޫގެ ބަޔަކު ބުނިކަމަށް އެމީހާވެސް ބުނީ ދިޔަދޫން އައި މީހުން ބުންޏޭ އޭނާޖަހަން އުޅުނުމީހާގެ ގައިގާ ޖަހައިފިއްޔާ ރަތަފަންމީހުނަށް ހެދިހެން ހަދާލާނަމޭ. އަދި ރަތަފަންދޫގެ ގެއްލުނުމީހެއްގެ އަތުކުރީ ގަޑި ވެސް ދިޔަދޫ މީހެއްގެ އަތުން ފެނުނުކަމަށްވެސް އަޑުފެތުރިފައިވެއެވެ.
އެހެން ކަމާއެކުމިބައިވެސް މި ހިއްސާ ކޮށްލީމަޢުލޫމާތަށްޓަކައެވެ. އެހެނަސް ގިޔާމަތްދުވަހުވެސް އެމީހަކު ނުކުރާކަމެއްގެ ޖަޒާ އެމީހަކަށް ނުލިބޭނެތާއެވެ. މޮޅަށް ދެނެވޮޑިގެން ވާނީ ﷲ އެވެ.
