ޙަރާމްތަކެތި ކައިގެން ޖަހާ މަހަކީ ނަރަކައިގެ ދަރެވެ

ޙަރާމްތަކެތި ކައިގެން ޖަހާ މަހަކީ ނަރަކައިގެ ދަރެވެ

އަލްއުސްތާޒު ޙުޞައިން ޞަލާޙުއްދީން ވިދާޅުވެފައި ވެއެވެ. ރައްޔިތުން ރަނގަޅު ބަޔަކަށް ހަދަން ބޭނުންނަމަ ވެރިން ރަނގަޅުވާށެވެ. ޒަމާނުއްސުރެ ދިވެހި ރައްޔިތުންނަކީ ވެރިން ކޮޕީކޮށްގެން އުޅޭ ބައެކެވެ. އެހެން ކަމުން އެވާލާ ޒަމާނުއްސުރެ ދިވެހިން ވެރިންނާ ބެހޭ ގޮތުން ބުނެފައި އޮންނަނީ ވެރިޔަކު ގޯސްކަމެއް ނުކުރާނެއެވެ. އެހެން ކަމުން ވެރިޔަކު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިއަސް އޭރުގެ އެއްވެސް ދިވެއްސަކު އެ ކަމަކީ ނުބައިކަމެއް ކަމަކަށް ނުބަލައެވެ. އެހެނީ  ދިވެހީންނަކީ އަބަދުވެސް ވެރިންދެކެ ލޯބިވާ އަދި ވެރީންނަށް ކިޔަމަންވާ ބައެއްކަމުން ވެރިންކުރާ އެންމެހާ ކަންކަން ކޮޕީކޮށް އެކަންކަން ކުރުމަށް ލޯބި ކުރެއެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން ފެށިގެން ދައުލަތުގެ މުވައްސަސާ ތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް ލިބުމުގައި ރައްޔިތުންނަށް ބޮޑެތި އުނދަގުލާ ކުރިމަތިވަމުން ދިޔައެވެ. މީހަކު ވަނީ އެކަން ތަޖުރިބާކޮށް އެހެން އެވާ ސަބަބުތައް ދިރާސާ ކޮށްފައެވެ. އެއްދުވަހަކު ބޯޓް ދަތުރުކުރަން ދާން އުޅުނު ފިވެއްސަކު ޔެލޯފީވަރ ކިޔާ ވެކްސިނެއް ޖަހަން ހެލްތު ޑިޕާޓް މެންޓަށް ދިޔައެވެ. އޭނާ އެ ވެކްސިން ޖަހަން ތިންދުވަހު އެޑިޕާޓްމެންޓަށް ދިޔައެވެ. އެހެނަސް ވެކްސިން ޖެހޭ ގޮތެއް ނުވިއެވެ. މި މީހާ ހަތަރުވަނަ ދުވަހު އެތަނަށް ގޮސް ހުއްޓާ އޭނާއާއި އެކު ބޯޓުދަތުރު ކުރަން ދާން އުޅޭ ދިވެއްސަކު އެތަނަށް އައެވެ. އޭނާ ސުވާލު ކުރިއެވެ. ވެކްސިން ޖަހައިފިން ހެއްޔެވެ. ޖަވާބުގައި މިއުޅެނީ ތިކަން ނުވެގެންނޭ ބުނެފިއެވެ. ފަހުން އައިމީހާ ބުންޏެވެ. ކީއްވެ ހެއްޔެވެ. ކުރިން އައިމީހާ ބުންޏެވެ. ކޮންމެ ދުވަހަކު އައިސް މިއައީ ވެކްސިން ޖަހާށޭ ބުނުމުން އެތެރެއިން ލިބޭ ޖަވާބަކީ ވެކްސިން ޖަހައިދޭ އަންހެން ކުއްޖާވީ ބޭރުގައެވެ. އެހެންވެ ޖެހުން ލަސްވެ އިންނަންޖެހޭ ވަގުތު ދިގުވުމުން ކޮންމެ ދުވަހަކުވެސް ވެކްސިން ނުޖެހިގެން އެނބުރި ދާން ޖެހެނީއެވެ. ފަހުންއައި ފުރެންޑު ބުންޏެވެ. ދިހަރުފިޔާ އެބައޮތް ހެއްޔެވެ. ކުރިން އައިމީހާ ބުންޏެވެ. އާނއެކެވެ. ކޮންމެއަކަސް ފަހުން އައި ފުރެންޑްއަތަށް ދިހަރުފިޔާ ދިނުމުން އޭނާގެފަހަތުން އެތެރެއަށް ވަނުމަށް އިޝާރާތް ކުރިއެވެ. އެދުވަހު ވެކްސިންގ ޖަހައިދޭ ކުއްޖާ ފެނުނެވެ. އެއީ ކޮންމެދުވަހަކުވެސް ވެކްސިންޖަހާ ކުއްޖާވީ ބޭރުގައޭ ބުނެ ޖަވާބުދޭ މަންޖެއެވެ.

