ވެރިން މުއްސަނދިވާއިރު ރައްޔިތުން ހަނާވަނީ

ވެރިން މުއްސަނދިވާއިރު ރައްޔިތުން ހަނާވަނީ

ރާއްޖޭގެ އިގްތިޞާދު ހީނަރުވަމުން ގޮސް އާބާދީގެ %45 އިންސައްތަ ރައްޔިތުންނަށް ދެއިރު ހަމަޔަށް ކާންބޯން ނުލިބި ހައިހޫނުކަމާއި ކުރިމަތިލާންޖެހިއްޖެއެވެ. ޑޮލަރު ލިބުން ދަތިވެ ބާޒާރުގެ ތަކެތީގެ އަގުބޮޑުވަމުން ގޮސް ރައްޔިތުން ހަނާވަމުން ދަނީއެވެ. ކުރިއަށް އޮތީވެސް ދަތިދުވަސް ތަކެއްކަމަށް ބެލެވޭއިރު ރާއްޖެއަށް ލިބޭ އާމްދަނީގެ މިންވަރުވެސް ދުވަހެއް ދުވަހެއް ދަނީ ދަށަށެވެ. ވާނީވެސް އެހެންތާއެވެ. ގޭންގެއްހިންގާހެން ގައުމެއް ހިންގާން އުޅޭ ދުންޔަވީ ތަޖުރިބާއެއް ނެތް ބައެއްގެ އަށްދަށަށް ގައުމު ދިއުމުން މިއޮތީ ވާނެ ހަތަރެތި ވެފައި ވިއްޔާއެވެ. 

ގައުމެއް ކުރިއަރާދާނީ އެގައުމުގެ ރައްޔިތުން ތަރައްގީ ވެގެންނެވެ.އެހެނަސް މިގައުމުގެ ވެރިންނަކީ ގައުމުތަރައްގީ ކުރުމުގެ ޚިޔާލާތެއް ޖަތުރިބާއެެް ލިބިފައިވާ ބައެއް ނޫންވިއްޔާއެވެ. ހުސްގޮނޑިއެއް ދައްކައި ރައްޔިތުންނަށް ހަގީގަތް ސިއްރުކޮށްގެން ވެރިކަންހޯދައި ހަމަ އެބީދައިން ރައްޔިތުންނަށް އަވާމެންދުރު ދައްކަމުންދާ ބަޔަކަށް ގައުމުތައްރައްގީ ކުރެވޭނީ ވެސް ކިހިނަކުން ހެއްޔެވެ. 

ނިމިދިޔަ ސަރުކާރުން އަޅާ ނިންމާ ދީފައިވާ 4000 ފުލެޓް ވެސް އޭގެ ޙައްގުވެރިންނަށް ވެރިކަމަށް ދެއަހަރު ފުރިގެންދާއިރު ނުދެވުނު ސަރުކާރެއްގެ ފެންވަރު ހުންނާނެގޮތް ޚިޔާލަށް ގެންނަވާށެވެ. ވެރިކަންކުރަނީވެސް އަމާބުނިހެން ވިއްޔާއެވެ. ގައުމެއްގެ އެންމެ މުހިންމު ބަހާއަކީ ރައްޔިތުމީހާކަން ދެނެ ގަންނަން ނޭގުނު ސަރުކާރެއް ހިނގާނެގޮތް ވިސްނަވާށެވެ. ރާއްޖޭގެ ސަރުކާރުތަކަށް ހީކުރެވިފައި އޮންނަނީ ތަރައްގީ އަކީ ކޮންކްރީޓް ޖަންގައްޔެއް އުފެއްދުންކަމަށެވެ. ކަން މިހެން ހުރިނަމަވެސް މިސަރުކާރަކަށް އެއްވެސް މާނައެއްގައި ތަރައްގީ ސިފަކުރާކަށް ނުވެސް އެނގެއެވެ 

      މިރާއްޖޭގެ ރައްޔިތުންނަށް ދަތިކަމެއްނެތި އުޅެވޭނެހާ ގިނަގުނަ މަގުތަށް އެމްޑީޕީއިން 2008 ވަނަ އަހަރު އުފެއްދި ސަރުކާރުން ކޮށާދީފައިވީ ނަމަވެސް މިސަރުކާރުގެ ވެރިންގެ ޖީބުތައް ބޮޑުކުރުމުގެ ބޭނުމުގައި މިދެންނެވި މަގުތައް އެދަނީ ބަންދުވަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ ރައްޔިތުން ބޭސްސިޓީއަށް ސަލާންޖެހުން ހުއްޓުވުމަށް ކޮށައިދިން އާސަންދަ ސްކީމުގެ ސަރާސަރު މަގު އެވަނީ ބޮޑުތަނުން ބަންދުކޮށްފައެވެ. އެއީ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ދިނުމަށްޓަކާ އުފެއްދި ސްކީމަށް މިސަރުކާރުން އަރައިގެންފައިވާ ކަން ހާމަވެގެންދިޔަ އެއްސަބަބެވެ. ގައުމެއް ފާލުންނެއްޓޭނީ މިހާވަރަށެވެ. މިސަރުކާރު ދެމިއޮވެގެން ނެއްޓިފައި އެވާ ފާލު އެޅުވޭނެ ކަމުގެ އުންމީދު އެވަނީ ގެއްލިފައެވެ. 

