އޭ ރައްޔިތުންނޭވެ، އަޑުއަހާ!
ފަލަސްޠީނުގެ ބިމުގައި އިޒްރޭލު ކިޔާ ޓެރަރިސްޓް ދައުލަތެއް އިނގިރޭސިންނަށް އުފެއްދުނީ ، ޢަރަބިންގެ ޣަފުލަތުންނެވެ. އިނގިރޭސިވިލާތާއި ހުޅަގުގެ މަޞްލަތަށްޓަކައި ފަލަސްޠީނުގެ ބިމުގައި ، ފުރަތަމަ އިޒްރޭލު އުފެއްދި ޤައުމަކީ ، އިނގިރޭސިވިލާތް ކަމަށް ވިޔަސް ، އިނގިރޭސިވިލާތަށް އެކަނި އިޒްރޭލު ހިމާޔަތްކޮށްދިނުމަކީ ނާދިރުކަމަކަށް ވުމުން އެމެރިކާ އާއި ޖަރުމަނާއި ފްރާންސް އާއި އިޓަލީ އަދި މިނޫން ހުޅަގުގެ ޤައުމުތައް ބައިވެރިކުރުވިއެވެ.
އިޒްރޭލު އުފެއްދުނީއްސުރެއް އިޒްރޭލު ހިމާޔަތްކުރުމުގައި ފަލަސްޠީނާއި އެއްބޯޑަރެއް ހިއްސާކުރާ ސައޫދީ އާއި މިޞްރާއި އުރުދުންގެ އެއްބާރުލުމާއި އެހީތެރިކަން އެކިގޮތްގޮތުން އެމެރިކާ އާއި އިޒްރޭލުން ހޯދައެވެ.
އަދި އިޒްރޭލުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް އިޒްރޭލަށް ޤަބޫލުކުރެވޭ ކޮންމެ ޤައުމަކަށާއި ބަޔަކަށް އަދި މީހަކަށް ހަމަލާ ދެއެވެ. އަދި އިޒްރޭލާއި އެމެރިކާ ބޭނުންނުވާ ވެރިއަކު މެދުއިރުމަތީގެ އެއްވެސް ޤައުމެއްގައި ޙާއްޞަކޮށް އުރުދުނާއި މިޞްރުގައި ހުރެގެން ނުވާނެކަމަށްވެސް އިޒްރޭލާއި އެމެރިކާ ދެކެއެވެ. ސަބަބަކީ މިޤައުމުތައް ފަލަސްޠީނާއި އެއް އިމުން ގުޅިފައިވުމާއި މިޤައުމުތަކުން އިޒްރޭލަށް ގެއްލުމެއް ދިނުމަށް ފަސޭހަވާނެތީއެވެ.
އެހެންކަމުން ސިއްރާއި ފާޅުގައިވާ ކަންކަން އެންމެ މޮޅަށް ދެނެވޮޑިގެންވާ ﷲ سبحانه وتعالى ވަނީ ، މުސްލިމުންގެ ޙައްޤުތަކާއި މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައި ޔަހޫދީންނާއި ނަޞާރާއިންނާއި މުސްލިމުން ގުޅިގެން އުޅޭއިރު މުސްލިމުން ޣާފިލުކަމުން ހޭވެރިކުރުވުމަށާއި ފަރުވާތެރިވުމަށް އެބައި މީހުންގެ ޙަޤީޤަތް ބަޔާންކޮށް ދެއްވާފައެވެ ،އެކަލާންގެ ވަޙީ ބަސްފުޅުގައިވެއެވެ .
