ދެޔޯ ރާޖާގެ ނިޒާމް

ދެޔޯ ރާޖާގެ ނިޒާމް

އެެއީ މީލާދީން 12 ވަނަ ޤަރުނުގެ ކުރީކޮޅެވެ. ދިވެހިން އިސްލާމް ވުމުގެ ކުރިއެވެ. ތާރީޚު ބުނާ ގޮތުން ނަމަ ދިވެހިން އޭރު ތިބީ ޚުރާފާތްތަކަށް ގެއްލި ހުސްވެފައެވެ. ބައެއް ފޮތްތަކުން ފެންނަނީ ދިވެހިީން ތިބީ ހިންދޫ ދިނާއި ބުދު ދީނަށް އަޅުކަން ކުރާން ފައްޅިތައް ވެސް އަޅައިގެންނެވެ. 

މިހާރު ދިވެހިން އިސްލާމްވިތާ 8 ގަރުނު ވަނީއެވެ. ކޮންމެއަކަސް އަށްސަތޭކަ އެތައް އަހަރެއް ވެ ދިޔައިރު ވެސް އަދިވެސް ދިވެހިން ވެރިކަން ހިންގަމުން ގެންދަނީ ތަފާތު ނަންނަމުގައި ވިޔަސް ހަމަ އެއް ނިޒާމަކަށެވެ. ދިވެހި އަންހެން ކުދިން ގެންގޮސް ބުދުކޯލަށް ލައި “ރަންނަމާރިއަށް ދީގެން” ވެރިކަން ކުރި “ބަހްލޫލީ ނިޒާް” އޭ ކިޔަސް ނުވަތަ ދެޔޯރާޖާ ގެ ރަސްކަމޭ ކިޔަސް ނުވަތަ ރަންނަމާރި އަރައި ކާ ނިޒާމޭ ކިޔަސް ވެރިކަން ވެރިން ހިންގަމުން އަންނަނީ ހަމަ އެއް ނިޒާމަކަށެވެ. ދެޔޯރާޖާ ގެ ރަސްކަމަށެވެ. 

ދެޔޯ ރާޖާއިންގެ ވެރިކަމުގެ ވައްޓަފާޅި އާއި ހައިބަތު ފުޅާވެ، ބޮޑުވެ ، ބޮޑާވެ ގަނޑުވަރުތަކާއި ދެޔޯރާޖާއިންގެ ވެރިކަން ހިނގާނެ އައްޑާ ތައް އިތުރު ކުރަމުންކުރަމުން ގޮސް އެންމެ ފަހުން. ރައްޔިތުން ހިރިލާނެ ހިނި ހަރެއްގެ މިންވަރު ވެސް ލިބެން ނެތް ކަމަށް އިހުގެ މަންޒަރުތައް ވެސް ފެނުނު މީހުން ކިޔަނީ އެހެންވެއެވެ.

ރަންނަމާރި އެރި ކަމަށް އަދު ބުއްދި އަށް ފަހުމު ކުރެވެނީ އެއީ ދަރުމަވަންތަ ރަަސްގެފާނުން ބުދު ނުވަތަ ހިންދޫ ދީނަށް އަޅުކަން ކުރެއްވި ދުވަސްވަރު އެ ރާޖާގެ ނަފްސީ އެދުމަކަށް ހިންގެވި ލާއިންސާނީ ޢަމަލު ތަކެއްގެ ގޮތުގައެވެ. ނަމަވެސް އެ ކަމުގެ ޙަޤީޤަތް އޮޅުވާލައި، ހަމަ އަސްލަށް ވެސް ރަންނަމާރި ނުވަތަ މިނިމަސް ކާ މަޚްލޫޤެއް ކަނޑުން ފައުޅުވެ ފުރަ މާލެއަށް އަރައި ބިކުރުވެރި އަންހެންކުދިން ނޫން އެހެން ބަޔަކަށް ބޭނުން ނޫން ކަމަށް ބުނި ބުނުމަކީ ޙަޤީޤަތެއް ކަމަށް ދެއްކުމަށްޓަކައކ ބަޔަކު ވަނީ ތާރީޚު އޮޅުވާލާފައި ކަމަށް ތުހުމަު ކުރެވެއެވެ.

ކޮންމެޔަކަސް، މަޣްރިބު ކަރައިގެ ބަރުބަރާއިން ދުނިޔޭގައި ދަތުރު ކުރަމުން އައިސް ރާއްޖެއަށް މަޑުކޮށްލެއްވިއިރު، ދަތުރުވެރި ޔޫސުފް ކިޔާ މޮރޮކޯގެ ދަންނަ ބޭކަލަކު ވަނީ އެ ބުނާ ރަންނަމާރި ތޯލާ ފުޅިއަކާއި އެއްވަރު ކޮށްލާފައެވެ. (އެބަހީ) “ތޯލާ ފުޅީ ގެ ސައިޒަށް ދަރުމަވަންތަ ރަސްގެފާނު ކުޑަ ކުރި ކަމަށެވެ”. އަދި އެބުނާ “ރަންނަމާރީ” ތޯލާ ފުޅިއަކަށް ލައި، ތިމަރަ ވިރުވައި، އަޅައި، ވަރުނުލާ ރާޅުގަނޑަށް ފައްތާލި ކަމަށް ވެއެވެ. އެ ހުރިހާ ކަމެއް ކުރެއްވި އިރު ވެސް އެ ބުނާ ރަންނަމާރި ހަމަ ހިލައި ގުޑި ވެސް ނުލައި ހުރީއެވެ. 

ވެރިން ގެ ސައިޒް އޮޅިދާ މިންވަރެވެ. ވެރިކަމުގެ ލައްޒަތާއި ޢިއްޒަތަށްޓަކައި ވެރިން ދެޔޯރާޖާއިންނަށް ވެ ނިމޭ ގޮތެވެ.

ޤައުމިއްޔަތެއް ބިނާ ކުރަން އެދޭނަމަ 800 އަހަރުވެގެން ދިޔަ އިރު ބަދަލު ނުވި ވެރިކަމުގެ ނިޒާމު ބަދަލުވާން ވީއެވެ. ވެރިކަން ހިންގާ ވެރިން ދެޔޯރާޖާއިން ގެ ސިފައާއި ދުރުކުރުވާނެ ނިޒާމެއް ގެންނަން ވީއެވެ. ވެރިންގެ ގެ ހައިބަތަކީ ރައްޔިތު މީހާއާއި އެއްހަމައެއްގައި މިނެ ކިރޭ ނިޒާމެއް ބިނާ ކޮށް، ދެޔޯރާޖާއިންގެ ނިޒާމުންވެރިން ދުރުކުރާން ރައްޔިތުން އެދި ގޮވަނީ މިހެންވެ އެވެ.