ވަގުންނަށް ކުރިން ކުރަނީ ނަފްރަތެވެ، މިހާރު ކިޔަނީ ސަނާއެވެ!
މިއަދު އެންމެ ދެރަވަނީ މުޅިގައުމުގައި ވައްކަމާއި ޚިޔާނާތާއި ކޮރަޕްޝަނާއި އަދިފަސާދަޢާންމުވެފައިވާތީއެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް ކަމަށް ގިނަބަޔަކު ގަބޫލު ކުރެއެވެ. އެހެނަސް މިފަދަ އިސްލާމީ ގައުމެއްގެ މުސްލިމުން ވައްކަން ކޮށް ޚިޔާތްތެރިވެ ރިޝްވަތު ނަގާ އަދި ފަސާފަ ހިންގައި އަނބިދަރީންނަށް ޙަރާމްތަކެތި ކާން ބޯންދީ ހަދަމުން ދަނީ ޣައިރު މުސްލިމް ގައުމެއްގައިވެސް އެފަދަ ކަންކަން ނުކުރާ މިންވަރަށެވެ. ރާއްޖޭގެ ރައްޔިތުންނަކީ ފެށުނީއްސުރެ ނުހަނު ތެދުވެރި އިޚުލާތެރި ފަޚުރިވެރި ބައެކެވެ. ވައްކަމާއި ރިޝްވަތުގެ މުޑުދާރު ޢަމަލްތަކަށް އަބަދުވެސް ނޫނެކޭ ބުނަމުން އައި ޝަރަފުވެރި ބައެކެވެ. މިއަދު މި ގައުމުގައި އެވަނީ ޙަރާމެއް ޙަލާލެއް ވަކިނުވާ މިންވަރަށް ރައްޔިތުންގެ ހިތްތައް ފާސިދުވެފައެވެ.
މިއަދަކީ ރާއްޖޭގެ ރައްޔިތުންގެ ކިބައިން ފެންނަމުން އެދާ ވައްކަމާއި ރިޝްވަތާއި ޚިޔާތުގެ ހުތުރު ޢަމަލްތައް ރާއްޖޭގެ ޢިއްޒަތްތެރިންގެ ކިބައިން ރައްޔިތުންނަށް ވާރުތަވެ އަދި މި އިސްލާމީ އުންމަތުގެ ރީތިނަން ކިލަނބުވެ ޚަރާބުގެ މަގު ޢާންމުކޮށް ހުޅުވިފައިވާ ނުހަނު ހިތާމައިން ފުރިގެންވާ ދުވަހެކެވެ. އެހެން ކަމާއެކު ހަރުމީހުން ބުނެއުޅެނީ މިއަދު ގައުމު އެނބުރެމުން މިދަނީ ބޮޑުސޯބުވެސް އެނބުރޭ އަތަށް ކަމުގައެވެ. އޭގެ ސަބަބުން ވައްކަން ކުރުމާއި ރިޝްވަތު ނެގުމަކީ ރީތިކަމެއްގެ ގޮތުގައި ލޭބަލް ކުރެވިއްޖެއެވެ. ކުރީޒަމާނުގައި ވައްކަން ކުރަނީ ފޮށިފަޅައިގެންނެވެ. މިޒަމާނުގައި ފަޅަނީ ރައްޔިތު އެންމެންގެ ރުފިޔާ އަޅާފައިވާ ގައުމުގެ ބައިތުލްމާލެވެ. މިލިއަނުން ވައްކަން ނުކުރާނަމަ އެމީހާގެ ޢިއްޒަތުގެ ނަން ވިދާލާ ކަމަކަށް ނުވެއެވެ. ކަން މިހެން ހުރުމާއެކު މިގައުމުގެ ވެރިކަމުގެ ފަރާތުން ބައެއް ވެރިން ކުރާ ވައްކަމާއި ޚިޔާނާތާއި ނަގާ ރިޝްވަތުގެ ހުތުރު ޢަމަލްތަކުގެ ސަބަބުން މިއުންމަތް ފަސާދަވެ ރައްޔިތުން ލަދުގަންނަހިސާބަށް ކަންކަން ހިގައްޖެއެވެ.
މިއަދު ދިވެއްސަކަށް ވީތީ ގަންނަނީ ލަދެވެ. ކަންކަން މަތީގަ އާއި ހޮޅުއަށި ތަކުގައި ދައްކަނީ ކޮންމެވެސް މިނިސްޓަރަކު ނުވަތަ އެމްޑީއަކު ވައްކަން ކުރާ ވާހަކައެވެ. އަދި ކީއްހެއްޔެވެ. ސަރުކާރުގެ ވެރިން ޝާމިލްކޮށްގެން ވަލިއްޔުލް އަމުރު ވައްކަމައި ރިޝްވަތާއި ފަސާދަ ހިންގާ ވާހަކަ ޢާންމުތަންތަގައި ރައްޔިތުން ދައްކަން ފެށުމަކީ އިސްލާމީ އުންމަތެއްގެ ތެރެއިން އިވިގެންދަނޭ އެންމެ ލަދުހުތުރު ވާހަކަ ކަމުގައި މެނުވީ ނުވާނެއެވެ. މިވެރީންނަށް މިލިއަން ރުފިޔާގެ ކާރުކޮޅާއި ކާރުގެ ދޮރު ކޮޅު ހުޅުވައިދޭ ނޭމީހުން ލައި އެންމެ މަތިން ޢިއްޒަތް ދޭން ލަދު ނުގަނޭ ހެއްޔެވެ. މިއީ ގައުމުގެ މިއަދުގެ ޙާލަތެވެ. މިއީ މިގައުމުގެ ވެރިންގެ ތެރޭގައި މީގެ ކުރިން އާންމުވެފައި ވާތީ ރައްޔިތުން ދެކެފައިވާ ކަމެއް ނޫނެވެ. އަދި މިފަދަ މައްސަލަތައް ބަލަން ގާނޫނުތަކުން ރައްޔިތުން މަތިކޮށްފައިވާ ފަރާތްތަކުން ވެސް ވަނީ ރިޝްވަތުގައި ޖެހި މާތްވެގެންވާ އިސްލާމްދީނުގެ ނަން ޚަރާބުކޮށްލާފައެވެ.