ފަހުން އައިފްރެންޑް ވެކްސިންޖަހައިދޭ ކުއްޖާގެ އަތަށް ސިއްރުން ވިހިރުފިޔާ ލައިދިނެވެ. ވެކްސިންގ ޖެހިއްޖެއެވެ. ނިމިގެން ނުކުމެ ހިނގައިގަތުމުން ފަހުން އައި ފުރެންޑް ކިޔައިދިނެވެ. ސައެއްނުދީ މިކަހަލަ ކަންކަން ކުރަން އުނދަގޫ ވާނެއެވެ. މިކަން ފުޅާވަމުންގޮސް ބައްޕައަށް ދަރިފުޅު ވެސް ޚުދުމަތެއް ފޯރުކިށްދެނީ ސައެއް ދީގެންނެވެ. މިސަޔަށް މިހާރު އެކިޔަނީ ރިޝްވަތެވެ. އެހެން ކަމުން މިއަދު މުޅި ޖަމާޢަތުގެ ތެރޭގައި ރިޝްވަތުގެ ވަބާ އެވަނީ ޢާންމުވެފައެވެ. މިއީ ބިރުގަންނަން ވެއްޖެ ކަމެއްކަމަށް ދެކެމެވެ.

މުޅި އުންމަތް ކަހަލަގޮތަކަށް މިވަބާގައި ޖެހި ނިމިއްޖެއެވެ. ސޯޝަލް މީޑިއާއިންވެސް ފެނިގެންދަނީ ދައުލަތުގެ އިސްވެރިން ރިޝްވަތުނަގާ ވާހަކަ އެވެ. އެހެން ކަމުން ވެރިންގެ އަބުރަށް ނައަރާ ހުތުރެއް ޢާންމު ރައްޔިތެއްގެ އަބުރަށްވެސް ނައަރާނެކަމަށް ގަބޫލު ކުރާދިވެހިންމާ ގިނަވީއެވެ. 

ދަންނަވަންތޯއެވެ. ގިޔާމަތް ދުވަހު އަށްމަލާއިކަތަކު ޢަރުޝި އުފައްލަވާތަން ތިޔަ ބޭފުޅުންނަށް ފެންނާނެއެވެ. އެއިން މަލާއިކަތެއްގެ ކަންފަތުގެ ފޫޅުން ފެށިގެން ކޮނޑާ ދެމެދު ދުރުމިނަކީ ބާރަށް ދަތުރުކުރާދޫންޏެއްގެ ހަތްދިހާސް އަހަރުދުވަހުގެ ރާސްތާއެވެ. ޢަރުޝިއަކީ އެންމެ ބޮޑު މަޚުލޫގެވެ. އެދުވަހު ތިބާއާއި ﷲ އާދެމެދު އެއްވެސް ހުރަހެއް ނުވެއެވެ. ތަރުޖަމާނެއް މެދުވެރި ކުރާކަށް ނުޖެހެއެވެ. ތިބާއާއި ސުވާލު ކުރައްވާނީ ޚުދު ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ.  ﷲ ގެ ކުރިފުޅުމަތީގައި ކޮޅަށްހުރެ ތިބާ ޖަވާބުދާރީ ވާންޖެހޭ ދުވަހާއިމެދު ތިބާ ބިރެއް ނުގަންނަމު ހެއްޔެވެ.

ރިޝްވަތުގެ އަލިފާން ތިމާގެ އަނބިންނާއި ދަރިންނަށް ކާންދެމުން ތިޔަގެންދަނީ އެހެން ދުވަހެއް ނެތްކަމަށް ގަބޫލު ކުރާތީ ހެއްޔެވެ. ވެރިން ރިޝްވަތު ނެގުމުން އެކަމުގެ ޢަޒާބު ރައްޔިތު މީހާ އަކަށް ނުލިބެއެވެ. އެހެން ކަމުން ވެރިން ރިޝްވަތުނަގާތީ އެއީި ރީތިކަމަކަށް ވެގެން ތިބާ ރިޝްވަތު ނުނެގުމަށް ނަޞޭޙަތް ތެރިވަމެވެ. ގިޔާމަތް ދުވަހާމެދު ޣާފިލް ނުވާށެވެ. ޙަރާމްތަކެތި ކައިގެން ޖަހާ މަހަކީ ނަރަކައިގެ ދަރެވެ. މި ގައުމު މިއޮތީ ބިރުވެތި ނުރައްކާތެރި ފައްތަރެއްގައެވެ. އެހެން ކަމާއެކު ކޮންމެހުކުރު ޚުތުބާއެއްގައި މިކަން ހައިލައިޓް ކޮށް މިވަބާއިން މިއުންމަތް ސަލާމަތް ކޮށްދެއްވާތޯ ދުޢާކޮށްދެއްވުމަށް ޚަތީބުންގެ ކިބައިން އެދެމެވެ.