وَلَنْ تَرْضَى عَنْكَ الْيَهُودُ وَلا النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ قُلْ إِنَّ هُدَى اللَّهِ هُوَ الْهُدَى وَلَئِنِ اتَّبَعْتَ أَهْوَاءَهُمْ بَعْدَ الَّذِي جَاءَكَ مِنَ الْعِلْمِ مَا لَكَ مِنَ اللَّهِ مِنْ وَلِيٍّ وَلا نَصِيرٍ [سورة البقرة: آية 120].އަދި ޔަހޫދީންވެސް ނަޞާރާއިންވެސް އެއުރެންގެ ދީނަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފުމަށް ދާނދެން ކަލޭގެފާނަކާ ނުރުހޭނެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން اللَّه ގެ މަގު އެއީ ހަމަ ތެދުމަގެވެ. އަދި ކަށަވަރުންވެސް، ކަލޭގެފާނުގެ އަރިހަށް ޢިލްމުގެ ތެރެއިން އައި ކަންތަކަށްފަހު އެއުރެންގެ އެދުންތަކަށް ކަލޭގެފާނު ތަބަޢަވެވަޑައިގެންފިނަމަ، اللَّه ގެ ޙަޟްރަތުން ކަލޭގެފާނަށް އެއްވެސް އެހީތެރިޔަކު އަދި ނަޞްރު ދޭނޭ މީހަކުވެސް ނުވާނެތެވެ. ( سورة البقرة آية 120
ނޯޓު: ބަވަނަ ވެފައިވާ ދުނިޔޭގައި އެއްވެސް ޤައުމަކާއި ނުގުޅި އެކަހެރި ވުމަކީ ނިކަމެތި ކަމެކެވެ. އެހެން ނަމަވެސް ދުނިޔެ ދައްކާ ދަޅަތަކަށް ބަލާއިރު މުސްލިމުންގެ ޙައްޤުތަކާއި މުސްލިމުންގެ މަޞްލަޙަތާއި ގުޅޭކަންކަމުގެ ލަގަން މުސްލިމުން ނޫން ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެން ނުވާނެއެވެ. އަދި މުސްލިމު ނަމެއް ކިޔާ ކޮންމެ މިހަކާއި މުސްލިމެކޭ ދުލުން ބުނާ ކޮންމެ މީހަކު މުސްލިމަކަށް ނުވާނެ ފަދައިން ސުންނީ މުސްލިމެކޭ ބުނާ ކޮންމެ މީހަކު ވެސް ސުންނީ މުސްލިމަކަށް ނުވާނެކަން ދަންނަންޖެހެއެވެ. މުސްލިމެއްކަން އެނގޭނީ އެމީހެއްގެ ބަހާއި ޢަމަލުންނެވެ.
މުސްލިމުންގެ ޙައްޤުތަކާއި މަޞްލަޙަތު ހިމާޔަތްކުރާނަމަ ވެރިކަމަށް ކުރިމަތިލާ މީހަކީ ސުންނީ މުސްލިމު އަޤީދާގެ މީހެއްތޯ ބެލުމަށް ފަތުވާ ކޮމެޓީ އަކުން ނުވަތަ ދީނީ ޢިލްމުވެރިންގެ މަޖިލީހަކުން އިންޓަވިޔު ކުރުމަކީ ޝަރުޠެއް ކަމަށް ޤާނޫނުގައި އޮތުން މުހިއްމެވެ. މިސާލަކަށް ރާއްޖޭ ގެ ޤާނޫނުއަސާސީ އަށް ބަލާއިރު ވެރިކަމަށާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތަކީ ސުންނީ ، މުސްލިމަކަށްވުން ޝަރުޠު ކޮށްފައިވެއެވެ.
ނަމަވެސް ސުންނީ މުސްލިމެއްގެ އަޤީދާގެ މީހެއްތޯ ބަލާނެ ގޮތެއް ނޯވެއެވެ. މިހާރު އޮންނަ ގޮތުންނަމަ ސުންނީ މުސްލިމެއްކަމަށް ބަލަނީ ، ދިވެއްސަކަށް ވުމެވެ. ނުވަތަ ދިވެހި ރައްޔިތަކަށް ވުމެވެ. މިގޮތަށް ބަލައިގެން ވެރިކަމަށް ގެންނަ މީހާ ރާބުޔަސް ، އޫރުމަސްކެޔަސް ، ދީނަށް ފުރައްސާރަ ކުރިޔަސް ، ރާއްޖެ ބޭރުގެ އަޅުވެތިކަމަށް ގެންދިޔަކަމަށް ވިޔަސް ދެން ހެދޭނެ މާބޮޑު ގޮތެއް ނޯވެއެވެ.
