ކޮންމެ ކަމެއް ސަރުކާރަށް ފޫޅު ނުކަނޑާ! އަމިއްލަ ޒިންމާ ކޮބާ؟
ކުށުގެ ވެށީގައި އުޅޭ ކުދިންނާއި، ޕާޓީ ހަދާ ކުދިންނާއި، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ކުދިންނާއި، އެބޭނުން ކޮށްގެން ތަންތަނުން ފުންމާލައިގެންނާއި އެނޫން ވެސް ގޮތްގޮތުން މަރުވާ ކުދިންނާއި، ވައްކަންކުރާ ކުދިންނާއި، އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް ގެއްލުންދޭ ކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންނޭވެ.
ދަރިން ތަރުބިއްޔަތު ކުރުމުގެ ފުރަތަމަ މަރުހަލާ ގެ ޒިންމާ އޮތީ މައިންބަފައިން ނުވަތަ ބެލެނިވެރިން ގެމައްޗަށެވެ. އެޒިންމާ އަދާކުރެވޭނީ، އެކަމަށް އަހުލުވެރިވެފައިވާ ނަމައެވެ. އެންމެ ފުރަތަމަ ދަސްކުރަންވީ މުއާމަލާތް ކުރުމަށެވެ. ކުއްޖާގެ ޢުމުރުފުރައަށް އަންނަ ބަދަލުތައް ދެނެގަތުމަށެވެ. ޢުމުރުފުރައަށް އަންނަ ބަދަލުތަކާއި އެއްގޮތަށް މުއާމަލާތްކުރުމަށެވެ. ކުއްޖާ އާއި ގާތްކަމެއް ވާއްވާށެވެ. ކުއްޖާގެ ވާހަކަތައް އަޑު އަހާށެވެ. ބުނާ ކޮންމެ ކަމެއް ކޮށް ނުދެވުނު ނަމަވެސް ކޮށްދެވޭވަރުކަމެއް ކޮށްދޭށެވެ. ކޮށް ނުދެވޭ ނަމަ ސަބަބު ބުނެދޭށެވެ. ކުއްޖާގެ ވާހަކަތައް އަޑުއަހާކަން ކުއްޖާއަށް އެނގެންޖެހެއެވެ. އެއީ ކުއްޖާއަށް އިޚްތިރާމު ކުރުމެވެ. އެކަމުގެ ސަބަބުން އިޚްތިރާމުކުރުމުގެ އާދަ ކުއްޖާގެ ގައިގާ ހަރުލައެވެ.
ކުއްޖާ ވާހަކަ ދައްކާނީ، އަދި ކަންކަން ކުރުމަށް ބޭނުންވާނީ، އޭނާގެ ޢުމުރާ ގުޅޭގޮތަށް ވިސްނުމާ އެއްގޮތަށްކަން ޤަބޫލުކުރާށެވެ. ކެތްތެރިވެ ލޯބިން މަޑުމައިތިރިކަމާއެކު ވިސްނައިދޭށެވެ. އަޑުލައި ނުހަދާށެވެ. ބާރަށް އެއްޗެއް ބުނެވުނަސް އެކަން ތަކުރާރު ނުކުރާށެވެ. ކުއްޖާ މާޔޫސްކޮށް ނުލާށެވެ. ކުއްޖާއަށް މަލާމާތް ނުކުރާށެވެ. މިސްޓޭކަކީ ހެދިދާނެކަމާއި ތަކުރާރު ނުކުރުމަށް ބުނާށެވ. ދަރިފުޅު ރަނގަޅުކަމަށް ވިޔަސް ކުށެއް ކުރެވިއްޖެ ނަމަ ދަރިފުޅު ރަނގަޅޭ އެހެނަސް ކުރެވުނީ ގޯސްކަމެކޭ ބުނާށެވެ. ގޯސްވި ކީއްވެގެންކަން ވެސް ބުނެދޭށެވެ.
ޒިންމާ އުފުލަން ދަސްކޮށްދޭށެވެ. ރަނގަޅު އާދަތަކަށް އާދަކުރުވާށެވެ. ދަރިއަކު ގޯސްމަގުން ހިނގައްޖެ ނަމަ އިހުމާލުވެވުނީކަމަށް ދެކޭށެވެ. އަމާނާތަށް ފަރުވާތެރި ނުވެވުނީއެވެ. މިއީ އެނގިގެން ނަމަވެސް ނޭނގިގެން ނަމަވެސް ވެވުނު އިހުމާލެކެވ. ހުރިހާކަމެއް ބޮއްސުންލުމުގެ ކުރިން މައިންބަފައިންގެ މައްޗަށް ޝަރުޢީގޮތުންނާއި ޤާނޫނީ ގޮތުން އޮތް ޒިންމާ އަށް އަމާނާތްތެރިވެވުނު ނަމަ މިހިތާމަ އާއި ވޭން މުޅި ޤައުމު އުފުލާކަށް ނުޖެހުނީހެވެ.