ގައުމިއްޔަތުގެ ބިންގަލަކީ ރައްޔިތުމީހާކަމަށް ވީރު އެރައްޔިތުމީހާގެ ހައްގުތަކެއް ވާނޭކަންވެސް އެނގެންޖެހޭނެތާއެވެ. 

އެހެނަސް ރައްޔިތުމީހާގެ އެއްވެސް ޙައްގަކަށް އިޙުތިރާމްކުރުމެއް ނެތްތަގައި ރައްޔިތުން ހަނާވަމުންދާއިރު ވެރިން ކުރާމަސައްކަތަކީ ގައުމަށް ލިބޭ އިގްތިޞާދި މަންފާއިން ނާޖާއިޒްފައިދާ ނެގުމެވެ.

ގައުމެއްގެ ކުރިއެރުން ހުއްޓި ބަނގުރޫޓް ވުމާދިމާލަށް މިސްރާބު ޖަހާފައިވާ މި ގައުމު ނެގެހެއްޓުމަކީ ދެންއަންނަބަޔަކަށް ވެސް ފަސޭހަކަމެއް ނުވާނެއެވެ.

މިގައުގެ ރައްޔިތުން ހަނާވަމުންދާ ވާހަކަ ދައްކަނީ ޙަގީގަތް އޮޅުވާކަށް ނޫނެވެ. ހަމަ ޙަގީގަތުގައިވެސް ރައްޔިތުން ދަނީ ހަނާ ވަމުންނެވެ. ޑޮލަރުގެ އަގު މައްޗަށް ނާރާނެކަމަށް ރައީސް އަޑަށް ބާރުލާފައި ވިދާޅުވަމުން ގެންދެވިނަމަވެސް އެއީ ކަނޑައެޅިގެން އެމަނިކުފާނު ހެއްދެވި އިތުރުފުޅެއްކަން އެންމެހައި ރައްޔިތުންނަށް ވެސް އެނގެއެވެ. ރައްޔިތުންގެ ތެރެއިން ގިނަމީހުން ތިބީ ދެއިރު ކާން ނުލިބިފައެވެ. ރައްޔިތުމީހާގެ ޒަރޫރީ ބޭނުންތައް ނުފުދި ލިބޭ އެއްޗަކުން ދެކޮޅެއް ނުޖެހެއެވެ. މާލޭ ސަރަޙައްދަށް ރާއްޖޭގެ އެތަން މިތަނުން ރައްޔިތުން ގެނެސް ތޮއްޖައްސަމުން ދާވަރަކަށް ދިރިއުޅުމުގެ އަގުތައް އަންނަނީ މަތިވަމުންނެވެ. ކޮޓަރިތަކުގެ ކުލިވެސް ތިރިއަކަށް ނުދެއެވެ.މުސާރަބޮޑު ނުވާއިރު އިތުރުގަޑީގެ މަސައްކަތެއްވެސް ނުއޮވެއެވެ. ކުރިން ރައްޔިތުމީހާގެ ދިރިއުޅުން ބިނާވެފައި އޮތީ އިތުރުގަޑީގެ ޢިނާޔަތުވެސް ހިމަނައިގެން ކަމަށް ވާއިރު ލިބޭ މާލީ މަންފާގެތެރެއިން އިތުރުގަޑީގެ އިނާޔަތު ނުލިބުމުން ދިއުޅުމުގެ ޙާލަތަށް ވަރަށްބޮޑު ހީނަރުކަމެއް އެވަނީ ކުރިމަތިވެފައެވެ. 

އިސްލާމިކް މިނިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަގީރުންގެ ދަތަރުގައި ހިމެނޭ ފަރާތްތަކަށް ޒަކާތުގެ ފައިސާއައިން އަހަރަކު އެއްފަހަރު ދެވޭ އެހީ ފިޔަވާ ފަގީރުންގެ ގޭބިސީތަކަށް އިތުރު އެހީ ނުލިބުމުގެ ސަބަބުން ހައިހޫނުކަން ތަޙައްމަލް ކުރަން ޖެހިފައިވާ ފަގީރުން ވަނީ އިތުރު ވެފައެވެ 

ކަން މިހެން ހުރުމާއެކު ފަގީރުންގެ ދަފުތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަގީރުންނަށް ބައިތުލްމާލުގެ ތެރެއިން އިތުރު އެހީ ލިބޭނޭ މަގެއް ފަހިކޮށްދޭން ޖެހެއެވެ. ނޫންނަމަ ބޮޑެތިވަމުން އަންނަ ޒުވާންޖީލު ދުޅަހެޔޮ ސިއްޙަތެއްގައި ބޮޑުކުރުމަށް ހުރަސް އެޅިގެން ދާނެއެވެ. މިއީ ދައުލަތުގެ ފަރާތުން ސަމާލުކަން ދޭންޖެހިފައިވަ ގައުމީ ރުކުނެއް ކަމުގައި ބުނަން ޖެހެއެވެ. އެހެން ގައުތަކުގައިވެސް  ކަންއޮންނަ ބީދައިން ރާއްޖޭގެ ފަގީރު ގޭބިސީތަކަށް ބައިތުލް މާލުގެ ތެރެއިން ހިލޭއެހީ ލިބޭނޭ ގޮތެއް ހަމަޖައްސުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނޭ ކަމެއް ކަމުގައި ދަންނަވަން ޖެހެއެވެ.