ޓުއަރިޒަމް އިންޑަސްޓްރީ ވަޓްސްއެޕް ގުރޫޕަށް ޢަދުނާނު ފޮނުވި މެސެޖަކުން….

ޓުއަރިޒަމް އިންޑަސްޓްރީ ވަޓްސްއެޕް ގުރޫޕަށް ޢަދުނާނު ފޮނުވި މެސެޖަކުން….

ދިވެހިރާއްޖޭގެ ޓޫރިޒަމް މިހާހިސާބަށް މި އައީ ދާއިރާގައި ތިބި ހީވާގި އިންވެސްޓަރުންގެ ބުރަ މަސައްކަތުންނެވެ. ޓްރެވެލް އެޖެންޓުންގެ މިންނެތް މަސައްކަތުންނެވެ. އެކަމުގެ ފޮނިމީރުކަން ނަގަނީ އެވަގުތަކު އޮންނަ ސަރުކާރަކުންނެވެ. އެއީ ބަދަލުކުރެވެން ނެތް ހަގީގަތެކެވެ.

ރާއްޖޭގެ ކަންކަން އިޞްލާޙް ކުރުމަށް މަސައްކަތްކުރައްވާ ފަރާތްތައް މިއަދު ފޮރުވިގެން ތިބެވެސް އެބޭފުޅުން ކުރައްވާ އިޞްލާޙީ މަސައްކަތްތައް ހުއްޓައެއް ނުލައްވައެވެ. ޚާއްޞަކޮށް ޓުއަރިޒަމްގެ ދާއިރާގައެވެ. ސިޔާސީ ކަންކަމަކަށްވުރެ މިއަދު ޤައުމަށް މުހިންމުވެފައިވަނީ ޤައުމަށް ރަންބިސް އަޅައިދޭ ކުކުޅު ދުޅަހެޔޮ ޞިއްޙަތެއްގައި ބޭއްވުމެވެ.

ސަރުކާރުގެ މުހިންމު ދާއިރާ ތަކެއްގައި ވަޒީފާ އަދާ ކުރެއްވި އަދި ޓުއަރިސްޓު ރިސޯޓެއްގެ މެނޭޖަރުކަން ވެސް ކުރައްވައި ތަޖްރިބާ ހޯދާފައިވާ ޢަދުނާނު ޙަލީމު ވިދާޅުވީ ސަރުކާރުން ހީކުރަނީ މިލޔަނުން ޓުއަރިސްޓުން ގެންނަނީ ސަރުކާރުން ކަމުގައެވެ. އަދުނާނުގެ ބަހުންނަމަ، މިލިޔަން ހަމަވެގެން އަތްޖަހާއިރު އެންމެން ވެސް އަތް ޖަހައެވެ.
ތެދެކެވެ. އަދުނާނު ވިދާޅުވާ ފަދައިން ރާއްޖެއަށް ޓުއަރިސްޓުން އަންނަނީ ދިވެހި ސަރުކާރުން ބޮޑެތި ޚަރަދުތަކެއް ކޮށްގެނެއް ނޫނެވެ. ޕްރައިވެޓް އެޖެންޓުންގެ ބުރަ މަސައްކަތުންނެވެ. މި ޓްރޮޕިކަލް ޤައުމަށް ފަތުރުވެރިން އަންނަނީ އިރާއި މޫދާއި ހުދު ބީޗަށެވެ. ޑައިވިންގ އާއި ސްނޯކެލިން ހިމެނެނީ މީގެ ތެރޭގައެވެ. އާދަޔާ ޚިލާފު ކަންކަމުގެ ގޮތުގައި ފަހަކަށް އައިސް ފެންނަނީ މޫދުގެ އަޑީގައި ހަދާ ރެސްޓޯރެންޓާއި ކޮޓަރި ތަކުގެ ވާހަކައެވެ. ސްޕޯޓްސް ޓުއަރިޒަމެއް، ކަލްޗަރަލް ޓުއަރިޒަމެއް ނުވަތަ މެޑިކަލް ޓުއަރިޒަމެއް ވެސް މި ރާއްޖޭގައި ނެތެވެ.

