ކުއްޖާ ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އިބިލީސް ކަމަށް ބުނުން

ކުއްޖާ ވެއްޓުމުގެ ޒިންމާ ނަގަން ޖެހޭނީ އިބިލީސް ކަމަށް ބުނުން

މިމަހުގެ 17ވީ ބުރާސްފަތި ދުވަހުގެ ރޭ މަސްތުވެގެން ތިބިޒުވާނުން ތަކެއްގެ ތެރެއިން 21 އަހަރުގެ އަންހެން ކުއްޖަކު ފުރާޅެއްގެ މައްޗަށް ވެއްޓުނުއިރު، ވަލިއްޔުލްއަމްރު ވިދާޅުވެފައި ވަނީ ޒުވާނުން ޒުވާންކަމުގެ ޖަޒުބާތުގައި ކުރާކަންކަމަށް އަދަބު ދެއްވުމުގެ ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމުގައެވެ. މިއީ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަ މަނިކުފާނަކު ވިދާޅުވާން ޖެހޭ އެއްޗެއް ނޫނެވެ. މިހެން ވިދާޅުވާނަމަ، މެދުއުމުރުގެ މީހުންނާއި. ހަރު އުމުރުގެ މީހުންނާއި އަދި ކިއެއްތަ މުސްކުޅި އުމުރުގެ މީހުން ވެސް ޖަޒުބާތުގައި ކުރާ ކަންކަމަށް އަދަބު ދީގެން ނުވާނެއޭ އެމީހުންނަށް ބުނެވޭނެ ފުރުސަތު އެބައޮތެވެ.
ޖަޒުބާތުގައި ކުރާ ކަމަކަށް އަދަބު ނުދިނުމަކީ މިއީވެސް ބިރަކާ ނުލާ މަޖާކުރުމަށް މިސަރުކާރުން ދެއްވަވާ ފުރުޞަތެއް ނޫންހެއްޔެވެ. ކަން މިހެން ހުރުމާއެކު ރައީސް މުޢިއްޒު އެވިދާޅުވާ ” ބިރަކާނުލާ މަޖާކުރަން” ފުރުޞަތު ދިންމީހުންގެ އެ ސްލޯގަން ތަންފީޒު ކޮށް ދަމަހައްޓަވަނީ މި ސަރުކާރުން ކަން ހާމައެއް ނުވޭތޯއެވެ.

ކުއްޖާ ވެއްޓި އެތަކެއް އަނިޔާލިބި ފަރުވާދެމުނަ އަންނަ ހިނދު އެ އަންހެން ކުއްޖާ އަށް ބަޔަކުވަނީ މަސްތުވާތަކެތި ބޯން ދީގެން އެކުއްޖާ މަސްތުގެ ޙާލަތުގައިވަނިކޮށް ޒުވާނުންތަކެއް ވަނީ އެ އަންހެންކުއްޖާ ރޭޕުކޮށްފައި ކަމަށް ދެކެވެމުން އެދާ ވާހަކަތަކައި ގުޅިގެން ކުރަންޖެހޭ ފޮރެންސިކް ތަޙުލީލުތައް ނުކުރާ ކަމާއި އަދި އެ ޢަމަލުހިންގުމުގައި ބައިވެރިވި ޒުވާނުންގެ ކުޑަކަމުދާ ތަކެތި ތަޙުލީލު ނުކުރުމާއި އަދި އެމީހުން ހައްޔަރު ނުކުރުމުގެ ސަބަބުން އެމައްސަލައިގެ އެތައްހެކި ގެއްލިގެން ހިނގައްޖެއެވެ.

ރައީސް ވިދާޅުވި ބަސްފުޅަށް ރިޢާތްކޮށްލުމުން އެގިގެންދަނީ އެޒުވާނުން ޒުވާންކަމުގެ ޖަޒުބާތުގައި އެކުރި ކަންތައް ތަކަށް އަދަބު ދެއްވަން ބޭނުންފުޅު ނުވާކަމެވެ.