ﷲ تعالى ދަރިން ދުނިޔެއަށް ފޮނުއްވަނީ ސާފު ހިތަކާއެކުގައެވެ. މައުޞޫމު އިންސާނެއްގެ ގޮތުގައެވެ. ފިޠުރަތުގެ ޠާހިރުކަންމަތީގައެވެ. މިގޮތުގެ މަތިން އުފެއްދެވި އިންސާނާ އުފައްދަވާ ފުރިހަމަ ކުރައްވާފައިވާ ޠާހިރު އިންސާނާ އެނޫން ގޮތަކަށް ބަދަލު ނުކުރުމަށް އެކަލާން ޢަމުރު ކުރައްވާފައި ނުވޭހެއްޔެވެ؟ އެއިންސާނާ އުފެއްދެވި މަޢުޞޫމްކަން ޠާހިރު ގޮތް ބަދަލު ނުކުރުމަށް އަންގަވާ ޢަމުރު ކުރައްވާފައިވެއެވެ.
ފުންކޮށް ވިސްނާލައްވަމާ ހިނގާށެވެ. ދަރިންނަކީ މުސްތަޤުބަލުގެ މައިންބަފައިންނެވެ. ވެރިންނެވެ. މާމަ އާއި މުނިމާމަ އާއި ކާފަ އާއި މުނިކާފަ އެވެ. ބޮޑުދައިތަ އާއި ބޮޑު ބޭބެ އެވެ. ދޮންތަ އާއި ތުއްތައެވެ. އަވައްޓެރިންނާއި ރައްޓެހިންނެވެ. މިއެންމެންނަކީ ހެޔޮލަފާ ބަޔަކަށް ވާނީ ޅަފަތުގައި ދެވޭ ހެޔޮ ތަރުބިއްޔަތަކުންނެވެ. ތަރުބިއްޔަތު ދިނުމުގައި އަސާސަކަށް ބަލަންވާނީ، ކީރިތި ޤުރުއާނާއި ރަސޫލާ محمد صلى اللّه ގެ މަންހަޖެވެ.
ކީރިތި ޤުރުއާނަކީ އެއަށް ޢަމަލުކުރަން އިންސާނާ ޚަލުޤުކުރެއްވި ފަރާތުން ބާއްވައިލެއްވި ދުސްތޫރެވެ. ތެދުމަގު، ސީދާމަގު، ދާންވީމަގު، ހިނގަންވީމަގު، މުއާމަލާތް ކުރަންވީ މަގު، ހިދާޔަތުގެމަގު، ސުވަރުގެއަށް ދާންވީ މަގު، ފާފަފުއްސަވާނެ މަގު އަދި މިނޫނަސް އެންމެ ރައްކާތެރި މަގު އެނގެން އޮތީ ކީރިތި ޤުރުއާނާއި ރަސޫލާގެ ރިސާލަތުން ނުވަތަ ދިރިއުޅުއްވުމުންނެވެ.
މިއަށްވުރެ ފުރިހަމަ ޤާނޫނެއް ޖިންނީން ނާއި އިންސީންނަށް ވެސް ނުގެނެވޭނެ އެވެ. ރަސޫލާގެ ރިސާލަތަކީ ހެޔޮލަފާ ނަމޫނާ ތަރުބިއްޔަތެއްގެ މަތީގައި އިންސާނަކު ބޮޑުކުރުމަށް އޮތް ހަމައެކަނި މަންހަޖެވެ. އެއީ ހަތް އުޑުމަތިން ޢަރުސީގެ ވެރި ކާއިނާތުގެ ވެރި ޢާލަމްތަކުގެވެރި އިލާހު ބާއްވައިލެއްވި މަންހަޖެވެ. އެމަންހަޖަށް ވުރެ އަލި ގަދަ ނޫރެއް ނުވެއެވެ . މިނޫރުން ހިތް އަލިވެއްޖެ މީހަކަށްވުރެ ބޮޑު ނަޞީބުވެރިއަކު ހުންނާނެ ހެއްޔެވެ؟
އެއަށްވުރެ ބޮޑަށް ހިތަށް ހަމަޖެހުން ލިބޭނެ ފޮތެއް އަދި ރިސާލަތެއް ނުވެއެވެ. ދެބަސްވުމެއް އުފެދިއްޖެ ނަމަވެސް ރުޖޫޢަވާންޖެހޭނެ ﷲގެ ފޮތާއި ރަސާގެ ސުންނަތަށެވެ. އެއީ ﷲتعالى ގެ ޢުމުރުފުޅުގައި އޮތް ގޮތެވެ. އެއީ ބަދަލު ވާނެ އެއްޗެއް ނޫނެވެ. ލޮބުވެތި ދިވެހި ރައްޔިތުންނެވެ ! ހުރިހާ ނުބައިކަމަކާއި ގެއްލުމަކީ ނަހީކުރައްވާފައި ވާ ކަންކަން ނޫންހެއްޔެވެ ؟ އަޅުގަނޑު މެނަކީ އެންމެ މާތް އުއްމަތަށް ނިސްބަތްވާ އުއްމަތުގެ ރައްޔިތުންނެވެ. އިސްލާމް ދީނުގެ އަހުލުވެރިންނެވެ.
ﷲ ގެ ޙަޟްރަތުގައި ދީނަކީ ހަމައެކަނި އިސްލާމް ދީނެވެ. މި ދީނުގެ މީހަކަށް ވުމުގެ ނަޞީބު ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތެވ. މިދީން މަތީގައި ދިރިއުޅެ ފައި ، މިދީންމަތީގައި މަރުވުމަށް ޢަޒުމުކަނޑައެޅުމަކީ ވެސް ލިބެ ނަޞީބެކެވެ. މިދީނުން ކަސިޔާރު ވެއްޖެނަމަ ފެންނާނެ ހުރިހާ ނޭދެވޭ އަސަރެއް ދިވެހިރާއްޖެ ވެސް ހިމެނޭގޮތުން ދުނިޔެއިން ފެންނަމުން އެބަދޭ ނޫންހެއްޔެވެ؟ ދަރިންގެ ފަރާތުން ފެންނަ ކޮންމެ ނުބައިކަމެއް ސަރުކާރަށް ފޫޅު ކަނޑައިގެން ފުލުހުންނަށް ފޫޅުކަނޑައިގެން ފަރުޖެއްސޭކަށް ނެތެވެ. އޮތީކީ ސަރުކާރު ގެ އެކަނި ޒިންމާއެއް ނޫނެއް ނޫންހެއްޔެވެ؟ ޙަޤީގަތަށް ރުޖޫޢަވެލައްވާށެވެ! އަމިއްލަ ނަފުސަށް ތެދުވެރިވާށެވެ! މައިން ބަފައިންގެ ޒިންމާ ބެލެނިވެރިންގެ ޒިންމާ މުޖުތަމަޢުގެ ޒިންމާ ހަނދާަން ނައްތާލައި ނުލައްވާށެވެ!
ވަޒީފާ އަދާކުރި ނަމަވެސް އެނޫން މަސައްކަތެއް ކުރި ނަމަ ވެސް ދަރިންގެ ތަރުބިއްޔަތާއި މެދު ދޭންޖެހޭ ސަމާލުކަން ދޭށެވެ. ކާންދީ ބޯންދީ ބޭނުންހައި ކަމެއް ކޮށްދިނުމަށް އިސްކަންދޭ ފަދައިން ދަރިންގެ ތަރުބިއްޔަތަށް ވެސް އިސްކަން ދޭށެވެ. އެއަށްވުރެ ބޮޑު އަމާނާތެއް ނުވެއެވެ. މާދަމާ ގެ މަންމަ އާއި ބައްޕަ އާއި ކާފަ އާއި މުނިކާފަ އާއި މާމަ އާއި މުނި މާމަ އަދި ބޮޑު ބޭބެ އާއި ބޮޑު ދައިތަ އާއި ދައްތަ އާއި ތުއްތަ ދަންނަ މީހުންނާއި ނުދަންނަ މީހުން މިއެންމެން ހެޔޮލަފާ ބަޔަކަށް ވާނީ، ދީނަށް ވަފާތެރިވާން ދަސްކޮށްދީ އާދަ ކުރެވިފައިވާ އިސްލާމީ މަންހަޖެއްގެ ތެރޭގައި ދަރިން ބޮޑެތިކުރެވިގެނެވެ. ލޯއްބި ދޭށެވެ. އިސްލާމީ ރިވެރި އާދަތަކާއި އަހްލާގާއި ހަރާމާއި ހަލާލު ދަސްކޮށްދޭށެވެ .
ތިމާ މުޖްތަމައު އިސްލާހު ކުރަން އުޅޭއިރު އަމިއްލަ ދަރިންގެ ހާލަތާމެދު ވިސްނާލައި މައިންބަފައިންނާއި ބެލެނިވެރިން ދަރިންގެ ކަންކަމުގައި ޒިންމާ ނަގައި، ދަރިންނަށް ވަގުތު ހުސްކުރާށެވެ. ޢުމުރުފުރައަށް އަންނަ ބަދަލުތައް ދެނެގަންނާށެވެ.
މުއާމަލާތްކުރުމަށާއި އަދަބުވެރިވުން ދަސްކޮށް ދޭށެވެ. އަމިއްލައަށް ވެސް އެހުނަރުތަކަށް އަހުލުވެރިވެ ލައްވާށެވެ. އިޙްސާންތެރިވުމަށާއި ، މުޢާމަލާތްކުރާނެ ގޮތުގެ އަދަބުތައް ދަސްކޮދޭށެވެ، އަމިއްލަ ނަފުސަށާއި އެހެން މީހަކަށް ގޯނާ ނުކޮށް އުޅެވޭވަރު ކޮށްދޭށެވެ. ޤައުމީ ލޯބި ނެތް ގެއްލުންހުރި ތަޢުލީމަކާއި ތަރުބިއްޔަތެއް ނުދޭށެވެ. ދަރިންނަކީ އަމާނާތެކެވެ. އެއަށްވުރެ އަގުބޮޑު އެއަށްވުރެ ބޮޑަށް ފަރުވާތެރި ވާންވީ އަމާނާތެއް ނެތެވެ.