އދ. ދަނގެތީ ކަލްޗަރަލް ސެންޓަރު ފީވެ ހަލާކުވެ ވީރާނާވެ ދިޔައީއެވެ. ދެމެހެއްޓުނު ކަމަކަށް ނުވިއެވެ. ރިސޯޓް ތަކަށް ދާ ކަލްޗަރަލް ގްރޫޕްތަކާއި، މިޔުޒިކާއި، ލަވަ ހުށަހަޅައިދޭ މީހުން މަދެވެ.

ރިސޯޓްތައް މިއަދު ޑިޒައިން ކުރަނީ ރިސޯޓުގައި ހުންނަ ގެސްޓުގެ ހުރިހާ މުހުތާދެއް ރިސޯޓުން ހަމަޖެހޭ ގޮތަށެވެ. އެއީ ހިލޭ ދޭ ޚިދުމަތްތަކާއި، އަގަށް ދޭ ޚިދުމަތްތަކާ އެކުގައެވެ.

ކުރޫޒް ލައިނަރަކުން މާލެއަށް ފައިބާ މީހުން ފައިބަނީ ޓުއަރިސްޓް ލޮކޭޝަނަކަށް ނޫނެވެ. ސިފައިންގެ މިލިޓަރީ ހެޑްކުއާޓަރާއި، ޕޮލިހުންގެ މައިމަރުކަޒުގެ ކުރިމައްޗަށެވެ. ބާރަށް ދެކޮޅަށް ވެލިކަލްތައް ދުއްވާ މަގަކަށެވެ. ރާއްޖޭގެ ބޮޑު ކޯއްޓޭއަށެވެ. އިސްލާމީ މަރުކަޒާއި ބޮޑު މިސްކިތުގެ އަރިމައްޗަށެވެ. ދައުލަތުގެ ޚަޒާނާގެ ކުރިމައްޗަށެވެ.

ވީމާ، ވަކިން ޚާއްޞަކޮށް ކުރޫޒް ލައިނަރުގެ ޓުއަރިސްޓުން އަދި ޢާއްމުކޮށް ރިސޯޓު ތަކުން މާލެ ބަލައިލާން އަންނަ ޓުއަރިސްޓުންނާމެދު ކުޑައިކޮށް ވިސްނާ ފިކުރު ކޮށްލަމާ ހެއްޔެވެ؟
ފަތުރުވެރިކަން ދެމެހެއްޓެނިވި ގޮތަކަށް ކުރިޔަށް ގެންދެވޭނީ މިކަންކަން މިނޫން އެހެން ގޮތަކަށް ބަދަލުކޮށްގެންނެވެ.

ކްރޫޒް ޝިޕަކުން އައި އިންޑިއާގެ ޓުރިސްޓުންތަކެއް ޝަހީދު ހުސައިން އާދަމް ބިލްޑިންގް އާއި ދިމާލުން ފައިބަނީ: އެމީހުންނަށް ފަސޭހައިން މަގު ހުރަސް ކުރެވޭނެ ގޮތަށް އެތަނުގައި މަސް ހިއްކަން އަވީލާހެން އަތުރާފައިވާ ސައިކަލްތައް އެއްކައިރިކުރަން މީހަކު ހުންނަން ޖެހޭ. ފަތުރުވެރިން ފައިބާ ލޮކޭޝަނެއްގައި އެގޮތަށް ވެހިކަލްތައް ބެހެއްޓުމަކީ ވުޒާރާތަކުން ވިސްނަން ވެއްޖެ ކަމެއް.