އެހެންކަމާއެކު އެމައްސަލައަށް އިންޞާފު ލިބުމަކީ މުސްތަޙީލުކަމެއްތާއެވެ. ދައުލަތުގެ އެންމެހައި މިނިވަން މުވައްސަސާތަކަށް ރައީސްގެ ނުފެންނަ ޖިންނި އަތްޕުޅުބާނުއްވާ ކަމީ އެންމެނަށް ވެސް އެނގޭ ބޮޑުސިއްރެކެވެ. ކޮމިޝަން ހެއްޖަސް އަދި ކޮމެޓީ ހެއްދެވިޔަސް އެހައްދަވަނި ދައުލަތުގެ ތިޖޫރީ ދިރުވާލުމުގެ ޢަމަލަކަށް މެނުވީ ނުވާނެއެވެ. ރައްޔިތުން އެއްވާމަކަށް ދޫނުދީ ހިފަހައްޓައިފި ނަމަ އިސްތިއުފާ ދެއްވާ ބޭފުޅުން ގިނަވަމުންދާނެއެވެ. އެހެނަސް މި ޒަޢާމަތުގައި އެ އަންހެން ކުއްޖާ އަށް އިންޞާފު ލިބުމަކީ މުސްތަޙީލު ކަމެކޭ މީހުން ބުނެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމާއި މިވަގުތު ޙަވާލު ވާން ކެރޭނީ ރައީސް އާއި ހޯމްމިނިސްޓަރު ވިދާޅުވާ ބަސްފުޅު ބިރަކާ ނުލާ ތަންފީޒު ކުރައްވާނެ ބޭފުޅެކެވެ. އެމުވައްސަސާ އަކީ އަޅުގަނޑު ހިތުދަސް މުވައްސަސާއެކެވެ. ފުލުހުންގެ މުވައްސަސާއަކީ ނުޙައްގުން ފްރޭމްކޮށް ރައީސް ވިދާޅުވެގެން އެތައް ފަހަރަކު ފުލުހުނަށް ވަޒީފާގެ ބިރުދައްކައި މީސްމީހުންގެ މައްޗަށް ދޮގުހެކިދީ ޖަލަށް ލާފައިވާ މުވައްސަސާ އެކެވެ.

އެހެން ކަމާއެކު މި މަހުގެ 17ވަނަ ދުވަހުގެ ރޭ ފުރާޅެއްގެ މައްޗަށް ވެއްޓި އަނިޔާ ލިބިފައިވާ އަންހެން ކުއްޖާއަށް އިންޞާފު ލިބެން ހުރި ހުރިހާ ދޮރުތައް ބިރަކާ ނުލާ ބަންދު ކުރާނެކަމީ އިރު ފެންނަފަދައިން ޔަގީންވާކަމެކެވެ. ނޫންނަމަ މިދަނޑިވަޅުގައި ﷲ އަށް ބިރުވެތިވާ އެއްވެސް މަޚުލޫގަކު ޕޮލިސް ކޮމިޝަންގެ މަގާމާއި ޙަވާލުވާން ކެރިވަޑައި ނުގަންނަވާނެއެވެ. މިމައްސަލައަކީ ބޮޑުންގެ ދަރިން ޝާމިލްވާ މައްސަލައަކަށް ވީތީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނަވަން ބޭނުން ފުޅުވަންޏާ ޖެހިވަޑައިގަންނަވާނީ ވެރިން އެދިވަޑައިގަންނަވާ ގޮތަކަށް ތަހުގީގު ހިންގަވާށެވެ.

ރައީސުލް ޖުމްހޫރިއްޔާއެވެ! މަނިކުފާނުގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތު އެންމެ ފުރިހަމަޔަށް އަދާވި ކަމުގައި ވާނީ ބުރުޒުމަގުގައި ހުރި ކެމެރާތައް ވެސް ބަލައި އެގެޔަށް އެ ރޭ ސަރުކާރުގެ މަތީ ފެންވަރުގެ މީހެއްގެ ދަރިއެއް ވަދެފައި ވޭތޯއާއި އަދި އެމީސްމީހުން ވަދެފައިވާ އަދި ނުކުމެފައިވާ ގަޑި ވެސް އެނގޭ ގޮތަށް ވީޑިއޯ އާންމު ކުރުމުންނެވެ. ކެރިވަޑައިގަންނަވަނެތޯއެވެ؟ ހޯމް މިނިސްޓަރަށް މިކަން ނުކުރެވިއްޖެ ކަމުގައި ވަނީނަމަ، މަނިކުފާނު ދެކެ ރައްޔިތުން ރުޅި އަންނާނެއެވެ. އަދި އެ ވަރުގެ ނާގާބިލް މީހަކު ބަހައްޓައިފިނަމަ މަނިކުފާނު ފެއިލް ވާނެއެވެ.
އެންމެ ފަހުން މައްސަލަ ނިމިގެން ދާނީ އިބިލީސް ޒިންމާވާން ޖެހޭގޮތަށް ކަމަށްވެސް ވެދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *