އަރާފައި ހުންނަ ރުލަކުން ސާދާ ހިތެއް އޮތް ވެރިއެއް ކަމެއް ނޭނގޭނެއެވެ!

އަރާފައި ހުންނަ ރުލަކުން ސާދާ ހިތެއް އޮތް ވެރިއެއް ކަމެއް ނޭނގޭނެއެވެ!

މީހާ ލައިގެން ހުންނަ ހެދުމަށް އަރާފައި ހުންނަ ރުލަކުން ، ނުވަތަ މީހަކު ލައިގެން ހުންނ ހެދުމުން އެމީހަކީ ، ސާދާ އިޙްސާންތެރި މާތް މީހެއްކަމަށް ނުވަތަ ނޫންކަމަށް ހަދައެވެ.

ދެރަކަމަކީ މިފަދަ ވާހަކަ ދައްކަނީ ، ރޫއަރާ ކޮލިޓީ ފޮތި ވެސް ހުންނަ ކަމާއި އެކި މީހުން ރީތި ހުތުރު ބަލައި ގަތުމުގައި ދެކޭގޮތް ތަފާތުކަން ނުދަންނަ މީހުންކަމަށް ނުވާކަމެވެ ، އެކި މީހުން ހެދުން ލުމުގައި ނުވަތަ ތުރުކުރެއްވުމުގައި ގެންގުޅުއްވާ ސްޓައިލް ނުދަންނަ މީހުންކަމަ ވެސް ނުވުމެވެ.

މިއީ ނުރުހޭ މީހަކު ނިކަމެތިކުރުމަށް ސިޔާސީ އެދުމެއް އޮވެގެން ކުރާ ކަމެއްކަމަށް ބެލުމުގެ ފުރުޞަތު ނެތް ހެއްޔެވެ؟ އެކަން އެނގެނީ ، ހިތްހަމަ ނުޖެހޭ މީހާ ނުވަތަ ނުރުހޭ މީހާ ކިތަމެ ރީތި ހެދުމެއް ލިޔަސް ބޮޑާ ދެއްކުންތެރި މީހަކަށް މީގެ ކުރިން ހަދާފައިވާތީއެވެ. އަދި މިހާރުވެސް އެގޮތަށް ދެކެމުން އަންނާތީއެވެ .
ރުހޭ މީހާ ކިތަމެ ހުތުރު އެއްޗެއް ލިޔަސް ހުތުރު ގޮތަކަށް އުޅުނަސް ސާދާމީހެއްކަމަށް ، ރީތި މީހެއްކަމަށް ހެޔޮލަފާ މީހެއްކަމަށް ސިޔާސީ ގޮތުން ދައްކަން ބޭނުންވާތީއެވެ. ޙަޤީޤަތަކީ ހެޔޮލަފާ އިޙްސާންތެރި އަކަށް ވުމަށް ތަނަކަށް ރޫއަރާފަ ހުރުން ނުވަތަ ރޫއަރުވާފަ ހުރުމަކީ ، އެއްވެސް ފޮތަކުން ޤާނޫނަކުން ބުއްދީގެ ނަޒަރުން ލާޒިމު ކަމަކަށް ނުވުމެވެ.

ސާދާ މީހުން ދެނެގަތުމުގެ މިންގަނޑަކީ ، ރޫއެރުން ކަމަށް ބެލިފައި ނުވުމެވެ. މީހާ ގެ ބޭރުފުށުން ފެންނަ ނުވަތަ ދައްކާ އެއްވެސް ސިފައަކީ މީހާގެ މާތްކަމާއި ސާދާކަން އެނގޭނެ ކަމެއް ނޫނެވެ، އެކަން އެނގޭނީ މީހާ ގެ ޢަމަލުތަކުންނެވެ. މުޢާމަލާތާއި ޢިބާދާތުންނެވެ.

ކަން ދިމާ ކުރި ގޮތުން ސްރީލަންކާގެ މިއަދުގެ ރައީސް އަނޫރާ ކުމަރާ ޑިސެނަޔަކާ އަކީ ޙަޤީޤަތުގައި ވެސް ސާދާ ގޮތްތަކެއް ގެންގުޅުއްވާ ދެއްކުންތެރިކަމެއް ނެތް ލަންކާގެ އެއްވެސް ރައްޔިތަކާއި މެދުގައި މިހާތަނަށް ތަފާތު ކުރެއްވުމެއް ގެންގުޅުއްވިކަން ފާހަގަކުރެވިފައިވާ ބޭކަލަކަށް ނުވެއެވެ. އެއީ ހިންގުންތެރި ޖެހިލުންކުޑަ ރޭވުންތެރި ތެދުވެރި ވެރިއެކެވެ. އެހެން ނަމަވެސް އެއީ އެމަނިކު ފާނު ތުރުކުރައްވާ ހެދުންކޮޅާއި ގުޅުމެއް ހުރިކަމެއް ނޫނެވެ. އަދި އެހެން ވެރިއަކު ތުރުކުރައްވާ ހެދުންކޮޅަކާއި އަޅާ ކިޔަންޖެހޭ ސަބަބެއް ވެސް ނޫނެވެ.

އެމަނިކުފާނު ތުރުކުރައްވާ ހެދުންކޮޅާއި އެހެދުން ކޮޅަށް އަރާފައިވާ ރުލުގެ ވާހަކަ ސިޔާސީ ފަރާތްތަކުން ދެއްކުމުގެ ބޭނުމަކަށްްވީ ވެރިކަމުގެ ދަހިވެތިކަމުގައި ޑރ. މުއިއްޒު ދެކެ އޮތް ހިތްހަމަ ނުޖެހުން ޕްރޮމޯޓް ކުރުމެވެ. އެކަމުން އެނގުނު އެއްޗަކީ ، ޒާތީ ވުމާއި ހަސަދަ ވެރިކަމެވެ. ހާމަވި އަނެއްކަމަކީ އެވާހަކަ ފެތުރި ފަރާތްތަކުގެ ކިބާގައި ހުރި އުނި ސިފަތަކެވެ. އީމާންކަމާއި ޢަޤީދާގައި ހުރި އުނިކަމެވެ. ސުވާލަކީ ، ރައީސް ޑރ.މުއިއްޒު މިފަދަ ހެދުން ކޮޅެއް ގައި ޤައުމަކަށް ދަތުރުފުޅެއް ކުރައްވައިފިނަމަ ލަންކާގެ ރައީސް ގެ ހެދުންކޮޅާއި ހެދުން ކޮޅުގައި ވާ ރޫތަކަށް ބަލައި ތައުރީފު ކުރާ މީހުންނަށް ހަޖަމު ކުރެވޭނެ ކަމަކަށް ވާނެތޯއެވެ، ޖަވާބަކީ ، ނުވާނެކަން ޔަޤީނެވެ.

ސުވާލަކީ ، މީހާގެ ސާދަކަން މީހާ ލައިގެން ހުންނަ ހެދުމުން އެނގޭނަމަ މީހާގެ އަމަލުތަކަށް ބެލުމެއްނެތެއް ނޫން ހެއްޔެވެ؟ މިއިން އެއްވެސް ވާހަކައަކީ ޙަޤީޤަތެއް ނެތް ސިޔާސީ ވާހަކައެވެ، ސިޔާސީ ގޮތުން ކްރެޑިޓު ހޯދުމަށް ޖައްސާ ޕްރޮޕެގެންޑާއެވެ .

މީހާ ގެ ސާދަކަން ލައިގެން ހުންނަ ހެދުމުން އެނގޭ ނަމަ މީހާ މުސްކުޅިވުމުން އެކި ދިމަދިމާލުން އަރާ ރޫތަކުން ވެސް މީހާގެ ސާދަކަން އެނގެންވާނެއެވެ؟ މިވަގުތު ދުނިޔޭގައި ތިބި މުސްލިމުންގެ މައްޗަށް އެންމެ ޢަދާވާތްތެރިކަން ބޮޑު މީހުން ގެ ތެރޭގައި ވެސް ނުހަނު ސްމާޓުކޮށް ރުލެއް ނާރާ ހެދުން އަޅާ މީހުން ވެރިން ވެސް އެބަތިއްބެވެ.

އެމީހުންގެ ފަރާތުން ސާދާކަމެއް ނުފެނެއެވެ. ދިވެހިންގެ ތެރޭގައި ވެސް ރީތި ހެދުންލައި ނަލަހެދިގެން ސްމާޓުކޮށް އުޅޭ ފަރާތްތައް މަދެއް ނޫނެވެ. އެހެނެއްކަމަކު އެ އެންމެނަކީ ސާދަ މީހުންނަކަށް ނުވެއެވެ، ހެޔޮލަފާ އިޙްސާންތެރިން ނަކަށް ނުވެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕް އާއި އިޒްރޭލުގެ ބޮޑުވަޒީރު ނަތަންޔާހޫ އާއި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ އާއި ސްރީލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސާ އާއި ޔޫގޮސްލޭވިޔާގެ ކުރީގެ ރައީސް ރަޑަވާންކަރަޒިޗް ސްމާޓެއް ނޫންހެއްޔެވެ؟

އެހެން ނަމަވެސް މުސްލިމުންނަށް ޢަދާވާތްތެރިކަމާއި ނަފްރަތާއި ތަފާތުކުރުމާއި އަނިޔާވެރިކަން ނުދައްކާ ހެއްޔެވެ ؟ އެޤައުމުތަކުގެ މުސްލިމުންނަށް ސާދަކަން ފެނުނު ހެއްޔެވެ ، މިއިން އެނގޭ އެއްޗަކީ ، މީހެއްގެ ސާދާކަން ފެންނާނީ އެމީހާ ލާ ހެދުމުން ނުވަތަ އަރާފައި ހުންނަ ރުލަކުން ނޫންކަމެވެ، އެކަން އެނގެނީ ، އެމީހާ ގެ ކިބާގައި އިޙްސާންތެރިކަން ހުންނަ މިންވަރެއްގެ މައްޗަށް ކަމެވެ .

ޢިބާދަތާއި މުޢާމަލާތް ރަނގަޅު މީހެއްކަމަށް ވާނަމައެވެ. ކުރާ ކޮންމެ ކަމަކީ އެދުމެއް ނެތި ﷲ ގެ ފުއްސެވުމާއި ރުއްސެވުމާއި ޘާވާބަށް އެދި ކުރާ މީހެއް ، ކަމަކަށް ވާނަމައެވެ. ސާދާ މީހަކަށް ވުމަށް ފުރަތަމަ ކުރަންޖެހޭނެ ކަމަކީ ، ފުރިހަމަ ގޮތުގައި މުސްލިމަކަށް ވުމެވެ . ﷲގެ ވަޙީ ބަސްފުޅުގައި ވަނީ ، يَا أَيُّهَا الَّذِينَ آمَنُوا ادْخُلُوا فِي السِّلْمِ كَافَّةً وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ ۚ إِنَّهُ لَكُمْ عَدُوٌّ مُّبِينٌ(سورة البقرة 208) އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެންމެން އިސްލާމް ދީނަށް ކިޔަމަންވުމުގެ ތެރެޔަށް ވަންނާށެވެ! އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބަޢަނުވާށެވެ! އެހެނީ، ހަމަކަށަވަރުން އެ ޝައިޠާނާ އަކީ ތިޔަބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދުއްވެކެވެ. (208)