ޓުއަރިސްޓު އެޓްރެކްޝަންސް ރަށްރަށުގައި، ސިޓީ ތަކުގައި، މާލޭގައި ތަންތަން ބިނާ ކުރުމަކީ ކައުންސިލް ތަކުންނާއި ސަރުކާރުން ކުރަން ޖެހޭނޭ ކަމެކެވެ. އަދި ރަށްރަށުން ޓުއަރިސްޓުން މަރްޙަބާ ކިޔާނޭ ގޮތެއް އިންތިޒާމް ކުރަން ޖެހޭނެއެވެ. ޚިދުމަތާއި، ސްވެނިޔާ ގެ ވިޔަފާރި ފަހިކޮށްދޭން ޖެހޭނެއެވެ. ޕްރައިވެޓް ސެކްޓަރ އެންގޭޖް ކޮށްގެންނެވެ. މިރާއްޖޭގެ މި ހުރިހާ ރިސޯޓްތައް ބިނާކޮށް މިލިޔަނުން ޓުއަރިސްޓުން ގެންނަނީ އަމިއްލަ ކުންފުނި ތަކުންނެވެ. އެމީހުން އަމިއްލަ ކުންފުނިތަކުން ފެއާ ތަކަށް ކުރާ ޚަރަދާއި ހޭދަކުރާ ވަގުތުވެސް މަދެއް ނޫނެވެ.
ރާއްޖެއަށް ޓުއަރިޒަމް ފުޅާ ކުރުމުގައި އެތެރޭގެ އެއާ ޓްރާންސްޕޯޓް ވަރަށް އަގުބޮޑެވެ. ދުރު ހިސާބުތަކަށް ޓުއަރިޒަމް ގެންދަން ދަތިވަނީ އެހެން ވެގެންނެވެ. މާލެއަތޮޅުގެ ބައެއް ރަށްރަށަށް ބާރު ބޮޑުވަނީ ފްރީޓްރާންސްފާ އޮންނާތީއެވެ.

ޓުއަރިސްޓުންނަށް އިރާއި މޫދާއި، ބީޗާއި، ފަރުތައް ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ލިބެއެވެ. މީހުން ގިނަވިޔަސް ގެސްޓުން ވެސް ބަޖެޓަށް ބަލާނެއެވެ. ހުރިހާ ގެސްޓުން މުއްސަނދި ނުވާނެއެވެ. ގިނަ ގެސްޓުންނަކީ އެމީހުންގެ ޤައުމުގައި ވަޒީފާ އަދާ ކޮށްފައި، މަސައްކަތް ކޮށްފައި ސޭވް ކޮށްގެން ޗުއްޓީއަށް އަންނަ މީހުންނެވެ. ރާއްޖެއަށް އަންނަ ހިތްވާ އެންމެންނަށް ރާއްޖެއަކަށް ނާދެވެއެވެ. އަގު ބޮޑު ކަމުންނެވެ. އެކަމަކު ދުނިޔޭގައި މުއްސަނދިން ވެސް ގިނަކަމުން ރާއްޖޭގެ އޮކިއުޕޭޝަން ރަގަޅު މިނެއްގައި ހިފަހައްޓަނީއެވެ.

ވީމާ، ޓުއަރިސްޓް އެޓްރެކްޝަންސް އަޅުގަނޑުމެން ދަތުރުކުރާަ ޤައުމުތަކުން ފެންނަ ކަހަލަ ބިނާތަކުން އުފައްދަން ޖެހެއެވެ. ލަންކާގެ ލޮޓަސް ޓަވަރަކީ ވެސް މިސާލެކެވެ.

ލަންކާގެ ލޮޓަސް ޓަވަރަކީ ޓޫރިސްޓުން ޝައުގުވެރިވާ ތަނެއް ނަމަވެސް، މާލޭގައި ހުރި ގަޑިބުރަށް ފަތުރުވެރިންގެ ސަމާލުކަމެއް ނުލިބުނު.

ހަތަރު އަނގޮޅީގައި ހަދާ ބުރަކާއި އެބުރުގައި ބާއްވާ ބޯޅަކުން ނުވަތަ ގަލަކުން އެޓްރެކްޝަނެއް ނުހެދޭނެއެވެ.
ސަރުކާރާއި، ވިޔަފާރިވެރިންނާއި، ކައުންސިލްތަކާއި، ޓުއަރިޒަމް އިންޑަސްޓްރީގެ ސްޓޭކް ހޯލްޑަރުންނާއެކު ފިކުރު ކޮށްލުން ކިހިނެއްވާނެ ހެއްޔެވެ؟ މަޝްވަރާ ކުރަން އެބަޖެހެއެވެ. ޓުއަރިޒަމްގެ ކުރިމަގަށްޓަަކައެވެ.