އެމްޑީޕީ ނޫން ގޮތެއް ހޯދުމުން ރާކަނި ކެވިއްޖެ

އެމްޑީޕީ ނޫން ގޮތެއް ހޯދުމުން ރާކަނި ކެވިއްޖެ

ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުގެ ތަނަވަސް ކަމުގެ ތެރެއިން ދެމިހުންނަނިވި މަންފާއެއް ޙާޞިލްކުރެވިފައި އޮތީ އެމްޑީޕީގެ ވެރިކަމުގައެވެ. އެހެނަސް އެ ވެރިކަން ވައްޓާލާ އެމްޑީޕީ ނޫންގޮތެއް ރައްޔިތުންހޯދީ މޮޅުތަކެއް ވާނެ ކަމަށްތާއެވެ. ދުނިޔެވީ ތަޖުރިބާއިން ރައްޔިތުންގެ ކަރުބުޑުގައި މިހާރުވާނީ އެމްޑީޕީ ނޫންގޮތެއް ހޯދުމުގެ ހިތިރަހަ ލާފައެވެ. މިއަދު އެވަނީ އެމްޑީޕީ ނޫންގޮތެއް ހޯދުމުގެ ވޭނީ ފުން ހިތާމަ ރައްޔިތުންނާއި ކުރިމަތިވެފައެވެ. ދިވެހި ރައްޔިތުން މިއަދު އެވަނީ ﷲ ދެއްވި ނިޢުމަތަށް ޝުކުރު ނުކުރާމީހުންގެ ތެރެެއިންނެވެ. އެމްޑީޕީގެ ވެރިކަން ރާއްޖޭގައި ފެށުމާއެކު އެއަހަރު ވެސް ރާއްޖޭގެ އިގްތިޞާދީ ފުދުންތެރިކަން 8 ބިލިއަންރުފިޔާއިން ބާރަބިލިއަނަށް  މަތިވެގެން ދިޔައެވެ.

އެއީ އެމްޑީޕީގެ އިގްތިޞާދީ މާވަޑިކަމުގެ ދަށުން ރާއްޖޭގެ ރައްޔިތުންނަށް ހުޅުވާލެވުނު އައު ޞަފުޙާއެކެވެ. އަދި އައިޑީ ކާޑު ދައްކާލުމުން ދިހަބާރަހާސް ރުފިޔާގެ ޑޮކްޓަރީބޭސް ދާއޮހުރުވުމެއްނެތި އަދި ސިކުނޑިއަށް ބަރުކަމެއް އިޙުސާސްކުރަން ނުޖެހި ލިބުމުގެ އުފާ ރައްޔިތުންނަށް ޙާޞިލް ކުރެވުނު ފުރަތަމަ ވެރިކަން ވެސް މެއެވެ. އެކަމަކު އެމްޑީޕީ ނޫންގޮތެއް ހޯދުމަށްޓަކާ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ތިންހަތަރު ކުދިންގެ އަމާ ވަރިކުރުމަށްފަހު އެކުދިންނަށް ވީނުވީއެއް ބަލާންވެސް ބޭނުންނުވެފައި ތިއްބާ އެމްޑީޕީގެ އޯގާވެރި ސިޔާސަތު އެފަދަ އެތަށްހާސް ކުޑަކުދީންވަށާލިއެވެ. އެހެނަސް ބޭނުންވީ އެމްޑީޕީ ނޫންގޮތެކެވެ.

 ކަންމަތީ ފިހާރައަށް ދަރާ އެދަރަނި އަދާނުކުރެވި މުސްކުޅި މައިބަފައިންނާ އަޅާނުލެވި ގޭކޮޅުގައި ހުރި ކޮޅުފިލާގޮނޑިއަށް އެއްލާލެވިފައި އެ މައިންބަފައިން ތިއްބާ އެ މުސްކުޅިން އެ ގޮނޑިތަކުން ތެދުކޮށް ފެންވަރުވާ ފުށްޖަހާ  މަޑުގޮދަޑިތަކުގައި ވަޑުވައިދިން އެމްޑީޕީގެ އޯގާވެރި ސިޔާސަތު ނޫން އެހެންގޮތެއް ރައްޔިތުންހޯދީ ކޮން އަވާމެންދުރެއް ފެނިގެން ބާއެވެ. ގައުމު އާރާސްތުކޮށްދިން ގައުމީ އިސް އަރުތަވެރިންގެ މަތިން ހަނދާންނުކުރާ ބައެެއްގެ ހިރިޔާފައިތުރާ ދަށަށް ރައްޔިތުން ދިޔައީވެސް އެމްޑީޕީ ނޫންގޮތެއް ހޯދުމަށެވެ. ލޯބިލޯބި ތުއްތު ދަރިންނަށް ހެނދުނު ސައިފޮދެއް ދެވޭނެ ތަނަވަސްކަމެއް ނެތް އެތަކެއްހާސް މައިންބަފައިގެ ހިތްތަކަށް ތަޞައްލީއެއް ހޯދައިދީ އެ ތުއްތު ދަރީންނަށް ހެނދުނު ސައިބޯންދީގެން ސްކޫލަށް ފޮނުވުމުގެ އޯގާވެރި ސިޔާސަތަށް ނޫނެކޭ ބުނުމަކީ އަމިއްލަ ނަފުސަށް މަލާމާތް ކުރުން ނޫން ދެން އެހެން ކޮން ކަމެއްތޯއެވެ.

ފުދުންތެރިންގެ ދަރިން ކުރީއަހަރު ސްކޫލަށް ގެންދިޔަ ބާފޮތްތައް ސަލާމް ޖަހައިގެން ވިޔަސް ހޯދުމަށްޓަކާ ރަށުން ފުރައިގެން މާލެއައިސް އެގޭގޭ ދޮށަށް ބެލެނިވެރިން ހިނގަން ޖެހުނީ އަތްމަތި ދަތިކަމުން އެނޫންގޮތެއް ނެތިގެންނޫން ހެއްޔެވެ. ރައްޔިތުންގެ މިދެންނެވި ހިތްދަތި މާޟީ ނިމުމަކަށް ގެނެސް ދައުލަތުގެ މާލީ ފުދުންތެރިކަމުގެ ތެރެއިން ދަރިވަރުންގެ ފޮތްލިސްޓް  ލިބޭނެ މަގު ތަނަވަސްކޮށްދިން އެމްޑީޕީގެ އޯގާވެރި ސިޔާސަތު ނޫން އެހެންގޮތެެއް ރައްޔިތުން ބޭނުންވީ ބުއްދި ރަންވެގެން ބާވައެވެ. ރާއްޖޭގައި ތިބި ނުކުޅެދުންތެރި ހުރި އެތައްހާސް ކުދިންނެއް ނުބެލި ކިޔަވައި ނުދެވި ބެލެނިވެރިން ރޮއިރޮއި ތިއްބާ އެކުދިންނަށް ދައުލަތުގެ މާލީ ތަނަވަސް ކަމުގެތެރެއިން ޙައްގުވާ މިންވަރު ހޯދައިދިން އެމްޑީޕީ ނޫންގޮތެއް ހޯދަން ލަދެއް ޙަޔާތެއް ނެތި އެއުޅުނީ ރާކަނި ކެވޭނެކަމަށް ހީކުރެވިގެން ބާއެވެ.