ވައްކަން ކުރާމީހުންނަކީ މީގެ ކުރިން ރައްޔިތުން ވަރަށް ނަފުރަތު ކުރާބައެކެވެ. ވައްކަން ކުރާމީހުނަށް ދިވެހިން ކިޔާއުޅޭ ނަމަކީ ވަގެވެ. ވަގަކީ އިންސާނުންމައްޗަށް ރަޙުމެއްނެތި މިނިކާ ޖަނަވާރަކަށް ކިޔާ ނަމެކެވެ. މިނިކާވަގުގެ ނަމުން ނަންދީފައި އެވަނީ އިންސާނާ ލޮލުގެ ކޮއިފަދައިން ގެންގުޅޭ އަގުބޮޑު ތަކެތި އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި ވަގަށް ނަގާތީއެވެ. އެހެނަސް މިއަދު ވަގުންނަކީ ގައުމުގައި ނަންހިނގާ ބަޔަކަށްވެ އެބައިމީހުނަށް ކުރާ އިޙުތިރާމު ދަނީ އިތުރުވަމުންނެވެ. ނުޙައްގު މުއްސަނދިކަން ހޯދާ އެ ވަގުން އެ ތިބެނީ މަހުޖަނުންނަށް ވެގެންނެވެ.
ވައްކަން ކޮށްގެން ހޯދާފައިވާ އެއްވެސް ރުފިޔާއެއް ޙަލާލު ކުރެވޭނެ ގޮތެއް އޮންނާނެހެއްޔެވެ. ނުއޮންނާނެއެވެ. އެހެނަސް ވައްކަން ކޮށްގެން ހޯދާފައިވާ ނުޙައްގު ތަނަވަސް ކަމުގެ ތެރެއިން ކައި ބޮއި އޮނުއޮރިޔާން ނިވައިކޮށްގެން މިސްކިތްތަކަށް އަރައި ނަމާދުކޮށް ނިތްކުރީގައި ކުރަލާފައިވާ މީހުންވަރަށް ގިނައެވެ. ހަރާމްރަކެތި ކައިގެން ޖަހާ މަހަކީ ޙަރާމް އެއްޗަކަށް ވާފަދައިން ހަރާމް ފޭރާން ލައިގެން ކުރާ ނަމާދުވެސް ޙަރާމް ވާނެއެވެ. ނަމަވެސް މިފަދަ މީހާވެސް ތިމާ އަކީ މުސްލިމެކޭ އަނގަފުރާލާފަ ބުނެއެވެ. ރާއްޖޭގައި ވައްކަމާއި ކޮރަޕްޝަނާއި ފާސާދަ އާއި އަދި ނުޙައްގު މުއްސަނދިކަން ހޯދުމަކީ ގައުމީ ކަމަކަށް ހަދައި މިފަދަ ކަންކަން މުޅި ގައުމުގައި ޢާންމުވެއްޖެއެވެ. ލޮބުވެތި ރައްޔިތުންނޭވެ. ހަލާލު ނޫން ކާނާ ކައިގެން އިސްލާމެއްގެ ނަމުގައި ހުއްޓަސް އިސްލާމަކަށް ނުވާނެއެވެ. އެއީ ޙަރާމް ކާނާކައިގެން ކުރާނަމާދު ޙަރާމްވާތީއެވެ.
އިސްލާމުން އުޅެންވާގޮތް ﷲ ވަނީ ހަތްއުޑުމަތިން އަންގަވާ ނިންމަވާފައެވެ. އެހެން ކަމުން ވައްކަން ކުރާމީހުނާ ދުރުހެލިވާށެވެ. އަދި އެފަދަ މީހުން ދޭ ޙަރާމް ފައިސާގައި ވެސް ނުހިފާށެވެ. ޙަރާމް ފައިސާ ޙަލާލުވާނެ ގޮތެއް ނުއޮންނާނެތީއެވެ. ގިޔާމަތް ދުވަހު ވަގުން ތިބޭހުށީ ނަރަކައިގައެވެ. ސަރުކާރުން ބޮޑު މަގާމެއް ދީފިނަމަ އެމީހަކު ބަލަނީ ވައްކަން ކޮށްގެން ނުޙައްގުމުއްސަނދިކަން ހޯދައި ގައުމުގެ ޢިއްޒަތްތެރި ޝަރަފުވެރިއަކަށް ވުމަށެވެ. އެހެން ކަމުން ވަގު ރަޙުމަތްތެރިންނާ ދުރަށް ޖެހިވަޑައިގެން ﷲ ގެ ދަރުބާރުގައި އެކަނި ކޮޅަށް ހުންނަން ޖެހޭ ދުވަހާއި މެދު ވިސްނާށެވެ.
